ފަލަސްޠީނުޔެ ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގަމުންގެންދާ އިސްރާޢީލުގައި އުފައްދާ އެއްވެސް އެއްޗެއް ދިވެހިރާއްޖެ އެތެރެ ނުކުރުމަށް ދިވެހި ސަރުކާރަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްޠީނު ވުޖޫދުން ފޮހެލުމަށް އިސްރާޢީލުން ހިންގާ އަމަލުތައް މާލެ ސިޓީ ކައުންސިލުން ކުށްވެރި ކުރައްވާ ކަމުގަ އެވެ.
އެބަޔާނުގައި ވާގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކުގައި ފަލަސްތީނުގެ މަޢުސޫމު އެތައް ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ފިރިހެނުންނަށް ނުހަނު ބޮޑެތި އަނިޔާތައް ލިބި އެތައް ބަޔަކު ޝަހީދުވެގެން ދާކަމީ މާލޭ ސިޓީ ކައުންސިލް ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ލާ އިންސާނީ ޙަމަލާތަކާ ދެކޮޅަށް މާލޭ ސިޓީގެ އެންމެހައި ރައްޔިތުން ތިބިކަމަށާއި އަދި ހަމަ އެހެންމެ މާލޭ ސިޓީގެ އެންމެހައި ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ވާކަން ހާމަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
Israaeel ge udhuvaanu kuvverikoh Male' City Council in nerey noosbayan pic.twitter.com/H0RVz61zkj
— Malé City Council (@MaleCitymv) May 22, 2021
”މިއީ ފަލަސްޠީނުގެ މައުސޫމު ރައްޔިތުންނަށް ޢަމާޒުކޮށް އިޒްރޭލުން ހިންގާ ޓެރަރިޒަމުގެ އަނިޔާވެރި އަމަލަކަށްވާތީ، މިކަމަކީ މާލޭ ސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް.“
މިއީ ފަލަސްޠީނުގެ މުސްލިމުން ނައްތާލުމަށް އިޒްރޭލުން ރާވައިގެން ހިންގާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށްވުމުން، މިކަމުގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ނުހަނު ކަންބޮޑުވުން އުފެދިފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ލާއިންސާނީ ޢަމަލުތައް ހިންގާ އިޒުރޭލުގެ އެއްވެސް ރައްޔިތަކު އުފައްދާ އަދި އިޒުރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ދިވެހި ސަރުކާރަށް މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވައި މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވެ ހުވާކުރައްވާފައިވާ މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ގިނަ ޙަރަކާތްތަކެއް މިހާރުވަނީ އެކައުންސިލުން ފައްޓަވާފައެވެ. އަދި މުސްލިމުންގެ މިފަދަ ކަންކަމުގައި މާލެ ސިޓީ ކައުންސިލުން ފެންނަމުންދާ އިޞްލާޙީ އިސްނެންގެވުން ތަކާއިމެދު އެކި ފަރާތްތަކުން އަންނަނީ ނުހަނު އުފަލާއި އެކު އެކަން ފާހަގަ ކުރަމުންނެވެ.













