އެހެންނަމަވެސް ސަމާގެ ހަށިގަނޑު ނެތެވެ. ނަދާ ވަރަށް ކަންބޮޑުވިއެވެ.
ސަމާ ލޯހުޅުވާ ބަލާލިއެވެ. އޭނައަށް އޮވެވުނީ ކޮޓަރިއެއްގެ އެނދުމަތީގައެވެ. މުޅިކޮޓަރިތެރެޔަށް ސަމާ ލޯ ހިންގާލިއެވެ. އެއީ މީގެ ކުރިން ސަމާއަށް ދަންނަ ކޮޓަރިއެއް ނޫނެވެ. ކައިރީގައި ޑޮކްޓަރަކާއި ނަރުހެއް ހަރަކާތްތެރިވަމުންދިޔައެވެ. ސަމާ ތެދުވާން އުޅުމުން ނަރުސް ސަމާ ކައިރީ ނުތެދުވާން ބުންޏެވެ. ސަމާގެ ބޮލުގައި ހުރީ ބެންޑޭޖް އޮޅާފައެވެ. އަދިވެސް ބޮލުގައި ރިއްސާތީ ސަމާ ބޮލުގައި އަތް އަޅާލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެޔަށް ވަދެގެން އައި ޒުވާނާގެ އިޝާރާތަށް އެތަނުގައި ހުރި ޑޮކްޓަރާއި ނަރުސް ކުއްޖާ ބޭރަށް ނުކުމެ ދޮރު ލައްޕާލިއެވެ.
”މީޝާޤް“ ސަމާ ގޮވާލިއެވެ.
މީޝާޤު އައިސް ސަމާގެ ކައިރިޔަށް ހުއްޓިހުރެ އޭނަގެ ބޮލުގައި ފިރުމާލިއެވެ. އަދި ބޯޖަހާލިއެވެ. މީޝާޤުގެ ލޮލުން ފޭބި ކަރުނަތިކި ސަމާއަށް ފެނުނެވެ. އެހެންކަމުން ސަމާ އަތުގެ އިޝާރާތުން ތިރިވެލަން ބުނެލިއެވެ. މީޝާޤު ގުދުވެލުމުން ސަމާ އޭނަގެ ކަރުނަތިކި ފޮހެދިނެވެ. މީޝާޤު ވީ އުފަލެއްގެ ބޮޑުކަމުން ލޯމަރާލާފައި ސަމާގެ ނިތަށް ބޮސްދިނެވެ.
”އަހަރެން ސަލާމަތްކުރީ މީޝާޤް.“ ސަމާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. މީޝާޤް ބޯޖަހާލިއެވެ.
ސަމާގެ މޫނުމަތިން ފެނިގެންދިޔަ އުފާވެރިކަން ގެއްލުނީ ޔާންގެ މަތިން ހަދާންވުމުންނެވެ. ފުރާނަފަދައިން ލޯބިވާ މީހާ އޭނަގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރުމުންނެވެ. މީޝާޤްއަށް އެކަން ފާހަގަކުރެވިގެން ސަމާ އަށް ގޮވާލިއެވެ.
”އަހަރެން ތިއަޑު ދަންނަން.“ ސަމާބުނެލިއެވެ.
”އެހެންތަ؟ ކިހިނެއް އަޑު ދަންނަނީ؟“ މީޝާޤް އަހާލިއެވެ.
”އެއީ އަހަރެންގެ ފިރިމީހާ.“
”ފިރިމީހާއޭ! ސަމާ މެރިޑްތަ؟“ މީޝާޤް ހައިރާންކަމާއެކު އަހާލިއެވެ.
“ އާ! އަހަރެންގެ ފިރިމީހާ. އަހަންނަކީ މީހެއްގެ އަތްބެއް.“
”އެކަމަކު ޔާން އާ ސަމާ..؟“ މީޝާޤު މިހެން ބުނުމުން ސަމާ މީޝާޤަށް ބަލާލިއެވެ.
”އަހަރެން ޔާން އާ މެރީ ނުކުރަން. އަހަރެންގެ ފިރިމީހާ އަކީ ނިހާދު.“
ސަމާ މިހެން ބުނުމުން މީޝާޤްގެ ހިތް އުފާވިކަހަލައެވެ. މާސްކު އަޅައިގެން ހުރުމުން ސަމާއަށް ނުފެނުނު ކަމުގައިވިޔަސް މީޝާޤްގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ.
”އޭނަގެ އަޑާ މީޝާޤްގެ އަޑާ ހާދަ ވައްތަރޭ!“ ސަމާ މީޝާޤަށް ބަލާލިއެވެ.
”ތިމާސްކު ނަގާބަ. އަހަރެން ބޭނުން މީޝާޤުގެ މޫނު ދެކިލަން.“
”އަހަރެންގެ މޫނު ފެނިއްޖިއްޔާ ސަމާ އަހަންނަށް ނަފްރަތް ކުރާނެ.“ މީޝާޤު މިހެންބުނުމުނަ ސަމާ އިތުރަށް ހައިރާންވީއެވެ.
