Search Streamline Icon: https://streamlinehq.com

ވަފާތެރި މަވީމޭ 22 ވަނަބައި

Wafaatheri maveemey 696x392 (1)

“ މާބޮޑަށް ހާސްވީކަމަށްވާނީ….“ އާބިދާ ދުވެގޮސް ފެންތައްޓެއް ހިފައިގެން އައެވެ. އަލީވެސް ހުރީ ހާސްވެފައެވެ. ނަމަވެސް ސަލްމާ އެއީންތަނުން ގުޑާވެސްނުލާ އެއިންގޮތަށް އިނެވެ. ތިންދުވަސްވާންދެން ގަދައަށް ހުންއައުމުގެ ސަބަބުންނާއި ހަމައަށް ނިދި ނުލިބުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނުހުރެއެވެ. ކޮޅަށް ތެދުވެއްޖެނަމަ ދެފައިކޮޅުވެސް ތުރުތުރު އަޅައެވެ. އެހެންނަމަވެސް މިވަގުތު ޝާނީގެ ހާލު އޭނާއަށްވުރެވެސް ގޯސްވާނެކަން އޭނާއަށް އަންދާޒާ ކުރެވެއެވެ.

ޝާނީ ހޭއެރީ ދޮޅުގަޑި އިރެއްހާއިރުފަހުންނެވެ. އޭރު އޭނާއޮތީ ހުންވެސް އައިސްފައެވެ. ހޭއެރުމުންވެސް އެއްވެސް މީހަކާ ވާހަކަ ދައްކާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ލޯމަރައިގެން ހިމޭންކަމާއެކީ އޭނާ އޮތެވެ. ހަމްޒާ ޝާނީގެ ގާތުގައި އިނެވެ. ނަމަވެސް ޝާނީ އެކަން އެނގޭކަމަށްވެސް ނުދަހާ ބިއްދޮށަށް އެނބުރިގެން އޮތީއެވެ. އާބިދާ ޖޫސްތައްޓަކާއި ބޭސްގުޅައެއް ހިފައިގެން އައުމުން ހަމްޒާ އެނދުން ތެދުވެ، އާބިދާއަށް ތަންދެއްކިއެވެ.

“ ދަރިފުޅާ ޝާނީ…އެއްޗެއް ބޯލައިގެން ބޭސްކާން ތެދުވަންވީނު…“ އެނދުގެ މަގަތުގައި އިށީނދެ އާބިދާ ޝާނީއަށް ގޮވާލިއެވެ.

“ ދަރިފުޅާ ހިތްވަރުކޮށްފަ ތެދުވޭ!….ހަމްޒާ އެއިނީ ދަރިފުޅުގެ އިންތިޒާރުގަ….“ ޝާނީ ބަހެއްނުބުނެ އޮތުމުން އަނެއްކާވެސް އާބިދާ ބުންޏެވެ. ޝާނީ ދެންވެސް ޖަވާބެއް ނުދިނެވެ. ހަމްޒާ ކިތަންމެ އިރަކު އިންތިޒާރު ކުރިނަމަވެސް އޭނާއަށް ވަރިހަމައެވެ. ހަމްޒާއާއެކީ ދާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ބޭސްކައިގެން ރަނގަޅުވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ހަމްޒާގެ ހައްޤަކަށްވެގެން އުޅުމަށްވުރެ، އެގޮތުގައި އޮވެ މަރުވުންވެސް އޭނާއަށް މާރަނގަޅެވެ. އާބިދާ ވާހަކަ ދައްކާ ދައްކާވެސް ޝާނީ ޖަވާބެއް ނުދިނުމުން އާބިދާ ދެރަވިއެވެ. އެހެންކަމުން އޭނާ އެކޮޓަރިން ނުކުތެވެ. ހަމްޒާއާއި ޝާނީ އެކަނިވިއެވެ.

“ ޝާނީ…ތެދުވެ ބޭސްކާންވީނު…“ ހަމްޒާ ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ޝާނީ ހަމަ އިވޭކަމަށްވެސް ހަދާނުލައި އެއޮތްގޮތަށް އޮތެވެ.

