Search Streamline Icon: https://streamlinehq.com

ވަފާތެރި މަވީމޭ 20 ވަނަބައި

Wafaatheri maveemey 696x392 (1)

“ އޯހ….މާފުކުރޭ…ފަހަރިކަން އަހަރެން ހަނދާންނެތުނީ…އެކަމު އަހަރެން ހަނދާން އެބަހުރި މިނޫން ގުޅުމެއްވެސް އަހަރެމެންގެ އޮތްކަން…ސަލްމާ ހަމަ ކުޑަކޮށްވެސް ހަނދާނެއް ނުވޭތަ؟..“ މަލާމާތު ޒާތަކަށް ހީލަމުން ހަމްޒާ ބުންޏެވެ.

“ ބޭކާރު ވާހަކަ ނުދައްކާ…ދުރުގަހުރޭ…..“ ހަމްޒާ އޭނާގެ ގާތަށް އަންނަން ފެށުމުން ސަލްމާ އަމުރުކޮށްލިއެވެ.

“ ނުހުންނާނަން ދުރަކު….އަހަރެންނާ ނުބެހިހުރިނަމަ އަހަރެންވެސް މަޑުން ހުރީމުސް….އެކަމު އަމިއްލައަށްދޯ އަހަރެންނާ ދިމާއަށްއައީ…“ ހަމްޒާ ކުރިޔަށްވުރެވެސް ބޮޑަށް ސަލްމާއާ ގާތްވިއެވެ. ކަންބޮޑުވެގެން ސަލްމާ ދާހިއްލާ، ނޭވާވެސް ކުރުވާގޮތްވިއެވެ. މިއީ ހަމްޒާގެ ފަރާތުން މީގެކުރިން ނުދެކޭފަދަ ނުރައްކާތެރި ސިފައެކެވެ.

“ ހަމްޒާ ޕްލީޒް ދޫކޮށްލަބަލަ!…“ އެންމެފަހުން ސަލްމާއަށް ރޮވޭގޮތްވިއެވެ.

“ ސަލްމާ ޝުކުރުކޮށްބަލަ އަހަރެންގެ އުނދަގުލެއްނެތި މިނިވަންކަމާއެކީ މިގޭގަ އުޅެވޭކަމަށްޓަކާ….އަހަރެން އެހާލޯބިން އުޅެނިކޮށް އެއްވެސް ކުށެއްނެތި އަހަރެންނަށް ބޭވަފާތެރިވި މީހެކޭތީ….އޭރު ހިތާވެގެން އުޅުނު ސޮރާ މަންމަމެން ގަބޫލުނުވީމަ، އިންނަންވެސް އެނގުނީ އަހަރެންގެ ބޭބެއާދޯ….އެހެންވީމަ ސަލްމާ އަހަރެންނަށްވުރެ މާކުރީގައެއްނު އުޅެނީ؟….ބުނެބަލަ! މިއަދު އަހަރެން ސަލްމާގެ ކޮއްކޮއާ ހިތާވީމަ، ސަލްމާގެ ހިތަށް ވަރަށް އަސަރުކޮށްފިދޯ؟…“ މަލާމާތުގެ ރާގަކަށް ހަމްޒާ ބުނެލިނަމަވެސް އެލަފްޒުތަކުގައިވަނީ ހިތްދަތި އަސަރެކެވެ.

“ އަހަރެން ނުލިބުނީމަ އެކަމުގެ ބަދަލުތަ ތިހިފަނީ؟..“ ޖެހިލުންވީ ނަމަވެސް ހަމްޒާ ދެރަކޮށްލުމުގެ ގޮތުން ސަލްމާ އަހާލިއެވެ.

“ ނޫނޭ ސަލްމާ…އެއްގޮތަކަށްވެސް އެހެނެއްނޫން…އަމިއްލަ ނަފްސުގެ މައްޗަށް ތިހާ ފަޚުރުވެރިނުވޭ!…އަހަރެން ސަލްމާ ނުލިބިގެން ހިތާމައެއް ނުކުރަން….ހަޤީޤަތުގަ އަހަރެން ސަލްމާ ހޯދާކަށްވެސް ނޫޅެން….އެހެންނޫންނަމަ، ބޭބެއަށްވުރެ ކުރިން ސަލްމާއާ އިންނާނީ އަހަރެން…..އެކަމު އަހަރެންނަށް ބޭވަފާތެރިވީމަ އަހަރެން ވަރަށް ރުޅިއައި….ބަދަލުހިފަންވެސް ބޭނުންވި…ބޭބެއާހެދި އެކަންވެސް ނުވީ…ބޭބެ ތިކަމާ އުޅޭކަން އެނގުނީމަ ދޫކޮށްލީ…..މިހާރު ސަލްމާއަށް ލިބިފަހުރި އަދަބު ވަކި ކުޑައެއްނޫންހެން ހީވަނީ….އެކަމު އަދިވެސް މައިތިރިވެގެން ހުންނަން ނޭނގެންޏާ، އަހަރެންވެސް އަދަބެއްދީފާނަން….“ ނުބައި ޒާތަކަށް ހިނިއައިސްފައިހުރެ ހަމްޒާ ބުނެލިގޮތުން ސަލްމާ ރަނގަޅަށްވެސް ބިރުގަތެވެ.

