Search Streamline Icon: https://streamlinehq.com

ލޯބި ވިޔަކަސް-07

Loabi viyakas

”ހަފްތާއެއް ވީމަ މިކޮޅަށް އާދެވިދާނެ ނޫންތަ. އައިސް ދައްކާލާފަ ސްކޭންކޮށްފަ ދެވިދާނެ. ދާންވާނެ މަންމަ ބަލިކޮށް އުޅޭއިރު ކޮއްކޮމެންގެ ކަންތައް ކޮށްދޭނެ މީހަކުވެސް ނުހުންނާނެ.“ ސަމާ ބޭނުންވަނީ ނަދާ ފޮނުވާލާށެވެ.

ނަދާ ރަށަށް ދިޔުމުން ސަމާ ދިރިއުޅެމުންދިޔައީ އެކަނިއެވެ. ޔާން ގިނަދުވަހު އުޅެނީ މަސައްކަތުގައި ރަށުން ބޭރުގައެވެ. ސަމާ އެކަނި މާލެތެރޭގައި އުޅެން ޖެހުމުން ސަމާ ހުންނަނީ ވަރަށް ބިރުންނެވެ. ނިހާދުގެ އުދަގޫ ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ކަމަށް ސަމާ ދެކެއެވެ.

އާދައިގެ މަތިން ދުވަހެކެވެ. ސަމާ އިނީ ގޭގެ ބެލްކަނީގައި ފޯނުން ޓިކްޓޮކް ބަލާށެވެ. އެހެން އިންދާ ގޭގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑުއިވުނެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ ހެމުން ގޮސް ސަމާ ދޮރު ހުޅުވާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ސަމާ ދޮރު ލައްޕާލަން އުޅުނުތަނުން ސަމާއަށް ފެނުނީ ދޮރުކައިރީ ބިންމަތީގައި އޮތް ރަތް ފިނިފެންމަލެކެވެ. ސަމާގެ މޫނުމަތިން އުފާވެރިކަން އިންތިހާއަށް ފާޅުވެގެން ދިޔައެވެ.

”އޯ ޔާން. އައި ޖަސްޓް ލަވް އިޓް“ ފިނިފެންމާ ނަގާ އެޔަށް ބޮސްދެމުން ސަމާ ބުނެލިއެވެ. މިމަންޒަރު ބަލަން ދުރުގަ މީހަކު ހުރިކަމެއް ސަމާއަކަށް ނޭގެއެވެ.

ސަމާ އަވަސްވެގަތީ ޔާންއަށް ގުޅާށެވެ. ޔާން ފޯނު ނުނަގައެވެ. ސަމާ ބެލްކަނީގައި ހުރެ ފިނިފެންމަލާއެކު ފޮޓޯ ނަގާފައި ސްނެޕް ކުރަމުންދިޔައިރު ތިރީގައި ހުރި މީހަކު ހިނިތުންވެލާފައި ސައިކަލަށް އަރާ ދުއްވާލިއެވެ.

އެދުވަހު ޔާންގެ ހަބަރެއް ނުވާތީ ސަމާ ހުރީ ހިތްހަމަނުޖެހިފައެވެ. ނިދަން އަރާއޮވެ ޔާންއަށް ގުޅާނަމޭ ހިތާ ފޯނު ނަގާލިތަނުން ފޯނަށް އައީ  ނުދަންނަ ނަންބަރަކުން ކުރި މެސެޖެކެވެ.

”ހައި ޕްރިންސެސް. އާ ޔޫ ހެޕީ ވިތް ދަ ގިފްޓް“ މެސެޖް ކިޔާލާފައި ސަމާ ވިސްނާލިއެވެ.

”މިއީ ކާކުބާ. ކޮން ގިފްޓެއްގެ ވާހަކަތަ އެދައްކަނީ“ ސުވާލުތަކުން ހިތް ފުރިފައި އޮތްވާ އަނެއްކާވެސް މެސެޖެއް ލިބުނެވެ.

”ފިނިފެންމަލުގެ ރާނީއަކަށް އެންމެ ފިނިފެންމަލެއް ފޮނުވީމަ ނޮޓް ފެޔަރ ދޯ!“ މެސެޖް ކިޔާލުމުން އާއެކޭ ބުނުމުގެ ގޮތުން ސަމާ ބޯ ޖަހާލިއެވެ.