“ ޝާނީ…ބުނަން ރަނގަޅު ވާހަކައެއް….ޝާނީ ތިގޮތަށް ކަންތައްކޮށްގެން ވާނެ އެއްވެސް މޮޅެއްނެތް….މިހާރު ކައިވެނި މިއޮތީ ކުރެވިފަ….ދެންވެސް ގޮތްދޫކޮށްގެން އަހަރެން ބުނާގޮތް ހަދާ!….އޭރުން ޝާނީގެ މަންމަމެންވެސް ހިތްހަމަޖެހޭނީ….މިތާ ތިގޮތަށް އޮތީމަ އެމީހުންނަށް އިތުރު ތަކުލީފަކަށްވުން ފިޔަވާ ވާނެ އިތުރުކަމެއްނެތް….“ ހަމްޒާ ބެލީ އިންޒާރުގެ ބަސްތަކުންވެސް ޝާނީއަށް ވިސްނައިދެވޭތޯއެވެ. ޝާނީއަށް އިތުރުގޮތެއް ނެތްކަން ވިސްނުމުން ގޮތްދޫކުރާނެ ކަމުގައި އޭނާ ހީކުރިއެވެ. ހަމްޒާ އެތައް ވާހަކައެއް ދެއްކިއިރުވެސް ޝާނީ އަޑެއްނޭހިއެވެ. އޭނާ އެއޮތްގޮތަށް އޮތީއެވެ. ހަމްޒާގެ ގާތަށް ރުޅިއައެވެ. ނަމަވެސް އޭނާ ބާރުގެ ބޭނުން ނުކޮށް ކެތްކުރީ، މިހާރު އެއީ އޭނާގެ މިލްކެއްކަން އެނގޭތީއެވެ. ކިތަންމެ ހިތްވަރެއްކުރި ނަމަވެސް އާޚިރުގައި ޝާނީއަށް ޖެހޭނީ ގޮތްދޫކޮށްފައި އޭނަ ބުނާގޮތް ހަދަންކަން އެނގޭތީއެވެ. ހަމްޒާގެ މަސައްކަތުން ޝާނީ ބޭސްކާން އެއްބަސްނުވުން އޭނާވެސް ކޮޓަރިން ނުކުތެވެ.

“ ކޮބާ ބޭސްކައިފިތަ؟…“ ހަމްޒާ ފެނުމުން އާބިދާ އެހިއެވެ.

“ ނޫނޭ…ހީވަނީ ނިދުނީހެން…..ދެން ހޭލީމަ ބޭސްދިނީމަ ރަނގަޅުވާނެ…“ ހަމްޒާ ދޮގެއް ހަދާލިއެވެ.

“ އާނ…އިހަށް އަރާމުކޮށްލަން ބާއްވާ!….މަށަށް ފެންނަނީ ޝާނީ އެއްކޮށް ރަނގަޅުވީމަ ތިގެޔަށް ފޮނުވަން….ސަލްމާވެސް ބަލިވެއުޅޭއިރު، ޝާނީއާ އަޅައެއްވެސް ނުލެވޭނެއްނު!…“ އަލީ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

“ އާނ…ތިގޮތަށް އަހަރެންވެސް މި ވިސްނަނީ….ޝާނީ ރަނގަޅުވެލީބަ އެކޮޅަށް ގެންދާނީ…އެހެންވީމަ މިވަގުތު އަހަރެން ގޮސްލާނަން….“ ހަމްޒާގެ ހިތް ނޭދުނުނަމަވެސް މަސްލަހަތައްޓަކައި އޭނާ އެގޮތާއި އެއްބަސްވިއެވެ. ޝާނީ އޭނާއެކު ނުދިޔަ ނަމަވެސް މިހާރު އޭނާއަކަށް ބިރެއްނެތެވެ. އެއީ އޭނާގެ މިލްކެކެވެ.

ތިންދުވަސް ވީއިރުވެސް ޝާނީގެ ބަލި ރަނގަޅުވާގޮތެއް ނުވެއެވެ. އާބިދާ ޝާނީއަށް ހޭހަން ކުރުމުގައި އަވަދިނެތި އުޅެއެވެ. ޝާނީއަށް މީރުހައި ކާއެއްޗެހި ހަދައެވެ. ގައިގާ ވަރުޖައްސަން ކުރުނބާވެސް ބޯންދީ ހަދައެވެ. ބަރާބަރަށް ބޭސްދެއެވެ. ނަމަވެސް ޝާނީ ރަނގަޅަކަށް ނުކައެވެ. އޭނާ ކޮންމެ ފަހަރަކު ކޮންމެވެސް ގޮތަކުން ބޭސްގުޅަވެސް ނުކައި އެއްލާލަނީއެވެ. ރަނގަޅުވާކަށް އޭނާ ބޭނުމެއްނުވެއެވެ. ބަލި ރަނގަޅުވާހައި އަވަހަކަށް ހަމްޒާގެ ގާތަށް އޭނާ ދާން ޖެހޭނެކަން އޭނާއަށް އެނގެއެވެ.

އަނެއްކޮޅުން ސަލްމާގެ ހާލަތުވެސް ރަނގަޅެއްނޫނެވެ. އޭނާއަށް އަދިވެސް ހަމަނިދި ނުނިދެއެވެ. ހަމްޒާގެ އުނދަގޫ އަދިވެސް އޭނާއަށް ދޭތެރެ ދޭތެރެއިން ފޯރައެވެ. ދަންވަރުގަޑީގައި އޭނާގެ ކޮޓަރިއަށްވަދެ ހަމްޒާ އޭނާއަށް ކޮންމެވެސް ގޯނާއެއް ކުރެއެވެ. އެއީ ހަމްޒާއަށް ލިބޭ ހިތްހަމަޖެހުމަކަށްވަނީ ވެފައެވެ.

“ ހަމްޒާ…ކަލޭ ބޭނުންވި ކަންތައްވީމަވެސް އަހަރެންނަށް އުނދަގޫތިކުރަނީ ކީއްވެގެންތަ؟…“ އެއްރޭ ރުޅިއައިސްފައި ސަލްމާ ބުންޏެވެ.

“ އަހަރެން ބޭނުންވި އެއްވެސް ކަމެއް އަދި ނުވޭ….ކައިވެނި ކުރެވުނުކަން އެކަނި….ޝާނީ އަދިވެސް އެހުރީ އޭނާގެ ގޭގަ….އަހަރެން އެކަނިމާއެކަނި މިގޭގަ މިއޮންނަން ޖެހެނީ…..އެހެންވީމަ ޝާނީ އަންނަންދެން ސަލްމާ ކީއްތަވާނީ އަހަރެން ފޫހި ފިލުވައިދިނިއްޔާ…..“ އެއްވެސް ޖެހިލުމެއްނެތި ހަމްޒާ ޖަވާބުދިނެވެ.

“ ހަމްޒާ…ހެއްދެވިފަރާތްދެކެ ބިރުގަނެބަލަ!….އަހަރެންނާ މެދު ނުވިސްނަންޏާ އަމިއްލަ ބޭބެއާމެދު ވިސްނަބަލަ!…..އަހަރެން ކަލެއަށް އެއްވެސް އުނދަގުލެއް ނުކުރާނަން….ކަލޭކުރާ އެއްވެސް ކަމަކާވެސް ނުބެހޭނަން….އަދި އެއްވެސް މީހަކުގާތު ކަލޭގެ އެއްވެސް ވާހަކައެއް ނުބުނާނަން….ހެޔޮނުވާނެ މިކޮޓަރިއަށް ތިގޮތަށް ނުވަދެބަލަ!….އަހަރެން މިއުޅޭހާލަށް އުޅުނަދީބަލަ!…އެހެންނޫނީ އެއްފަހަރުން އަހަރެން މަރާލަބަލަ!….“ ސަލްމާ ރޮއެފައި އާދޭސްކުރިއެވެ.

“ ސަލްމާއަށް ތިހާވަރެއް ތިވަނީ ކީއްވެތަ؟….އަހަރެން ސަލްމާއަކަށް އެއްވެސްކަމެއް ކުރިއްޔެއްނޫން…ހަމަ މިތާ ރީތިކޮށް އޮންނަކަން އެކަނިދޯ….ސަލްމާގެ ގައިގަ އަތްނުލައްޏާ، ސަލްމާއަށް ކޮން އުނދަގުލެއްވަނީ؟….“ ސަލްމާކުރި އާދޭހުގެ އެއްވެސް އަސަރެއް ހަމްޒާއަކަށް ނުކުރިއެވެ.

