އޭނާ އެދިޔަ ގޮތަށް ހުއްޓުމެއްވެސް ނެތި ގޮސް ތުނޑީމަގަށް ފޭބިއެވެ. އޭރު ވަރުބަލިވެގެން އޭނާއަށް މާނޭވާ ލެވެއެވެ. އޭނާ ގޮސް ވެލިގަނޑުމަތީގައި ކުޑަކަކޫމައްޗަށް އިށީނދެ ނޭވާ ހަމައަކަށް އަޅުވާލިއެވެ. ވަރުބަލި ފިލާންދެން އެގޮތުގައި އޭނާ އިނެވެ. އޭނާ މިއަދުގެ އިރުއަލިކަން ހުއްޓައި ގެޔަށްދާކަށް ގަސްދެއްނުކުރެއެވެ. އެހެންކަމުން އޭނާ ވަރުބަލި ފިލުމުން ގޮސް ކާނިގަހަށް އެރިއެވެ. އެއްވެސް މީހަކަށް ނޭނގި އޭނާއަށް އެތާ ފިލާ އިނދެވިދާނެއެވެ. އޭނާ ކާނިގަހުގައި އޮވެގެން ވިސްނިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ހަމްޒާއަކާ ނީންނާނެއެވެ. ހަމްޒާ ރަންކިޔަން ސަތޭކަ ފަހަރު ފޮނުވިއްޔާ ސަތޭކަ ފަހަރުވެސް އޭނާ އިންކާރު ކުރާނެއެވެ. މަންމައާއި ބައްޕަ އޭނާދެކެ ރުޅިއަޔަސް އޭނާގެ އަމިއްލަ ދިރިއުޅުން އޭނާގެ އަތުން ބަރުބާދެއް ނުކުރާނެއެވެ. ޖިނާހް އަންނަހައި އަވަހަކަށް ޖިނާހްގެ މީހަކަށް އޭނާ ވާނެއެވެ. މަންމައާއި ބައްޕަގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްގެންވެސް އޭނާ ޖިނާހްއާ އިންނާނެއެވެ. ހަމްޒާއަށް ގޮންޖަހާލާފައިވެސް އޭނާ އެކަން ކުރަން ބޭނުމެވެ. އޭނާގެ އެހައި ހިތްވަރު އެބަހުއްޓެވެ. ހަމްޒާއަށް އެކަން އޭނާ އަންގާނެއެވެ.
ޝާނީ އެގޮތުގައި ވިސްނަން ގަހުގައި އޮއްވައި އިރުއޮއްސިއްޖެއެވެ. މާހައުލުގައިވާ އަލިކަން ފަނޑުވަމުންގޮސް އަނދިރިކަން ވެރިވާން ފެށުމުން އޭނާ ގަހުން ފޭބިއެވެ. އަދި ބިރުންހުރެ ގެޔަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ. ޝާނީ ގެޔަށް ދިއުމުން އޭނާއަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ތޫފާނަކާ ކަމެއްވެސް ނޭނގެއެވެ. ހަމަގައިމުވެސް މަންމައާއި ބައްޕަގެ ރުޅިއާއި ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ. ނަމަވެސް އެދެމީހުންނާއި ކުރިމަތިލާންވެސް އޭނާ ނުހަނު ޖެހިލުންވެއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ. އެމީހުންނަށް ނުފެނި ގޮސް ގެޔަށް ވަދެވޭނެ ގޮތެއްވެސް ނެތެވެ. ނޫނެކެވެ. އޭނާއަށް ގެޔަށްނުވަދެ ގޯތިތެރޭގެ ކޮންމެވެސް ތަނެއްގައި ފިލާހުރެވިދާނެއެވެ. މިރޭ މަންމަމެންނާއި ކުރިމަތިލާހައި ހިތްވަރެއް އޭނާގެ ނެތެވެ. އެހެންކަމުން އޭނާ ސިއްރު ސިއްރުން ގޯތިތެރެއަށްވަދެ، ބަދިގޭގެ ބިއްދޮށުގައިހުރި ދަރުގެތެރެއަށްވަދެ ފިލިއެވެ. އެހިސާބުގައި އެއްވެސް އަލިކަމެއްނެތުމުން އޭނާހުރީ ބިރުންނެވެ. އޭނާ އެތާހުއްޓައި މަޣުރިބު ނަމާދު ވަގުތު ފާއިތުވެގެން ގޮސް އިޝާ ނަމާދަށްވެސް ގޮވައިފިއެވެ. ނަމަވެސް އެތަނުން ނުކުންނާކަށް އޭނާ ގަސްތެއްނުކުރިއެވެ. މަދިރީގެ އުނދަގުލާހެދިވެސް އޭނާއަށް ކެތްވަނީއެއް ނޫނެވެ. ދަރުކޮޅެއް ބޭނުންވެގެން މަންމަ އެތަނަށް ވަދެފާނެތީވެސް އޭނާހުރީ ސިހިސިހިއެވެ.
އެގޮތުގައި ވަގުތުތައް ފާއިތުވަމުން ގޮސް އިޝާނަމާދުކޮށްގެން އަލީވެސް ގެޔަށް އަތުވެއްޖެއެވެ. އާބިދާ ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅެނިކޮށް އަލީ އައިސް ކާގެއަށް ވަނެވެ.
“ އަދިވެސް ޝާނީ ނާންނަނީތަ؟…“ ކަންބޮޑުވެފައިވާ އަޑަކުން އަލީ އަހާލިއެވެ.
“ އާނ…އަދިވެސް ނާދޭ…އެވަތްތާކު އަދިވެސް ފިލާ އޮތީ…އިރުއޮއްސުނީމަވެސް ގެޔަށް އަންނާކަށް ނޫޅުނެއްނު…ރަށު ރަތްޔިތުންގެ ކުރިމަތީގަ އަހަރެމެން ފަޞީހަތްކުރަން އުޅޭ މަންޖެއެއް އެއީ…“ އާބިދާ ނުރުހިފައި ބުންޏެވެ.
“ ދެން އެކަމަކު މިހާރު ދިޔަތާކުން ގެޔަށް އަންނަން ވެއްޖެއެއްނު…މިހާރު އެއޮއްގެން އިޝާނަމާދު ފަސްވީ ވިއްޔަ….ކޮންތާކަށްތަ އެމަންޖެ ދިޔައީ؟…އަހަރެން މިއައީ މަންމަގެވެސް ބަލާފަ….އެތާކުވެސް ނެތް….ސަލްމާގެ ގެޔަކު ނެތް….ދެން ކޮންތާކަށް ދާނީ؟…“ އަލީ ހުރީ ނުހަނު ކަންބޮޑުވެފައެވެ.
“ ޝާނީ އަމިއްލައަކަށްނު ދިޔައީ….އަމިއްލައަށް އަންނާނެ ބަހައްޓާ!….“ އާބިދާ ނުރުހިފައި ބުންޏެވެ. އާބިދާ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުން އަލީ ކައިގެން ބޭރަށް ނުކުތީ ޝާނީ ހޯދުމުގެ ބޭނުމުގައެވެ.
ސަލްމާއާއި އަލީގެ އިތުރުން ހަމްޒާއާއި އޭނާގެ އެކުވެރިންވެސް ޝާނީ ހޯދަމުން ދިޔައެވެ. އެމީހުން އެކަން ކުރަމުންދިޔައީ ގިނަމީހުންނަށް ނޭނގޭނެހެން ސިއްރު ސިއްރުންނެވެ. މީހުންނަށް އެނގި ރަށުތެރޭގައި ޒާތްޒާތުގެ ވާހަކަ ދެކެވޭކަށް އެމީހުން ނޭދެއެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް ރޭގަނޑުގެ އެގާރަ ޖެހުމާއެކު ރަށުން ކަރަންޓް ކަނޑާލިއެވެ. އެއާއެކު މުޅި ރަށުތެރެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ޝާނީވެސް މަޑުމަޑުން ފިލާހުރިތަނުން ނުކުމެގެން އައިސް ގޭތެރެއަށް ވަނެވެ. އަދި އޭނާގެ ކޮޓަރިއަށްވަދެ އެނދުތަންދޮށުގައި ފިލިއެވެ. ޝާނީ ހޯދުމުގެ މަސައްކަތުގައި އުޅެފައި އަލީއާއި އާބިދާ ގެޔަށް އައިސް ވަތްއަޑު އިވުމުން ޝާނީ ނޭވާ ހިފަހައްޓާލައިގެން އޮތެވެ. އަލީ އައިސް ޝާނީގެ ކޮޓަރީގެ ދޮރުވެސް ހުޅުވާލިއެވެ.
“ އާބިދާ…އަދިވެސް އެމަންޖެ ނާދެޔޭ….“ ކޮޓަރި ތެރެއިން ޝާނީ ނުފެނުމުން މާޔޫސްކަމާއެކީ އެހެން ބުނެލަމުން އަލީ ދޮރުލައްޕާލިއެވެ.
“ އެކަމަކު ދެން މިހާރު އަންނަން ވެއްޖެއެއްނު…މިހާރު އެއޮއް އެގާރަ ޖެހީ…އެހެންޏާވެސް އެގޮތަށް ރުޅިއައިސްގެސް ގޮސް އުޅެ އުޅެފަ އިރުއޮއްސުނީމަ އާދޭ…އަހަރެން ހީކުރީ މިއަދުވެސް އަންނާނެކަމަށް…“ އާބިދާގެ އަޑު ކުރެހިގެން ދިޔައެވެ.
“ ޝާނީ އަދިވެސް ނާންނަނީތަ؟…“ ކުއްލިއަކަށް ގޭތެރެއަށް ވަތް ސަލްމާ ކަންބޮޑުވެފައި އެހިއެވެ.
“ އާނ…ނާދޭ…ދިޔަ ތަނެއްވެސް އެނގެނިއްޔެއްނޫން….“ އަލީ ދެރަވެލާފައި ބުންޏެވެ.
“ ބައްޕާ…ދެން މިހާރު އޮފީހަށްވެސް އަންގަން ވެއްޖެއެއްނު….އަހަރެން މިއައީ އޭނަ ދާނެހެން ހީވާތާކަށް ވިއްޔާ ގޮސް….މަގު މަގުގެ އަތިރިވެސް ބަލާފަ….އޭނަގެ ހުރިހާ ރައްޓެހިންގެ ގެޔަށްވެސް ދެވިއްޖެ…ދެފަރާތު އާއިލާގެ ގެތަކަށްވެސް ދެވިއްޖެ….ބައްޕާ! މިހާރު ދެން މާލަސްވެއްޖެ މިހެން ތިބެން….އަހަރެން ހާދަ ކަންބޮޑުވެޔޭ އެބަ…އޭނަ ހަމްޒާއާ ނީންނަން ކޮންމެފަދަ ކަމެއްވެސް އޭނަ ކޮށްފާނެ…“ ކަންބޮޑުވީވަރުން އެންމެފަހުން ސަލްމާއަށް ރޮވިއްޖެއެވެ. އެއަޑު އިވިފައި ޝާނީގެ ހިތަށް ނުހަނު އަސަރު ކުރިއެވެ.
“ ތެދެއް އާބިދާ….އަހަރެން އަންނާނަށް ކަތީބު ގެޔަށް ގޮސް….މިހެން ދެއަތް އުރާލައިގެން ތިބޭކަށް ނުވާނެ…ރުޅިއައިސްގެން ދިޔަޔަސް މިހާރު އަންނަހާ އިރު ވެއްޖެއެއްނު….“ އަލީވެސް ސަލްމާގެ ބަހަށް ތާއިދުކުރިއެވެ.
