ނިހާދު ކޮށްޕާލުމުން ސަމާ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.
”އަތްދިއްޔޯއި! ކިހިނެއްވެގެންތަ ތިއުޅެނީ. ތަދުވޭ“ ސަމާ ތެދުވަމުން ބުނެލިއެވެ.
”ތަދުވޭ އެބަ ކިޔައެއްނު. ލޯބިވެރިޔާއަށް ގަޑިކިޔައިގެންތަ ހުރީ. ފާޑަކަށް ބަލަހައްޓައިގެން ހުއްޓެއްނު ބުޅާ މަސަގަނޑަށް ބަލަހައްޓާހެން. ޚަބަރުދާރު އޭނަ ފެންނަ ހިސާބަށް ދިޔަކަން އެގުނަސް މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެ.“ ގޭގެ ދޮރު ބާރަށް ލައްޕާލާފައި ނިހާދު ނުކުމެގެން ދިޔައީއެވެ.
ޔާން އަދިވެސް ސަމާ ހޯދަން އުޅޭކަން އެގުމުން ސަމާ ވަރަށް އުފާވިއެވެ. ނިހާދު ގޭގައި ނެތް ވަގުތު ބަލާފައި ސަމާ މުޅިގެ ހޯދަން ފެށިއެވެ. އޭނަގެ ފޯނު ފެނޭތޯއެވެ. ނިހާދު އޮތީ އޭނަގެ ފޯނު ފޮރުވާފައެވެ. މުޅިގެ ހޯދާ ބެލިއިރުވެސް ފޯނު ނުފެނުނެވެ. އެހެންކަމުން މާޔޫސްވެގެން އެނދުގައި އޮށޯތެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަލަމާރިމަތީގައި އޮތް ނިހާދުގެ ދަބަހެވެ. އަވަސް އަވަހަށް ތެދުވެ އެދަބަސް ނަގައިގެން ދަބަސްތެރެ ހާވަން ފެށިއެވެ. ދަބަހުގައި ހުރި ހުރިހާ އެއްޗެއް ނަގާފަ ބެލިއިރު ފޯނެއް ނެތެވެ. އަނެއްކާވެސް މާޔޫސްވެފަ ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. ބިންމައްޗަށް އެއްޗެއް ވެއްޓުނުހެން ހީވެގެން ބަލާލިއިރު އެއީ ސަމާގެ ފޯނެވެ.
ވީއުފަލެއްގެ ބޮޑުކަމުން ފޯނު ނަގާފައި އަވަހަށް އޮންކޮށްލިއެވެ. ފޯނުގައި ޗާޖުނެތުމުން ފޯނު ހުޅުވޭ ގޮތެއް ނުވިއެވެ. ޗާޖަރު ހޯދައިގެން ފޯނު ޗާޖަށް ޖަހައިގެން ސަމާ އަވަސްވެގަތީ ޔާންއަށް ގުޅޭތޯއެވެ. ޔާންގެ ފޯނު ރިންގުވިކަމަކު ޔާން ފޯނު ނުނަގައެވެ. ދެތިންފަހަރު ގުޅާފައި ހުއްޓާ ޔާން ފޯނުނެގިއެވެ.
”އޯ ސަމާ! އަހަރެން ހާދަ އިންތިޒާރެއްކޮށްފީމޭ ތިކޯލަށް. ކީއްވެތަ އަހަންނަށް ނުގުޅަނީ. އަހަރެން މަތިން ސަމާ ހަދާންވެސް ނުވަނީތަ؟ ކީއްވެތަ އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ތިދެނީ؟“ ޔާންގެ ޝަކުވާތައް އަޑުއަހަން ސަމާއަށް ކެތްނުވިއެވެ.
ސަމާއަށް ރޮވުނެވެ.
”ސަމާ! ސޮރީ. އެހެން ބުނި އެއްޗެއް ނޫން އެއީ. ދެން ނޮރޮއި އަވަހަށް ހުއްޓާލާ. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަމޭ. ދެން ނޮރޮއި. ޕްލީސް“
”ޔާން. އަހަރެން ވަރަށް ލޯބިވޭ ޔާންދެކެ. އަހަރެންގެ ފިރިމީހާ އަހަރެންގެ ފޯނުއަތުލައިގަތީމަ ނުގުޅެނީ. އަހަރެމެންގެ ގުޅުން އޭނައަށް އެގުނު ހިސާބުން އަހަރެން އިންނަނީ ގޭ ބަންދުކޮށްފަ. ކޮލެޖަށްވެސް ގެންދަނީ އޭނަ އަމިއްލައަށް. އަހަރެން ޔާން މަތިން ހަދާންކޮށްފަ ނުރޯ ދުވަހެއް ނާންނާނެ. އަހަރެން މިތަނުން ގެންދޭ ޔާން. އަހަންނަށް ޔާންއާ ނުލާ ނޫޅެވޭނެ.“ ސަމާ ފޯނުން ވާހަކަ ދައްކަން އިންދާ ގޭގެ ދޮރު ހުޅުވާލާ އަޑުއިވިގެން އަވަސް އަވަހަށް ފޯނު ނިއްވާފައި ދަބަހަށް ލާފައި ދަބަސް އަލަމަރާމަތީގައި ބޭއްވިއެވެ. ނިދާފަ ކަމަށް ހެދިގެން ސަމާ އޮތީ ލޯމަރައިގެންނެވެ. ނިހާދު އައިސް ކޮޓަރީގެ ދޮރުހުޅުވާލާފައި ބަލާލާފައި ނުކުމެ އިނީ ޓީވީ ބަލާށެވެ.
ސަމާގެ ފޯނުކޯލު ލިބުނުފަހުން ޔާންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ޔާން އެކޭ އެއްގޮތަށް ސަމާވެސް ޔާންގެ ހަދާނުގައި ހިތާމަކުރާކަން އެގުމުން ހިތަށް ކުޅަދާނައެއް ނުވިއެވެ. މިހާރަކަށް އައިސް އަބަދާއަބަދު ސަމާ މަތިން ހަދާންވަނީއެވެ. ރޮވެނީއެވެ. ރަނގަލަށް ކާއެތިކޮޅެއް ނުކެވޭތާ ހަފްތާއެއްވީއެވެ. އެފަކީރު އުޅޭނެ ހާލާމެދު ވިސްނާ ފިކުރުކުރެވެނީއެވެ. ނުލަފާ ފިރިއެއްގެ އަތްދަށުވެފައިވާ ސަމާ ސަލާމަތް ކުރާނެ ގޮތަކާމެދު ވިސްނާ ވިސްނާ ބޯގޯސްވާ ހިސާބަށް ހިގައްޖެއެވެ. ޔާންގެ ހަށިގަނޑާއި އުޅުމަށް ބަދަލުތަކެއް އަންނަމުންދާތީ ޔާންގެ ރައްޓެހިންވެސް އެކަމާ ސުވާލުކުރެއެވެ. އެހެންނަމަވެސް އެކަކު ކައިރީވެސް އޭނަ ސަމާގެ ވާހަކަ ނުބުނެއެވެ.
މިހާރަކަށް އައިސް ސަމާގެ ކަމަކަށް އޮންނަނީ ނިހާދު ގޭގައި ނޫޅޭ ގަޑިތަކުގައި ޔާންއަށް ގުޅުމެވެ. ގުޅާ ކޮންމެ ފަހަރަކު އޭނަ ސަލާމަތްކުރުމަށް އެދި ސަމާ ޔާންގެ ކިބައިން އާދޭސްކުރެއެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު ސަމާގެ ކޮއްކޮއެއް ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ އައެވެ. އެހެންކަމުން ކޮއްކޮ ގޮވައިގެން ހޮސްޕިޓަލަށާއި ފިހާރަތަކަށް ސަމާ ދާންޖެހެއެވެ. ކޮއްކޮއާ އެކީ ބޭރަށް ދިޔަޔަސް އެމީހުންނަށް ފާރަލަމުން ނިހާދު އުޅެއެވެ. ސަމާ އުޅޭ ނޫޅޭ ބަލަން އޭނަގެ ރައްޓެހިން ސަމާ ދާ ކޮންމެ ތަނަކަށް ފޮނުވައެވެ. ސަމާއަށް މިކަމެއް ނޭގެއެވެ.