އެމެސެޖަށް ރިޕްލައި ކުރުމުގެ ގޮތުން ޓައިޕްކުރަން ފެށިތަނުން އަނެއްކާވެސް މެސެޖެއް ލިބުނެވެ.

”ބެލްކަނީގައި އޮންނާނެ ސަޕްރައިޒެއް. ގޮސް ބަލާލަބަ!“ ފޯނު އެދުމައްޗަށް އެއްލާލާފައި ދުވަމުން ނުކުތީ ބެލްކަނީއަށެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމުން ސަމާގެ އަގަ ތަންމިނަށް ހުޅުވުނެވެ.

ބެލްކަނި އޮތީ އެކި ކުލަކުލައިގެ މަލުން ފުރާލާފައެވެ. ސަމާ އުފަލުން ނަށަން ފެށިއެވެ. އަވަހަށް އެތެރެޔަށް ވަދެ ފޯނު ނަގައިގެން ބެލީ މެސެޖެއް އިންތޯއެވެ. އެކަމަކު މެސެޖެއް ނެތުމުން ސަމާގެ ހިނިތުންވުން ފަނޑުވެގެންދިޔައެވެ.

ހުރިހާ މާތަކުގެ ތެރޭގައި ހުރެ ފޮޓޯ ނަގާފައި އަޕްލޯޑްކުރަން ފެށުމުން ވަރަށް ގިނަ މީހުން ކޮމެންޓު ކުރަމުންދިޔައެވެ. ސަމާ އިނީ ބެލްކަނީގައި ހުރި ޖޯއްޔެއްގައެވެ. ސަންފްލާވާ ބޮޑު މަލެއް އަތަށް ލައިގެން އިދެ ހުރިހާ ކޮމެންޓުތައް ކިޔަމުންގެންދިޔައެވެ. އެހެން އިންދާ ޔާންގެ ކޯލެއް އައެވެ.

”ހާދަ މަލެކޭ ދޯ!“ ޔާން ބުނެލިއެވެ.

”ކޮންމެހެން ނޭގޭ ކަމަށް ހަދާނެ ކަމެއްނެތް. އަހަންނަށް އެގޭ ޔާންގެ ކަންތައްކަން މީ.“ ސަމާ މިހެން ބުނުމުން ޔާން ހައިރާންވިއެވެ.

”އަހަންނޭ. އަހަރެން ކޮންއިރަކު ސަމާއަށް މާ ފޮނުވީ. އަހަރެން މިއަދު ވަރަށް ބިޒީކޮށް އުޅުނީ އެހެންވެ މިއަދު ގުޅާވެސް ނުލެވުނު“

”ނުދަންނަ ނަންބަރަކުން މެސެޖުކުރިންތަ؟“ ސަމާ އަހާލިއެވެ.

”ނުން. ނުކުރަން. ކިހިނެއްވީ!“ ޔާން އަހާލިއެވެ.

”ކަމެއްނުވޭ!“ ސަމާ އޮޅުވާލިއެވެ.

އިރުކޮޅަކު ޔާންއާ ވާހަކަ ދައްކާލުމަށްފަހު ސަމާ ފޯނުބާއްވާފައި އެނަންބަރަށް މެސެޖް ކުރަން ފެށިއެވެ. އެހެންނަމަވެސް އެއްވެސް މެސެޖަކަށް ރިޕްލައިއެއް ނާދެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެނަންބަރަށް ގުޅާލިއެވެ.

”ތިޔަ ގުޅުއްވި ނަންބަރުން ޖަވާބެއް ނުދޭ“ ސަމާގެ މޫޑުވެސް އޮފްވިއެވެ. ހުރިހާ މަލެއް ނަގައިގެން ގޮސް ކޮޓަރިތެރޭގަޔާއި ސިޓިންގރޫމްގައި އަތުރާލިއެވެ.

މިރޭ ލޮލަށް ނިދިވެސް ނާންނަކަހަލައެވެ. އިރުއިރުކޮޅާ ފޯނަށް ބަލާލެވެއެވެ. އެހެން އޮތްވާ ސަމާއަށް ނިދުނެވެ. ފޯނުގެ އެލާމާއެކު ސަމާ ކޮޅަށް ޖެހުނެވެ. އަވަސް އަވަހަށް ފޯނުނަގާ ބަލާލިއެވެ. އެއާއެކު މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ.

”ގުޑްމޯރނިން ޕްރިންސެސް“ މެސެޖް ކިޔާލުމަށްފަހު ސަމާ ވެސް މެސެޖެއްކޮށްލިއެވެ.

”ތީ ކާކުބާ!“ އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިދެފައި ފޯނު ހިފައިގެން ބޭރަށް ނުކުތެވެ. ކޮފީ ތައްޓެއް ހަދައިގެން ނުކުމެ ބެލްކަނީގައި އިށީނެވެ. ފޯނު ރިންގުވާން ފެށުމުން ސަމާ ފޯނު ނެގިއެވެ.

”ބޭރުގަ މިހިރީ. ދޮރު ހުޅުވާލަބަ!“ ސަމާ ގޮސް ދޮރު ހުޅުވާލިއިރު ޔާން ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ.

”އޮފީސް ބަދަލުވީތަ؟“ ސަމާ ޔާންއާ ދިމާކޮށްލިއެވެ.

”ތިބުނި އެއްޗެއް ނޭގުނު“ ޔާން ބުނެލިއެވެ.

”މިބުނީ އޮފީހަށް ދާން ރެޑީވެގެން އޮފީހަށް ނުގޮސް މިގެޔަށް އައިމަ.“

”އޮހް. އަހަރެން މިއައީ އޮފީހަށް ވަދެލާފަ. ރޭގަ ސަމާ ބުނި އެއްޗަކުން ރޭގަ ނުވެސް ނިދުނު“

”އެއީ. އަހަރެން ކީކޭ ބުނީ. ނުނިދާ އޮތްއިރުވެސް ގުޅާވެސް ނުލާ.“

”ގުޅިން. ސަމާގެ ފޯނު ބިޒީ އަންނަނީ. ދެތިން ފަހަރަކު ޓްރައިކުރިން ގުޅަން. ފަހުން ނިދުނީ އެހެން އޮތްވާ. ބައިދަވޭ ހާދަ މަލެކޭ މިއޮތީ“ ޔާން ބަލާލީ ސިޓީންގރޫމްގައި ބަހައްޓާފައި ހުރި އެކި ކުލަކުލައިގެ މާތަކަށެވެ.

”ނޭގެ. ރޭގަ ކޮންމެވެސް މީހަކު ފޮނުވި މާތަކެއްތީ. ކާކުކަމެއް އަހަންނަކަށްވެސް ނޭގެ. އަޅާނުލާ. އެވާނީ އޮޅިގެން މިގެޔަށް ފޮނުވުނު އެއްޗެއް ކަމަށް“ ގަސްތުގައި ސަމާ ދޮގުހެދިއެވެ. ފޯނަށް މީހަކު މެސެޖު ކުރާ ވާހަކަވެސް ނުބުނީއެވެ.

ޔާން އާ ސަމާ ވާހަކަ ދައްކަން ތިއްބާ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ދޮރުހުޅުވަން ދާން ޔާން ތެދުވި ތަނުން ސަމާ ދުވެފަގޮސް ދޮރު ހުޅުވާލިއެވެ. މީހަކު ފެންނަން ނެތުމުން ސަމާ ބަލާލީ ބިންމައްޗަށެވެ. އެހެންނަމަވެސް ބިންމަތީގައި އެއްވެސް އެއްޗެއް ނެތެވެ. ސަމާ ހީކުރީ މަލެއް އޮންނާނެ ކަމަށެވެ. ތުންދަމާލަމުން ސަމާ ދޮރު ލައްޕާލިއެވެ. ސަމާގެ މިހަރަކާތުން ޔާން އިނީ އަންތަރީސްވެފައެވެ.

”ކިހިނެއްވީ“ ޔާން އަހާލިއެވެ.

”ނެތް އެއްވެސް އެއްޗެއް. މިބުނީ އެއްވެސް މީހަކު“

”އެއްޗަކަށް އޯޑަރުކޮށްގެންތަ ތިހުންނަނީ.“

”ނޫން. އެހެނެއްނޫން.“

”ހިގާބަ ބޭރަށްދާން. ބްރޭކްފަސްޓަކަށް. ދޭބަ ރެޑީވެގެން އަންނަން. އަހަރެން މަޑުކުރާނަން ތިރީގައި.“ ޔާން ނުކުންނަން ދަމުން ބުނެލިއެވެ.

ކަންނެތްގޮތަކަށް ތެދުވަމުން ސަމާ ގޮސް ކޮޓަރިއަށް ވަނެވެ. ސަމާ ފެންވަރައިގެން ނުކުތްއިރު އެދުމަތީގައި ހެދުމަކާއި ޖިންސެއް ބާއްވާފައި އޮތެވެ. ސަމާ ބަލާލިއިރު ކުޑަ ނޯޓެއްވެސް އޮތެވެ.

”މިހެދުމުގަ ޕްރިންސެސް ވަރަށް ރީތިވާނެ. ޕްލީސް މިއަދު މިހެދުން ލައިގެން ނުކުތިއްޔާ ވަރަށް އުފާވާނެ“ ސަމާ ހައިރާންވީ ކޮޓަރީގެ ދޮރުގައި ތަޅުލާފައި ހުއްޓާ މީހަކު ކޮޓަރިއަށް ވަނުމުންނެވެ. ސަމާ ގޮސް ތަޅުލެވިފަ ހުރިތޯ ޔަޤީންކޮށްލިއެވެ. ކޮޓަރީގައި ހުރީ ތަޅުލާފައެވެ. ސަމާ ހުރީ ތުވާލި އަދެގެންނެވެ. އެހެންކަމުން އަވަސް އަވަހަށް ހެދުން ބަދަލުކޮށްލިއެވެ. ރީތިވާން ހުއްޓާ ހިޔާލު ބަދަލުވެގެން ގޮސް އެދުމަތީގައި އޮތް ހެދުން ނަގާ ބަލާލިއެވެ. އެއީ މީގެ ދެތން ދުވަސް ކުރިން ސަމާއަށް ވަރަށް ރީތިވެގެން ގަންނަން އުޅުނު ހެދުމެކެވެ. އެހެންނަމަވެސް މީހަކު ރިޒާވްކޮށްފަ އޮތުމުން ސަމާއަށް ނުލިބުނީއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ސަމާ އަވަސް އަވަހަށް އެހެދުމާއި އެޖިންސު ގަޔަށް ވައްޓާލިއެވެ. އެހެދުން ހުރީ ސަމާގެ ހަށިގަނޑަށް ހެޔޮވަރަށެވެ. ހީވަނީ ސަމާގެ ސައިޒުވެސް އެގިހުރެ ގަނެފަ އޮތް ޖިންސެއް ހެންނެވެ. ޖިންސުވެސް ހަމަ ހެޔޮވަރެވެ.

ސަމާ ރީތިވެލައިގެން ނުކުތްއިރު ސިޓިންގރޫމްގެ މޭޒުމަތީގައި ކުޑަ އަތްދަބަހެއް އޮތެވެ. އެއީ ސަމާގެ ދަބަހެއް ނޫންކަން އެގޭތީ އެދަބަސް ނަގާ ބަލާލިއެވެ. ދަބަހުގެ ތެރޭގައި އޮތް ނޯޓު ނަގާ ކިޔާލިއެވެ.

”މިއީ އަހަރެންގެ ފަރާތުން ޕްރިންސެސްއަށް ދިން ހަދިޔާއެއް. ޕްލީސް އެކްސެޕްޓް އިޓް.“

ހިނިތުންވުމަކާއެކު ސަމާ އެދަބަސް ކޮޑުގައި އަޅުވައިގެން ނުކުތެވެ. ޔާން އިނީ ކަޅި ޖަހާނުލާ ސަމާއަށް ބަލަހައްޓައިގެންނެވެ.

”އިނަފް ޔާން. ދިސް އިޒް ޓޫމަޗް“ ސަމާ އައިސް މަޑުކޮށްލަމުން ބުނެލިއެވެ.

”ވާއު. ޔޫ ލުކް ލައިކް ޕްރިންސެސް.“

”އައިނޯ. އެހެންވެ މިބުނީ އިނަފްއޭ.“ ސަމާ ސައިކަލަށް އަރަމުން ބުނެލިއެވެ.

”އަހަންނަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް؟“ ޔާން އިނީ ވާނުވާގައެވެ.

”އައި މީން މިހެދުން، ޖިންސް، ހޭންޑް ބޭގް. މީ ޔާންގެ ކަމެއްނު“ ސަމާ ކޮޑުގައި އޮތް ދަބަސް ދައްކާލަމުން ބުނެލިއެވެ.

”ހެއި. އަހަރެން ދިން އެއްޗެއް ނޫން ތީކީ. ނުވިސްނުނު ސަމާ ތިކިޔާ އެއްޗެއް.“ ވިސްނުމެއްގައި އިދެ ޔާން ސައިކަލް ދުއްވާލިއެވެ.

(ނުނިމޭ)

Leave a Reply

Your email address will not be published. Required fields are marked *