Search Streamline Icon: https://streamlinehq.com

ނަފްރަތުގެ ބިލު އަނބުރާ ގެންދިއުމަށް ޑީއެންއޭއިން ގޮވާލައިފި

Umaru Naseeru

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް ދިވެހި ނެޝަނަލް އެކްޝަން، (ޑީއެންއޭ)އިން ގޮވާލައިފިއެވެ.

ޑީއެންއޭގެ ލީޑަރ އަދި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން އިސްނަންގަވައިގެން އުފައްދަވާފައި ޑީއެންއޭއިން ޢާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ސަރުކާރުން ހުށައަޅާފައިވާ މި އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމުގައި ފާހަގަ ކުރާ ކަމުގައެވެ. އެހެންކަމުން މި އިސްލާހު ވެފައި މިވަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ބަދަލެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

“ އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ޑީ.އެން.އޭ އިން ދެކެމެވެ. އެހެންކަމުން ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) އަށް ހުށަހަޅާފައި މިވާ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި މިކަން ޑީއެންއޭ އިން ހަރު އަޑުން ކުށްވެރި ކުރަމެވެ.“ ޑީއެންއޭގެ ބަޔާނުގހައި ބުނެފައި ވެއެވެ.

ޑީއެންއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އެމް.ޑީ.ޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު ވަނީ މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހައްދަވާފައިކަން ފާހަގަކުރަމުން، މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޑީއެންއޭގެ ފަރާތުން މަރުޙަބާ ދަންނަވާ ކަމުގައެވެ. އަދި މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އަށްވުރެ އިސްލާމް ދީނާއި ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ އެދުމުން ބަރީއަވެ މަސައްކަތް ކުރެއްވުމުގައި ހުރިހާ ޕާޓީ ތަކެއްގެ ހުރިހާ މެންބަރުންވެސް ދެމިތިއްބަވާނޭ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

”މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީއެންއޭ އިން ދެކެމެވެ.“ ޑީއެންއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް، އިތުރަށް ޤައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލް އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ފާހަގަވާކަމަށް ޑީއެންއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

”ޙައްޤު ލިބެންވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމުގައި ޤަބޫލުކުރަމެވެ. ނަމަވެސް މި ހުށަހެޅިފައިވާ އިސްލާހުގައި ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ހައްޤުތަކުން މަޙުރޫމު ކޮށްފައިކަން ފާހަގަކުރަމެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީއެންއޭގެ ފަރާތުން ގޮވާލަމެވެ.“

ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރަޢުޔާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ދެކެލައްވާކަމަށްވެސް ޑީއެންއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި