”ސަމާއަށް އަހަރެން މީ ކާކުކަން އެގޭ ދުވަހަކުން ސަމާ ތިހާ އުފަލެއްނުވާނެ. އެދުވަހަކުން ސަމާ އަހަންނަށް ނަފްރަތު ކުރާނެ. އެކަކަމުވެސް ހެޔޮ. އަހަރެން ސަމާ ސަލާމަތްކުރާނަން. ސަމާދެކެ ހަޤީޤީ ލޯބިވީ އަހަރެންކަން އަދި ސަމާއަށް ވިސްނޭނެ. ސޮރީ ސަމާ!“ މީޝާޤު އެކަނި ހުރެ ވާހަކަދެއްކިއެވެ.
ސަމާ ގެޔަށް އައިސް ހެދުން ބަދަލުކޮށްގެން ނިދަން އޮށޯތެވެ. އެހެން އޮތްވާ ފޯނު ރިންގުވާން ފެށިއެވެ. ސަމާ ބަލާލިއިރު އެގުޅަނީ ޔާންއެވެ. މުޅިދުވަހު ނުގުޅާ ހުރެފައި ދެން މިގުޅަނީ ކީއްކުރަންހޭ ކިޔާފައި ފޯނު ސައިލެންޓަށްލާފައި ނިދީއެވެ. ޖެހިގެން އައި ދުވަހަކީ ބަންދު ދުވަހެއްކަމުން ސަމާ ބޭނުންވީ ގޭގައި އިންނާނާށެވެ. ސަމާ އިނީ ފޯނުން މެސެޖު ކުރާށެވެ. ޔާންގެ ހިޔާލާއި ފިކުރެއް މިހާރަކު ނުވެއެވެ. އޭނަ ނުގުޅިޔަސް ސަމާ އެކަމާ އަޅައެއްނުލައެވެ. އެހެން އިންދާ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށް ސަމާ ދުވެފަގޮސް ދޮރުހުޅުވާލިއެވެ. ސަމާއަށް ހީކުރެވުނީ އޭނައަށް އަނެއްކާވެސް ހަދިޔާއެއް ލިބުނީ ކަމަށެވެ.
ދޮރުހުޅުވާލުމުން އެތެރެޔަށް ވަދެގެން އައީ ނަދާއެވެ.
”ދޮންތި މިއަދު ހާދަ އުފާވެފަ!“ ނަދާ އަހާލިއެވެ.
”ކޮންއިރަކު ކޮއްކޮ އައީ؟“ ސަމާކޮށްލީ ސުވާލެކެވެ.
”އަހަރެން މިއައީ ނުން. ކޯޗެއް ކާން ހުރީ. ވަރަށް ބަނޑުހައި“ ނަދާ އައިސްއަލަމާރި ހުޅުވާލަމުން އަހާލިއެވެ.
ނަދާ އައުމުން ސަމާ ވަރަށް އުފާވިއެވެ. ނަދާ ކައިރީ މީޝާގުގެ ވާހަކަ ދައްކާނީބާއޭ ހިތަށް އަރާފައި ސަމާ ވާހަކަ ފެށިތަނުން ނަދާ ވާހަކަ ދައްކަން ފެށިއެވެ.
”ޔާން އާ ދޮންތިއާ ރުޅިވީތަ. އަހަރެން ގެޔަށް ޑްރޮޕްކޮށްފަ ނުވެސް ވަދެ ދިޔައިމަ މިހެން މިއެހީ.“
”ޔާންތަ އައީ ނަދާ ގޮވައިގެން؟“ ސަމާ ބުނަން އުޅުނު ވާހަކަވެސް ހަދާންނެތުނުކަހަލައެވެ.
”އާ! އަހަރެން ގުޅީމަ އޭނަ އަހަރެން ގެޔަށް ޑްރޮޕްކޮށްލީ.“
ނަދާ މިހެން ބުނުމުން ސަމާ ޔާންއަށް ގުޅާލިއެވެ. ޔާން ފޯނުވެސް ނުނަގައެވެ.
ޔާންއަށް މިއައި ބަދަލާމެދު ވިސްނުމުން ސަމާއަށް ބައެއްފަހަރު ރޮވެއެވެ. އެހާ ލޯބިވީމަވެސް ޔާން އޭނައަށް ބޭވަފާތެރިވިކަން އެގުމުން ސަމާގެ ހިތް ވަނީ ކުދިކުދިވެފައެވެ.
ސަމާގެ ހިތަށް ކުދަނަމަވެސް ހިތްހަމަޖެހުމެއް ލިބެނީ މީޝާޤްއާ ވާހަކަދައްކާލުމުންނެވެ. ސަމާއާއި މީޝާގްގެ ގުޅުން ދުވަހެއް ދުވަހެއް ދިޔައީ ބަދަހިވަމުންނެވެ. ޔާން ގުޅައިފިއްޔާ ސަމާ ވާހަކަދައްކާލިނަމަވެސް ކުރިން އޮންނަ ގުޅުމެއް ނުބާއްވައެވެ. ޔާން އެކަމާ ސުވާލުވެސް ކުރެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ސަމާ އެވާހަކަ އޮއްބާލައެވެ. ނަދާވެސް ހުންނަނީ ވާނުވާ ނޭގިފައެވެ. ސަމާއަށް މިވަރުގެ ބޮޑު ބަދަލުތަކެއް އަންނަން ޖެހުނު ސަބަބެއް ނަދާ ވިސްނާ ވިސްނާ ނޭގުނެވެ. ޔާންއާއި ނަދާ ބައްދަލުކޮށް ސަމާއާ ބެހޭގޮތުން ވާހަކަ ދައްކާ ހަދައެވެ. އެހެންނަމަވެސް ސަމާ ނުބުނާތީ ނަދާއަށް މީޝާގްގެ ވާހަކަ ނޭގެއެވެ. އެކަމަކު ކޮންމެވެސް މީހަކު ސަމާއަށް މާބޮޑިއާ ހަދިޔާ ފޮނުވާކަން ނަދާ ޔާންކައިރީ ބުންޏެވެ.
އާދައިގެ މަތިން ދުވަހެކެވެ. ސަމާ އޮތީ އެދުމަތީގައި ފޯނުން ގޭޟުކުޅޭށެވެ. އެހެން އޮތްވާ ފޯނަށް މެސެޖެއް އައުމުން އަޅާވެސް ނުލާ އޮތީއެވެ. މެސެޖު ބަލާވެސް ނުލައެވެ. ތިން ހަތަރު މެސެޖު ލިބުމުން ގޭމު ނިއްވާފައި މެސެޖު ބަލާލިއެވެ.
”ހާދަ ލޯބިކޮށް ތިއޮތީ. ހިތަށް އަރާ ތިލޯބި މޫނު ފެންނާނެނަމައޭ މިވަގުތު.“
”ކީއްވެ ރިޕްލައިނުކުރީ. ބިޒީތަ؟“
”އޯކޭ. މާފޮޅުވާ ގަޑީގަ ދޯ އުދަގޫ މިކޮށްލެވެނީ. ސޮރީ.“
”އެންމެ ފަހަރަކު ބެލްކަންޏަށް ނުކުމެލަބަ. ފަހަރެއްގަ ސަޕްރައިޒެއްވެސް ލިބިދާނެ އޭރުން.“
ހަތަރު މެސެޖު ކިޔާލުމަށްފަހު ސަމާ އެމެސެޖަށް ރިޕްލައިކޮށްލިއެވެ.
”ފަރިވެފަ އިން މަލެއް ބިންނާނީ ކާކު.؟“
ސަމާގެ މެސެޖަށް ރިޕްލައިއެއް ނައުމުން ހިތްނުތަނަވަސް ވެގެން ސަމާ ނުކުތީ ބޭރަށެވެ. ބެލްކަންޏަށް ނުކުމެ ހުރެފައި ފޯނު ބަލާލިއެވެ. އެކެއް ޖަހަނީއެވެ. އަދިވެސް ލޮލަކަށް ނިންޖެއް ނާދެއެވެ. މެސެޖުގެ ރިޕްލައިވެސް ނާދެއެވެ.
ސަމާ އެހެން ހުއްޓާ ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ސަމާ ބަލާލީ މަގުމައްޗަށެވެ. މަގުމަތީގައި ދުއްވާއެއްޗެހި ފިޔަވާ އިތުރު ބަޔަކު ނުޅެއެވެ. އަޑު އަންނަނީ ގޭތެރެއިން ހެން ހީވެގެން ސަމާ އެތެރެޔަށް ވަނެވެ. ސަމާއަށް ހީވީ ރަނގަޅަށެވެ. އެއަޑު އަންނަނީ ނަދާގެ ކޮޓަރިންނެވެ.
ސަމާ ގޮސް ނަދާގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ދޮރު ތަޅުނުލާ ހުރުމުން ސަމާ ސިއްރު ސިއްރުން އެތެރެޔަށް ބޯދިގުކޮށްލިއެވެ.
ސަމާއަށް ފެނިގެން ދިޔައީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ޔާން އާއި ނަދާ ތިބީ މަސްތުގެ ހާލަތުގައި އެނދުމަތީގައެވެ.
”ޔާން! ނަދާ!“ ސަމާ ހަޅޭއްލަވައިގަތް އަޑަށް ޔާން ޖެހުނީ ކޮޅަށެވެ. ލައިގެން ހުރި ބޮކްސާ ނޫނީ ޔާންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ނަދާ އޮތީ އަތްކުރު ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެންނެވެ.
ސަމާ ފެނުމުން ޔާން ތެދުވެ ޓީޝާޓް ނަގާ ގަޔަށް ވައްޓާލިއެވެ. އޭރުވެސް ޔާން ހުރީ މަސްތުގެ ހާލަތުގައެވެ. ދެއަތަށް އެއްލެމުން އައިސް ޔާން ސަމާގެ އަތުގައި ހިފާލަން އުޅުމުން ސަމާ އަތް ފޮޅުވާލާފައި ބޭރަށް ނުކުތެވެ.
”ހަމަ މިހާރު ނުކުމޭ މިގެއިން.“ ސަމާ ބުނެލިއެވެ.
”ދޮންތީ! ކިހނެއްވީތަ؟“ ނަދާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.
”ކިހިނެއްވީހޭ. ބަލަ ކަލޭގެ ހުންނަ ހަޔާތްކުޑަކަން ބަލާބަ. އެއީ ކަލޭގެ ވާންއުޅޭ ބޭބެއެކޭ.“ ސަމާ ހުރީ ރުޅިގަދަވެފައެވެ.
”ވާންއުޅޭ. އަދި ނުވެއެއްނު.“ ނަދާ މިހެން ބުނުމުން ސަމާ އައީ ނަދާގެ ގައިގަ ޖަހާށެވެ. އެހެންނަމަވެސް ނަދާ ސަމާގެ އަތުގަ ހިފެހެއްޓިއެވެ.