“ ހަމްޒާ ކޮންކަމެއްތަ ބޭނުންވަނީ؟….ތިގޮތަށް މިކޮޓަރީގަ އޮތުމުގެ ބޭނުމަކީ ކޮބާތަ؟….“ ނުރުހިފައި ސަލްމާ ސުވާލުކުރިއެވެ.

“ ނިދިނާންނާތީ ފޫހިވެގެން އަހަރެން އަންނަނީ….އަހަރެން ކަމެއްކުރަން އަންނަ ނަމަ ނުކޮށް ހުންނާނެހެން ހީވޭތަ؟…“ މަލާމާތުގެ ރާގަކަށް ހަމްޒާ އަހާލިއެވެ.

“ ދެން އެހެންވިއްޔާ ހަމްޒާ މިތާ އޮވޭ….އަހަރެން ނުކުމެދާނަން ބޭރަށް….“ ސަލްމާ އެނދުން ތެދުވިއެވެ.

“ ޚަބަރުދާރު! ކުރިން ކަންތައްކުރިހެން ކުރަން ނޫޅޭ!….އަހަރެން މިބުނީނު އަހަރެން ކަމެއްކުރާކަށް ނޫޅެމޭ….ސަލްމާ ފެންނަ ހިސާބުގަ އޮތީމަ އަހަރެން ހިތްހަމަ ޖެހެއޭ….އެހެންވެ އަހަރެން މިތަނަށް މިއަންނަނީ….ޝާނީ އައީމަ އަހަރެން ނާންނާނަން….“ ސީރިއަސްކަމާއެކު ހަމްޒާ ބުނެލިއެވެ.

ހަމްޒާގެ ވާހަކަ އަހާފައި ސަލްމާ މަޑުމަޑުން އޮށޯތެވެ. ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއްނައެވެ. ހަމްޒާ އެތާނގައި އޮތްހާ ހިނދަކު އޭނާ ނިދާނީ ކިހިނެއް ހެއްޔެވެ؟ ނިދިޖެހިލާފައިވެސް އޭނާއަށް އިރުއިރުކޮޅުން ހޭލެވެއެވެ.

ޝާނީގެ ބަލި ރަނގަޅުވުން ލަސްވަމުންދާތީ، އޭނާގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ދިއުމަށް ހަމްޒާގެ ގާތުން އަލީ އެދުނެވެ. ޝާނީ ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ.

“ ދަރިފުޅާ ކީއްވެތަ ގޮތްދޫނުކުރަން ތިއުޅެނީ؟…މިހާރު ބަލިވެއުޅޭތާ ދެހަފްތާއަށްވުރެ ގިނަވީ….މުޅި ކުއްޖާ ތިހުރީ ހިކި އަނރޫފަވެފަ….ދަރިފުޅު ތިހާލުގަ އުޅޭތަން ދެކޭކަށް ބައްޕައަކަށް ކެތެއްނުވާނެ….ބައްޕަ ބުނާގޮތް ހަދާބަލަ ދަރިފުޅާ!…“ އަލީ ލޯތްބާއެކު ޝާނީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ ބައްޕަ އަހަރެން ހޮސްޕިޓަލަކަށް ނުދާނަން….ގޭގަ އޮތަސް ދުވަސްކޮޅަކުން ރަނގަޅުވެދާނެ….“ ޝާނީ ބެލީ އަދިވެސް އޭނާގެ ގޮތުގައި ހިފެހެއްޓޭތޯއެވެ.

“ ނޫން ޝާނީ….މިހާރު ވަރަށް ދުވަހު ގޭގަ އޮވެގެން ބޭސްކެވިއްޖެއެއްނު….އެހެންވީމަ ދެން ބައްޕަމެން ބުނާގޮތް ހަދާ!….އަހަރެންވެސް ބޭނުމެއްނޫން ޝާނީ އިތުރަށް މިތާ ބާއްވާކަން….އެހެންވީމަ ތައްޔާރުވޭ ހޮސްޕިޓަލަށްދާން….“ ހަމްޒާ އޭނާގެ ނިންމުން އިއްވާލުމުން ޝާނީ ޖެހިލުންވިއެވެ.

އޭނާ ހަމްޒާއަށް ރައްދުދޭން ބޭނުންވި ނަމަވެސް ބައްޕަމެންގެ ކުރިމަތީގައި އެހާ ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ގޮތްދޫކުރާށެވެ.  ނަމަވެސް އޭނާ ދާން އެއްބަސްވީ މަންމަވެސް ގޮވައިގެންނެވެ. ތިންދުވަސްވާންދެން ޝާނީ އެނދުމަތިކޮށްގެން ފަރުވާދިނުމަށްފަހު ދޫކޮށްލިއިރު، އޭނާގެ ބަލިވަނީ ފަސޭހަވެފައެވެ. ހަށިގަނޑު އަނަރޫފަކަމުން ގައިގާ ވަރުނެތުން ފިޔަވައި އިތުރު އުނދަގުލެއްނެތެވެ. ބަލިފަސޭހަވެގެން ރަށަށް އާދެވުމާއެކު ޝާނީއަށް ހަމްޒާގެ ގެޔަށް ބަދަލުވާން މަޖުބޫރުވިއެވެ. އެއްވެސް ބަހަނާއެއް ދައްކައިގެން ހަމްޒާއާ ދުރުގައި ހުރެވޭނެ އިތުރުގޮތެއް މިހާރަކު ނެތެވެ. އެހެންކަމުން ހިތާއި ދެކޮޅަށްވެސް އޭނާ ހަމްޒާގެ ގެޔަށް ދިޔައެވެ.

ހަމްޒާއާ އެއްކޮޓަރީގައި ނިދަންޖެހުން އޭނާއަށްވީ ބިރުވެރި ހުވަފެނެއްފަދަ ކަމަކަށެވެ. ހަމްޒާއާއި އެއް އެނދުގައި އޮންނާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ބެޑްޝީޓަކާއި ބާލީހެއް ހިފައިގެން އައިސް ތަޅުންމަތީގައި އޮށޯތެވެ.

“ ޝާނީ! ޝާނީ ތިތާ އޮންނާށޭ ކާކުބުނީ؟…އާދޭ އެނދަށް….މިއޮއްބޮޑު އެނދުގަ އަހަރެމެން ދެމީހުންނަށް ނިދޭނެ…މިތާ އޮތަސް އަދި ތިތާ އޮތަސް އަހަރެން ބޭނުން ކޮންމެ ކަމެއް ކުރެވޭނެދޯ….އެހެންވީމަ ކޮންމެހެން މީހާ އިތުރަށް ބަލިވާން ތިތާ އޮތުމުގެ ބޭނުމެއްނެތް…“ ހަމްޒާ އޭނާގެ ބަސް އިއްވާލުމުން ޝާނީ ބިރުގަތެވެ. ތެދެކެވެ. އެކޮޓަރީގެ ކޮންމެތާކު އޮތަސް ހަމްޒާގެ ފަރާތުން ސަލާމަތެއް އޭނާއަކަށް ނެތެވެ. އެހެންކަމުން އޭނާ ގޮސް އެނދަށް އެރިއެވެ. ހަމްޒާ ޝާނީއަށް ކަމެއްކުރާކަށް ނޫޅެއެވެ. ވާހަކަ ދައްކާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ޑޮކްޓަރ ލަފާދީފައިވަނީ ޝާނީ ގިނައިން އަރާމުކޮށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. ޝާނީގެ ސިއްޙަތު ހަމައަކަށް އެޅުމުން ނޫނީ ޝާނީއާއި ގާތްވާކަށް ހަމްޒާ ބޭނުމެއްނުވިއެވެ.