އެއްދުވަހު ސަމާ އޭނަގެ ކޮއްކޮ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް އިންދާ ޔާން ވަދެގެން އަންނަތަން ސަމާއަށް ފެނުނެވެ. ސަމާއަށް ޔާން ނުފެންނަތާ މިހާރު ދެމަހަށްވުރެ ގިނަ ވެއްޖެއެވެ.
”ޔާން.“ ސަމާއަށް ބޭއިޚްތިޔާރުގައި ގޮވާލެވުނެވެ. ކައިރީގައި ތިބި މީހުން ސަމާއާ ދިމާލަށް ބަލާލިއެވެ.
ޔާންއަށް ސަމާ ފެނުމުން އުފަލުން އައިސް ސަމާގެ ގައިގައި ބައްދައިގަތެވެ. ސަމާ ޔާން ދުރައް ޖައްސާލަމުން ކޮއްކޮ ތާރަފްކޮށްލިއެވެ.
”ޔާން. މީ އަހަރެންގެ ކޮއްކޮ ނަދާ! ކޮއްކޯ މީ ޔާން“ ސަމާ މިހެން ބުނުމުން ސަމާގެ ކޮއްކޮ ތެދުވެ ޔާންއާ ސަލާން ކޮށްލިއެވެ. ސަމާ ޔާންއާ ރައްޓެހިވެގެން އުޅުނުއިރު ކޮއްކޮ ކައިރީ ޔާންގެ ވާހަކަ ދައްކާފައި އޮތުމުން ޔާންއަކީ ކާކުކަން ވަރަށް ރަނގަޅަށް އެގުނެވެ. އަދި ޔާންއާ ހެދި ސަމާއާއި އޭނަގެ ފިރިމީހާ މައްސަލަ ޖެހޭކަންވެސް އެގެއެވެ.
ސަމާމެން ކައިރީގައި އިރުކޮޅަކު ވާހަކަ ދައްކާލަން އިނުމަށްފަހު ތެދުވެގެން ދިޔައީ ސަމާގެ ފިރިމީހާއަށް ފެނިދާނެކަމުގެ ބިރު ޔާންގެ ހިތަށް އޮތުމުންނެވެ. ސަމާގެ ނަސީބުކަންނޭގެއެވެ. ޔާން ހަމަ ދިޔަތަނުން ނިހާދު އައިސް ހޮސްޕިޓަލަށް ވަންތަން ފެނުނެވެ. ސަމާ އިނީ ވަރަށް ބިރުންނެވެ. ނިހާދުއަށް ޔާން ފެނިދާނެތީއެވެ. ސަމާ ޔާންއާ ވާހަކަ ދެއްކިކަން އެގިޖިއްޔާ ސަމާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާލާނެކަން އެގެތީއެވެ.
އެހެންނަމަވެސް ކަންތައް ވެގެން ދިޔައީ ސަމާ ހީކުރި ގޮތާ ޚިލާފަށެވެ. ހޮސްޕިޓަލުން ނިންމާފައި ނިހާދު ދިޔައީ އެމީހުން ގޮވައިގެން ރެސްޓޯރެންޓަކަށެވެ. ވަރަށް ރީއްޗަށް ސަމާއާ މަޖާކޮށް ހީ ސަކަރާތްޖެހިއެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ސަމާގެ ހިތުން ބިރުކެޑުނެވެ. ނިހާދުގެ ވާހަކަތަކުން ހެވެން ފެށުނެވެ. ނިހާދު ސަމާގެ އަތުގައި ހިފާލިއެވެ. ލޯބިން ބޮސްދިނެވެ. ނަދާއަށް ފެނިގެންދިޔައީ ވަރަށް އުފަލުން އުޅުނު ދެމަފިރިއެކެވެ.
”އޯހް. އަހަންނަށްވެސް ތިހާ ލޯބިވާނެ ފިރިއެއް ލިބޭނެ ނަމައޭ ހިތަށް އަރާ.“ ނަދާ މިހެން ބުނުމުން ސަމާގެ މޫނުމަތި ވަގުތުން މިލާ މޯޅިވިއެވެ.
”ކޮންމެ ކޮންމެ މީހަކަށް އަހަރެން ކަހަލަ ފިރިޔަކު ނުލިބޭނެ. ދޯ ސަމާ!“ ނިހާދު ސަމާގެ އަތަށް ފިއްތާލިއެވެ.
ސަމާ ގަދަކަމުން ހީލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ސަމާ ހިނިތުންވި ނަމަވެސް އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަތައް ނަދާއަށް އިހުސާސްކުރެވުނެވެ. ނިހާދު ސަމާގެ އިނގިލިތަކަށް ފިއްތާލާ ތަދުކުރާ މަންޒަރު ކޮއްކޮއަށް ފެނުނެވެ.
”ދޮންތި ހިގާބަ އަހަންނާއެކީ ސެލޫނަކަށް ޖައްސާލާފަ އަންނަން. އަހަރެން އެބަޖެހޭ ފޭޝަލްއެއް ހަދާލަން. ދެން މިހެން ބުނީމަ ދޮންތިބެ ގޮވައިގެން ނޫން ދާނީ. އަހަރެން ވަރަށް ލަދުގަންނާނެ އޭރުން.“ ނަދާ މިހެން ބުނުމުން ސަމާ ފުރަތަމަވެސް ބަލާލީ ނިހާދުގެ މޫނަށެވެ.
”އަހަރެން ނޫޅެން ދާކަށް. އެހެންނޫނަސް އަހަރެން މިދަނީ ހުޅުމާލެއަށް ދާން އޮފީހުގެ ކަމަކު. އާދެވޭނީވެސް ތަންކޮޅެއް ލަހުން. ކަމެއް ވަންޏާ އަހަންނަށް ގުޅާތި އޯކޭ.“ ނިހާދުމިހެން ބުނުމުން ނަދާ ސަމާއަށް ބަލާފައި ހީލިއެވެ.
ސަމާއާއި ނަދާ ކާރަކަށް އަރާ ނައްޓާލުމުން ނިހާދު ފޯނުނަގާ މީހަކަށް ގުޅާލިއެވެ.
“ ސެލޫނަކަށޯ އެދިޔައީ. އަހަރެން ފޮނުވާނަން ޓެކްސީ ނަންބަރު ބަލައިދީ އެދިޔައީ ކޮން ސެލޫނަކަށްތޯ. އަހަންނަށް އަޕްޑޭޓް ކުރާތި. މިއަދުވެސް އަހަންނަށް ދެވުނީ ތަންކޮޅެއް ލަހުން. ކަލޭ މަށަށް އަޕްޑޭޓްކުރިއިރު މަހުރީ ހުޅުމާލޭގައޭ. އެހެންވެ ލަހުންދެވުނީ. މަށަށް އެމަންޒަރު ފެނުނުނަމަ އެތަނަށް އޭނަގެ ދުވަސް ދުއްވާލީސް. އޯކޭ ގުޅާ.“ ނިހާދު ފޯނު ޖީބަށް ލަމުން ގޮސް ސައިކަލަށް އަރާ ނައްޓާލިއެވެ.
”ދޮންތީ. ދޮގުނަހަދާ ބުނެބަ. ދޮންތިބެޔާ އެކީ ދޮންތި ތިއުޅެނީ އުފަލުގައިތަ؟ ދޮންތި އަދިވެސް ލޯބިވަނީ ޔާންދެކެ ދޯ.“ ނަދާ މިހެން ބުނުމުން ސަމާ އިނީ ހައިރާންވެފައެވެ.