”ނަދާ! އަހަރެން މީ ކަލޭގެ ދައްތައޭ.“
”ޚަބަރުދާރު. މަގޭ ގައިގަ އިގިލިކުރި ޖައްސާލިޔަސް މަރާލާނަން. ކަލެޔަށް އެގޭތަ ކަލޭ ނިހާދު ކައިރިން ސަލާމަތްކުރީ އަހަރެންގެ ޕްލޭން. ކަލޭ ޔަންއާ މީޓްކުރާކަން ނިހާދަށް ބަސްޓުކޮށްލީ އަހަރެން. އެކަމަކު ޔާން ކަލޭ ދެކެ ހާދަ ލޯތްބެކޭ ވަނީދޯ. އަހަންނަށް އޭތި ހަޖަމެއް ނުކުރެވުނު. ދެން އަހަރެންގެ މަޤްސަދަކަށްވީ ކަލެޔާ ޔާން ވަކިކޮށްލުން. އަހަންނަށް އެކަން ވަރަށް ރަނގަޅަށް ކާމިޔާބުވެއްޖެ. މިރޭ އަހަންނަށް ޔާންގެ ލޯބި ކާމިޔާބުކުރެވިއްޖެ. އަހަރެން..އަހަރެން ނިހާދު މަރާލީ. އޭނަ ކަލޭދެކެ ވަރަށް ލޯބިވި. އަހަރެން ޔާންގެ ވާހަކަ ބުނުމުން އެމޮޔަމީހާގަނޑު އުޅުނީ ކަލޭ ޔާންއަށް ދޫކޮށްލަން. އަހަރެން އޭނަ ބޮލަށް ހާދަ ޗިޕެއް ޖަހައިގެންނޭ އޭނަ ކަލެޔާ ޔާން ވަކިކުރަން މަސައްކަތްކުރީ. އެންމެ ފަހު ވަގުތު އަހަރެންގެ މޮޅު ޕްލޭން ވޯކްކުރީ. އޭނަ ޖަލަށްލީ އޭނަ ނުކުރާ ކުށުގެ އަދަބަކަށް. އޭނަ ޖަލުން ސަލާމަތްކުރީވެސް އަހަންނޭ. ކޭންޔޫ އިމޭޖިން. ކަލޭ ހީކުރީ ޔާން ކަލޭދެކެ ލޯބިވާ ކަމަށްތަ. މިހިރީ ޔާން. އަހާބަލަ ކާކުދެކެތޯ އެންމެ ލޯބިވަނީ.“
ނަދާގެ ވާހަކަތައް އަޑުއިވުމުން ސަމާއަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ. ކޮއްކޮއެއް ދައްތައަކަށް މިހެން ހަދާނެކޭ ދުވަހަކުވެސް އޭނަގެ ހިތެއް ޤަބޫލެއްނުކުރެއެވެ. ކުށެއް ނެތް ނިހާދު މަރާލިކަން އެގުމުން ގިސްލާ ރޮވުނެވެ.
”އަދި ނުނިމޭ. އަދި އަޑުއަހާ. އަހަރެމެން ޕްލޭންކޮށްފައޮތީ ކަލޭ މަރާލާފަ އަހަރެމެން ދެމީހުން ކަލޭގެ މިއެޕާޓްމެނޓުގައި ދިރިއުޅެން. މީ ބައްޕަ ކަލެޔަށް ގަނެދީފަ ހުރި ފްލެޓެއްނު. އެހެންވީމަ ކަލޭ މަރުވީމަ މިފްލެޓް ލިބޭޏީ އަހަންނަށް. މިތާނގަ ވެރިކަން ކުރާނީ އަހަރެން. ކަލޭގެ ލޯބިވެރިޔާވެސް އަހަންނަށް. ކަލެޔަށް ވަފާތެރި ލޯބި ފާހަގަ ކުރަން ނޭގުނީ. ކަލޭ ދެކެ ހަޤީގީ ލޯބިވީ ނިހާދު. ޔާންއެއް ނޫން.“
ސަމާ ރޯން ފެށިއެވެ. ތަޅުންގަނޑުމަތީ އިދެ ދެއަތުން ބޮލުގައި ހިފައިގެން އިދެ އަޑުން އަޑުނަގާ ރޮމުން ގެނދިޔައެވެ.