”އެކަމަކުވެސް ހެޔޮ. އަހަރެން ބޭނުން ތީ ކާކުތޯ ބަލަން.“ ސަމާއަށް އެއްޗެއް ޝައްކުވި ކަހަލައެވެ.
ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ހަދާފައި މީޝާޤް މާސްކު ނަގާލިއެވެ.
”ނިހާދު!“ ސަމާ ދިޔައީ ސިއްސައިގެންނެވެ.
”އާ! ނިހާދު. ސަމާގެ ހަށިފާރަވެރިޔާ ނިހާދު. ސަމާދެކެ އިންތިހާ ދަރަޖައަށް ލޯބިވި ނިހާދު. އެއަނިޔާވެރިންގެ ކިބައިން ސަމާ ސަލާމަތް ކުރަން އަހަންނަށް މަޖުބޫރުވީ މީޝާޤް ކަމަށް ހެދިގެން ސަމާއާ ވާހަކަ ދައްކަން. ވަރަށް ބޮޑަށް މާފަށް އެދެން“ ނިހާދު ކިޔައިދިނެވެ.
”ކަލޭ ދޯ! ލޯބިވާ، ހަށިފާރަވެރިޔާ… ތީ ހުސްވާހަކަ. ކަލޭ އަހަންނަށް އަނިޔާކުރި ހަދާން ނުވޭތަ؟ އެހެން މީހުންގެ ކިބައިން އަހަރެން ސަލާމަތް ކުރާ ވާހަކަ ދައްކާއިރު އަހަރެން މިއުޅެނީ އަދިވެސް ކަލޭގެ ކިބައިން ސަލާމަތް ނުވެވިގެން. މިފަހަރުވެސް އަހަރެންގެ ފުރާނަ ސަލާމަތްކުރުމުގައި ކަލޭގެ އަމިއްލަ އެދުމެއް އޮންނާނެކަން ޔަޤީން.“ ސަމާ އަނެއް ފަރާތަށް މޫނު އަބުރާލިއެވެ.
”މިއަދު އަހަންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ކިޔަން ސަމާއަށް ހައްޤު. އެކަމަކު އަހަރެން ދައްކާ ވާހަކަވެސް އަޑުއަހާލާ. އަހަރެން ބޭނުން ހުރިހާ ވާހަކައެއް ސަމާއަށް ކިޔައިދޭން.“
ނިހާދު ހުރިހާ ވާހަކައެއް ސމާއަށް ކިޔައިދިނެވެ. ނަދާ ނިހާދުއަށް ވަސްވާސް ދީގެން ސަމާއާއި ޔާން ދުރުކުރަން މަސައްކަތް ކުރިކަމާއި ނިހާދުގެ ހިތުގައި ސަމާއަށްޓަކައި ނަފްރަތް އުފައްދާ ސަމާއަށް ނުކުރާ އަނިޔާއެއްގެ އަދަބަކަށް އޭނަ ފުލުހުންނާ ހަވާލުކުރިކަމެވެ. ޔާން ކައިރީ ނިހާދުގެ ވާހަކަ ދައްކާ ޔާންގެ ހިތުގައިވެސް ނިހާދަށް ނަފްރަތު އުފެއްދި ވާހަކަ އާއި ސަމާއަށް ހަމަލާދޭން މީހުން ފޮނުވީ ނިހާދު ނޫންކަމާއި އެކަން ކުރީވެސް ނަދާކަން ނިހާދު ކިޔައިދިނެވެ. ސަމާ އޮތީ ފެންކަޅިވެފައި ނިހާދުއަށް ބަލަހައްޓައިގެންނެވެ.
ނިހާދުގެ ވާހަކަ ނިމުމުން ސަމާ އަތްޖަހާލިއެވެ.
”ވަރަށް މޮޅު ވާހަކައެއް ތިދެއްކީ. އަހަރެން ޤަބޫލުކޮށްފިން. ހުނ. ކަލޭ ހީކުރީ ތިހުރިހާ ވާހަކައެއް ދެއްކީމަ އަހަރެން ކަލޭގެ ބަސް ޤަބޫލުކޮށް އަލުން އަހަރެންގެ ދިރިއުޅުމަށް ކަލޭ ގެންނާނެ ކަމަށްތަ؟ ތީ ދުވަހަކުވެސް ނުވާނެކަމެއް.“ މަލާމާތުގެ ރާގަކަށް ސަމާ ބުނެލިއެވެ.
”އެހެންވިއްޔާ ކީއްވެ ނަދާ އާއި ޔާން ސަމާއަށް ތިވަރު ބޮޑު އަނިޔާއެއް ތިދިނީ. އަހަންނަށް އެވަގުތު އެތަނަށް ނުދެވުނުނަމަ މިއަދު ސަމާ ދުނިޔޭގައި ނުހުންނާނެ. އަހަރެން މިދެލޮލުން ދެކުނިން ތިބުނާ ލޯބިވާ ޔާން ސަމާ ނަގާ ބެލްކަނިން ވައްޓާލިތަން. ދޮގެއްތަ މީ؟“ ނިހާދު ހުރީ ރުޅިގަދަވެފައެވެ.
”ސަމާއަށް ތިވަރު ބޮޑު އަނިޔާއެއް ދިން ބަޔެއްގެ ދިފާއުގައި އަދިވެސް ވާހަކަ ތިދައްކަނީ. ޤަބޫލުނުކުރެވެންޏާ މޭޒުމަތީ ތިއޮތް ފޯނުން ސަމާގެ މަންމަޔަށް ނޫނީ ބައްޕައަށް ގުޅާފަ ހަޤީގަތް އަހާލަބަ.“ މޭޒުމަތީ އޮތް ފޯނަށް އިޝާރާތްކުރަމުން ނިހާދު ބުނެލިއެވެ.
ސަމާ ބޭނުންވީ ހަޤީގަތް ހޯދާށެވެ. ފޯނު ނަގާ ބައްޕަޔަށް ގުޅާލިއެވެ.
”ހަލޯ! ނިހާދު. ސަމާ ކިހިނެތްތަ. އޭނަޔަށް ހޭވެރިކަން ވެއްޖެތަ؟“ އެކޮޅުން ވާހަކަ ދެއްކީ ސަމާގެ ބައްޕައެވެ.
”ބައްޕާ!“ ސަމާ ގޮވާލިއެވެ.
”ދަރިފުޅާ ސަމާ! މަގޭ ދަރި“ ބައްޕައަށް ރޮވުނެވެ.
”ބައްޕާ ނިހާދު މިދައްކަނީ ކޮންވާހަކައެއް. ކޮއްކޮ!“
”އެއީ ކޮއްކޮ ކިޔަން ހެޔޮވަރުގެ އިންސާނެއް ނޫން. އެއީ ނުބައި ނުލަފާ މީހެއް. އޭނަގެ ނިހާދުގެ ބޮލަށް އެރިގެން ދަރިފުޅާ ނިހާދާ ވަކިކޮށްލީ ދެން ޔާންގެ ބޮލަށް ވަސްވާސް ވައްދައިގެން ދަރިފުޅުގެ އުފާތައް ނިގުޅައިގަތީ. ދަރިފުޅާ. ދަރިފުޅު ކިހިނެއްތަ؟“ ބައްޕަ ދެއްކި ވާހަކަތައް އަޑުއަހާފައި ސަމާއަށް ރޮވުނެވެ. އަތުން ދޫވެގެން ފޯނުވެސް ވެއްޓުނީއެވެ. ނިހާދު ގޮސް ސަމާގެ ކަރުނަތައް ފޮހެދިނެވެ. ސަމާ ނިހާދުގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ނިހާދުއަށް ހީވީ މުޅި ދުނިޔެ އޭނަޔަށް ލިބުނުހެންނެވެ. ސަމާ ރޮމުން ވާހަކަދައްކަމުން ގެންދިޔައެވެ.
”ކޮއްކޮ އަހަންނަށް އެހެން ހެދީ ކީއްވެ. އަހަރެން ކޮއްކޮ ބުނިއްޔާ ބުނި ކޮންމެ ކަމެއް ކޮށްދީގެން ކޮއްކޮ ގެންގުޅުނީ. ދެން ކީއްވެ. ޔާން އަހަންނަށް އެހެން އެހެދީ ކީއްވެ. އަހަރެން ބޭނުން ހުރިހާ ސުވާލެއްގެ ޖަވާބު. ހިނގާ އަހަރެން ގޮވައިގެން.“ ސަމާ ތެދުވާން އުޅުމުން ނިހާދު އޭނަ ހިފެހެއްޓިއެވެ.
”ނޫން ސަމާ. އަދި ސަމާ ރެސްޓުކުރޭ. ސަމާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފަހުރީ. ސަމާއަށް ހޭވެރިކަން ތިވީ ދެމަސްދުވަސް ފަހުން.“
”ކީކޭ! ދެމަސްދުވަހޭ؟“ ސަމާ ހައިރާންވިއެވެ.
”އާ! ދެމަސްފަހުން. ވެއްޓިފަ ބޯ ޖެހުނު ގޮތަކުން ސަމާ ކޯމާގައި އޮތީ މިދެމަސްދުވަހު. އަހަރެން ސަމާ މިގެންގުޅެނީ އެއްވެސް މީހަކަށް ނާންގާ. އެމީހުންވެސް ތިބެނީ ވާނުވާގައި. ސަމާ ވީ ތަނެއް އަދި އެމީހުންނަކަށް ނޭގޭނެ.“
”ކޮބާ މިހާރު އެމީހުން.“ ސަމާ އަހާލިއެވެ.
“ ނަދާ އާއި ޔާންގެ ކައިވެނި އަންނަ މަހުގައި އޮތް ވާހަކަ ބައްޕަ ބުނި.“ ނިހާދު މިހެން ބުނުމުން ސަމާއަށް އިތުރަށް ރޮވުނެވެ.
(ނުނިމޭ)