އެގެއަށް ބަދަލުވުމުން އޭނާގެ ހިތަށް އެންމެބޮޑު ތަކުލީފެއް ލިބުނީ އޭނާ ޖިނާހްއާއެކުގައި އެގޭގޭގައި އެކިދުވަސްމަތިން ހޭދަކޮށްފައިވާ ވަގުތުތަކުގެ ހަނދާންވުމުންނެވެ. އޭނާ ބަލާލި ކޮންމެ ދިމާއަކުން އެހަނދާންތައް އާވެއެވެ. ވީއިރު، ޖިނާހް އައުމުން އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުރިމަތިން ތާއަބަދު ޖިނާހް ފެންނަން ހުރުމުން އޭނާގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ޖިނާހް އައުމުން އޭނާ ޖިނާހްއާ ކުރިމަތިލާނީވެސް ކިހިނެއް ހެއްޔެވެ؟ ހަމްޒާގެ އަނތްބެއްގެ ގޮތުގައި އޭނާ ހުއްޓައި ފެނުމުން ޖިނާހްގެ ހިތްކުދި ކުދިވާނެއެވެ. އެހެން ހިތަށްއެރިޔަސް ޝާނީއަށް ރޮވެއެވެ.

ހަމްޒާގެ ފަރާތުން އެއްވެސް ގޯނާއެއް ނުވަތަ ހަރުކަށިކަމެއް ނުފެނި ދުވަސްތައް ދާން ފެށުމުން ޝާނީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން ސަލްމާއެކޭ އެއްފަދައިން އޭނާވެސް ގޭތެރޭގެ ކަންކަމުގައި ބައިވެރިވެ އާދައިގެމަތިން އުޅެންފެށިއެވެ. ސަލްމާގެ އެހީތެރިކަމާއެކު އެގޭގެ ހުރިހާ އާދަކާދަތައްވެސް ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާ ދަސްކުރިއެވެ. ދުވާލުގެ ވަގުތު ތަކުގައި ސަލްމާއާއެކީގައި ގިނަވަގުތު މަސައްކަތުގައި އުޅެން ފެށުމުން އޭނާގެ ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ. ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް ޖިނާހްގެ މަތިން އޭނާ ހަނދާނެއް ނުނެތެއެވެ. އެގޭގެ ކޮންމެ ތަނެއްގައި ޖިނާހްގެ ހަނދާންތައްވެއެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޝާނީއޮތީ ގޯތިތެރެކުނި ކަހާށެވެ. މާގަސްތަކުގެ ތެރޭގައިހުރި ހިކިފަތްތައް ކަހަން ހުރެފައި އޭނާ ކުއްލިއަކަށް ކުނިކެހުން ހުއްޓާލީ ފިނިފެންމާގަހުގައި ފަރިވެ ފޮޅިފައިވާ ރީތި ދެމާފެނުމުންނެވެ. ފިޔަތަކުގައި ގުރުނޑުކަމެއްނެތް އެރީތި ދެމާ ފެނުމުން ނުބިނދެއެއް އޭނާއަކަށް ނުހުރެވުނެވެ. އޭނާ އެދެމާ ބިނދެލާފައި ވަސްބަލާލުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އޭނާ ދެތިން ފަހަރަކު މަލުން ވަސްބަލާލުމަށްފަހު އިސްތަށިގަނޑުގައި މާހަރުކޮށްލިއެވެ. އެވަގުތުވެސް އޭނާގެ ޚިޔާލަށް އައީ ޖިނާހްއެވެ. ހަމަ އެހިނދުގައި ގޭތެރެއިން ނުކުމެގެން އައި ޖިނާހް ފެނިފައި ޝާނީއަށް ބަލަން ހުރެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު ޖިނާހްގެ ތުންފަތް މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިފެންނަނީ ހުވަފެނެކޭ ހިތައި ޝާނީއަށް ދެތިން ފަހަރު އެސްފިޔަވެސް ޖަހާލެވުނެވެ. ނަމަވެސް ޖިނާހް އަދިވެސް އެބަހުއްޓެވެ. ޝާނީ ބަލަން ހުއްޓައި ޖިނާހް ދެކޮޅު ހޯދާ ބަލާލުމަށްފަހު ދުވެފައި އޭނާގެ ގާތަށް އައެވެ. އަދި ޝާނީއަށް ހަރަކާތެއްވެސް ކުރަން ނޭނގިހުއްޓައި އެއައި ގޮތަށް އައިސް އޭނާ އުރާލިއެވެ.

ނުނިމޭ

ގުޅޭ ޓެގް:

1 ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *