Search Streamline Icon: https://streamlinehq.com

ވަފާތެރި މަވީމޭ 21 ވަނަބައި

Vafaatheri maveemey

“ މަންމާ ރޭގެ..ރޭގަ…“ ސަލްމާ އެހިސާބަށް ބުނެފައި ހުއްޓާލީ ކޮޓަރި ދޮރުމަތީގައިހުރި ހަމްޒާ ފެނުމުންނެވެ.

“ ރޭގަ ކިހިނެއްތަވީ؟…“ އާބިދާ ސުވާލުކޮށްލިއެވެ.

“ ބިރުވެރި ހުވަފެނެއް ފެނުނީ….“ އެންމެފަހުން ސަލްމާ ބުނެލިއެވެ.

ސަލްމާ ބޭސްގުޅަ ކާލައިގެން ހިމޭންކަމާއެކު އޮށޯތެވެ. ރޭގައި ހިނގާދިޔަ ކަންތައް އޭނާގެ ހިތަށް ސިފަވިއެވެ. ރޭގައި ހަމްޒާގެ ކިބައިން ސަލާމަތްވާވެގެން ބޭރަށް ދިއުމުން ސަހަރާ ކައިރިން އޭނާގެ އަތުގައި އެއްޗެއް ހިފިކަން އޭނާއަށް އެނގެއެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގެއެވެ. ގެޔަށް އާދެވުނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.  އެހަނދާންވުމުންވެސް އޭނާ ބިރުގަތެވެ. މަންމައަށް އެވާހަކަތައް ކިޔައިދޭން ބޭނުންވި ނަމަވެސް އެހައި ހިތްވަރެއް އޭނާގެ ނެތެވެ.

“ ދަރިފުޅާ…ތާކު ރިއްސަނީތަ؟…ތާކު ރިއްސަނީތަ؟…“ އޭނާ އޮތްގޮތުން އާބިދާ އެހިއެވެ.

“ މުޅި ގައިގަ ރިއްސާއެބަ….“ ސަލްމާ މަޑުމަޑުން ޖަވާބުދިނެވެ. ރޭގައި ހަމްޒާގެ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރުމުން ގައިގެ އެތަން މިތަނަށްވަނީ އަނިޔާވެފައެވެ. ހަމްޒާ އޭނާގެ ގައިގާ ހިފަހައްޓާފައިވާ ތަންތަނުގައިވެސް ރިއްސަމުން ދިޔައެވެ. ސަލްމާ ލޯމަރައިގެން އޮތީ އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވެފައެވެ.

“ މަންމަ އަންނާނަން ގެޔަށް ގޮސް ބައްޕައަށް ކާންދީފަ….ޝާނީވެސް ރޯގާޖެހިގެން އުޅެނީ….އެހެންވީމަ އެމަންޖެއަށްވެސް ކަމެއްނުވޭ….“ ސަލްމާގެ ބޮލުގައި ފިރުމާލަމުން އާބިދާ ބުނެލިއެވެ.

“ ނޫން…މަންމަ މަޑުކޮށްބަލަ!…“ އާދޭހުގެ ރާގަކަށް ސަލްމާ ބުނެލިއެވެ.

“ ދަރިފުޅާ…ހިތްވަރުކޮށްބަލަ! ތިއީ އެއްއިރެއްގަވެސް ފިނޑި ކުއްޖެއް ނޫނެއްނު….މަންމަ ފަހުން އަންނާނަން…“ އާބިދާ ތެދުވިއެވެ.

“ މަންމާ…އަހަރެން އެކަނި އޮންނަން ބިރުގަނޭ….“ މޮޅިވެރި އަޑަކުން ސަލްމާ ބުނެލިއެވެ.

“ އަހަރެން މިހުރީނު…އަހަރެން މަޑުކޮށްފާނަން ފަހަރިގާތު….އާބިދައްތަ ދޭގެޔަށް….“ އާބިދާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް އެތެރެއަށް ވަންނަމުން ހަމްޒާ ބުނެލިއެވެ. އެވަގުތު ސަލްމާއަށް ދަތްކުނޑިވިކާލެވުނެވެ.