”ކޮއްކޮއަށް ކިހިނެއް އެގެނީ ދޮންތި އުޅެނީ އުފަލުގަ ނޫންކަން.“
”އަހަރެން ދެކުނިން ދޮންތިބެ ދޮންތިގެ އަތް ފިއްތާލާ އަނިޔާ ކުރިތަން. އަދި އެއްދުވަހު އަޑުއެހިން ދޮންތިބެ ދޮންތިއަށް އަނިޔާކުރި އަޑުވެސް. އަޑުއިވޭ ދޮންތި ރޯއަޑުވެސް. އަހަރެން މިހުންނަނީ އަހަރެން ކައިރީ ދޮންތި ބުނާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް. ނުބުނީމަ މިއަހާލީ“ ނަދާ އިނީ ފޭޝަލް ހަދާށެވެ. ސަމާއިނީ ނަދާކައިރީގައި އެތާނގައި އޮތް މެގަޒިންއެއް ކިޔާލާށެވެ.
”އަހަރެން މިތަނަށް މިއައީ ފޭޝަލް ހަދަން އެކަނި ނޫން. ދޮންތިއާ ވާހަކަ ދައްކާލަން މިގެނައީ. އެގޭ ދޮންތިގެ ފޯނުވެސް ދޮންތިބެ ނެގީކަން. ދެންވެސް ތިވާހަކަތައް ޝެޔާކުރަން ވެއްޖެއެއްނު.“ ސަމާ ވާހަކަ ނުދައްކާ އިނުމުން ނަދާގެ ގާތަށް ރުޅިއައެވެ.
”އަން. މިއޮތީ މަގޭ ފޯނު. ޔާންއަށް ގުޅާފަ ބުނޭ އަހަރެން ބައްދަލުކޮށްލަން ބޭނުމޭ.“ ސަމާގެ އަތުގައި އޮތް މެގަޒިން ޖަހައިގަނެގެން އޭނަގެ އަތަށް ފޯނުދެމުން ނަދާ ބުނެލިއެވެ.
ސަމާ އާއި ނަދާ ގެޔަށް އައިއިރު ނިހާދު ގޭގައި އުޅެއެވެ.
”އަހާ ދޮންތިބޭ. ހާދަ އަވަހަކަށް ގެޔަށް ތިއައީ. އަހަރެން ހީކުރީ ބަލާ އަންނާނެކަމަށް.“ ނަދާ ޖެހިލުންވެ ހުރެ ވާހަކަ ދައްކަމުން އެތެރެޔަށް ވަދެގެން ދިޔައެވެ. ސަމާ ގޮސްވަނީ ކޮޓަރިއަށެވެ. ނިހާދު އިނީ ޓީވީ ބަލާށެވެ. ފޯނެއްގައި ހުރެ ނަދާ އަތުގެ އިޝާރާތުން މިދަނީ ކޮފީއަކަށޭ ބުނެ ނުކުމެގެން ދިޔައީއެވެ.
ނިހާދު ޓީވީ ނިއްވާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ސަމާ ހުރީ ފާޚާނާގައެވެ. ނިހާދު އެނދުގައި އޮށޯތެވެ.
”އާދެބަ. މިތާނގަ އިށީދެބަ.“ ސަމާ ފާޚާނައިން ނުކުމެގެން ބޭރަށް ދާން އުޅުމުން ނިހާދު ބުނެލިއެވެ.
”ކަލޭ ހީކުރީ ކަލޭ ކުރާ އެއްވެސް ވައްކަމެއް އަހަންނަށް ނޭގޭނެ ކަމަށްތަ؟ ކޮއްކޮއާއެކީގައޭ ކިޔާފަ ތިދާތާކަށް ގޮސް ޖަހާ ސަކަރާތެއް މަށަށް ނޭގޭނެކަމަށްތަ؟ ބަލަ އަހަންނަށް އެގޭ ކަލޭ މިއަދު ހޮސްޕިޓަލްތެރެއިންވެސް އޭނަޔާ ބައްދަލުކުރިކަން. އެންމެން ކުރިމަތީ އަދި ބައްދާވެސްލިއެއްނު. ސެލުނަށްގޮސްވެސް މާފޮޅުވިކަން އަހަންނަށް އެގޭ.“ މިހުރިހާ ކަމެއް ނިހާދަށް އެގުނު ގޮތަކާމެދު ސަމާ ހުރީ ހައިރާންވެފައެވެ.
”އަހަރެން…އަހަރެން..“
”ކޮން އަހަރެންނެއް ކިޔާކަށް. ބަލާބަ ހުރި ނުލަފާކަން. ކަލެޔަށް އެތަން ދައްކާލާނަމޭ.“ މިހެން ބުނެ ނިހާދު އޭނަގެ ބެލްޓު ނަގާ ސަމާގެ ގައިގައި ތަޅައިގަތެވެ.
”އަތްދިއްޔޯއި ނިހާދު. އަހަންނަށް ތިހެން ނަހަދާ. އާދޭސްކޮށްފަ ބުނަން. އަހަރެން ދޫކޮށްލާ. އަހަރެން ނިހާދު ދެކެ ލޯތްބެއް ނުވޭ. އަހަރެން ވަރިކޮށްދީ.“ ސަމާ ރޮއި އާދޭސް ކުރަމުން ގެންދިޔައެވެ.
އެއާދޭސްތަކަށް ނިހާދު ދިނީ ބީރު ކަންފަތެކެވެ. ވަރުބަލި ވަންދެން ސަމާ ގައިގައި ތެޅިއެވެ. ސަމާގެ ގައިގެ އެތަން މިތަނުން ލޭއައިސް މުޅި މީހާ އޮތީ ތަޅުންގަނޑު މައްޗަށް ދެމިފައެވެ. އެވަރުންވެސް ނިހާދުގެ ހިތް ނުރުރެއެވެ. ސަމާގެ ހެދުންތައް ބޭލުމަށްފަހު އަނެއްކާވެސް ބެލްޓުން ތަޅަންފެށިއެވެ. ނިހާދުގެ ހިތަފުރެންދެން ހިތަށް އެރިގޮތަކަށް ސަމާއަށް ހަދާފައި އެންމެ ފަހުން ނުކުމެގެން ދިޔައީ ރޮއި ރޮއި އޮތްވާ ސަމާ ރޭޕްވެސް ކޮށްފައެވެ.
ނަދާގެޔަށް އައީ ރޭގަނޑު 7 ވެސް ޖެހި ފަހުންނެވެ. ސަމާ ފެންނަންނެތުމުން ގޮސް ކޮޓަރީގެ ދޮރު ތަޅުގައި ހިފާލިއިރު ދޮރުހުރީ ތަޅު ލާފައެވެ. ނަދާ ހީކުރީ ދެމަފިރިން ކޮޓަރީގައި ތިބި ކަމަށެވެ. ސަމާ އެކަނި އުޅެންޏާ ދޮރުގައި ތަޅުނުލާނޭކަން އެގެއެވެ. ނަދާ ޓީވީ ބަލަން އިންދާ ނިހާދު ވަދެގެން އައިތަން ފެނުނެވެ. ނަދާއާއި އަގައިންވެސް ނުބުނެ ވަދެގެން ގޮސް ކޮޓަރީގެ ތަޅުހުޅުވާލާފައި އެތެރެޔަށް ވަނެވެ. ނަދާ އިނީ ވާނުވާ ނޭގިފައެވެ. އޭގެ 30 ވަރަކަށް މިނުޓްފަހުން ނިހާދު ނުކުމެގެން ދިޔައީ ގަމީހުގެ ގޮށް އަލުވަމުންނެވެ. ނިހާދު ދިޔުމުން ސަމާ އެކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދައިގެން ކޮޓަރިއަށް ވަދެ ބޮކި ދިއްލާލިއެވެ. ހަމަ އެއާއެކު ނަދާ އަގަމަތީ އަތްއަޅާލިއެވެ. އިޚްތިޔާރަކާނުލާ ނަދާއަށް ރޮވުނެވެ.
(ނުނިމޭ)