“ އޭރުން ރަށު ރަތްޔިތުންނަށް އެނގޭނެ…އަހަރެމެން ކިހާ ބަދުނާމެއްވާނެ…މީހުން ފާޑުފާޑު ވާހަކަ ދައްކާނެ…“ އާބިދާ ކަންބޮޑުވީ މީހުން ކިޔާފާނެ އެއްޗަކާއިމެދުގައެވެ.
“ މަންމަ އަދިވެސް ވިސްނަނީ އެހެންމީހުން ކިޔާނެ އެއްޗަކަށްތަ؟….ޝާނީއަށް ކަމެއްވެދާނެތީ ކުޑަކޮށްވެސް ޖެހިލުމެއްނުވޭތަ؟….މަންމަ ކޮންއިރަކު ތިހާ ހިތްހަރުވީ؟…އެންމެ ފަހަރަކުވެސް ޝާނީއަށް ވެދާނެ ގޮތަކާމެދު ވިސްނާލަބަލަ!….އޭނަ އިއްޔެވެސް ބުނި އަމިއްލައަށް މަރުވާނަމޭ…އެފަދަކަމެއް ކޮށްފިއްޔާ ކީއްކުރާނީ؟…“ ސަލްމާ ރޮއެރޮއެފައި ވާހަކަދެއްކުމުން އާބިދާގެ ހިތަށްވެސް އަސަރުކުރިއެވެ. ކިތަންމެ ހިތްހަރުކޮށްގެން ހުއްޓަސް އޭނާގެ ދަރިފުޅަށް ދެރަގޮތެއްވާކަށް އޭނާ ނޭދެއެވެ.
“ ޝާނީ ކޮންއިރަކު އެހެންބުނީ؟…“ ކުއްލިއަކަށް އަލީ ސުވާލުކުރިއެވެ.
“ އެއީ އިއްޔެ ހަމްޒާއާ އިންނަ ވާހަކަ ދެއްކީމަ…ޝާނީ ބޭނުން ނުވާއިރުވެސް މަންމައާ ބައްޕަ ތިއުޅެނީ ގަދަކަމުން ޝާނީ ހަމްޒާއާ ދެވަން ވެގެންނެއްނު….ނިކަން ދެކިބަލަ އޭގެ ނަތީޖާ….ޝާނީއަށް ދެރަގޮތެއް ވެއްޖެއްޔާ އަހަރެން މާފެއް ނުކުރާނަން މަންމަމެނަކަށް….ދުވަހަކުވެސް މާފެއް ނުކުރާނަން…“ ރޮއެ ރޮއެ ހުރެފައިވެސް ނުރުހުމާއެކު ސަލްމާ ބުންޏެވެ.
“ ދަރިފުޅާ! ޝާނީ ކައިވެންޏާ ނުގަބޫލުކަންވެސް ބައްޕައަށް އެގުނީ ޝާނީ ގެއިން ފިލީމަ…..ބައްޕަ ހީކޮށްގެން ހުރީ ޝާނީވެސް ހަމްޒާއާ ހިތާވާކަމަށް….ތަންކޮޅެއްކުރިން ދަރިފުޅުވެސް އެވާހަކަ ބުނިނަމަ ކިހާ ރަނގަޅު…“ ގޮތް ހުސްވެފައިވާ ގޮތަކަށް އަލީބުންޏެވެ.
“ އަހަރެން ބުނިން މަންމަ ގާތުގަ…ޝާނީ ހަމްޒާއާ އިންނަން ބޭނުން ނުވާކަން މަންމައަށް އެނގޭނެ….“ އާބިދާއާ ދިމާ ބަލާލަމުން ނުރުހިފައި ސަލްމާ ބުންޏެވެ. އާބިދާވެސް ހިމޭންކަމާއެކު ކަރުނަ ފުހެލަ ފުހެލާހުރީ ޝާނީއާމެދު ކަންތައް ކުރެވުނުގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުގައެވެ.
“ ދެންވެސް ލަސްނުކޮށް ކަތީބުގެޔަށްދާން ހިނގާބަލަ!…“ ހިތް އަވަސްވެފައި ސަލްމާ ބުނެލިއެވެ. ތިންމީހުން އެކުގައި ކަތީބު ގެޔަށް ދިއުމަށްޓަކައި ތެދުވި ވަގުތު ކުއްލިއަކަށް ޝާނީ ކޮޓަރީގެ ދޮރުހުޅުވުނެވެ. އެއާއެކު ތިންމީހުން އެއްފަހަރާ އެދިމާއަށް ބަލާލިއެވެ.
”ބައްޕާ….“ ރޮވިފައިވާ އަޑަކުން ޝާނީ ގޮވާލިއެވެ.
“ ޝާނީ…ދަރިފުޅާ!…“ ކުއްލިއަކަށް ރޮއެގެންފައި އާބިދާ އައިސް ޝާނީގެ ގައިގާ އޮޅުލައިގަތެވެ. އަލީވެސް ލޮލުން ކަރުނަ ފުހެމުން އައިސް ޝާނީގެ ބޮލުގައި ފިރުމާލިއެވެ.
“ މިއޮއް ހުރިހާއިރު ކޮޓަރީގަތަ ފިލާތިއޮތީ؟ ކުއްލިއަކަށް ޝާނީ ދުރުކޮށްލަމުން އާބިދާ އެހިއެވެ.
“ ފިލާހުރިތަނެއްނޫނޭ މުހިއްމީ….ޝާނީ ފެނުނީތީ ޝުކުރުކޮށްބަލަ މަންމާ…“ އަވަސް އަވަހަށް ސަލްމާ އެހެން ބުނެލީ އާބިދާގެ މޫޑު ބަދަލުވެދާނެތީއެވެ.
“ އާބިދާ ކާން ތައްޔާރުކުރޭ! ހެނދުނުންސުރެ އެމަންޖެ އެހުރީ އެއްޗެއް ނުކައި“ ޝާނީގެ އަތުގައި ހިފައިގެން ގެނެސް ގާތުގައި ބައިންދަމުން އަލީ ބުންޏެވެ. ސަލްމާވެސް އައިސް ޝާނީގެ ގާތުގައި އިށީނެވެ.
“ ދޮންތަ ހާދަބިރެއްގަތޭ ޝާނީ ނުފެނުނީމަ….ރަށްވަށާ މުޅި ގޮނޑުދޮށުގަ ހިނގާފަ މިއައީ….“ ޝާނީގެ އަތުގައި ހިފާލަމުން ސަލްމާ ބުނެލިއެވެ.
“ ބައްޕާ އަހަންނަށް މާފުކުރޭ!…“ ޖެހިލުންވެ އިނދެ ޝާނީ މާފަށް އެދުނެވެ.
“ ދަރިފުޅުގެ ކިބައިން ބައްޕަ މާފަށް އެދެން ޖެހޭނީ….ބައްޕަ ބޭނުމެއްނޫން ދަރިފުޅުގެ ނުރުހުމަ ކައިވެނިކުރުވާކަށް….އެއްވެސް ކުއްޖަކަށް މަޖުބޫރު ކުރުވާކަށް ބައްޕަ ބޭނުމެއްނުވޭ…“ ލޯތްބާއިއެކު ޝާނީގެ އަތުގައި ހިފާލަމުން އަލީ އޭނާގެ ވިސްނުން ހާމަކުރިއެވެ. އެވަގުތު ބޭއިޚްތިޔާރުގައި ޝާނީއަށް ހިނިތުންވެވުނެވެ. ސަލްމާގެ މޫނަށްވެސް އުފާވެރިކަން ވެރިވިއެވެ. އަލީގެ ޚިޔާލަށް އާބިދާ ތާއީދު ނުކުރި ނަމަވެސް އިތުރު އެއްޗެއް ނުބުނެ ހިމޭންކަމާއެކުހުރީ ހާލަތުގެ ގޮތުންނެވެ.
އަނެއްކޮޅުން ޝާނީ ގެޔަށް އައިތޯ ޔަޤީންކުރުމަށް ހަމްޒާވެސް އެގެއަށް އައިސް ގޯތިތެރެއަށްވަނީ ހަމަ އެވަގުތެވެ. އޭނާ ގޭތެރެއަށް ވަންނަން ދިމާކޮށްލާފައިވެސް ނުވަދެ މަޑުކުރީ އަލީ، ޝާނީއާ ދެއްކި ވާހަކަ އަޑުއިވިގެންނެވެ. އޭނާގެ ކަންފަތުގައި ޖެހުނީ އޭނާއަށް އަޑުއަހަން އެހާ ފަސޭހަ ވާހަކައަކަށް ނުވިއެވެ. ޝާނީ ހަމްޒާއާ ކައިވެނިކުރަން ބޭނުން ނޫންކަން އެނގުމުން އެހާ ފަސޭހައިން ޝާނީގެ ބަސް ގަބޫލުކުރާނެ ކަމަކަށް ހަމްޒާ ހީއެއްނުކުރެއެވެ. ހަމްޒާގެ ގާތަށް އައި ރުޅިން އޭނާ އަނބުރާލާފައި ގެޔަށް ދިޔައެވެ. ޝާނީގެ ސަބަބުން އޭނާގެ ރަހުމަތްތެރިންގެ ކުރިމަތީގައި މިއަދު ވަރަށްބޮޑަށް އޭނާ ފަޟީހަތް ވެއްޖެއެވެ. އެމީހުން އޭނާއަށް ވަށްބަހުން ޖަހައި މަލާމަތްކޮށް ހެދިއެވެ.
މަންމައާއި ބައްޕަގެ ރުޅިގަނޑު ފިނިވެފައި ހުރުމުން ޝާނީގެ ހިތަށް ތަސައްލީ ލިބުނެވެ. ބައްޕަ އޭނާގެ ކައިވެނި ހަމްޒާއާ ނުކުރުވާނެކަމަށް ބުނުމުން އޭނާ ނިދަން އޮށޯތީ ނުހަނު ހިތްހަމަޖެހިގެން ހުރެއެވެ. އޭނާ ބުއްދީގެ ބޭނުން ކޮށްގެން ހަމްޒާ ބަލިކުރީއެވެ. ދެން ހަމްޒާ ރަންކިޔަން ފޮނުވިޔަސް ޚުދު ބައްޕަވެސް އިންކާރު ކުރާނެއެވެ. އޭނާ ކައިވެނިކުރާނީ ޖިނާހްއާއެވެ. އެނޫން މީހެއްގެ މިލްކަކަށް އޭނާ ނުވާނެއެވެ. ޝާނީ އޭނާގެ މުސްތަޤުބަލުގެ ފޮނި ހުވަފެންތައް ދެކެމުން ލޯމަރާލިއެވެ.
