ނަދާ އެގޮތަށް ކަންތައް ކުރާ ސަބަބެއް ވިސްނާ ވިސްނާ ނިހާދުއަށް ނޭގުނެވެ.
ނަދާ ގެޔަށް އައި މަގުމަތީގައި ޔާންއާ ދިމާކުރިއެވެ. ނަދާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ޔާން އެކަމާ ސުވާލުކުރުމުން ނަދާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.
”ނަދާ! އަސްލު ކިހިނެއްވީ ތިވަރަށް ހާސްވެފަ ތިހުންނަނީ. ކީއްކުރަން މިތަނުން ބައްދަލުކުރަން ބުނީ“ ޔާންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނަދާއަކަށް ނޭގުނެވެ.
”އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން.“ ނަދާ ބުނެލިއެވެ.
”އަހަރެން މިވަގުތު މިދަނީ ސަމާ ގޮވައިގެން ފިހާރައަކަށް ދާން. ގެޔަށް ގޮސް ތިވާހަކަ ދައްކަމާ ދޯ. މިހާރު ސަމާ ހުންނާނެ އަހަރެން ލަސްވެފަ.“ ޔާން މަޑުމަޑުން ހިގާފަ ގޮސް ސައިކަލަށް އެރިއެވެ.
”އަދި މަޑުކޮށްބަލަ“ ނަދާ އައިސް ޔާންގެ ކޮޑުގައި ހިފާލިއެވެ.
”އަހަރެން ބުނަން މިއުޅޭ ވާހަކަ ގޭތެރޭ ދެއްކުމަކީ މާރަނގަޅު ކަމަކަށް ނުވެދާނެތީ މިތަނުން އަހަންނާ ބައްދަލުކުރަން ބުނީވެސް.“ ނަދާ މިހެން ބުނުމުން ޔާން ސައިކަލުން ފޭބިއެވެ.
”އަނެއްކާ ކިހިނެއްވީ!“ ޔާންވެސް ކަންބޮޑުވިއެވެ.
”ނިހާދު ޖަލުން ސަލާމަތްވެއްޖެ.“
”އޭ! އެ ކިހިނެއް އޭނަ ޖަލުން ސަލާމަތްވީ. ކިހިނެއް ނަދާއަށް އެގުނީ؟“ ޔާން ސުވާލުކޮށްލިއެވެ.
”މިއަދު އަހަންނާ ނިހާދުއާ ބައްދަލުވި. އޭނަ ބުނީ ޔާން މަރާލާފަވެސް ދޮންތި ހޯދާނަމޯ. ދޮންތިއަށްވެސް ކުޅިދައްކާލާނަމޯ. އެކަމާ ވަރަށް ބިރުން އަހަރެން މިހުންނަނީ.“ ނަދާ ޔާންގެ މޫނަށް ބަލަމުން ވާހަކަދެއްކިއެވެ. ޔާން ހުރީ ވިސްނާށެވެ. އަތުގަ އޮތް ތަޅުދަނޑިން ބޯކަހާލަމުން ޔާން ކުޑަކޮށް ހިގާލިއެވެ. ނަދާ ވަގުވަގަށް ހީލިއެވެ. ބޭނުމަކީ ޔާން މަގުފުރައްދާލުން ކަހަލައެވެ.
”އަހަރެން ހިތަށް އެރީ މިވާހަކަ ފުރަތަމަ ދައްކާނީ ޔާން ކައިރީގައޭ.“
”އަރާ ސައިކަލަށް.“ ޔާން ސައިކަލް ދުއްވާލީ ބާރު ސްޕީޑެއްގައެވެ. ނަދާ އިނީ ޔާންގެ ހަށިގަނޑު އޭނަގެ ހަށިގަނޑާ ޖހޭގޮތަށް ފިތި ބާރުވެގެންނެވެ. ޔާން ޓެންޝަނަށް އަރާފަ ހުރިވަރުން އެކަމެއް އިހުސާސެއް ނުކުރެވުނެވެ.
ޔާންގެ ސިކުނޑީގައި އެބުރެމުންދަނީ ސަމާގެ ރައްކާތެރިކަމެވެ. ނިހާދު ޖަލުން ސަލާމަތް ވެއްޖިއްޔާ ސަމާއާ ދިމާކުރާނެކަން އެގޭތީ އެކަމާ ވިސްނެނީއެވެ. ސައިކަލް މަޑުކޮށްލުމަށްފަހު ޔާން ފޯނު ނަގާ ރައްޓެއްސަކަށް ގުޅާލިއެވެ.
”ނަދާ ބުނީ ރަނގަޅަށް. ނިހާދު ސަލާމަތްވެއްޖެ. އޭނަ އެބައުޅޭ މާލެތެރޭގައި.“ ފޯނުކޯލު ނިންމާލުމަށްފަހު ފޯނު ޖީބަށް ލަމުން ޔާން ބުނެލިއެވެ.
”ދެން ކިހިނެއް ހަދާނީ. އޭނަ ދޮންތިއާ ދިމާކުރަން އެގެޔަށްވެސް ދާނެ. އަޅޭ.“ ނަދާ ވަރަށް ކަންބޮޑުވިއެވެ.
”އަހަންނަކަށްވެސް ނޭގުނު ހަދަންވީ ގޮތެއް. ސަމާގެ ކޯސްވެސް ނުނިމޭތީ މައްސަލައަކީ. އެހެންނޫންނަމަ އަހަރެން އޭނަ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައިމުސް“ ޔާން މިހެން ބުނުމުން ނަދާ ޔާންއަށް ލޯއަޅާލިއެވެ.
”ކީއްކުރަން އަހަރެމެން ފިލައިގެން އުޅެންވީ. އަހަރެމެން ފިލަން ޖެހޭ ސަބަބެއް ނެތް. އެބައޮތް ގޮތެއް.“ ނަދާ ބުނެލިއެވެ.
”ކޮން ގޮތެއް؟“
”ޔާން ރައްޓެއްސެއްނު މިތާ ކަންމަތީ އޮންނަ ގްރޫޕްކުދިންނާ ދޯ.“
”ހޫމް. އެމީހުންގެތެރޭގައި އަހަރެންގެ އާއިލާ ކުއްޖަކުވެސް އުޅޭ.“ ޔާން އިނީ ސައިކަލްމަތީގައެވެ.
”އެމީހުން ކައިރީ ބުނެގެން ނިހާދުގެ ވަސްވެސް ދުއްވާލަންވީ. އެމީހުން ވަރަށް މޮޅުވާނެ އެކަހަލަ ކަންތައް ކުރަން. ހެކިވެސް ނައްތާލާފަ އެމީހުން ރައްކާވާނީ.“ ނަދާ ޔާންއަށް ހިޔާލުދިނެވެ.
”ތީކީ އަދި އެހާ ރަނގަޅުގޮތެއް ނޫން. އަހަރެންނަކީ ތިކަހަލަ ވިސްނުން ގެންގުޅޭ މީހެއް ނޫން.“ ޔާން އެކަމާ އެއްބަސްނުވިއެވެ.
”އެހެންވިއްޔާ ހުރޭ ނިހާދު ދޮންތިއާ ދިމާކޮށް ދޮންތިއަށް އަނިޔާ ކުރާ މަންޒަރު ދެކެން. އަހަންނަށް ފެނުނު އެންމެ ރަނގަޅުގޮތް އަހަރެން މިބުނީ.“ ނަދާ މިހެން ބުނެ ސައިކަލްގެ ފަހަތަށް އަރާ އިށީނެވެ.
”އަހަރެން ވިސްނާނަން ތިކަމާ. މިވަގުތު ހިގާ ގެޔަށް ދަމާ.“ ޔާން މިސްރާބް ޖަހާލީ ގެޔާ ދިމާލަށެވެ. ސައިކަލް ދުއްވަމުންދިޔައިރުވެސް ވިސްނަމުން ދިޔައީ ނަދާ ދެއްކި ވާހަކަތަކާމެދުގައެވެ.
”ނަދާ އެބުނީވެސް ރަނގަޅު ވާހަކައެއް. އެނިހާދުގެ އުދަގޫ އަހަންނަށް ވަރަށް ބޮޑުވާނެ. އޭނަ ސަމާއަށް އަނިޔާއެއް ދީފާނެތީ އެންމެ ބިރުގަންނަނީ. ކިހިނެއްބާ އަހަރެން ހަދަންވީ. ނަދާ އެދިން ހިޔާލުވެސް ގޯހެއް ނޫން. އެމީހުން އަހަރެން ބުނެފިއްޔާ އެކަންތައް އަހަންނަށް ކޮށްދީފާނެ އެކަމަކު މީހަކު މަރާލުމަކީ ހައްލެއްނޫން.“
”ޔާން ކުރިޔަށް ބަލާބަ!“ ނަދާ ޔާންގެ ކޮޑުގައި ހިފާ ތަޅުވާލިއެވެ.
ފުންހިޔާލުގެ ތެރެޔަށް ގެނބިފަ އިން ޔާން ބަލާލި ވަގުތު ކުރިމަތިން އައި ކާރެއް ސައިކަލް ޖެހި ފަހަތުގައި އިން ނަދާ ދިޔައީ ވިއްސައިގެންނެވެ. ޔާން ވެއްޓުނު ވަގުތު ޕޭމެންޓުގައި ޖެހި ޔާންގެ ބޯ ފަޅައިގެންދިޔައެވެ. ޔާންގެ ފަޔަށްވެސް އަނިޔާވިއެވެ. އެވަރުންވެސް ތެދުވެ ނަދާ ނަގަން ދިޔައެވެ. ނަދާ އޮތީ ޖެހުނުގޮތަށް ހޭނެތިފައެވެ. ނަދާގެ މޫނުގެ އެއްފަޅި އޮތީ ލެއިން ފޯވެފައެވެ.
މަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ދިޔައީ ފޮޓޯ ނަގަމުންނެވެ. އަނެއް ބަޔަކު ފޯނުން ގުޅައިގެން އެކްސިޑެންޓެއް ވެގެން އުޅޭ ޚަބަރު މީޑިޔާތަކަށް ދެމުންދިޔައެވެ.
ކާރު ދުއްވަން އިންމީހާއަށް މާބޮޑު އަނިޔާއެއް ނުވެއެވެ. އެހެންކަމުން އެމީހާ އަވަސްވެގަތީ ޔާން އާއި ނަދާއަށް އެހީތެރިވުމަށެވެ. ނަދާ ހޮސްޕިޓަލަށް ގެންދެވުނުއިރު އެތާނގައި ސަމާގެ އިތުރުން އޭނަގެ ބައްޕަވެސް ހުއްޓެވެ.
ނަދާގެ ހާލު ފެނިފައި ބައްޕައަށް ރޮވުނެވެ. ނަދާއަށް ފަރުވާ ދިނުމަށްޓަކައި އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދިއެވެ. ސަމާ ދިޔައީ ޔާންގެ ކައިރިޔަށެވެ. ޔާންއަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. އެހެންކަމުން ބޮލުގައި ބޭސް އެޅުމަށްފަހު ޔާން ގެޔަށް ދޫކޮށްލެވުނެވެ. އެހެންނަމަވެސް ނަދާ އެޑްމިޓް ކުރެވުނެވެ.
”ޔާން. ކިހިނެއްވި އެކްސިޑެންޓެއް މީ. ނަދާ އާ ދިމާވީ ކޮންތާކުން.“ ސަމާ އަހާލިއެވެ.
ސަމާ ކައިރީ ބުނާނީބާއޭ ނުބުނާނީބާއޭ ހިތަށް އެރުމުން ޔާން އެއްވެސް އެއްޗެކޭ ނުބުނިއެވެ.
ސަމާ އިނީ ޔާންގެ އަތުގައި ހިފަހައްޓައިގެން ޔާންގެ ކޮޑުގައި ބޯއަޅައިގެންނެވެ. ބައްޕަ ހުރީ އަވަސް ފަރުވާދޭ ކޮޓަރި ކައިރީގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާއެވެ.
ޔާން ބަލާލީ ކުރިމަތީ ހުރި ގޮޑި ބަރިއާ ދިމާލަށެވެ. އެވަގުތު ޔާންގެ ލޮލުގައި އަޅައިގަތީ ހޮސްޕިޓަލްތެރެޔަށް ވަދެގެން އައި ނިހާދުއެވެ. ނިހާދު އެއައިގޮތަށް އައިސް ކުރިމަތީހުރި ގޮޑިބަރީގައި އިށީނެވެ. ސަމާއޮތީ ލޯމަރައިގެން ކަމުން ސަމާއަށް ނިހާދު ނުފެނެއެވެ. ބައްޕަ އެދިމާލަށް އަންނަތަން ފެނުމުން ނިހާދު އަގަމަތީ މާސްކު އަޅާލިއެވެ. އެހެންކަމުން ބައްޕައަށް ނިހާދު ވަކިކުރާކަށް ނޭގުނެވެ.
”ދަރިފުޅާ! ބައްޕަ މަޑުކުރާނަން ނަދާ ކައިރީގައި. ދަރިފުޅުމެން ދޭ ގެޔަށް. ނަދާ މިހާރު ރަނގަޅޭ ޑޮކްޓަރު ބުނީ. ނަދާ ހޭއަރައިފި މިހާރު.“ ބައްޕަ މިހެން ބުނުމުން ސަމާ ތެދުވެގެން ދުވެފަގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. ފަހަތުން ބައްޕަވެސް ދިޔައެވެ. ބައްޕަ ދިޔުމުން ނިހާދު މާސްކު ނަގާލިއެވެ. މަލާމާތުގެ ރާގަކަށް ހެމުން ނިހާދު ނުކުމެގެން ދިޔައީއެވެ.
ނިހާދު އެގޮތަށް ކަންތައް ކުރުމުން ޔާންގެ ލޭ ކެކިގަތެވެ. ވަގުތުން ފޯނުނަގާ ގުޅާލިއެވެ.
“ މާދަމާ ހެދުނު ވުމުގެ ކުރިން އޭނަ ގެއްލުވާލާ!“ މިހެން ބުނެ ފޯނު ކަނޑާލިއެވެ.
ދެދުވަސްވަންދެން ނަދާ އެޑްމިޓްކޮށްފައި އޮތުމަށްފަހު ގެޔަށް ދޫކުރެވުނެވެ. ނަދާ ގެޔަށް އައުމާއެކު ނިހާދުއަށް ގުޅުމަށް ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ނިހާދުގެ ފޯނަކަށް ނުގުޅެއެވެ. އެކަމާ ނަދާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ޔާންވެސް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އެއްވެސް ކަހަލަ ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ނަދާގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. އަނެއްކާ ނިހާދު ކޮބައިބާއެވެ. އޭނަގެ ފޯނަށް ނުގުޅެނީ ކީއްވެބާއެވެ. ޔާން މިހާރު އެހާ ހަމަޖެހިގެން ހުންނަނީ ކީއްވެބާއެވެ.
މިހުރިހާ ކަމަކާ ވިސްނަން އޮތްވާ ބައްޕަ އައިސް ނަދާގެ ކައިރީގައި އިށީނެވެ.
”ދަރިފުޅާ ނަދާ! ބައްޕަ މާދަން ނޫން އަނެއް ދުވަހު ރަށަށް ފުރަން މިއުޅެނީ. މަންމަ ބަލިވެގެން ޚަބަރުކޮށްފި. ބައްޕަ ގަސްތުކުރަނީ ދަރިފުޅު ގޮވައިގެން ދާން. އޭރުން މަންމައަށް އެހީތެރިވާން ދަރިފުޅު ހުންނާނެތާ.“
”ބައްޕާ. އަހަރެން ދިޔައިމަ ދޮންތިވެސް އެކަނިވާނޭ!“
”އަހަންނާމެދު ނުވިސްނާ. މިހިރީނުން ޔާންވެސް. މިވަގުތު ކޮއްކޮގެ އެހީ އެންމެ ބޭނުންވާނީ މަންމަ. ކޮއްކޮ ދޭ ބައްޕައާ އެކީ.“ ސަމާ މިހެން ބުނުމުން ނަދާ އިތުރަށް އެއްޗެކޭ ނުބުންޏެވެ.
ކުއްލިއަކަށް އެއްޗެއް ހަދާންވެގެން ނަދާބުނެލިއެވެ.
”އެހެންނޫނަސް އަހަންނަށް ރަށަށް ނުދެވޭނެ.“
”އެއީ ކީއްވެގެންނޯ!“ ސަމާ އަހާލިއެވެ.
”އަހަރެން އެބަޖެހޭ އަދި ހަފްތާއެއް ފަހުން ޑޮކްޓަރަށް ދައްކަން. ސްކޭނެއް ކޮށްލަންވެސް އެބަޖެހޭ. އެހެންވީމަ އަހަރެން ޖެހޭނީ މަޑުކުރާކަށްނު.“ ނަދާ ބުނެލިއެވެ.
”ހަފްތާއެއް ވީމަ މިކޮޅަށް އާދެވިދާނެ ނޫންތަ. އައިސް ދައްކާލާފަ ސްކޭންކޮށްފަ ދެވިދާނެ. ދާންވާނެ މަންމަ ބަލިކޮށް އުޅޭއިރު ކޮއްކޮމެންގެ ކަންތައް ކޮށްދޭނެ މީހަކުވެސް ނުހުންނާނެ.“ ސަމާ ބޭނުންވަނީ ނަދާ ފޮނުވާލާށެވެ.
(ނުނިމޭ)










