ހަވީރުގެ ވަގުތެކެވެ. ގދ.ތިނަދޫއިން ފުރައިގެން ކާޑެއްދުއަށް ދާން ލޯންޗް ނައްޓާލަން އުޅުނުތަނުން މަޑުނޫކުލައިގެ ކާރެއް އައިސް ހުއްޓުނެވެ. އެކާރުން ފޭބީ ޒުވާން ރީތި އަންހެން ކުއްޖެކެވެ. ވަރަށް އަވަސް އަރުވާލާފައި ދަބަސް ހިފައިގެން އައިސް ލޯންޗަށް އެރިއެވެ.
ލޯންޗަށް އެރީއްސުރެ ސަމާގެ ނަޒަރު ހުއްޓިފައިވަނީ އެއްދިމާލަކަށެވެ. ކަޅިވެސް ޖަހާނުލާ ބަލަމުންދަނީ ކުރިމަތީ އިން ޒުވާނާއަށެވެ. އެހެންކަމުން އޭނަވެސް ސަމާއަށް ބަލާފައި ހިނިތުންވެލިއެވެ. އެވަގުތު ސަމާ އިސްޖަހާލިއެވެ. ލަދުގަތީކަންނޭގެއެވެ. ލޯންޗް ކާޑެއްދޫއަށް ލެފުމާއެކު އެންމެ ފުރަތަމަވެސް ފޭބީ ޔާންއެވެ. އޭނަގެ ފަހަތުން ސަމާވެސް ފައިބައިގެން ދިޔައީއެވެ.
އެއަރޕޯޓަށް ދިޔުމުން އެގުނީ ފްލައިޓް 1 ގަޑިއިރަށް ޑިލޭވެފައިންކަމެވެ. ސަމާ ދިޔައީ ކެންޓީނާ ދިމާލަށެވެ. ސަމާގެ ދެތިން ފްރެންޑުން އެތާނގައި ތިއްބާ ފެނިގެން ސަމާ ގޮސް ޖައްސާލީ އެމީހުންތިބި މޭޒުގައެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި މޭޒުގައި ކޮފީއެއްބޯން އިން ޔާންއެވެ. އެޒުވާނާގެ މައުލޫމާތު ހޯދާލަން ބޭނުންވެފައި ހުރިވަރުން ސަމާ ރައްޓެހިން ކައިރިން އަހާ އޮޅުންފިލުވިއެވެ.
އޭނަގެ ނަމަކީ ޔާން ކަމާއި އެއީ މާލޭ ކުއްޖެއްކަން އަދި އޭނަ ތިނަދޫއަށް އައީ ޗުއްޓީ ހޭދަކޮށްލަންކަން އެގުނެވެ. ކައިރިޔަށް ގޮސް ވާހަކަ ދައްކާލާހިތް ކިތަންމެ ވިޔަސް ސަމާއަށް އެހިތްވަރެއް ނުލިބުނެވެ.
ދެކުދިން ފުރީ އެއް ފްލައިޓަކުންނެވެ. ހުޅުލޭ އެއަރޕޯޓް ތެރެއިން ދެކުދިން ދިމާވުމުން ޔާން އާ ވާހަކަ ދައްކަން ސަމާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޔާން އަވަސް އަވަހަށް ނުކުމެގެން ދިޔައީއެވެ.
އޭގެ ފަހުން ދެކުދިން ބައްދަލެއް ނުވެއެވެ. ސަމާ މާލެ ދިޔައީ ކޮލެޖުގެ ކިޔެވުން ފެށިގެންނެވެ. ސަމާއަކީ އެވިޑް ކޮލެޖް މާލެ ކެމްޕަސް އިން ކޯސް ހަދަމުންދާ ކުއްޖެކެވެ.
އާދައިގެ މަތިން ދުވަހެކެވެ. ސަމާ ކޮލެޖަށް ދާން ފޮތްތައް ކުޑަ ދަބަހަކަށް ލައިގެން ދަބަސް ހޫރަމުން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހެޑްސެޓްވެސް ޖަހައިގެން ހުރެއެވެ. އެހެންދަނިކޮށް ކައިރިން ދިޔަ ސައިކަލެއްގެ ފަހަތުގައި އިނީ ދަންނަ މީހަކުހެން ހީވެގެން ސަމާ ރަނގަޅަށް ބަލާލިއެވެ. އެއީ ޔާންއެވެ. ޔާން ފެނުމުން ސަމާގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ.
ސަމާ އިނީ ކްލާހުގައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ސައިލެންޓަށް ނުލާ އޮތުމުން ކްލާހުގެ ހުރިހާ ކުދިން ސަމާއަށް ބަލާލިއެވެ. ސަމާ އަވަސް އަވަހަށް ފޯނު ސައިލެންޓަށްލިއެވެ. ގުޅަނީ ކާކުތޯވެސް ބަލާނުލައެވެ. ކްލާސް ނިންމާފައި ނުކުމެ ސަމާ ބަލާލިއިރު ނުދަންނަ ނަމްބަރަކުން ދެތިންފަހަރު ގުޅާފައި އޮތެވެ. އަޅާވެސް ނުލާ ސަމާ ދިޔައީ ކެންޓީނަށެވެ. އަނެއްކާވެސް އެމީހަކު ގުޅިއެވެ. މިފަހަރު ސަމާ ފޯނަށް ޖަވާބުދިނެވެ.
”ހަލޯ! ސަމާ!“ އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ.
”ހަލޯ! ތީ ކާކު. ކިހިނެއް އަހަރެންގެ ނަން އެގުނީ؟“ ސަމާ ހައިރާންވިއެވެ.
“ މީ ޔާން!“ ޔާން އެހެން ބުނުމުން ސަމާއަށް އިދެވުނީ ބަސް ހުއްޓިފައެވެ.
ޔާން ބޭނުންވީ ސަމާއާ ބައްދަލުކޮށްލާށެވެ. އެގޮތުން ޖެހިގެން އައިރޭ ދެކުދިން ބައްދަލުކުރީ ރެސްޓޯރެންޓެއްގެ ހިތްޤައިމު މާހައުލަކުންނެވެ. ސަމާ އިނީ ލަދުވެތިކަމާއެކު އިސްޖަހާލައިގެންނެވެ. ޔާން އިނީ ސަމާގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ ސަމާ! އަހަންނަށް ފުރަތަމަ ސަމާ ފެނުނު ދުވަހުން ފެށިގެން ސަމާ ދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުން ސަމާ ތީ އަހަރެންގެ މީހަކަށް ހަދަން.“ ޔާން ބުނެލިއެވެ.
ސަމާ ޔާންގެ މޫނަށް ބަލާލިއެވެ. ޔާންއަށް ދޭނެ ޖަވާބެއް ސަމާއަކަށް ނޭގުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ސަމާގެ ލުލުން ކަރުނަ ހިލިގަތެވެ.
”ސަމާ. އަހަންނަށް ކޮންމެވެސް ޖަވާބެއްދީ. އަހަރެން ސަމާގެ ނަމްބަރު ހޯދީ ވަރަށް މަސައްކަތުން. ބޭނުންވީ އަހަރެން މިވާ ލޯބި ސަމާއަށް ހާމަކޮށްދޭން. ޕްލީސް ސަމާ. އަގައިން ބުނެބަ.“ ސަމާގެ އަތުގައި ހިފަމުން ޔާން ބުނެލިއެވެ.
”ޔާން. އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. ވަރަށް އަވަހަށް އަހަރެންގެ މެރީ އެބައޮތް.“ ޔާންގެ އަތުރެއިން އަތް ދަމައިގަންނަމުން ސަމާ ބުނެލިއެވެ.
“ އޮހް! އެކަމް އަހަރެން ސަމާ ވަރަށް ބޭނުން.“ ދެރަވެލާފައި ޔާން އިސްޖަހާލިއެވެ.
”ޔާން ބޭނުމިއްޔާ އަހަރެންގެ ފްރެންޑެއްގެ ގޮތުގަ ހުރެވިދާނެ. އިތުރު އެހެން ގުޅުމެއް ނުބޭއްވޭނެ.“
”ތޭންކްސް“ ޔާން ހިނިތުންވެލިއެވެ.