އަނެއްކޮޅުން ހަމްޒާގެ ލޮލަކަށް މިރޭ ނިންޖެއްނައެވެ. އޭނާގެ ހިތުގައި ގިނި އަނދަމުން ދަނީއެވެ. ޝާނީ ކުޅުނު ޑްރާމާގެ އަވައިގައި ޖެހިގެން އޭނާގެ މައިންބަފައިން ހަތިޔާރު ބެހެއްޓި ނަމަވެސް، ހަމްޒާހުރީ ގޮތްދޫކުރާކަށް ނޫނެވެ. އޭނާގެ ސިކުނޑީގައި ނުބައި ރޭވުމެއް ރާވާލިއެވެ. ޝާނީގެ މައިންބަފައިން އިންކާރުކުރި ނަމަވެސް، ޚުދު ޝާނީ އަމިއްލައަށް އޭނާއާ ކައިވެނިކުރަން އެއްބަސްކުރާ ވަރު އޭނާކުރާނެއެވެ. އޭނާއަކީ ބަލި ގަބޫލު ކުރާނެ މީހެއް ނޫނެވެ. ޝާނީ އޭނާގެ މީހަކަށް ހަދާފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެއެވެ. ޝާނީ އެގޮތަށް ކަންތައްކުރީތީވެސް އޭނާ ޝާނީ ހާސިލްކުރާނެއެވެ.
ޝާނީ ކައިވެންޏަށް އިންކާރު ކުރި ދުވަހުން ފެށިގެން ހަމްޒާ އެގެއަށް އައުން ހުއްޓިއްޖެއެވެ. އެހެންކަމުން ޝާނީ ހުންނަނީ ނުހަނު ހަމަޖެހިފައެވެ. ހަމްޒާގެ ގޯނާއެއް ދެން ނުވާނެކަމަށް އޭނާ ގަބޫލުކުރިއެވެ. އޭނާހުރީ ޖިނާހް ރަށަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރުން ބައްޕަގާތުގައި ބުނެގެން އޭނާގެ ކައިވެނި ޖިނާހްއާ ކުރެވިދާނެއެވެ. ހަމްޒާ ބަލަބަލާ ހުއްޓައި ޖިނާހްގެ މީހަކަށް އޭނާ ވާނެއެވެ. ޝާނީ އުފަލާއި ހިތްހަމަޖެހުމުގައި ދުވަސްތައް ގުނަމުން ދިޔައެވެ.
ޝާނީއާއި ހަމްޒާގެ ކައިވެނި ހުއްޓުނީތީ ޝާނީއާއި ސަލްމާ އުފާކުރި ނަމަވެސް، އާބިދާހުރީ އެކަމާ ނުހަނު ދެރަވެފައެވެ. އޭނާ އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. ކޮންމެވެސް ގޮތަކުން އަލީގެ ބޮލަށްވަދެ ޝާނީގެ ކައިވެނި އަލުން ހަމްޒާއާ ކުރުވަން އޭނާ މަސައްކަތްކުރާނެއެވެ. ޖިނާހް މާލެއިން އައުމުގެ ކުރިން އެކަން ކުރެވޭނެ ގޮތެއް ވާނެނަމަ ރަނގަޅޭ އޭނާގެ ހިތަށް އަރައެވެ. އާބިދާގެ އިތުރުން ހަމްޒާވެސް ހުރީ ފުރުސަތަކަށް ބަލަ ބަލައެވެ.
ރެއަކީ ހުޅަނގުމޫސުމުގެ ކަޅުފޮއެ ވިއްސާރަ ރެއެކެވެ. ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. ރޭގެ ފިނިކަމުގެ ސަބަބުން މީސްތަކުން އަވަހަށް ގެތަކަށް ވަދެ ނިދައިފިއެވެ. ޝާނީވެސް އަރާމު ނިންޖަކަށް ގެނބިފައި އޮތެވެ. ފުޅިބައްތީގެ ފަނޑުއަލީގެ ތެރޭގައި ޝާނީގެ ކޮޓަރި ތެރެއިން ހިޔަންޏެއް އޭނާގެ އެނދާއި ގާތްވަމުން ދިޔައެވެ. މަޑުމަޑުން އެހިޔަނި ޝާނީގެ މަގަތުގައި އިށީނެވެ.
ނުނިމޭ











1 ކޮމެންޓް
އަވަހަށް އަޕްލޯޑު ކޮށްދީ