ދޮރު ކޮއްޕާލާފައި ދެމީހަކު އެތެރެޔަށް ދެމިގަތެވެ.
ސަމާ ބިރުން ފަހަތަށް ޖެހިގަތެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތެރެޔަށް ވަންގޮތަށް ސަމާއަށް ހަމަލާ ދޭން އުޅުނެވެ. ސަމާ ހުރީ ވަރަށް ހުށިޔާރަށެވެ. އަތުގައި ޖެހުނީ އަލިފާން ނިއްވާ ފުޅިއެވެ. އެފުޅިން ޖެހިޖެހީނުން އެކަކުގެ ބޯފަޅާލިއެވެ. އެހެންކަމުން ދެންހުރި މީހާ އޭނަ ގޮވައިގެން އެތަނުން ދިޔައީއެވެ. ސަމާ ދުވެފަގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ވަގުތުން ޔާންއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދިނީއެވެ.
ނަދާ ގެޔަށް އައިއިރު ޔާން ގޭގައި އިންދާ ފެނުމުން ހައިރާންވިއެވެ. އެހެންޏާ މިގަޑީގައި ޔާން އުޅޭނީ އޮފީހުގައެވެ.
އެދުވަހަށްފަހު ސަމާ އެކަނި ގޭގައި ނުބަހައްޓައެވެ. ސަމާ ނިހާދުގެ ކިބައިން ސަލާމަތްވުމުން ސަމާ ހުންނަނީ ވަރަށް އުފާވެފައެވެ. އެހެންނަމަވެސް އަދިވެސް ނިހާދުގެ އުދަގޫ ސަމާއަށް ފޯރާނޭ ސަމާގެ ހިތް ބުނަމުން ދިޔައެވެ.
ޖަލުގައި ހޭދަވާ ކޮންމެ ދުވަހަކީ ނިހާދުއަށް ވޭންދެނިވި ދުވަހެކެވެ. ޖަލުން ނުކުންނަ ގޮތަށް ދެމީހަކު މަރާލަން އަބަދުވެސް ހިތުން ނިޔަތްގަނެގެން ލޭކެކި ކެކި ހުންނަނީއެވެ. ނިހާދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާނެކަމާއި ނިހާދު ސަލާމަތްވާނެކަން ނިހާދުއަށް އެގޭތީއެވެ.
15 ދުވަހުގެ ޖަލު ހުކުމަކަށްފަހު ނިހާދު ސަލާމަތްވެގެން ނުކުތީ ވަރުގަދަ އަޒުމަކާއެކީގައެވެ. އޭނައަށް އެވަރުގެ އަނިޔާއެއް ދިން މީހުންނަށް ފިލާވަޅެއް ނަގައިދޭނަމޭ ވިސްނާފައެވެ.
ނިހާދު އިނީ ކޮފީތައްޓެއް ބޯލާށެވެ.
”ކީއްވެ؟“ ކުރިމަތީހުރި ގޮޑީގައި އިން މީހާކާ ނިހާދު ސުވާލުކޮށްލިއެވެ.
”އަހަންނަށް މާފްކުރޭ! އެވަގުތު އަހަންނަށް ފެނުނު އެންމެ ރަނގަޅުގޮތް އެއީ. ސޮރީ.“ އެއީ އަންހެނެކެވެ.
”ނަދާގެ ސަބަބުން އަހަރެން 15 ދުވަހު ޖަލުގައި އޮންނަން ޖެހުނީ. ނުކުރާ ކަމެއްގެ އަދަބު އަހަންނަށް ލިބުނީ. ކީއްވެ. ކަލޭ އަހަންނަށް ދޯކާދިނީ.“ ނިހާދު އައިސްސަ ހުރި ރުޅިން މުށްކަވާފައި މޭޒުމަތީގައި ބާރަށް ޖެހިއެވެ.
ނަދާ ދިޔައީ ސިއްސައިގެންނެވެ.
”ދޮންތި ދޮންތިބެ ދެކެ ލޯތްބެއް ނުވޭ. އަހަރެން ބޭނުމެއް ނޫން ދޮންތިބެ ދޮންތިއަށް އަނިޔާ ކުރާކަށް. އަނިޔާކުރާތީ ރުޅި އަންނަނީ. އެހެންވެ ދޮންތި ސަލާމަތް ކުރުމަށް އަހަރެން އެހެން ބުނީ.“ ނަދާ ވާހަކަ ދައްކަމުންދިޔައީ ބިރުން އިދެއެވެ.