”އަދި އެގޭތަ. އަހަރެން ޔާން ކައިރީވެސް ދޮގު ހެދީ. ނިހާދު ސަމާ ރޭޕްކުރީއޭ ކިޔާފަ. ސަމާއަށް ދަރިން ނުލިބޭނޭ ކިޔާ ޔާންއަށްވެސް އޮޅުވާލީ. އޭނަ ކަލޭ މަތިން ފޫހިކޮށްލީ.“ ނަދާގެ ކަންފަތްދޮށުގައި މަޑުމަޑުން ނަދާ ބުނެލިއެވެ.
ޔާން އޮތީ އެދުމަތީގައި ވާނުވާގައެވެ. ނަދާ ދައްކާ ވާހަކަ އޭނައަށް އަޑުއިވުނަސް އެވާހަކަޔަށް އެއްޗެކޭ ނުބުނެ ހަމަ އޮތީއެވެ.
”މިހުރިހާ ހަޤީގަތެއް އެގުމުން ކަލޭ ދުނިޔޭގަ ބެހެއްޓުން ދެން ރަނގަޅެއް ނުވާނެ. ކަލޭ ގޮސް އެވާހަކަތައް ބައްޕަ ކައިރީ ދައްކައިގެން އަހަރެންގެ ޕްލޭން ފްލޮޕްކޮށްލާނެ.“
”ނޫން ކޮއްކޯ. ދޮންތިއަށް ތިހެން ނަހަދާ. ކޮއްކޮ ޔާންދެކެ ލޯބިވާ ވާހަކަ ކުރިންވެސް ބުނެލިނަމަ އަހަރެން އުފަލުން ޔާންގެ ދިރިއުޅުމުން ދިޔައިމު. ތިހެން ނަހަދާ އަހަރެން ދޫކޮށްލާ. އަހަރެން އެއްވެސް މީހެއްގެ ކައިރީ މިވާހަކަ ނުބުނާނަން. އަދި ޔާންގެ ދިރިއުޅުމުންވެސް ގޮސްދާނަން. ކޮއްކޮއަށް މިފްލެޓްވެސް ދީފާނަން. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އަހަރެން ދޫކޮށްލާ.“ ސަމާ އާދޭސްކޮށް ރޮއިހަދަން ފެށިއެވެ. ނަދާ އިނީ ސޯފާގައެވެ. ނަދާ ހުރީ ހަމަހޭގައި ނޫންކަން ސަމާއަށް އެގެއެވެ. އެހެންކަމުން އޭނައަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެގެއެވެ.
ސަމާ ވާހަކަ ދައްކަނިކޮށް ފަހަތުން އައިސް މީހަކު އޭނަގެ ބޮލުގައި އެއްޗަކުން ޖެހިއެވެ. ސަމާ އެނބުރި ބަލާލިއިރު ޔާންގެ އަތުގައި އޮތީ އަލިފާން ނިއްވާ ފުޅިއެވެ. ސަމާވެއްޓެން ދިޔުމުން ޔާން ސަމާ ނަގައިގަނެގެން ގޮސް ބެލްކަނިން ތިރިޔަށް ވައްޓާލިއެވެ. ސަމާ ރޮއި ހަޅޭއްލަވަމުން ދިޔައެވެ. ބިންމަތީގައި ޖެހުނުގޮތަށް ސަމާގެ ބޯ ފަޅައިގެންގޮސް މުޅިތަނަށް ލޭ ފައިބައިގަތެވެ. ނަދާއާއި ޔާން ދުވެފައި ފޭނބިއިރު ސަމާގެ ލޭ އެތާނގައި ހުއްޓެވެ. އެހެންނަމަވެސް ސަމާގެ ހަށިގަނޑު ނެތެވެ. ނަދާ ވަރަށް ކަންބޮޑުވިއެވެ.
(ނުނިމޭ)











1 ކޮމެންޓް
ކީއްވެތަ މިނޫހުގަ ލިޔާ ވާހަކަތަށް ކުރިއަށް ނުދަނީ