“ ކޮބާ؟ އެހުރީނު ހަމްޒާވެސް…..މަންމަ އަންނާނަން ހަވީރުން….“ އާބިދާ އެހެންބުނަމުން ކޮޓަރިން ނުކުތެވެ. ސަލްމާ ވީފޫހިން ހަމްޒާއާ ފުރަގަހަށް އެނބުރުނެވެ.

“ އަހަރެން ހީކުރީ ރޭގަ ދިޔަގޮތަށް ނާންނާނެކަމަށް…..ކޮންއިރަކުތަ ގެޔަށް އައީ؟…“ ހަމްޒާ ހަމަ ގަސްތުގައި ނޭނގޭކަމަށް ހަދަމުން ބުންޏެވެ. އޭނާ ބޭނުންވީ ރޭގައި ސަލްމާ ހޭނެތުނުފަހުން ވީ އެއްވެސްކަމެއް ހަނދާންހުރިތޯ ބަލާށެވެ. ނަމަވެސް ސަލްމާ ޖަވާބެއް ނުދިނެވެ. ސަލްމާ އަނގައިން ނުބުނެ އޮންނަން ފެށުމުން ހަމްޒާގެ ގާތަށް ރުޅިއައެވެ. އޭނާ ކުއްލިއަކަށް ތެދުވެގެން ގޮސް ދޮރުތަޅުލިއެވެ. އެއަޑަށް ސަލްމާ ބަލާލިއެވެ.

“ ހަމްޒާ މިތަނުންދޭ!….“ ހަމްޒާ ދޮރުތަޅުލާފައި އެނބުރި އަންނަން ފެށުމުން ސަލްމާއަށް ބުނެވުނެވެ.

“ އަހަރެން ދައްކާ ވާހަކަ އަޑު ނީވިގެންތަ ތިއޮންނަނީ؟…ހީނުކުރާތި ތިހެން ބަހެއް ނުބުނެ އޮވެގެން އަހަރެން ކުރަން އުޅޭކަމަކަށް ހުރަސްއެޅޭނޭ….ސަލްމާގެ މަންމަ އަޔަސް ނޫނީ ބައްޕަ އަޔަސް މަށޭ ކިޔައިގެން އެންމެ ލަފްޒެއްވެސް ބުނެގެން ނުވާނެ….“ ސަލްމާގެ ގާތުގައި އިށީނދެ، ސަލްމާގެ އަތުގައި ހިފައި މަގަތަށް އަނބުރާލަމުން ހަމްޒާ ވާހަކަދެއްކިއެވެ.

“ ހަމްޒާ މިތަނުންދޭ!…“ ރޮވިފައިވާ އަޑަކުން ސަލްމާބުނެލިއެވެ.

“ ނުދާނަން….ހުވާކުރޭ އެއްވެސް މީހެއްގާތު އެއްވެސް އެއްޗެއް ނުބުނާނަން ކަމަށް…ﷲ ގަންދީ ހުވާކުރޭ!…“ ހަމްޒާ އަމުރުކުރިއެވެ.

“ ނުބުނާނަމޭ….އެއްވެސް މީހަކު ގާތު ނުބުނާނަން…ދެން ދޭ….“ އަވަހަށް ހަމްޒާ ފޮނުވާލަން ސަލްމާ ބޭނުންވިއެވެ.

“ ތިވަރަކުން ނުފުދޭ…މަޑުކުރޭ!…“ ހަމްޒާ ތެދުވެގެން ގޮސް ސަލްމާގެ ރީތިވާ މޭޒުމަތީގައިވާ ފޮތްގޮނޑީގައި އޮތް މުސްހަފު ހިފައިގެން އައެވެ.

“ ދެން ހުވާކުރޭ!….“ ހަމްޒާ އަނެއްކާވެސް އަމުރުކޮށްލިއެވެ.

“ ވުޟޫނެތި ތިއަކު އަތެއްނުލެވޭނެ….ތިބާއްވާ…“ ސަލްމާ އެނދުނެވެ. ހަމްޒާ ގޮސް މުސްހަފު ބާއްވާފާ އެއައި ގޮތަށް އައިސް ސަލްމާގެ ގައިމައްޗަށް ޖެހިގަތެވެ. ސަލްމާގައިގާ ލައިގެން އޮތް ބެޑްޝީޓްވެސް ދަމައިގަތެވެ. އަދި ސަލްމާގެ ހަރުވާޅުގައި ހިފައި ލަތްކެއްޖެހުމާއެކު ފައިގެ ކަށިމައްޗަށް ހަމައަށް ތިރިވެގެން ދިޔައެވެ. އެވަގުތު ސަލްމާ ރޮއެގަތެވެ. އޭނާ އާދޭސްކުރިއެވެ. ނަމަވެސް ހަމްޒާއެކޭ ބީރެކޭ އެއްފަދައެވެ. ރޯމާ ދުވާލު، ގޭތެރޭގައި މީހުން އުޅެނިކޮށްވެސް ހަމްޒާ ޖެހިލުމެއް ނުވިއެވެ. ސަލްމާގެ ނަސީބުދެރަކަމުން އެއަޑު އަހާނެ އިތުރުމީހަކުވެސް ނެތީއެވެ. ހަމްޒާގެ ގޮތްކުޑަކަން އޭގެ އިންތިހާއަށް ދިއުމުން ސަލްމާ ހުވާކުރަން އެއްބަސްވިއެވެ. ވުޟޫވެސް ނެތި މުސްހަފުގައި އަތްލައި އޭނާހުވާކުރިއެވެ.

“ ހަނދާންކުރާތި ތިކުރެވުނީ ހުވައެއް….ތިހުވަޔާ ޚިލާފުވެއްޖެ ނަމަ އޭގެ އަދަބު ވަރަށް ހިތިވާނެ….“ ހަމްޒާ ފަތަހައިގެން ހިނިތުންވުމެއް މޫނަށް ވެރިކޮށްގެންހުރެ ބުނެލިއެވެ. އޭނާ އެ ބޭނުންކުރީ އެންމެ ފަހު ހަތިޔާރެކެވެ. ދެން ސަލްމާއަކަށްވެސް އަދި ޝާނީއަކަށްވެސް އޭނާއާ ޚިލާފަށް ބަހެއް ބުނާކަށް ނުކެރޭނެއެވެ.

ހަމްޒާ އެކޮޓަރިން ނުކުމެގެން ދިޔައީ ހިތްހަމަޖެހިގެން ހުރެއެވެ. ސަލްމާ އެތައްއިރަކު ރުޔެވެ. ހަމްޒާއާ ހަނގުރާމަކޮށްގެން އޭނާ ބަލިވެއްޖެއެވެ. އޭނާގެ ހިތްވަރު އެލިއްޖެއެވެ. ހަމްޒާއަކީ ކިހާ ނުރައްކާތެރި އިންސާނެއްކަން މިއަދު އޭނާއަށް ވަޒަން ކުރެވިއްޖެއެވެ. ހާރިޝްއަކީ ހަމްޒާއާ އެއްލޭ ހިނގާ މީހަކަށްވީ ނަމަވެސް ހާރިޝްއަކީ ހަމްޒާފަދައިން އަނިޔާވެރިއެއް ނޫނެވެ. އޭނާގެ ފިރިއެއްގެ މަޤާމުގައި ހުރެވެސް ދުވަހަކުވެސް އޭނާގެ ނުރުހުމުގައި އޭނާގެ ގައިގާ އަތެއްނުލައެވެ. އޭނާއަށް ތަދުވެދާނެފަދަ ކަމެއްވެސް ނުކުރެއެވެ. ހަމްޒާއަކީ ނުބައި ޝައިތޯނެކެވެ. އެއީ އިންސާނެއްގެ ސިފައިގައިހުރި އިފުރީތެކެވެ.

އޭގެ ތިންދުވަސްފަހެވެ. މިއަދަކީ ޝާނީއާއި ހަމްޒާގެ ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހެވެ. އެކަމާ ވިސްނޭވަރުން ރޭވެސް ޝާނީގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާ ހަމްޒާއާ އިންނާކަށް ބޭނުމެއްނޫނެވެ. ޝާނީ ހީކުރީ ސަލްމާ ހިތްވަރުކޮށްފައި މަންމަމެން ގާތުގައި ހަމްޒާގެ ވާހަކަ ބުނާނެ ކަމަށެވެ. ސަލްމާގެ ފަރާތުން ފެނުނު ހިތްވަރުން ޝާނީހުރީ އެކައިވެނި ހުއްޓުވިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންތައްވީ އޭނާހީކުރިގޮތާއި މުޅިން އިދިކޮޅަށެވެ. ހަމަ ކުއްލިއަކަށް ސަލްމާ ބަލިވީއެވެ. އަދި ސަލްމާގެ މިޖާޒްވެސް މުޅިން ބަދަލުވީއެވެ. ކުރީގައި އަބަދު ވާހަކަ ދައްކަ ދައްކާހުންނަ ސަލްމާ މިހާރު ހުންނަނީ މުޅީން ހިމޭންވެފައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ.

އެކައިވެނި ހުއްޓުވޭނޭގޮތެއް ވޭތޯ އޭނާ ދުޢާކުރަމުން ދިޔައެވެ. ކައިވެންޏަށް ތައްޔާރުވުމަށްޓަކައި ފެންވަރަން ވަތް  ވަގުތުވެސް އޭނާ ބޭނުންވީ ފިލާށެވެ. ހަމްޒާގެ އަނތްބަކަށް ވާކަށް އޭނާބޭނުމެއް ނޫނެވެ. ނަމަވެސް އެއީ ކިހާ ބޭކާރުކަމެއް އޭނާވަނީ ކުރިންވެސް ތަޖުރިބާ ކޮށްފައެވެ. ފެންވަރަން ހުރެ އޭނާ ރުޔެވެ. މިއަދަކީ އޭނާ އެންމެ ލޯބިވާ މީހާއާ އުމުރަށް ވަކިވާންޖެހޭ ދުވަހެވެ. އޭނާ އެންމެ ނަފްރަތުކުރާ މީހާގެ މިލްކަކަށް ވާންޖެހޭ ދުވަހެވެ. މިއީ ކޮންފަދަ މަޖުބޫރެއް ހެއްޔެވެ؟ އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ ހަމްޒާގެ އަނތްބަކަށްވެގެން ހުރެ،ޖިނާހްގެ ކުރިމަތީގައި އޭނާ އުޅެނީ ކިހިނެއް ހެއްޔެވެ؟ އެމޫނު ފެންނަ ހިސާބުގައިހުރެ، އެހިނިތުންވުން ނުދެކި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެލޯތްބާއި ނުލައި އޭނާ ދިރިހުންނާނީ ކިހިނެއް ހެއްޔެވެ؟ އެ ވޭން އުމުރަށް ތަޙައްމަލް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކަރުހިއްކައިގެންފައިވާ މީހަކު ފެންކޯރެއްގެ އައްސޭރީގައި ފެންނުބޮއެ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ ކުޅަދާނަ ކަމެއްނޫނެވެ. އެގޮތުގައި އުޅުމަށްވުރެ މަރުވުންވެސް މާ ރަނގަޅޭ އޭނާގެ ހިތަށްއެރިއެވެ. އެޚިޔާލު ހިތަށްއަރުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ ދާދި ކައިރީގައިހުރި ލައްފިލުވާ ފުޅިއެވެ. އޭނާ އިރުކޮޅަކު އެފުޅިއަށް ބަލަންހުރެފައި ނެގިއެވެ. އަދި ފުޅީގެ މަތިނަގާފައި އެބޯލަން ދިމާކޮށްލިއެވެ. ނަމަވެސް އޭގައި ދުވި ގަދަވަހުގެ ސަބަބުން އެބޯކަށްވެސް ނުކެރުނެވެ. އެހެންގޮތެއް ހޯދަންވީއޭ ހިތައި ފުޅި ބެހެއްޓި ވަގުތު، ބައްޕަ ގެންގުޅޭ ރޭޒަރ ފެނުނެވެ. އޭގެ ތިލަ ނައްޓާލާފައި އަތުގައި ޖައްސާލަމުން އޭނާ ލޯމަރާލިއެވެ. ތިލައަށް ބާރުކޮށްލާފައިވެސް، އަތްކެނޑުމުން ވޭންއަޅާނެވަރު ހިތަށްއަރާފައި އަތްކަނޑާލާކަށްވެސް ނުކެރުނެވެ. އަމިއްލައަށް މަރުވާމީހުން ދާނީ ސީދާ ނަރަކައަށޭ މީހަކު އޭނާގެ ކަތްފަތް ކައިރީގައި ބުނިހެންވެސް ހީވިއެވެ. އެއާއެކު އޭނާ ރޭޒަރު ތިލަވެސް އެއްލާލިއެވެ. ހުރިދިމާއަށް ތިރިވެ އޭނާއަށް ގިސްލާރޮވުނެވެ. އެގޮތުގައި އޭނާ އިންދައި މަންމަ ގޮވާއަޑުއިވުމުން އޭނާ ލޯހުޅުވާލިއެވެ.

“ އަނެއްކާވެސް އެއްކަލަ މަންޖެ ފިލީތަ؟…މިހާރު ފެންވަރަން ވަތްފަހުންވެސް ކިހާއިރެއްވެއްޖެ…“ އާބިދާ ބުނާއަޑު އިވުނެވެ. ޝާނީ އަވަސް އަވަހަށް ތަޅުންމަތިން ތެދުވެ ވަޅުތެރެއަށް ދާނިގަންބާލުމަށްފަހު ފެންދާންޏެއް ނެގިއެވެ.

“ އެއިވެނީނު ފެންވަރާއަޑު….އާބިދާގެ ކަންތައްވެސް ހާދަބޮޑޭ….“ އާބިދާއާ ދިމާއަށް އަލީ ބުންޏެވެ.

ފެންވަރައިގެން ކޮޓަރިއަށް ގޮސްހުރެވެސް އޭނާ ވިސްނިއެވެ. ކުއްލިއަކަށް އޭނާއަށް ޚިޔާލަށް އައެވެ. އޭނާ ލިޔަން ގެންގުޅޭ ފޮތްނެގިއެވެ. ހަމްޒާ ކަންތައްކުރިގޮތް ތަފްސީލުކޮށް ލިޔުނެވެ. އަދި އެގަނޑު ކަނޑާލާފައި ފަތްޖަހާލިއެވެ. މިހުރިހާ ދުވަހު އޭނާއަށް އެޚިޔާލުނައީ ކީއްވެބާއެވެ. ދުލުން ބުނަން ނުކެރުނު ނަމަވެސް ލިޔެފައި އޭނާއަށް މަންމަމެން ގާތު ބުނެވުނީސް ނޫން ހެއްޔެވެ؟ މަންމަ އަންނާނެ އިރަކަށް އޭނާ އިންތިޒާރުގައި ހުއްޓައި  އޭނާ ކޮބައިތޯ ބަލަން މަންމަ ކޮޓަރިއަށް އައި ވަގުތު އޭނާ އެކަރުދާސްގަނޑު މަންމައަށް ދިނެވެ.

“ މިކޯއްޗެއް؟..“ ހައިރާންވެފައި އާބިދާ އެހިއެވެ.

“ ބައްޕައަށް ދީބަލަ ޕްލީޒް “ އާދޭހުގެ ރާގެއްގައި ޝާނީ އެދުނެވެ.

“ މިކޯއްޗެއްހޭ….؟“ އާބިދާ އަނެއްކާވެސް އެހިއެވެ.

“ މަންމަ ކިޔާބަލަ…އޭރުން އެނގޭނެ…ބައްޕައަށްވެސް ދައްކަބަލަ!…“ ހިތްއަވަސްވެފައި ޝާނީ ބުނެލިއެވެ.

“ މަންމަ މި ކިޔާނަން ފަހުން….ޝާނީ ތައްޔާރުވެބަލަ!“ އާބިދާ އެބަލާވެސް ނުލާ ބުނެލިއެވެ.

“ ނޫން މަންމާ މިހާރު ކިޔާބަލަ! ހެޔޮނުވާނެ…“ މަންމަގެ އަތުގައި ހިފަމުން ޝާނީ އާދޭސްކުރިއެވެ. ޝާނީ ކުރު ނުކުރުމުން އާބިދާ އެކަރުދާސްގަނޑު ހުޅުވާލިއެވެ. އަދި އަވަސް ނަޒަރެއް ހިންގާލަމުން ކިޔާލިއެވެ. އާބިދާއަށް އެކަމުން ވަރަށްބޮޑު ހައިރާންކަމެއް ލިބުނެވެ. ޝާނީ ކުއްލިއަކަށް ހަމްޒާއާ އިންނަން އެއްބަސްވި ސަބަބުވެސް އޭނާއަށް އެނގުނެވެ. ނަމަވެސް އާބިދާ އެއްވެސް އެއްޗެއް ނުބުނެ ކަރުދާސްގަނޑު ފަތްޖަހާލާފައި ޖީބަށްލިއެވެ.

“ މަންމާ….އަހަރެން ހަމްޒާއާ އިންނާކަށް ބޭނުމެއްނުވޭ….އޭނާގެ ނުބައިކަން ބަލާބަލަ!…ބައްޕައަށް ތި ދައްކަބަލަ!…އޭރުން ބައްޕަ ހަމްޒާއަށް މަނާކުރާނެ…“ ޝާނީ ރޮމުން އާދޭސްކުރިއެވެ.

“ ހޫމް…ދައްކާނަން…“ އާބިދާ އެހެންބުނެފައި ކޮޓަރިން ނުކުތެވެ. ހަމްޒާ އެގޮތަށް ކަންތައްކުރީތީ އާބިދާ ހަޤީޤަތުގައިވެސް ރުޅިއައެވެ. ނަމަވެސް ތަންކޮޅަކަށް ގޮސް އޭނާ ވިސްނާލިއެވެ. އަލީއަށް ހަޤީޤަތް ކިޔައިދީފިނަމަ ވަގުތުން އެކައިވެންޏަށް އިންކާރުކުރާނެއެވެ. އެކަން އެގޮތަށް ވެއްޖެނަމަ ދެއާއިލާގެ މެދުގައި ބޮޑު ހަމަނުޖެހުމެއް އުފެދޭނެއެވެ. ރަށުމީހުންނަށް ހަޤީޤަތް އެނގިއްޖެނަމަ ބަދުނާމުވާނީވެސް ޝާނީއެވެ. ހަމްޒާއާއި ޝާނީގެ މެދުގައި ގުޅުމެއް ނުހިނގިނަމަވެސް ޝާނީގެ އަގުވެއްޓޭނެއެވެ. މުޅިރަށުތެރެއަށް އެއާއިލާ ފަޟީހަތްވާނެއެވެ. ނަމަވެސް އެކަން ސިއްރުކޮށްފައި މިކައިވެނި ކުރެވިއްޖެނަމަ ހުރިހާކަމެއް ހައްލުވީއެވެ. ފަހުން ޝާނީއަށްވެސް ވިސްނިދާނެއެވެ. ދެމީހުންގެ ގުޅުން ރަނގަޅުވެސް ވެދާނެއެވެ. އެހެންހިތައި އާބިދާ އެހަޤީޤަތް އަލީއަށް ސިއްރުކުރިއެވެ.

ހަމްޒާގެ ހަޤީޤަތް މަންމަމެންނަށް ކިޔައިދެވުމުން ޝާނީގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އޭނާ ހަމްޒާގެ ކިބައިން ސަލާމަތްވީ ކަމުގައެވެ. ނަމަވެސް ކަންތައްވީ އޭނާހީކުރިގޮތަކަށް ނޫނެވެ. ހެނދުނުގެ ދިހައެއް ޖެހުމާއެކު ހަމްޒާމެން އެގެއަށް އަތުވެއްޖެއެވެ. މަންމައާއި ބައްޕަވެސް އެމީހުންނަށް ހޫނު މަރުޚަބާއެއް ކިޔެވެ. ބައްޕަގެ މޫނުމަތިން ނުރުހުމުގެ އެއްވެސް ކުލައެއް ނުފެނެއެވެ. މަންމަވެސްހުރީ އުފަލުން ހެވިފައެވެ. ޝާނީއަކަށް ގަބޫލެއް ނުކުރެވުނެވެ. ހަމްޒާގެ ހަޤީޤަތް އެނގުމުންވެސް މަންމައާއި ބައްޕަ ރުޅިއެއްނާދޭ ހެއްޔެވެ؟ ހަމްޒާފަދަ ނުބައިމީހަކާ އޭނާ ހަވާލުކުރަނީ ހެއްޔެވެ؟ އޭނާ އެސުވާލުކުރަން ބޭނުންވެފައި ހުއްޓައި މަންމަ އޭނާ ބަލާއައެވެ.

“ މަންމާ…ކީއްވެ ބައްޕަ ހަމްޒާއަށް އިންކާރު ނުކުރީ؟…ކީއްވެ އެމީހުން އައީ؟…ކީއްވެ ބައްޕަ އެއްޗެއް ނުބުނެ އެހުރީ؟…“ ޝާނީ ފައްޗަކަށް ސުވާލުތައް އޮއްސާލިއެވެ.

“ ޝާނީ…ދެން އެންމެ ރަނގަޅުވާނީ މިކައިވެނި ކުރިއްޔާ….ހަމްޒާއަށް އިންކާރު ކުރިޔަސް ބަދުނާމުވާނީ ހަމަ ދަރިފުޅު….ފަޟީހަތްވާނީ އަހަރެމެން….ދެން އެންމެ ރަނގަޅުވާނީ ކައިވެނިކުރުން…“ އާބިދާ ޝާނީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ ބައްޕަބުނީ ކީކޭ؟….ބައްޕައަށް ގޮވާބަލަ….އަހަރެން ބޭނުން ބައްޕައާ ވާހަކަދައްކަން….“ ޝާނީ އެދުނެވެ.

“ ބައްޕައަށްވެސް ފެންނަގޮތް އެއީ….އަންހެންކުދިންގެ އިއްޒަތާއި އަބުރު ހުރިހާވެސް އެއްޗަކީ“ އާބިދާ ގަސްތުގައި އޮޅުވާލިއެވެ.

 ޝާނީގެ ކަރު ވަގުތުން އެލުނެވެ. އޭނާގެ ހުރިހާ އުއްމީދުތަކެއް ފުނޑުފުނޑުވިއެވެ. އޭނާގެ މަންމަ އޭނާގެ ހާލަށް ނުވިސްނިނަމަ، ބައްޕައަށް ވިސްނޭނެކަމުގައި އޭނާ ހީކުރިއެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ ނުބައި އަނިޔާވެރިއެއްގެ އަތްމައްޗަށް ބައްޕަވެސް އޭނާ ދޫކޮށްލީ ހެއްޔެވެ؟ ބައްޕް އޭނާގާތު ވީވަޢުދު ކޮބާ ހެއްޔެވެ؟ އޭނާދެކެ ވީ ލޯބިކޮބާ ހެއްޔެވެ؟ ޖެހިބުދެއްހެން ޝާނީ ގަނޑުވެފައި ހުއްޓައި އާބިދާ އޭނާގެ ގެނެސް ކައިވެނީގެ މަޖިލީހުގައި ހަމްޒާގެ ގާތުގައި ބޭންދިއެވެ.

ހަމްޒާހުރީ ނުހަނު އުފަލުންނެވެ. އެމަންޒަރު ބަލަން ސަލްމާއިނީ ހިތާމައިގެ ސާލެއް އޮޅައިގެން ހިމޭންކަމުގައެވެ. ކައިވެނީގެ މަޖިލީސް ބޭއްވި ކައިވެނި ކުރެވިއްޖެއެވެ. ހަމްޒާގެ މޫނުގައި އުފާވެރިކަން ބަބުޅަމުން ދިޔައިރު، ޝާނީގެ މޫނުވަނީ މިލާމޯޅިވެފައެވެ. އަނބިގަބޫލުކޮށްފީމޭ  ބުނުމާއެކުހެން ޝާނީ އަނބުރައިގަނެގެން ވެއްޓުނެވެ. ހަމްޒާ އަވަސް އަވަހަށް ޝާނީ އުފުލާލައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.

“ މާބޮޑަށް ހާސްވީކަމަށްވާނީ….“ އާބިދާ ދުވެގޮސް ފެންތައްޓެއް ހިފައިގެން އައެވެ. އަލީވެސް ހުރީ ހާސްވެފައެވެ. ނަމަވެސް ސަލްމާ އެއީންތަނުން ގުޑާވެސްނުލާ އެއިންގޮތަށް އިނެވެ. ތިންދުވަސްވާންދެން ގަދައަށް ހުންއައުމުގެ ސަބަބުންނާއި ހަމައަށް ނިދި ނުލިބުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނުހުރެއެވެ. ކޮޅަށް ތެދުވެއްޖެނަމަ ދެފައިކޮޅުވެސް ތުރުތުރު އަޅައެވެ. އެހެންނަމަވެސް މިވަގުތު ޝާނީގެ ހާލު އޭނާއަށްވުރެވެސް ގޯސްވާނެކަން އޭނާއަށް އަންދާޒާ ކުރެވެއެވެ.

ނުނިމޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *