Search Streamline Icon: https://streamlinehq.com

ލޯބި ވިޔަކަސް-02

Loabi viyakas

”ޔާ…ނ“ ސަމާގެ ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭގި މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ.

”ސަޕްރައިޒް“ ނިހާދު ބުނެލިއެވެ.

ނިހާދު އަކީ ސަމާގެ ވާންއުޅޭ ފިރިމީހާއެވެ. އާއިލާ މީހުން ވަނީ ސަމާގެ ކައިވެނި ނިހާދުއާ ކުރަން ނިންމާފައެވެ. ސަމާގެވެސް ރުހުމާއެކުގައެވެ. ސަމާ އެދުވަސްކޮޅު ކުއްޖަކާ ރައްޓެހިނުވެ ހުރުމުން މަންމަމެންގެ އެދުމަށް އެކައިވެންޏަށް އާބަސް ބުނީއެވެ. ނިހާދު އިންތިޒާރުކޮށްގެން ހުރީ ސަމާގެ ކިޔެވުން ނިމޭ ދުވަހަކަށެވެ.

”ނިހާދު. އަންގާވެސް ނުލާ.“ ސަމާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

”އަހަރެން ގުޅީމަ ސަމާ އަހަންނާ ރީއްޗަށް ވާހަކަ ދައްކަނީކީ ނޫން. ޗުއްޓީއެއް ލިބުނަސް ރަށަށް ދަނީކީ ނޫން. އެހެންވެ އަހަރެން ވިސްނީ ސަމާއަށް ސަޕްރައިޒެއް ދޭން މިރަށަށް އަންނަން.“ އެތެރެޔަށް ދެމިލަމުން ނިހާދު ބުނެލިއެވެ.

”އަހަރެން މިދަނީ ބޭރަށް ދާން.“ ސަމާ ބޭނުންވީ އަވަހަށް އޭނަ ފޮނުވާލާށެވެ.

”އަހަރެން ގެންގޮސްދެންތަ؟ އަހަރެން މިއުޅެނީ ސައިކަލުގަ“ ނިހާދު މިހެން ބުނުމުން ސަމާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

”ރައްޓެއްސަކު އެބައާދެ އަހަރެން ބަލާ. މާދަމާ ގްރޭޖުއޭޝަން އޮތީމަ ޕްރެކްޓިސްއަށް ދާން މިއުޅެނީ.“

”އޯކޭ. އެހެންވިއްޔާ އަހަރެން އަންނާނަން މިރޭ. ދެމީހުން އެއްކޮށް ބޭރަށް ގޮސްލަންވާނެ މިރޭ“ މިހެން ބުނަމުން ނިހާދު ނުކުމެގެން ދިޔައީ ސަމާގެ ކޮލަށް ދޮނެއް ދީފައެވެ.

ނިހާދު ދިޔުމުން ސަމާ ގޭގެ ދޮރު ލައްޕާލިއެވެ. ބާރުބާރަށް ހިގާފަގޮސް ފާޚާނައަށް ވަދެ ފޭސްވޮޝްލާފަ މޫނު ދޮވެލިއެވެ. އޭނަގެ ކޮލަށް ނިހާދު ދޮނެއް ދިނުމުން އެތަން ދިވެ ސާފްކޮށްލީއެވެ. ޔާން ނޫން އެހެން މީހަކު އޭނަގެ ހަށިގަނޑުގައި ބީހިލަން ސަމާގެ ހިތް ނޭދެއެވެ.

މުޅިދުވަސް ސަމާ ހޭދަކޮށްލީ ޔާންއާ އެކީގައެވެ. އެހެންނަމަވެސް އެހެން ދުވަސްތަކާ މިއަދާ ސަމާ ތަފާތުކަން ޔާންއަށް ފާހަގަކުރެވުނެވެ.

”މިއަދު ބަލީތަ އަނެއްކާ؟“ އަގައިން ނުބުނެ އިނުމުން ޔާން އަހާލިއެވެ.

“ ނޫން. ކިހިނެއްވީ ތިހެން ތިއެހީ“ ސަމާ އިނީ ރެސްޓޯރެންޓެއްގެ ތެރޭގައި ޔާންއާ އެކީ ކޮފީ އަކަށް އައިސްއެވެ.

”ބަސްމަދުވެފަ އިނީމަ. އެހެންޏާ ތީ ބޮލިރަވައެއްހެން އަގަގަދަ ކުރާ މީހެއް ވިއްޔާ.“ ޔާން އިނީ ސަމާއާ ވާހަކަ ދައްކާށެވެ.

ސަމާ ވެއިޓަރަށް ގޮވާލަން އެބުރި ބަލާލިއިރު ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ނިހާދު އިނެވެ.

އެކުވެރިންނާ ވާހަކަ ދައްކާ މަޖާކޮށްލނަ އިން ނިހާދު ފެނިފައި ސަމާ ރޯމަހެއް ތެޅޭހެން ތެޅެން ފެށިއެވެ.

”އަހަރެން ހަދާން ނެތިފައޭ މިއިނީ. އަހަރެން ޖެހޭ ކޮލެޖް ކަމަކު ދާން. ހިގާބަ އަހަރެން ޑްރޮޕްކޮށްދޭން.“

”މަޑުކޮށްބަ އަދި ކޮފީ ތަށިވެސް ހުސްނުކުރެވިގެން މިއުޅެނީ. އަދި އިށީނދެބަ!“ ސަމާ ތެދުވެ ކޮޅަށް ހުރުމުން ޔާން އޭނަގގެ އަތުގައި ހިފާ ގޮޑީގައި ބޭންދިއެވެ.

ޔާން އަވަސް އަވަހަށް ކޮފީތަށި ބޯލާފައި ބިލަށް ވާ ފައިސާ މޭޒުމަތީ ބަހައްޓާފައި ސަމާ ގޮވައިގެން ނުކުންނަން ހިގައިގަތްތަނުން މީހަކު ގޮވާލިއަޑު އިވުނެވެ.

”ސަމާ!“ އެއީ ނިހާދުގެ އަޑުކަން އެގިގެން ސަމާ ބަލާވެސް ނުލާ ޔާންގެ އަތުގަ ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނުކުމެގެން ދިޔައެވެ.

”އެތާނގަ އިނީ ސަމާ ދަންނަ މީހެއްތަ؟ އޭނަ ހާދަވަރަކަށް އަހަރެމެންނާ ދިމާލަށް ބެލިއޭ ކޮފީބޯން ތިއްބާ.“ ޔާން ބުނެލިއެވެ.

”އެހެންތަ. އޭނަ ބެލިތަ އަހަރެމެންނާ ދިމާލަށް. ނޭގެ ނުދަންނަން. ފަހަރެއްގަ ވެދާނެ އޭނައަށް އޮޅިގެން ގޮވާލެވުނީ ކަމަށް.“ ސަމާ ދޮގެއް ހަދާލިއެވެ.

ޔާން ކައިރީ ނިހާދުގެ ވާހަކަ ދައްކަން ސަމާއަށް ނުކެރުނީއެވެ.

”އޭ! ތިހެން ބުނީމައޭ ހަދާން މިވީ. ސަމާ ބުނީމެއްނު ސަމާ ވަރަށް އަވަހަށް މީހަކާ އިންނަން އުޅޭ ވާހަކަ ދޯ. އަހަރެން ރައްޓެހިވާން އެހި ދުވަހު. ކޮބާ އޭނަ މިހާރު. އެކަން އޮތީ ކިހިނެއް؟“ ޔާންގެ ސުވާލުތަކުން ސަމާގެ ސިކުނޑި ސުމަކަށް ދާން ފެށިއެވެ. ދެން ހަދަންވީ ދޮގަކާމެދު ވިސްނަން ފެށިއެވެ.

”ދެން ކޮން ވާހަކައެއް ތިފެށީ. ނިމިފައިވާ ކަންތައްތަކުގެ ވާހަކަ ނުދައްކަމާ ދޯ“ ސަމާ މިހެން ބުނުމުން ޔާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. ޔާން ހީކުރީ ސަމާ އެކައިވެނި މިހާރު ކެންސަލްކޮށްފިކަމަށެވެ.

ގެޔަށް އާދެވުމާއެކު ސަމާ ގޭތެރެޔަށް ދުއްވައިގަތެވެ. މިއީ ދުވަހަކުވެސް ސަމާ ކުރިކަމެއް ނޫނެވެ. އަބަދުވެސް ޔާންގެ ކޮލަށް ދޮނެއް ދީފައި ބާއި ބުނެފަ ނޫނީ ސަމާ އެތެރެޔަށް ނުދާނެއެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭހެން ހީވެގެން ޔާން އެތެރެޔަށް ވަނެވެ. ސަމާ އިނީ ސޯފާގައެވެ. ޔާން އެތެރެޔަށް ވަދެގެން އަންނަތަން ފެނުމުން ލޯފޮހެލިތަން ޔާންއަށް ފެނުނެވެ.

”ސަމާ! އަހަރެން ކައިރީ ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް އެންމެ ރަނގަޅު. އެކަމަކު ރޮއެގެން ނުވާނެ. ސަމާ ރޯތަން ދެކެން އަހަރެންގެ ހިތަށް ކެތެއް ނުވާނެ. ދެން ބުނެބަ. ކިހިނެއްވީ ތިރޮވުނީ؟“ ޔާން ސަމާގެ ކައިރީގައި އިށީންނަމުން ސަމާގެ ބޮލުގައި ފިރުމާލިއެވެ.

”ޔާން! އަހަރެން ވަރަށް މަސައްކަތްކޮށްފިން އަހަރެންގެ ކައިވެނި ހުއްޓުވޭތޯ. ބަހަނާތައް ދެއްކިން ކައިވެނި ނުކުރަންވެގެން އެކަމަކު މަންމަމެން ގަބޫލެއް ނުވި. އަހަރެން ބޭނުމެއް ނޫން އެހެން މީހަކާ އިންނާކަށް. ޔާން ނޫން އެހެން މީހެއްގެ ލޯބި އަހަރެން ބޭނުމެއްނޫން. އަހަރެން ވަރަށް ލޯބިވޭ ޔާން ދެކެ.“

ޔާންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ސަމާ ގައިގައި ބައްދައިގަނެވުނެވެ. ސަމާ ގެއްލޭކަށް ޔާންވެސް ބޭނުންނުވެއެވެ. އެދެކުދިން މިހާރު އެތިބީ ވަކިނުވާ ވަރަށް އެކަކު އަނެކަކު ދެކެ ލޯބިވެވިފައެވެ. ޔާންއަށްވެސް ރޮވޭގޮތްވުމުން ކޮންމެވެސް އެއްޗެކޭ ކިޔާފަ އަވަސް އަވަހަށް ނުކުމެގެން ދިޔައީއެވެ. ނިހާދު މާލެ އައިސް އުޅޭ ވާހަކަ ސަމާ ޔާން ކައިރީ ނުބުނީ ޔާން ދެރަވާނެ ވަރު ހިތަށް އަރާފައެވެ.

ޔާންއާ ބައްދަލުވާ ކޮންމެ ފަހަރަކު ސަމާ އެކަންތަކާ ވިސްނާ ދެރަވެ ރޮއި ހަދައެވެ. ހިތް ކިތަންމެ ރުއި ކަމުގައިވިޔަސް ޔާން ސަމާއަށް ހިތްވަރުދީ ހަދައެވެ. މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކުރާކަށް ޔާން ބޭނުމެއްނުވިއެވެ. އެހެންކަމުން ސަމާއަށް ވިސްނުވައިދެވޭތޯ މަސައްކަތް ކުރިއެވެ.

”ސަމާ! ކެތްކުރޭ. އަހަންނަށް އަދި ސަމާ ލިބޭޏެ. އެދުވަހު އަހަރެމެންގެ ލޯތްބަށް ސަމާގެ މައިންބަފައިންވެސް ރުހި ގަބޫލުވާނެ. ސަމާ ތީ އަހަރެންގެ މީހެއް. ސަމާ އެހެން މީހަކާ އިނަސް އަހަރެންގެ ފަރާތުން ސަމާއަށް ލިބެމުން އައި ލޯތްބަށް ބަދަލެއް ނާންނާނެ.“

އުފާވެރި ދުވަސްކޮޅަކަށްފަހު ދެކުދިންގެ ހަޔާތަށްވެސް މިއައީ ވަރަށް ދަތި އުދަގޫ ދުވަސްކޮޅެކެވެ. ކުރިން ބައްދަލުކޮށް އުޅުނުހެން މިހާރު ބައްދަލެއްވެސް ނުކުރެވެއެވެ. ނިހާދު މާލޭގައި އުޅޭތީ ސަމާ ގިނަ ވަގުތު އުޅެންޖެހެނީ އޭނަޔާއެކުގައެވެ.

ގްރޭޖުއޭޝަން އޮތްރޭ ޔާންއަށް ވަނީ ސަމާ ނިހާދުއާ އެކީ ފެނިފައެވެ. އެހެންނަމަވެސް އެއީ ސަމާގެ ވާން އުޅޭ ފިރިމީހާ ކަމެއް ނޭގެއެވެ.

ކަންދިމާކުރި ގޮތުން ނިހާދުއާއި ސަމާގެ ކައިވެންޏަށް ފަހު ނިހާދު ބޭނުންވީ މާލޭގައި ދިރިއުޅޭށެވެ. އެކަމާ ސަމާ ވަރަށް އުފާވިއެވެ. ޔާން ފެންނަ ހިސާބުގައި ހުރެވޭތީއެވެ. ނިހާދުގެ އެދުމުގެ މަތިން ސަމާ މާސްޓާސް ހަދަން ފަށައިގެން އުޅޭތީ ކޮންމެ ދުވަހަކު ކޮލެޖަށް ދާން ޖެހެއެވެ.

މިފުރުސަތު ވެގެން ދިޔައީ ސަމާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ކޮންމެ ދުވަހަކު ޔާންއާ ބައްދަލުކުރެވި އޭނަޔާއެކުގައި ވަގުތު ހޭދަކުރެވެއެވެ. ދެކުދިންގެ ސިއްރު ބައްދަލުވުންތައް ކުރިޔަށް ދާންފެށިއެވެ. ކަންތައް ކޮންމެ ގޮތަކަށް ދިމާވިޔަސް މިދެކުދިންގެ ލޯތްބަށް ބަދަލެއް ނާދެއެވެ. ސަމާގެ ފިރިމީހާ ސަމާއަށް ކިތަންމެ ހެޔޮވެފައި ލޯބިދިން ކަމުގައިވިޔަސް ސަމާގެ ހިތެއް ނުފުރެއެވެ. ސަމާ ހިތް ނޭދޭ އެއްވެސް ކަމެއް ނިހާދު ނުކުރެއެވެ. ސަމާ ބޭނުން ގޮތަކަށް ބޭޏުން އެއްޗެއް ހޯދައިދީގެން ނިހާދު ހިތުން ނިހާދު ސަމާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. ސަމާ އުޅެނީ ވަރަށް އުފަލުގައި ކަމަށް ނިހާދު ޤަބޫލުކުރެއެވެ. ސަމާވެސް ނިހާދުގެ ކުރިމަތީގައި އުޅެނީ ވަރަށް އުފަލުގައެވެ.

އެހެންނަމަވެސް ކައިވެނި ކުރިތާ ދެތިން މަސްފަހުން ނިހާދުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނިހާދުގެ ފަރާތުން ސަމާއަށް ލިބެމުން ދިޔަ ލޯބި ނަފްރަތަށް ބަދަލުވެ އަބަދު ނިހާދުގެ ކަމަކަށް އޮންނަނީ ޒުވާބުކުރުމުވެ. ގިނަވަގުތު ބޭރުގައި އުޅެން ފެށިއެވެ. ސަމާ ވިސްނާ ވިސްނާ ނިހާދަށް މިއައި ބަދަލެއް ނުވިސްނުނެވެ.

ނިހާދު އޮފީހުގައި އުޅޭ ވަގުތުތަކުގައި ސަމާ ޔާންއާ ބައްދަލުކުރެއެވެ. ޔާންއާ އެކީ ހޭދަކޮށްލާ ވަގުތުކޮޅަކީ ސަމާއަށް ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ފިރިމީހާގެ ފަރާތުން ނުލިބޭ ލޯތްބާ އޯގާތެރިކަން ޔާންގެ ފަރާތުން ސަމާއަށް ލިބެމުންދިޔައެވެ.

އާދައިގެ މަތިން ރެއެކެވެ. ސަމާ ކޮލެޖަށް ދިޔުމުން އެގުނީ ލެކްޗަރާ ބަލިވެގެން އެރޭގެ ކްލާސް ކެންސަލް ކުރެވިފައިވާކަމެވެ. ސަމާ އުފަލުން ފޮޅުނެވެ. އަވަސްއަވަހަށް ޔާންއަށް ގުޅައިގެން ޔާންއާއެކީ ސަމާ ދިޔައީ ދުއްވާލާށެވެ. އެރޭ ސަމާ ގެޔަށް އައީ ވަރަށް ލަހުންނެވެ. އާއްމުކޮށް ނިހާދު ގެޔަށް އަންނާނީ މެންދަމު 2 ޖެހީމަކަން ސަމާއަށް އެގޭތީ ގަސްތުގައި ލަސްކޮށްފައި ގެޔަށް އައީއެވެ.

ސަމާ އައިސް ގެޔަށް ވަންއިރު ސިޓިންރޫމުގައި ނިހާދު އިންދާ ފެނުމުން ސަމާ ޖެހިލުންވެސްވިއެވެ.  އެހެންނަމަވެސް އަޅާވެސްނުލާ ކޮޓަރިޔާ ދިމާލަށް ހިގައިގަތެވެ.

”ކޮންތާކުން ތިއައީ. ހާދަ ލަހަކުން ތިއައީ؟“ ނިހާދު އަހާލިއެވެ.

“ އޭ. މިރޭ ކްލާސް ނިމުނީ ވަރަށް ލަހުން. އެސައިންމެންޓާ ބެހޭ މައުލޫމާތު ހޯދާލަން މަޑުކޮށްލީ.“ އަތްދަބަސް މޭޒުމަތީ ބަހައްޓަމުން ސަމާ ބުނެލިއެވެ.

“ އެކަމަކު އަހަރެން ސަމާ ބަލާ ދިޔުމުން ކުއްޖަކު ބުނީ ކްލާސް ކެންސަލްވީމަ ހުރިހާ ކުދިން ގެޔަށް ދިޔައީއޭ.“

”އާ….އާ… ކްލާސް ކެންސަލްވީ އެކަމަކު އަހަރެމެން ތިބީ ލެބްގަ.“ ސަމާ ހާސްވެ ހުރެ ޖަވާބުދިނެވެ.

“ ދޮގުނަހަދާ! ތެދުތެދަށް ބުނޭ ކޮންތާކުން ތިއައީ. އަހަރެން ސަމާ ހޯދަން ދިޔައިރު ސަމާ ނޫޅެ ކޮލެޖްގައި. ކުއްޖަކު ބުނި ސަމާ ދެންމެ ދެންމެ ނުކުމެގެން ދިޔައީއޭ.“

އެރޭ ދެމީހުންގެ ދެމެދުގައި ބޮޑު ޒުވާބެއް ހިގިއެވެ. ނިހާދުއަށް ސަމާ އާއި ޔާން ދުއްވަން  ދަނިކޮށް ފެނުމުން ނިހާދު ހުރީ އެކަމާ ވަރަށް ރުޅިގަދަވެފައެވެ. ނިހާދު ސަމާއަށް އަނިޔާވެސް ކުރަންފެށިއެވެ. އެރެޔަށްފަހު ސަމާ ހުންނަނީ ގޭގައި ބަންދުކޮށްފައެވެ. ކޮލެޖަށް ގެންދަނީވެސް ފިރިމީހާއެވެ. ކްލާސް ނިމުމުގެ 10 މިނުޓް ކުރިން ނިހާދު ގޮސް ހުރެއެވެ. ސަމާގެ އަތުން ފޯނުވެސް ނެގީއެވެ.

ސަމާއާ ބައްދަލުނުވާތާ މިހާރު 3 ދުވަސްވީއެވެ. ސަމާގެ ކޯލަކަށް އިންތިޒާރުކޮށްކޮށް ޔާން މާޔޫސްވެއްޖެއެވެ. ސަމާގެ ފޯނަށް ނުގުޅޭތީ ޔާން ހުންނަނީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. ސަމާ ފެނޭތޯ ކޮލެޖަށްވެސް ދެއެވެ. އެމަގުން ކިތަންމެ ވަރަކަށް ބުރު އެޅިޔަސް ސަމާ ފެނުމުގެ ނަސީބެއް ނުލިބުނެވެ. އެއްދުވަހު ޔާން އެމަގުން ދަނިކޮށް ސަމާ ކޮލެޖުން ނުކުމެގެން އަންނަތަން ފެނުނެވެ. ތަންކޮޅެއް ދުރުން އޭނަގެ ފިރިމީހާވެސް ފެނުނެވެ. އެހެންކަމުން ކައިރިޔަށް ދާކަށް ޔާންއަކަށް ނުކެރުނެވެ. ސަމާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހަށިގަނޑު ހިކި އަނަރޫފަ ވެއްޖެއެވެ. ޔާންގެ ހާލަކީވެސް މިއީއެވެ. ސައިކަލުގައި ނައްތާލަން އުޅުނުތަނުން ތަންކޮޅެއްދުރުގައި މަޑުކޮށްގެން ހުރި ޔާން ފެނުމުން ނިހާދު ސައިކަލް ދުއްވާލިއެވެ. ޔާންއަށް ލޯއަޅަމުން ގޮސް ޖެހިގެން އޮތް ގޯޅިން އަޅާލީއެވެ. ސަމާއަކަށް ޔާން ނުފެނެއެވެ. ސައިކަލް މަތީ އިންއިރު ނިހާދު އިނީ ރުޅި އައިސް ރަތްވެފައެވެ.

ގެޔަށް އާދެވުމާއެކު ސަމާގެ އަތުގައި ހިފާ ދަމަމުން ގެނެސް ސިޓިންރޫމް ތެރެޔަށް ސަމާ ކޮށްޕާލިއެވެ. ނިހާދު ކޮށްޕާލުމުން ސަމާ  ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

(ނުނިމޭ)

Leave a Reply

Your email address will not be published. Required fields are marked *