“ ހަމްޒާ…މާކުރީގެ ވާހަކައެއް ނަގައިގެން ދެއްކުމުގެ މާނައެއްނެތް….އޭރު އަހަރެމެން ދެމީހުންވެސް ހެޔޮވިސްނޭ ވަރަށްވުރެ ކުޑަ….އެކަމު މިހާރު ހަމްޒާވެސް ތިހުރީ ތަޞައްރަފު ފުދި، ހެޔޮ ވިސްނުން ލިބިފަ…ދެން ކީއްވެ ތިގޮތަށް ތިއުޅެނީ؟…ހަމްޒާއަށް އެނގެއެއްނު ޝާނީ ހަމްޒާދެކެ ލޯބިނުވާކަން….ދެން ކީއްވެ ހަމްޒާ ޝާނީގެ ފަހަތުން ތިއުޅެނީ؟…ހަމްޒާދެކެ ލޯބިވާ މީހަކު ހޯދައިގެން އިނދެބަލަ!…އޭރުން މާއުފާވެރި ދިރިއުޅުމެއް ލިބޭނެ…“ ރުޅިވެރިކަން އިސްކޮށްގެން ހަމްޒާގެ ފަރާތުން ކުރި ނުލިބޭނެކަން އެނގޭތީ ސަލްމާބެލީ މަޑުމައިތިރިކަމާއެކުވެސް ވިސްނައިދެވޭތޯއެވެ.

“ ހާދަ މޮޅޭދޯ މީހުންނަށް ނަސޭހަތްދޭންވެސް…..ކީއްވެ އަމިއްލަ ނަފްސަށް ތިނަސޭހަތް ނުދެނީ؟…ގައިމު މާފައިދާ ކުރާނެ…ލޯބިވާ މީހާ ދޫކޮށްލާފަ އައިސް ލޯބިނުވާ މީހަކާ އިނދެގެންވެސް ތިހުރީ ސަލްމާއެއްނު…..އެހެންނޫނަސް ސަލްމާ ހީކުރީތަ، ތިހާލޯބިން އަހަރެންނަށް ނަސޭހަތްދިނީމަ، އަހަރެން ސަލްމާގެ ބަސް އަހައިގެން ބުނެލާހާ ފަސޭހައިން ޝާނީ ދޫކޮށްލާނޭ؟….އަހަރެން ބޭބެއަށްޓަކާ ސަލްމާ ދޫކޮށްލި ނަމަވެސް، ޖިނާހްއަށްޓަކާ ޝާނީއެއް ދުލެއް ނުކުރާނަން…“ ގަދަ އަޒުމާއެކު ހަމްޒާ ބުނެލިއެވެ.

“ ހަމްޒާ ކޮންކަމެއްތަ ސާބިތުކޮށްދޭން ތިއުޅެނީ؟…“ އެންމެފަހުން ސަލްމާއަށް ރޮވޭގޮތްވިއެވެ.

“ އަހަރެންނަށް ކަންކަން ވާކަށް ސާބިތުކޮށްދޭން މިއުޅެނީ!…ނޭނގޭތަ އެކަމެއް؟…އަހަރެން ޝާނީ ހާސިލްކުރާނަން…ސަލްމާ ކިތަންމެ ހިތްވަރެއް ކުރިޔަސް އަހަންނެއް ނުހުއްޓުވޭނެ…“ ހަމްޒާ އިންޒާރެއް ދިނެވެ.

“ ތިމާވަރުގެ މީހެއްނެތްކަން ދައްކަންވެގެން މައުސޫމުކުދިންގެ ދިރިއުޅުން ހަލާކު ކުރެވިދާނެ…އެކަމަކު ކަލެއަށް ދުވަހަކުވެސް ލޯތްބެއް ނުލިބޭނެ….އަހަރެންވެސް ކަލޭދެކެ ލޯބިނުވާތީ ބޭވަފާތެރިވީ….ޝާނީވެސް ކަލެއަށް ނަފްރަތުކުރޭ!…އެކަކުވެސް ކަލޭދެކެ ލޯތްބެއްނުވާނެ….“ ހަމްޒާގެ އިންޒާރަށް ބިރުގަތްނަމަވެސް ރުޅިވެރިކަމާއެކު ސަލްމާ ބުނެލިއެވެ.

ސަލްމާގެ ދުލުން ނުކުތް ބަދު ބަސްތަކުގެ ސަބަބުން ހަމްޒާގެ ހިތަށް ތޫނުތަދެއް ވެގެން ދިޔައެވެ. އެކަކުވެސް އޭނަދެކެ ލޯބިނުވާކަން ޚުދު އޭނާއަށްވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް އެހެންމީހެއްގެ ދުލުން އެފަދަބަހެއް ބުނުމުން ހިތަށް ކުރާ ނުހަނު ބޮޑެވެ. އެބަސްތަކުގެ ސަބަބުން ހިނދުކޮޅަކަށް ނަމަވެސް ހަމްޒާގެ ބަސް ހުއްޓުނެވެ. ހަމްޒާއަށް ވީގޮތް ފެނުމުން ސަލްމާގެ ހިތަށް ކުޑަވަރެއްގެ ތަސައްލީއެއް ލިބުނެވެ. ފުރުސަތުބަލާފައި ހަމްޒާގެ އަތްދަށުން ދެމިގަނެގެން ދާން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ކުއްލިއަކަށް ހަމްޒާ އޭނާގެ ދެކޮނޑުގައި ހިފައި ފާރާތަތްކޮށްލިއެވެ.