އެރޭ ވެގެންދިޔައީ ސަމާއަށް ވަރަށް ހަދާނީ ރެއްކަށެވެ. ނިދި ނައިސްގެން އެނދު މަތީ އެނބުރި އެނބުރި އޮވެވުނީއެވެ. އެހެން އޮތްވާ ޔާން ގުޅިއެވެ. ސަމާގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. މުޅިރޭ އެއްކޮށް ހޭދަކޮށްލީ އެކޯލުގައެވެ. ދެކުދިންނަށްވެސް ނިދުނީ ފަތިސްވީ ފަހުންނެވެ.
ސަމާއާއި ޔާންގެ ގުޅުން ދުވަހެއް ދުވަހެއް ބަދަހިވަމުން ދިޔައެވެ. ބައްދަލުވުންތައް ގިނަވާން ފެށިއެވެ. ޔާން ސަމާ ދެކެ އިންތިހާއަށް ލޯބިވާކަން ޔާން ދިޔައީ ހާމަކުރަމުންނެވެ. ޔާން ސަމާއާ ދޭތެރޭ ކަންތައް ކުރާ ގޮތުން ސަމާގެ ހިތުގައިވެސް ޔާންއަށް މަޤާމެއް ދެވެން ފެށިއެވެ. ސަމާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ޔާންއެވެ. ކޯހަށް ފީ ދައްކައިދީ ބޭނުންވާ އެހެނިހެން ސާމާނުވެސް ހޯދަދެނީ ޔާންއެވެ. ސަމާ ކިތަންމެ ދުވަހަކު އެކަންތަކަށް އިންކާރު ކުރިއެވެ. އެވަރަށް ޚަރަދު ނުކުރުމަށް ސަމާ ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް ސަމާގެ ޝަކުވާތަކަށް ޔާން ދިނީ ބީރު ކަންފަތެކެވެ. ޔާންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ މަސްތުގައި ސަމާ ޖެހުނީ ހީވެސް ނުކުރާހާ އަވަހަށެވެ.
މާގިނަ ދުވަހެއް ނުވެ ސަމާ ޔާންގެ ލޯތްބަށް ފެންބޮވައިގަތެވެ. އެލޯތްބާނުލާ އުޅެން އުދަގޫވެއްޖެއެވެ. ޔާން ނުގުޅާ ދުވަހެއް ވިއްޔާ ސަމާ ހުންނަނީ ރުޅިގަދަވެފައެވެ.
ރޭގަނޑުގެ ވަގުތެކެވެ. ހިތްޤައިމު ބީޗެއްގައި ޔާން އޮތީ ސަމާގެ އުގުގައި ބޯއަޅައިގެންނެވެ.
”ޔާން. ޔާން ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން މިހާރު ޔާން ދެކެ އިންތިހާއަށް ލޯބިވޭ. އަހަންނަށް ޔާންއާ ނުލާ ނޫޅެވޭނެ.“ ޔާންގެ ފަން އިސްތަށިގަނޑާ ކުޅެމުން ސަމާ ބުނެލިއެވެ.
”އަހަރެން ސަމާގެ ލޯތްބަށް މަރުހަބާ ކިޔަން. އަހަރެން އަދިވެސް ސަމާދެކެ ލޯބިވޭ. އަހަރެން އަބަދުވެސް މަސައްކަތް ކުރަމުން އައީ ސަމާގެ ލޯބި ހޯދަން. އިރާދަކުރެއްވީތީ އަހަންނަށް މިހާރު އެލޯބި ކާމިޔާބު ކުރެވިއްޖެ“ ޔާންގެ ތުންފަތްމަތީ ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
ޔާން ހަދާން ކުރާތި އަހަރެން މީ ޔާންގެ ހަޔާތަށް އަންނަ އެންމެ ފަހު އަންހެނާ. މީގެ ފަހުން ޔާންގެ ހަޔާތަށް އިތުރު އަންހެނަކު ނާންނާނެ. އަހަރެން އަޔަކަ ނުދޭނަން. އަހަރެމެންގެ ދެމެދަށް ވަންނަ ކޮންމެ މީހަކަށް ޖެހޭނީ އަހަންނާ ކުރިމަތިލާން.“
”އެހެންތަ! އެހާވެސް ލޯބިވޭތަ؟“ ޔާން ސަމާގެ މޫނަށް ބަލާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ސަމާ ބޯޖަހާލިއެވެ.