”ވަރަށް ހެއްވާ ވާހަކައެއް ތިދައްކަނީ. ތިހާ ވަރަށް ދުރުކުރަން ބޭނުންވަންޏާ ކީއްކުރަން އަހަންނާ ބައިވެގެން ޔާން އާ ސަމާ ދުރުކޮށްލަން އުޅުނީ. ކީއްވެ ސަމާގެ ހުރިހާ ޚަބަރެއް އަހަންނަށް ދެމުން ދިޔައީ. ކީއްވެ އަހަންނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ.“ ނިހާދު އަޑުގައިވަނީ ހަރުކަށިކަމެވެ.
”ބައިދަވޭ! ކޮންއިރަކު އަހަރެން ސަމާ ރޭޕް ކުރީ. ކީއްވެ ޑޮކްޓަރު ފުލުހުން ކައިރީ ބުނީ ސަމާ ރޭޕްކޮށްފައޭ އޮތީ އެދުވަހު. އަހަންނަށް އެގިގެން އަހަރެން ސަމާ ރޭޕްނުކުރަން. އައިސްސަ ހުރި ރުޅިން އަނިޔާ ކުރެވުނު ބަޓް ރޭޕް. ނޯ!“ ނިހާދުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭގި ނަދާ އިނީ އިސްޖަހައިގެންނެވެ.
އެހެން އިންދާ ނިހާދުއަށް ފޯނެއް އައިސްގެން ނިހާދު އެތަނުން ނުކުމެގެން ދިޔައީއެވެ.
”ތޭންކް ގޯޑް ދިޔަކަން. ކިރިޔާނުން ސަލާމަތް މިވީ. މޮޔަ މީހާ ގަނޑާ. ޑޮކްޓަރަކީ އަހަރެންގެ ރައްޓެއްސެއް. އަހަރެން އޭނަކައިރީ ބުނީ ސަމާއަށް ނިހާދު އަނިޔާ ކުރާތީ އޭނަގެ ކިބައިން އޭނަ ސަލާމަތް ކުރަން އަހަންނަށް އެހީވާން. އެހެންވެ ޑޮކްޓަރު ބުނީ ރޭޕްކޮށްފައޭ ހުރީ. އަހަރެންގެ މާސްޓަރ ޕްލޭން އެކަކަށްވެސް ނޭގޭނެ. އަދި ނިކަން މޮޅު މީހަކަށް ވެގެން އަހަންނާ ދިމާލަށް ހަޅޭއްލަވައިފިއެއްނު. ބަލަން ހުރޭ ކުޅި. މަންޒަރު ދައްކާލާނަމޭ.“ ނަދާ ވާހަކަ ދައްކަމުން ދިޔައީ އެކަނި އިނދެގެންނެވެ.
އާދައިގެ މަތިން ދުވަހެކެވެ. ސަމާއާއި ޔާން ތިބީ ސޯފާގައި ޓީވީ ބަލާށެވެ. ސަމާގެ ކޯސް ހަމަ ނިމުމާއެކު ކައިވެނި ކުރަން ހަމަޖެހިފައި އޮތުމުން ދެކުދިންވެސް އުޅެނީ ވަރަށް އުފަލުގައެވެ. ނަދާ ކޮޓަރިން ނުކުމެގެން އައިސް ދެކުދިންގެ ދެމެދުގައި އިށީނެވެ.
”ސާބަސް ކޮއްކޯ! މިއޮތްބޮޑު ސޯފާގައި އިށީންނަން ފެނުނީ މިތާނގަތަ!“ ހެމުން ސަމާ އަހާލިއެވެ.
”އަހަންނަށް ހުއްދަ އޮވޭ ކޮންމެ ތާކުވެސް އިންނަން. ދޯ ޔާން.“ ނަދާ މިހެން ބުނުމުން ސަމާ ނަދާގެ މޫނަށް ބަލާލިއެވެ.
”ސޮރީ. ދޮންތިބެ.“ ސުވާލުގެ ނަޒަރަކުން ސަމާ ބަލާލުމުން ނަދާ މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން ބުނެލިއެވެ.
”ދަރިފުޅާ ނަދާ. ދޭބަ ބައްޕައަށް ކޮފީ ތައްޓެއް ހަދާލަން.“ ބައްޕަ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
”މަށަށްވެސް.“ ނަދާ ދާން ހިގައިގަތުމުން ޔާން ބުނެލިއެވެ.
”ބައްޕާ! އަހަރެން މާދަމާ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ. ކޮބާތަ އަހަރެންގެ ރިޕޯޓްސް.ވަރަށް ހޯދައިފިން. ބޭސްސިޓީއެއްވެސް މެމޯއެއްވެސް ނުފެނުނު އަހަންނަކަށް.“ ސަމާ އޭނަގެ ބައްޕަޔާ ސުވާލުކޮށްލިއެވެ.
ކޮފީ ހަދަން ހުރި ނަދާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ނަދާ ބަލާލީ ޔާންގެ މޫނަށެވެ.
”އަހަރެންގެ އަތުގައި އެބަހުރި. އަހަރެން ދާނަން ދޮންތިއާ އެކީ ހޮސްޕިޓަލަށް.“ ނަދާ ބުނެލިއެވެ.
”ނޫން ކޮއްކޯ. އަހަރެން ދާނީ ޔާންއާ އެކީގައި ދޯ. ފިއުޗާގަވެސް އޭނަތާ ޖެހޭނީ އަހަރެންގެ ކަންތައް ބަލަހައްޓަން ދޯ ޔާން.“ ސަމާ ޔާގެ ކޮނޑުގައި ބޯއަޅަމުން ބުނެލިއެވެ.
ނަދާ ފާޑަކަށް ލޯއަޅާލި މަންޒަރު ޔާންއަށް ފެނުނު ނަމަވެސް އަލާވެސްނުލިއެވެ.
”އަހަރެން އެބަޖެހޭ މާދަމާ އޮފީސްކަމަކު ރަށުން ބޭރަށް ދާން. މާދަން ނަދާއާ އެކީގަ ދޭ. އަހަންނަށް އާދެވުނިއްޔާ އަހަރެން ދާނަން.“ ޔާން މިހެން ބުނުމުން ނަދާގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.
ނަދާ ކޮފީތަށި ހިފައިގެން ދިޔަތަނުން ނަދާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ސަމާ ތެދުވެގެން ގޮސް ފޯނު ނަގަން އުޅުނުތަނުން ނަދާ އައިސް ފޯނު ޖަހައިގަނެގެން ކޮޓަރިއަށް ދިޔައެވެ. ސަމާ އެކަން މާބޮޑު ކަމަކަށް ނުހަދާ ބަދިގެތެރޭގެ މަސައްކަތަކާއިގެން މަސްއޫލުވެގަތެވެ.
”އަހަރެން ބުނީމެއްނު އަހަންނަށް ނުގުޅާށޭ. އަހަރެން ގުޅާނަމޭ.“ ނަދާ ހުރީ ރުޅިގަދަވެފައެވެ.
”ހަމަ މިހާރު އަހަރެންނާ ބައްދަލުކުރޭ. އަހަރެން މިހިރީ ތިރީގަ.“ މިހެން ބުނެފަ ނިހާދު ފޯނު ބޭއްވިއެވެ.
ނަދާ އަވަސް އަރުވާލާފައި ދަބަސް ހިފައިގެން ނުކުތުމުން ފަހަތުން ޔާންވެސް ނުކުތީ ގެޔަށް ދިޔުމަށެވެ.
ޔާން ތިރިޔަށް ފޭބިއިރު ނަދާ ހުރީ ސައިކަލެއްގެ ކައިރީ މީހަކާ ވާހަކަ ދައްކާށެވެ. ނަދާހުރީ ކުރިމަތީގައި ކަމުން އެމީހެއްގެ މުނު ފެންނަ ގޮތެއް ނުވިއެވެ. އެމީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ނަދާ ދިޔައީއެވެ. ސައިކަލް އަބުރާލި ވަގުތު އެއީ ނިހާދުހެން ހީވިޔަސް ނަދާ ނިހާދުއާ އެކީ ނުދާނޭ، އެހެންނޫނަސް އޭނަ ހުރީ ޖަލުގައޭ ހިތަށް އެރުމުން ޔާން އަޅާނުލާ ދިޔައީއެވެ.
ނިހާދު އާއި ނަދާ ދިޔައީ ރެސްޓޯރެންޓަކަށެވެ.
”ދެން ބުނެބަ. ކީއްވެ މާ ނުރަސްމީ ގަޑިއެއްގަ އަހަރެން ގޮވައިގެން މިތަނަށް ތިއައީ.“ ނަދާ އަހާލިއެވެ.
”ނަދާއަށްވެސް އެގޭ ދޯ އަދި އަހަރެން ސަމާ ވަރިނުކުރާކަން. އެހެންވިއްޔާ އަހަރެން ވާނީ ނަދާގެ ދޮންތިބެއަށް. އެހެންވީމަ އަހަންނާ ވާހަކަ ދައްކަންވާނީ ރީތި ބަހުން.“ ނިހާދު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.
”ތިހެން ބުނަންތަ އަހަރެން މިތަނަށް ތިގެނައީ.“
”އޭއި. ބުނެފީމެއްނު. ރީތި ބަހުންނޭ އަހަންނާ ވާހަކަ ދައްކާނީ. އަޑެއް ނީވޭތަ. އަހަރެން ކަލޭ މިތަނަށް ގެނައީ ޖަވާބު ބޭނުންވާ ވަރަށް ގިނަ ސުވާލު ހުރީމަ.“
”ހުމް. އަހާބަ!“ ރުންކުރު ގޮތަކަށް ނަދާ ބުނެލިއެވެ.
”ފުރަތަމަ ސުވާލު. އަހަރެން ޖަލުން ސަލާމަތްކުރީ ކީއްވެ؟ ދެވަނަ ސުވާލު ތިހާވަރަށް އަހަންނަށް ހެޔޮ އެދެންޏާ އަހަރެންނޭ ކިޔައިގެން ދޮގު ހަދައިގެން އަހަރެން ފުލުހުންނާ ހަވާލުކުރީ ކީއްވެ؟“ ނިހާދު ސުވާލުކުރަމުން ދިޔައިރު ނަދާ އިނީ މޭޒުމަތީ އޮތް ނިހާދުގެ ލައިޓަރާ ކުޅެކުޅެއެވެ.
”ކިހިނެއް ނިހާދު، ސޮރީ ދޮންތިބެއަށް އެގުނީ އަހަރެންކަން ދޮންތިބެ ޖަލުން ސަލާމަތްކުރީ.“ މަލާމާތުގެ ރާގަކަށް ނަދާ ބުނެލިއެވެ.
”އަހަންނަށް އެގޭ ނަދާކަން އަހަރެން ނެރުނީ. އެކޭސް އަބުރާ ނެގީ އެއްނުން. އެހެންވީމަ އަހަރެން ސަލާމަތްވީ.“
“ ކޭސް އަބުރާ ނެގީތަ ނޫނީ ހެކި ނުލިބުނީތަ؟“ ނަދާ ނިހާދުގެ މޫނަށް ބަލާލިއެވެ.
”ހެކި ލިބޭނީ ކިހިނެއް ނުކުރާ ކަމެއްގެ. އަހަރެން ބަލައިފިން ހުރިހާ ކަމެއް. ނަދާ އެކޭސް އަބުރާ ނެގިކަމަށްވަނީ.“
ނަދާއާއި ނިހާދު ވާހަކަ ދައްކަން އެތައް އިރަކު ތިބުމަށްފަހު ނަދާ ގެޔަށް ދިޔައީ ބައްޕަ ގުޅީމައެވެ.
ނަދާ ދިޔުމުން ނިހާދު އިނީ ވިސްނާށެވެ. ނަދާ އެކުޅޭ ގޭމް ނިހާދަކަށް ނުވިސްނުނެވެ. ފުރަތަމަ ނިހާދު އާއި ބައިވެގެން ޔާން އާ ސަމާ ދުރުކުރަން މަސައްކަތްކުރީއެވެ. ދެން ނިހާދުއޭ ކިޔައިގެން ދޮގު ވާހަކަ ދައްކާފަ އޭނަ ފުލުހުންނާއި ހަވާލުކުރުމަށްފަހު ސަލާމަތްކުރީވެސް ނަދާއެވެ. ނަދާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. ނަދާ އެގޮތަށް ކަންތައް ކުރާ ސަބަބެއް ވިސްނާ ވިސްނާ ނިހާދުއަށް ނޭގުނެވެ.
(ނުނިމޭ)