“ ކަލޭމެން ތިބުނާ ލޯތްބަކީ އަހަރެން ގަބޫލުކުރާ އެއްޗެއްނޫން…..އެންމެންވެސް ބޭނުންވަނީ ހަމަ އެންމެކަމެއް…އެއަށް ލޯބި ކިޔަސް، ލައްޒަތު ކިޔަސް ވާނީ ހަމަ އެކައްޗަކަށް…ޖެހޭނީ ހަމަ އެއްތާކު….އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީވެސް ތީ…..ސަލްމާވެސް ލޯތްބެއް ނުވަމެއްނު ބޭބެދެކެއެއް….އެކަމު ސަލްމާގެ ފަރާތުން ބޭބެ ބޭނުންވާ ލައްޒަތު ލިބެއެއްނު…އެނިމުނީ“ ހަމްޒާ ދެއްކި މިސާލުގެ ސަބަބުން ސަލްމާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ އަނެއްކާވެސް ހަމްޒާގެ އަތްދަށުން ދާން މަސައްކަތްކުރިއެވެ.

“ ކިހިނެއްވީ؟….ބުނެވުނު އެތި ގޯހީތަ؟….އަނެއްކާ ސަލްމާގެ ފަރާތުން ހަމަ އެއްވެސް ކަމެއް ނުވާތީތަ ބޭބެ ހިލާ އަންހެނުން ގެންގުޅެނީ؟….“ ހިނިގަނޑެއް ޖަހާލަމުން ހަމްޒާބުނެލި ޖުމްލައިން ލަދުވެތިކަމާއި ރުޅި އެކުވެގެން ސަލްމާގެ މޫނު ރަތްވެގެން ދިޔައެވެ. ހަމްޒާގެ ލަދުގެ ކަންފުޅެއްވެސް ނެތޭ އޭނާގެ ހިތަށް އެރިއެވެ.

“ ބުނަންތަ ރަނގަޅު ވާހަކައެއް….އަހަރެން ކުރާ ކަންކަމާ ނުބެހި ދުރުގަހުރޭ!…އެހެންނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ…ތިއީ ބޭބެ އަންހެނުންނަށް ވިޔަސް، އަހަރެން ނުބަލާނަން….އަމިއްލަ އިއްޒަތާ އަބުރު ރައްކާތެރިކުރަން ބޭނުމިއްޔާ އަހަރެންނާ ދުރުގަހުރޭ!…ނޫނީ އަހަރެން އިމުން ބޭރުވެދާނެ…އެހެންނޫނަސް ތިއީ އަހަރެންނާ ގުޅުމެއް  ދުވަހަކު ނުބާއްވާ މީހެއްވެސްނޫނެއްނު!….އެހެންވީމަ އަހަރެންގެ ހިތް ގޯސްވާކަށް ގިނަ ވަގުތެއްވެސް ނުނަގާނެ….އަހަރެންނަށް ކެހިދީފަ އައިސް މިގެއަށް ވަދެހުރީމަވެސް، ބޮނޑިއެއްނުދީ މިހުރީ ލައްކަ ހިތްވަރުން….މިގޭގަ އަހަރެންނަށް ނުވަދެވޭ ކޮޓަރިއެއް ނުހުންނާނެކަން އެނގޭދޯ؟…އެކަމު ދުވަހަކުވެސް ނުވަންނަމެއްނު…އަދި ދުވަހަކުވެސް މިނޫނީ އަތެއްވެސް ނުލަމެއްނު…އެކަމު މީގެފަހުން ތިގޮތަށް އައިސް އަހަރެންގެ ކަންކަމުގެ ތެރެއަށް ވަންނަންޏާ މަޑަކުން ނުހުންނާނަން….ޝާނީވެސް ދޫކޮށެއް ނުލާނަން….ސަލްމާގެ ބޭނުންވެސް ކުރާނަން….ވިސްނިއްޖެތަ؟….“ ހަމްޒާ ވަރުގަދަ އިންޒާރެއް ދިނުމަށްފަހު ސަލްމާ ދޫކޮށްލާފައި ދިޔައިރުވެސް، އެހުރި ތާނގައި ގަނޑުވެފައި ސަލްމާއަށް ހުރެވުނެވެ. ސަހަރޯއެވެ. ގޮތްކުޑަކަމުގެވެސް އިންތިހާއެވެ.

މިހުރިހާ ކަމަކީވެސް އޭނާގެ މޮޔަކަމުގެ ނަތީޖާއެވެ. ހަމްޒާ ޝާނީގެ ފަހަތުން އުޅެން ފެށުމުންވެސް އޭނާހުރީ އޭނާގެ މާޒީ ސިއްރުކޮށްގެންނެވެ. މަންމަމެންނަށް ކިޔައިދޭން ނުކެރުނު ނަމަވެސް ޝާނީއަށް ކިޔައިދެވުން ނަމަ ރަނގަޅެވެ. އޭނާ ހަމްޒާއާއި ލޯބީގެ ގޮތުން ގުޅުނުކަން އޭނާގެ އެންމެގާތް އެކުވެރިޔާ ފިޔަވައި އެކަކަށްވެސް ނޭނގޭނެއެވެ. އެއީ އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައި ކުރެވުނު މޮޔަކަމެކެވެ. އެއީ އެންމެ ތިން މަސް ދުވަހުގެ އުމުރު ކުރު ގުޅުމެކެވެ. އޭނާ އެހުރީ އެކަން ހަނދާން ނައްތާލައިގެންނެވެ. އޭނާ ޔަޤީންކޮށްގެންހުރީ ހަމްޒާވެސް އެކަން ހަނދާން ނައްތާލީ ކަމުގައެވެ. ހާރިޝްގެ ކައިވެންޏަށް އޭނާ އާނބަސް ބުނީވެސް ހަމްޒާގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއްވެސް ނުވާތާ  ހަތަރު އަހަރު ފަހުންނެވެ. ވީއިރު މިއަދު ހަމްޒާ އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ސަލްމާ ދުވެފައިގޮސް ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. ލޮލުން ހޯސްލާފައި ކަރުނަވެސް އޮހެމުން ދިޔައެވެ. ހަމްޒާގެ އަސްލު ސޫރަ އޭނާއަށް މިއަދު ފެނިއްޖެއެވެ. ޝާނީ ބުނިފަދައިން ހަމްޒާއަކީ އޭނާ ހީކުރިވަރަށްވުރެ، ނުބައި މަކަރުވެރިއެކެވެ. ހަމްޒާގެ ހިތުގައި އެއްވެސް އިންސާނަކަށް ރަޙުމެއް ހަމްދަރުދީއެއް ނެތެވެ. އެއީ އަމިއްލަ އެދުންބޮޑު އަނިޔާވެރިއެކެވެ. ހަމްޒާއާއި ކައިވެނިކޮށްފިނަމަ، ޝާނީގެ ދިރިއުޅުން މުޅިން ބަރުބާރުވާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ އަދިވެސް އެކަން ހުއްޓުވަން މަސައްކަތްކުރާނެއެވެ. ހަމްޒާ ކިތަންމެ އިންޒާރެއް ދިނަސް އޭނާ ނުބަލާނެއެވެ.

ރޭގަނޑުގެ ވަގުތެވެ. ސަލްމާ ބަދިގޭގެ ހުރިހާ މަސައްކަތެއް ނިންމައި ބަދިގެއާއި ގޭތެރެވެސް ސާފުކުރުމަށްފަހު ފެންވަރައިގެން އައިސް ނިދަން އޮށޯތެވެ. އޭނާ ބޭނުންވީ އަވަހަށް ނިދާށެވެ. އަދި ފަތިސްވީހާ އަވަހަކަށް ގެޔަށްގޮސް ބައްޕައާއި ބައްދަލުކޮށް ހަމްޒާގެ ވާހަކަ ދައްކާށެވެ. މިއަދުވެސް އުޅެން ޖެހުނުލެއް ބުރަކަމުން ބައްޕައާއި ވާހަކަދައްކާކަށް އޭނާއަކަށް ވަގުތެއް ނުލިބުނެވެ. ބައްޕަގާތު އެވާހަކަ ދެއްކިގެން ނޫނީ ޝާނީގެ ކައިވެނި ހުއްޓުވޭކަށް ނެތެވެ. ބައްޕައަށް ހަމްޒާގެ ހަޤީޤަތް އެނގިއްޖެނަމަ ޔަޤީނުންވެސް އެކަން ވިޔަކަ ނުދޭނެއެވެ. އޭނާ އުއްމީދާއެކީ ލޯމަރާލީ، ފަތިހަށް އިންތިޒާރުކުރަމުންނެވެ.

ގިނައިރުތަކެއްނުވެ ސަލްމާއަށް ހޭލެވުނީ މީހަކު ދޮރުހުޅުވިހެން ހީވެގެންނެވެ. އޭރު ހަމްޒާ ކޮޓަރިއަށްވަދެ ދޮރުލައްޕަނީއެވެ. ހަމްޒާފެނުމާއެކު ސަލްމާއަށް ފުންމައިގެން ތެދުވެވުނެވެ.

“ ހަމްޒާ….“ ބިރުން ސަލްމާގެ ނިދިވެސް ވަގުތުން ފިލައިފިއެވެ.

“ އަހަރެންގެ އިންތިޒާރުގަތަ؟…“ ސަލްމާގެ ގާތަށް އައިސް ހުއްޓެމުން ހަމްޒާ އަހާލިއެވެ.

“ ހަމްޒާ…ނުކުމޭ…“ ކުއްލިއަކަށް އެނދުން ފުންމާލަމުން ސަލްމާ ބާރަށް ބުންޏެވެ. ހަމްޒާ ކުޑަކޮށް ޖެހިލުންވީނަމަވެސް އެކަން ނުދައްކާ ސަލްމާއާ ގާތަށް ޖެހިލިއެވެ.

“ ހަމްޒާ…މިބުނީނު ނުކުންނާށޭ! ހާދަ ގޮތްކުޑަވެގެންނޭ ތިއުޅެނީ…އަހަރެން ހިޔެއްނުކުރަން ހަމްޒާ ތިހާ ގޮތްކުޑަވެދާނެކަމަކަށް.“ ބިރުންހުރެވެސް ހަމްޒާއާ ކުރިމަތީލެވޭތޯ ސަލްމާބެލިއެވެ.

“ ސަލްމާ ހާދަބިރެކޭ ތިގަންނަނީ….އިށީނދެބަލަ! އަހަރެން ނޫޅެމެއްނު ކަމެއްކުރާކަށްވެސް….އަހަރެން ކޮޓަރި މާބޮޑަށް ހޫނުވީމަ  ނުނިދިގެން މިކޮޓަރިއަށް މިއައީ….“ އެނދުގައި އިށީނދެ ހަމަޖެހިލަމުން ހަމްޒާ ބުނެލިއެވެ.

“ ހޫނުވަންޏާ ބޭރު އުނދޯންޔަށްދޭ….ކީއްކުރަން މިތަނަށް ތިއައީ؟…“ ނުރުހިފައި ސަލްމާ ބުންޏެވެ.

“ މިތާގަ ނިދާހިތުން މިއައީ……ސަލްމާ އޮށޯވެބަލަ! ބުނެފީމެއްނު ކަމެއްނުކުރާނަމޭ…..“ ސަލްމާގެ އަތުގައި ހިފާލަމުން ހަމްޒާ ބުނެލިއެވެ. ވަތުގުން ސަލްމާ އޭނާގެ އަތްދަމައިގަތެވެ.

“ ހަމްޒާ ނުކުމެއްޖެނަމަ އަހަރެން ގޮވާނަން މަންމަމެންނަށް….“ ސަލްމާ އިންޒާރެއްދިނެވެ.

“ ކެރެންޏާ ގޮވާ….އޭރުންވެސް ބަދުނާމުވާނީ ސަލްމާ…އެކަން ހަނދާން ބަހައްޓާތި!….އަމިއްލައަށް ބަދުނާމުވާން ބޭނުމިއްޔާ ގޮވަންވީ….“ އެއޮތްގޮތަށް އޮވެ ހަމްޒާ ބުނެލިއެވެ.

“ އަހަރެން ބުނާނަމޭ…ތަޅުދަނޑިން ހުޅުވައިގެން ހަމްޒާ އަމިއްލައަށްވަނީއޭ…..“ ސަލްމާވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ. ކިތަންމެ ބިރުގަތަސް ހަމްޒާ ބުނާގޮތެއް ހަދާކަށްވެސް އޭނާ ބޭނުމެއްނޫނެވެ.

“ އެހެންތަ؟…ތަޅުދަނޑިދިނީވެސް ސަލްމާއޭ އަހަންނަށް ބުނެވޭނެއްނު….އަދި މިއީ އަލަށްވީކަމެއްނޫންކަންވެސް އަހަރެން އެމީހުންނަށް ސާބިތުކޮށްދޭނަން….އަހަރެން ބުނާނަން ވަރަށް ދުވަސްވީ ގުޅުމެކޭމީ…ހެކިވެސް ދައްކާނަން….“ ހަމްޒާގެ ވާހަކަތައް އިވިފައި ސަލްމާ ބިރުގަތެވެ.

“ ގޮތްކުޑަ“ ދަތްކުނޑިވިކާލަމުން ސަލްމާއަށް ބުނެވުނެވެ.

އޭނާ އެކޮޓަރީގައި އިތުރަށް ހުންނާކަށް ގަސްތެއްނުކުރިއެވެ. އިރުއަރާންދެން ސިޓިންރޫމުގައި ހުންނަން ޖެހުނަސް ހަމްޒާއާ އެއްކޮޓަރީގައި އޭނާއެއް ނޯންނާނެއެވެ. އޭނާ އިރުކޮޅަކު ވިސްނަން ހުރެފައި ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެނދުގައި އޮތް ހަމްޒާ ކުއްލިއަކަށް ތެދުވިއެވެ. ސަލްމާ އަވަސް ހަކަރާތަކާއެކު ދޮރުހުޅުވާފައި ނުކުތެވެ. ނަމަވެސް ތަންކޮޅަކަށްވެސް ނުދެވެނީސް ހަމްޒާ ދުވެފައި ނުކުމެ ސަލްމާ ހިފެހެއްޓިއެވެ. ސަލްމާ ހަޅޭއްލަވައިގަންނަން މަސައްކަތްކުރި ނަމަވެސް ހަމްޒާ އެއަށްވުރެ ހުޝިޔާރެވެ. ސަލްމާގެ އަނގަމަތީގައި އެއްއަތްއަޅައި އަނެއްއަތުން ސަލްމާގެ ހަށިގަނޑު ގުޑުވާވެސް ނުލެވޭނެހެން ހިފެހެއްޓިއެވެ. ސަލްމާ އޭނާގެ ދެއަތުން އުޅެގެންވެސް ހަމްޒާގެ އަތް ނެއްޓުވޭ ގޮތެއްނުވިއެވެ. ހަމްޒާ ގަދަބާރުން ސަލްމާގެނެސް ކޮޓަރިއަށް ވައްދަން އުޅުމުން ދޮރުކަނީގައި ދެއަތުން ހިފައި ނުވަންނަން ސަލްމާ ގަދަހެދިއެވެ. ސަލްމާ ހަތަރެއްސްފައިން ގަދަ ހަދަހަދާ ހުއްޓައިވެސް ހަމްޒާ އޭނާގެނެސް ކޮޓަރިއަށް ވެއްދިއެވެ. އަދި ދަމާފައިގެނެސް އެނދުމައްޗަށް ވައްޓާލިއެވެ.