އެދުވަހުން ފެށިގެން އެދެކުދިންގެ ލޯބީގެ ބަޤީޗާ ހެދިބޮޑުވާން ފެށިއެވެ. އެކިކުލަކުލައިގެ މާތަށް ފޮޅި މުޅި ބަޤީޗާ މީރުވަހުން ފުރާލިއެވެ. ބަހާރު މޫސުމުގެ ދުވަސްތައް ގުނަމުން ދިޔައީ ވައުދުތަކާ ހުވާތަކުން އެގުޅުން ވަރުގަދަކުރަމުންނެވެ.
ކްލާސް ނޯންނަ ކޮންމެ ދުވަހަކު ސަމަ ޔާންއާއެކި ދުއްވާލަން ދެއެވެ. ދެކުދިން އެކީގައި ރެސްޓޯރެންޓްތަކަށް ގޮސް އެކުގައި ގިން ވަގުތު ހޭދަކުރެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައި ފޯނުން ގުޅައިގެން ވާހަކަ ދައްކައެވެ. ޗުއްޓީތަކަށް ސަމާ ރަށަށް ދަނީވެސް ވަރަށް މަދުންނެވެ. ރަށުގައި އުޅުނަސް ސަމާއާއި ޔާން އަބަދުވެސް އުޅެނީ ވީޑިޔޯކޯލުގަ ނޫނީ މެސެންޖާ ޗެޓުގައެވެ.
މިގޮތުގައި ތިން އަހަރު ފާއިތުވެގެން ދިޔައީ ލޯމަރާފަ ލޯހުޅުވާލާހާވެސް އަވަހަށެވެ. ސަމާގެ ކޯސްނިމި ގްރޭޖުއޭޝަން ޖެހިއްޖެއެވެ.
”ސަމާ! މިހާރުދެން ސަމާގެ ކޯސްވެސް ނިމުނީ. އަހަރެން އިންތިޒާރުކުރަމުން މިއައީ ސަމާގެ ކޯސް ނިމި ސަމާ އަހަރެންގެ މީހަކަށް ވާނެ ދުވަހަކަށް.“ ޔާން ބުނެލިއެވެ. ސަމާ އިނީ ޔާންގެ ގައިގައި ބައްދައިގެންނެވެ. ސައިކަލް މަޑުދުވެލީގައި ގޮސް މަޑުކޮށްލީ އާދަވެގެން ދެކުދިން ބައްދަލުކުރާ ތަނަށެވެ. ޔާން ބުނި ވާހަކައަށް ވިސްނާލަމުން ސަމާ ހިގައިގަތީ ބީޗާ ދިމާލަށެވެ. ފައިވާ އަތަށް ލައިގެން ގޮސް ސަމާ މަޑުކޮށްލީ ރާޅުޖަހާ ހިސާބަށެވެ.
”ކީއްވެ އެއްޗެކޭ ނުބުނީ؟“ ޔާން އަހާލިއެވެ.
”އަހަރެން މިވިސްނަނީ ކޯސްނިމުނީމަ އެއްކޮށް ރަށަށް ދާން ޖެހޭތީ އެކަމާ. އެބަ ވިސްނަން މިކޮޅުން ޖޮބެއް ހޯދައިގެން މިކޮޅުގަ މަޑުކޮށްލަން. އަހަންނަށް ވަރަށް އުދަގޫ ވާނެ ޔާންއާ ދުރުގަ އުޅެން“ ސަމާ ބުނެލިއެވެ.
ޔާންގެ ހަބަރެއް ނުވުމުން ސަމާ އެބުރި ބަލާލިއެވެ. ޔާން ފެންނާކަށް ނެތުމުން ސަމާ ބިރުގަތެވެ. ފެންނަ ހިސާބުގަވެސް މީހަކު ނެތެވެ. ސަމާ އެއްގަމާ ދިމާލަށް ހިގައިގަތެވެ. ޔާންގެ ސައިކަލްވެސް ފެންނާކަށް ނެތެވެ. ސަމާ އިތުރަށް ބިރުގަތީއެވެ. ސައިކަލް ސްޓާރޓްކޮށްލި އަޑެއް ނުއިވި ޔާން ދިޔައީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ބިރުން ދެކޮޅު ހޯދަހޯދާ ހުއްޓާ ފަހަތުން އަޑެއް އިވުނެވެ. ހީވީ މީހަކު ސަމާއަށް ގޮވާލިހެންނެވެ. ސަމާ އެބުރި ބަލާލިއެވެ. ވަށައިގެން ހޯދާ ބެލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސަމާ ގަތްބިރުން އެއްގަމާ ދިމާލަށް ދުއްވައިގަތެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން އެބުރި ބަލާލިއެވެ. މިފަހަރުވެސް މީހަކު ފެންނާކަށް ނެތެވެ. ސަމާ ކުރިޔަށް ހިގައިގަތްތަނުން މީހަކު ސަމާގެ ފަހަތުން ހިފެހެއްޓިއެވެ.
“ އެއްކަލަ ޔާން ދޯ. ތީހަމަ އަހަރެން ބިރުގަންނުވާލަނީއޭ. ސާބަސް. ހަމަ ރަގަޅަށްވެސް އަހަރެން..“ ސަމާ އެބުރި ބަލާލުމުން ސަމާއަށް ލިބުނީ ސިހުމެކެވެ. ސަމާގެ ބަޑުގައި ހިފަހައްތައިގެން އެހެރީ ކަޅު ބިޔަ ބޮޑު މީހެކެވެ. ދެލޯރަތްވެފައި ބިރުވެރި ސިފައެކެވެ.
”މަންމާ!“ ސަމާއަށް ލޯހުޅުވާލެވުނުއިރު އޮވެވުނީ ކޮޓަރީގެ އެދުގައެވެ. އެއީ ސަމާއަށް ފެނުނު ހުވަފެނެކެވެ.
”ނަސީބެއްނު ހުވަފެނެއްކަން.“ ހިތާހިތާ ކިޔާލެވުނެވެ.
އަވަސް އަވަހަށް ފޯނު ނަގައިގެން ޔާންއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު ޔާން ފޯނުނެގިއެވެ. ސަމާއަށް ފެނުނު ހުވަފެނުގެ ވާހަކަ ބުނުމުން ޔާންގެ ގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. ޔާން ހީހީ ހަލާކުވެއްޖެއެވެ.
”މަޖަލެއް ނޫނޭ. އަހަރެން ވަރަށް ބިރުގަނެފައޭ މިއޮތީ“ ސަމާ ބުނެލިއެވެ.
”އެހެންތަ! އޮތީތަ. ކިހިނެއް ތިއޮތީ. އަހަރެން އަންނަންތަ؟“ ލާނެތް ގޮތަކަށް ޔާން ބުނެލިއެވެ.
”ނޯ! ޔޫ ކާންޓް ކަމް ނައު. މާދަމާ ހެދުނު 9 ގެ ކުރިން އަހަރެން ނަގަން އަންނާތި އޯކޭ. ގްރޭޖުއޭޝަނަށް ވަރަށް ކަންތައް ކުރަން އެބަޖެހޭ.“ ޓޮޕިކް ބަދަލުކުރަމުން ސަމާ ބުނެލިއެވެ.
ހެދުނުހެދުނާ ތެދުވެލައިގެން ތައްޔޔާރުވެގެން ސަމާ ހުރީ ޔާންގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ގޭގެ ބެލް ޖައްސާލި އަޑަށް ސަމާ ދުވަމުން ގޮސް ދޮރު ހުޅުވާލިއެވެ.
”ޔާ…ނ“ ސަމާގެ ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭގި މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ.
(ނުނިމޭ)