“ ކޮންތާކަށް ދާނަމޭ ހިތާ ތިއުޅެނީ…އޭނ؟….ތިއުޅެނީ އަހަރެންގެ ނުބައިކަން އަންގާނުލައިގެންތަ؟….“ ސަލްމާގެ ގައިމައްޗަށް ޖެހިގަންނަމުން ހަމްޒާ ބުންޏެވެ. އޭރު ބިރުންގޮސް ސަލްމާ ތުރުތުރު އަޅައެވެ. އަނގައިން ބަހެއްބުނަން ދެތިން ފަހަރު އަނގަހުޅުވާލުމުންވެސް އަޑެއް ނުނުކުތެވެ. އޭނާގެ ހިތްތެޅޭވަރުން ހީވަނީ މޭފަޅާ ނުކުމެދާނެހެންނެވެ. ލޮލުން ހޯސްލާފައި ކަރުނަ އަންނަންފެށީވެސް ބޭއިޚްތިޔާރުގައެވެ. ސަލްމާގެ ގައިމަތީގައި އިށީނދެ ދެއަތުގައި ބާރަށް ހިފަމުން ހަމްޒާ ސަލްމާއާ ދިމާއަށް ގުދުވެލިއެވެ. ސަލްމާ ވަގުތުން މޫނު އަނބުރާލިއެވެ.

“ ހީނުކުރާތި އަހަރެންނާ ދެކޮޅަށް ސަލްމާއަށް އެއްވެސް ކަމެއްކުރެވޭނޭ! މިހާރު ތިއޮތީ އަހަރެންގެ އަތްދަށުވެފަ….ސަލްމާގެ ނުރުހުމުގާވެސް އަހަރެން ބޭނުން ކޮންމެ ކަމެއް އަހަރެންކުރާނަން….“ ހަމްޒާގެ މޫނުގައިވަނީ ނުރައްކާތެރި ކުލައެކެވެ.

ސަލްމާއަށް ބަހެއްބުނާނޭ ހިތްވަރެއް ނުލިބުނެވެ. އަޑުންއަޑުނަގާފައި އޭނާއަށް ރޮވުނީއެވެ.

“ ޝްޝްޝް! މާއަޑުގަދަކުރަން ނުހަދާތި!….ތިއަނގައިން އަޑެއްބޭރުވެއްޖެނަމަ މާނުރައްކާވާނެ! ޝާނީއަށް ކުރިވަރެއްވެސްނޫން ކޮށްލާނީކީ…އެނގިއްޖެތަ؟…“ ސަލްމާރޯންފެށުމުން ހަމްޒާ އިންޒާރުދިނެވެ.

ހަމްޒާގެ އިންޒާރުއިވިފައި ސަލްމާގެ އަޑު ވަގުތުން ހިނދިގެން ދިޔައެވެ. ދެލޯމަރައި ތަގުޅިކޮށްގެން އޮވެ ގިސްލާރޮމުން ދިޔައިރު، އޭނާގެ ހިތަށް ބިރުވެރި ޚިޔާލުތައް ވަންނަމުން ދިޔައެވެ. ސަލްމާގެ އަޑުމަޑުވެ، ހިމޭންވުމުން ހަމްޒާ ސަލްމާގެ ގައިމަތިން ފޭބިއެވެ. ސަލްމާ އެގޮތަށް ހިމޭންކަމާއެކީ އިރުކޮޅަކު އޮތުމަށްފަހު އަނެއްކާވެސް ތަންވަޅުބަލާފައި އެނދުން ފުންމާލިއެވެ. އަދި ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ކޮޓަރިން ނުކުމެގެން ދުއްވައިގަތެވެ. ހަމްޒާވެސް ސިހިފައި ތެދުވެ ސަލްމާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އެދިޔަ ބާރުމިނުގައި ގޭގެ މައިދޮރު ހުޅުވާފައި ސަލްމާ ބޭރަށް ނުކުތެވެ. ހަމްޒާވެސް ސަލްމާގެ ފަހަތުން ނުކުތެވެ. ނަމަވެސް ގޯތިތެރެ އަނދިރިކަމުން އޭނާއަށް ހުއްޓެވުނެވެ. ސަލްމާ ދިޔަ ދިމާލެއް ނޭނގިފައި ބަލަން ހުރެވުނެވެ. އޭރު ސަލްމާ ހުރީ ގޭގެ އެއްފަރާތުން ގޯތީގެ ބިއްދޮށު ފަރާތަށް ދެވެންއޮންނަ ހަނި ގޯޅިތެރެއަށްވަދެ ފިލައެވެ.

ގޯތިތެރެއިން ސަލްމާގެ ހިލަމެއްނުވުމުން ، ސަލްމާ ދާނީ އޭނާގެ ގެޔަށް ކަމުގައި ބަލާފައި ހަމްޒާ މަގުމައްޗަށް ނުކުމެ، އެގެއަށް ދިއުމަށްތަކައި މިސްރާބު ޖެހިއެވެ. ހަމްޒާގެ އަޑެއްބަޑެއް ނީވުމުން ސަލްމާ އޭނާ ފިލާއިންތަނުން ނުކުތެވެ. ސަލްމާ ހީކުރީ ހަމްޒާވަނީ ގޭތެރެއަށް ކަމަށެވެ. އެހެންކަމުން އޭނާ ގަސްތުކުރީ މަންމަމެންގެ ގެޔަށް ދިއުމަށެވެ. މަގުތައް އަނދިރިކަމުން ބިރުންހުރެވެސް އޭނާ ގެޔަށް ދިއުމަށްޓަކައި މިސްރާބުޖެހިއެވެ. އޭނާ މިރެއިން މިރެއަށް ބައްޕައަށް ހަޤީޤަތް ކިޔައިދޭން ބޭނުންވެއެވެ. ހަމަ މިރޭ ހަމްޒާގެ ހަޤީޤަތް އޭނާ ހާމަކުރާނެއެވެ. އެވިސްނުމުގައި ހުރެގެން މަގުގެ ދެކޮޅު ހޯދަމުން ސަލްމާދިޔައެވެ. ސަލްމާގެ މަންމަގެ ގޭދޮށުގައި ހަމްޒާ ހުންނަތާ އެތައްއިރެއްވީއިރުވެސް ގޭތެރެއިންވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. އެހެންކަމުން ސަލްމާ އެގެއަށް ނާންނަނީކަން ހަމްޒާއަށް ޔަޤީންވިއެވެ.

އެހެންކަމުން އޭނާ އަނެއްކާވެސް ގެޔާދިމާއަށް މިސްރާބު ޖެހިއެވެ. އޭނާ ބޮޑުމަގުން ހިނގަމުން ގޮސް މިސްކިތާ ހަމައަށް ދެވުނުތަނާ މީހަކު އަންނާތީ ފެނިއްޖެއެވެ. އެއީ ސަލްމާކަން އަނދިރީގައިވެސް އޭނާއަށް އެނގުނެވެ. ސަލްމާއަށް އޭނާ ނުފެންނަކަންވެސް އޭނާއަށް ޔަޤީންވިއެވެ.  މިސްކިތާއި އިންވެގެން އޮތް ސަހަރާއަށް ވަންނަން ހުންނަ ދޮރުކައިރީގައި ހަމްޒާ ފިލާހުއްޓައި ސަލްމާ އެހިސާބަށް އަރާހަމަކުރުމާއެކު ހަމްޒާ ކުއްލިއަކަށް ސަލްމާގެ އަތުގައި ހިފިއެވެ. އެއާއެކު ސަލްމާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އޭނާ ހީކުރީ އޭނާގެ އަތުގައިހިފީ ރޫހާނީ އެއްޗެއް ކަމަށެވެ. ބިރުން ގޮސް ވަގުތުން ސަލްމާ އަނބުރައިވެސް ގަތެވެ. ހަމްޒާ އަވަސް ހަރަކާތާއެކު ސަލްމާ އޭނާގެ އަތުތެރެއަށް ގެނެސް ވެއްޓުނަނުދީ ހިފެހެއްޓިއެވެ.

“ ސަލްމާ! ސަލްމާ…“ ހަމްޒާ ހާސްވެގެން ސަލްމާއަށް ގޮވަންފެށިއެވެ. ނަމަވެސް ސަލްމާގެ އެއްވެސް ޚަބަރެއްނުވިއެވެ.

“ މިޖެހުނީ ކިހާދެރަކަމެއް….“ ހަމްޒާ އޭނާގެ އަތްދަނޑިމައްޗަށް ސަލްމާ ނަގައިގަނެގެން ގެޔާދިމާއަށް މިސްރާބުޖެހިއެވެ.

އެހާދުރުން ސަލްމާ ގެންނަންވުމުން، ގެޔަށް އާދެވުނުއިރު އޭނާހުރީ ދެވަރުން އެއްވަރު ވެފައެވެ. އޭނާ އައީވެސް ވަރުބަލިފިލުވަން ތަންތަނަށް ހުއްޓެމުންނެވެ. މަގުމަތިން މީހަކާ ދިމާނުވިކަންވެސް ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ސަލްމާގެނެސް، ސަލްމާގެ ކޮޓަރި އެނދުގައި މަޑުމަޑުން ބޭއްވިއެވެ. އަދިވެސް ސަލްމާ ހެޔެއްނާރައެވެ. ސަލްމާ މާބޮޑަށް ބިރުގަތީއެވެ. ހަމްޒާ ފެންތައްޓެއް ހިފައިގެން އައިސް ސަލްމާގެ މޫނުގައި ފެން އުނގުޅިއެވެ. އެވަރުންވެސް ހޭނޭރުމުން ފިޔައެއް ފަޅާލައިގެން ގެނެސް ނޭފަތުގައި ޖެއްސިއެވެ. ސަލްމާގެ ހަށިގަނޑު ފިނިވެފައި އޮތުމުން ހަތަރެސްފައި ހޫނުވެސް ކުރިއެވެ. އޭނާ އެހުރިހާ މަސައްކަތެއްކުރިފަހުން ސަލްމާ ހޭއެރީ ފަތިސްވާން އުޅެނިކޮންނެވެ. އޭރު ހަމްޒާއިނީ ނިދިއައިސްގެން ތާއްޔާ ޖެހިޖެހިއެވެ. ހަމްޒާ ސިހުނީ ސަލްމާ ހަޅޭއްލަވައިގަތުމުންނެވެ.

“ ސަލްމާ ހަމަޖެހިބަލަ!….ހަމަޖެހިބަލަ!…“ ސަލްމާ ބިރުން ވަށައިގެން ކޮޓަރިތެރެ ހޯދަން ފެށުމުން ހަމްޒާ ބުންޏެވެ.

“ އަން…ފެންބޯލާ!…“ ކައިރީގައިހުރި ފެންތަށިނަގާ ސަލްމާގެ ތުނބުގައި ހަމްޒާ ބުންޏެވެ. ނަމަވެސް ސަލްމާ އަނެއްކާވެސް ހޭނެތުނީއެވެ.

“ ޔާރައްބީ! ސަލްމާއަށް ކިހިނެއްތަމިވީ؟….“ ސަލްމާ ދެވަނަ ފަހަރަށް ހޭނެތުމުން ހަމްޒާ ނުހަނު ބިރުގެންފިއެވެ. އޭނާ ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. މަންމަމެންނަށް ގޮވަންވީބާއޭވެސް ހިތަށްއެރިއެވެ. ސަލްމާއަކީ އަބަދުވެސް ރޫޙާނީ ކަންކަމަށް ނުހަނު ބިރުގަންނަ މީހެއްކަން ކުރިންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ބިރުންގޮސް މިހާވަރު ވެދާނެކަމަކަށް ފަހަރެއްގައިވެސް އޭނާހިޔެއް ނުކުރެއެވެ. ހަމްޒާ ފަތިސްވާންދެން ސަލްމާގެ ގާތުގައި މަޑުކުރިއެވެ. ފަތިސްވުމުން ހަމްޒާގެ މަންމަ ހޭލައިގެން ސަލްމާ ހޯދަން އަންނާނެކަން އެނގޭތީ އެކޮޓަރީގައި މަޑުކުރަން ނުކެރިގެން އޭނާ، އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭނާ އެނދުގައި އޮށޯވެ އޮތްނަމަވެސް ލޮލަކަށް ނިންޖެއްނައެވެ. ސަލްމާއަށް ވާނުވާ ބަލާފައި ނޫނީ އޭނާއަށް ނިދޭކަށް ނެތެވެ. ދަމަކަށް އިރުއެރިފަހުން ހަމްޒާ ކޮޓަރިން ނުކުތެއެވެ. އޭރު އޭނާގެ މަންމަ މީހަކާ ވާހަކަދައްކާ އަޑުއިވެއެވެ.

“ މިހާ ލަސްވަންދެއް ސަލްމާ ނިދާކަށް ނޯންނާނެ…މަ ގޮވާ ގޮވާވެސް އަޑު ނީވުނީމަ މަޑުމަޑުން މިކޮޓަރިއަށް އައިސް ބަލާލީ…..މުޅިކުއްޖާ އޮތީ ހުމާ ފިހި ފިހި….އެހެންވެ އަހަރެން ޖަމީލުގާތު ބުނީ އާބިދާ ގެންނާށޭ….“ ހަމްޒާގެ މަންމަގެ އަޑު ސަލްމާގެ ކޮޓަރިން އިވެއެވެ. ހަމްޒާ ޖެހިލުންވެހުރެ ގޮސް މަޑުމަޑުން ސަލްމާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު އާބިދާ އުޅެނީ ފޮތިގަނޑެއް ތެތްމައިގެން ސަލްމާގެ ހުންމަޑުކުރާށެވެ.

“ ދަރިފުޅާ ހާދަ އަވަހަކަށް ހޭލައިގެން ތިއުޅެނީ؟…“ ހަމްޒާ ފެނުމުން އޭނާގެ މަންމަ އެހިއެވެ.

“ ކިހިނެއްވީ ފަހަރިއަށް؟…“ މަންމަކުރި ސުވާލުގެ ބަދަލުގައި ހަމްޒާ އެހިއެވެ.

“ މިއުޅެނީ ސަލްމާ ހުންއިސްގެން….ވަރަށް ހުންގަދަ….ތަނެއްދޮރެއް ނޭނގޭ…“ ހަމްޒާގެ މަންމަ އެހެންބުނެފައި އެކޮޓަރިން ނުކުތެވެ.

“ ސަލްމާހޭނެތިފަތަ އޮތީ؟…“ ހަމްޒާއަށް އެސުވާލު ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

“ ނޫން…ހެޔެއް ނުނެތެއޭ..ހުންގަދަކަމުން ވާނުވާ ނޭނގެނީ..“ މާބޮޑު ވިސްނުމެއްނެތި އާބިދާ ބުނެލިއެވެ.

ސަލްމާއަށް ލޯހުޅުވާލެވުނީ އޭނާގެ ބޮލުގައި މީހަކު ފެންހާކާތީއެވެ.

“ ނޫން…ނޫން…ދުރަށްދޭ!…“ ކުއްލިއަކަށް ސަލްމާ އާބިދާގެ އަތް ފޮޅުވާލިއެވެ.

“ ދަރިފުޅާ ސަލްމާ! ލޯހުޅުވަބަލަ މީ މަންމައޭ….“ ސަލްމާގެ ބޮލުގައި ފިރުމާލަމުން އާބިދާ ބުންޏެވެ. ސަލްމާ ގަދަކަމުން ކަހަލަ ގޮތަކަށް ލޯހުޅުވާލިއެވެ. މަންމަ ފެނުމާއެކު ވަގުތުން އޭނާއަށް ރޮވުނެވެ. ކުއްލިއަކަށް ރޭގެ ހާދިސާ އޭނާ ހަނދާންވިއެވެ. ހަމްޒާގެ ނުބައިކަމުގެ ވާހަކަ މަންމަގާތު ބުނަން އޭނާ ބޭނުންވިއެވެ.

“ އަވަހަށް މިމައިލޯތަށި ބޯލައިގެން ބޭސްކާން އުޅޭ….“ އާބިދާ މައިލޯތައްޓެއް ސަލްމާގެ ތުނބުގައި ޖައްސާލިއެވެ. ސަލްމާ ވަރަށް ހިތްވަރުން މައިލޯތަށި ބޯލިއެވެ.

“ އިއްޔެވެސް ނުލާހިކު ރަނގަޅަށްހުރެފަ ހަމަކުއްލިއަކަށް ކީއްވެ ހުންއައީ؟…“ ސަލްމާގެ އަތަށް ބޭސްގުޅަލައިދެމުން އާބިދާ އެހިއެވެ. ހަމްޒާހުރީ ސަލްމާދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

ނުނިމޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *