Search Streamline Icon: https://streamlinehq.com

ތިންގަޑި ބައި-02

Header

ކާރުގައި އޮތް ކުޑަ ތުވާއްޔަކުން މަލްދާގެ މޫނާއި އިސްތަށިގަނޑު ފޮހެމުން ކަރީމް ސުވާލުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ސުވާލަކަށް މަލްދާ ޖަވާބެއް ނުދިނެވެ.

ގެޔަށް އާދެވުމާއެކު މަލްދާ ދުވެފަގޮސްވަނީ ކޮޓަރިއަށެވެ. މަލްދާގެ ހާލު ފެނިފައި އާރިފާ ހުރީ ވާނުވާ ނޭގި ކަންބޮޑުވެފައެވެ. އަދި ކަރީމް އާއި ސުވާލު ކުރުމުން ކަންތައް ހިނގާދިޔަ ގޮތް ކަރީމް ކިޔައިދިނެވެ. ކަރީމް އަވަސްވެގަތީ ނަތާއަށް ގުޅާށެވެ. ކަންތައް ހިނގާދިޔަގޮތް ނަތާ ކަރީމްއަށް ކިޔައިދިނުމުން ކަރީމް ހުރީ ގަބުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

ޖެހިގެން އައި ދުވަހު އެއްވެސް ގޮތަކަށް މަލްދާ ގެއިން ބޭރަށް ނުދެއެވެ. އަބަދުވެސް އޮންނަނީ ގޯތިތެރޭ ހުރި ޖޯއްޔެއްގައި ފޯނުން ވާހަކަ ދައްކާށެވެ. އާރިފާ ނުކުތުމުން ފޯނު ފޮރުވާލައެވެ. އެހެންނަމަވެސް މަލްދާ ހުޝާމް ކިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކަން އާރިފާއަށް އެގެއެވެ.

ކަޅުފޮއި ރެއެކެވެ. މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ބުނެފަ އޮތުމާއި ގުޅިގެން ކަރީމް މިރޭ ގެއިން ބޭރަށް ނުދެއެވެ. އަދި މަލްދާ ފެންވަރައިގެން ނުކުންނާނެކަން އެނގިގެން ކަރީމް އާއި އާރިފާ ތިބީ ޖޯލީގައެވެ. މަންމަޔާއި ބައްޕަ ބޭރުގައި ތިއްބާ ނުކުންނަން ނުކެރިފައި މަލްދާ އިނީ ޓީވީ ބަލާށެވެ. ތުނިކޮށް ވާރޭ ވެހެން ފެށުމުން ކަރީމް އާއި އާރިފާ އެތެރެޔަށް ވަނުމުން މަލްދާ ގޮސް ކޮޓަރިއަށް ވަނެވެ.

”އާރިފާ! އެމަންޖެ އެހުންނަނީ ކިހިނެއްވެފަތަ؟“ ކަރީމް އަހާލިއެވެ.

”ކީކޭ ބުނާނީ. އިއްޔެއިން ފެށިގެން އެހެން އެއުޅެނީ. އަހަރެން ގޭގަ އުޅުނަސް އަހަންނާ ވާހަކަ ނުދައްކާ.“ އާރިފާ ބުނެލިއެވެ.

ގަޑިން 2 ޖަހަން ކައިރިވުމުން އެދެމަފިރިން ނިދަން ވަނެވެ. ކޮޓަރީގެ ދޮރު ލައްޕާލި އަޑަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި މަލްދާ ބަލާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ފޯނުން ވާހަކަ ދައްކަމުން މަލްދާ ނުކުތީ ޖޯއްޔަށެވެ. އޭރުވެސް ވާރޭ ކަނި ޖަހައެވެ. ހުޝާމްއަށް ގުޅައިގެން އޮތްވާ ބޯގަންވިލާ ގަސްތަކުގެ ތެރެއިން މީހަކު ފެނުނުހެން ހީވިއެވެ. އަވަހަށް ފޯނުގެ ލައިޓް ޖައްސާފައި މަލްދާ ބަލާލިއެވެ. އެހެންނަމަވެސް މީހަކު ނުފެނެއެވެ. ހީވިގޮތެކޭ ހިތާ އަޅާނުލާ އޮތީއެވެ. އެހެންއޮތްވާ މަލްދާގެ އިސްތަށިގަނޑާ ކުޅެ ހަށިގަނޑުގައި ބީހިލާ ކަހަލަ އިހުސާސްތަކެއް ވާން ފެށިއެވެ. މަލްދާ ބިރުން އަވަހަށް ގެޔަށްވަދެ ދޮރު ލައްޕާލިއެވެ.

މަލްދާ އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. ކުއްލިއަކަށް ހޭލެވުނީ ބުޅާ ކޯޅޭ އަޑަށެވެ. ލޯހުޅުވުމުން ގަޑި ބަލާލަން ފޯނު ނަގަން އުޅުމުން މަލްދާއަށް ހަރަކާތް ނުކުރެވުނެވެ. ވާހަކަވެސް ނުދެއްކުނެވެ. އެހެންކަމުން ބިރުގަންނަން ފެށިއެވެ. ކޮޓަރިތެރޭ ދިއްލާފައި މަޑު ނޫކުލައިގެ ބޮކިން ކޮޓަރިތެރެ ވަރަށް ރީއްޗަށް ފެނެއެވެ. މަލްދާ ފިޔަވައި އިތުރު މީހަކު ކޮޓަރީގައި ނެތެވެ. މަލްދާ ހަރަކާތް ކުރަން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނާކާމިޔާބު ވުމުން ރޯން ފެށިއެވެ. ލޮލުން ކަރުނަ އަޔަސް އަޑެއް ނުނުކުމެވެ. ރޯއަޑު އެއްވެސް މީހަކަށް ނީވެއެވެ.

މަޑުމަޑުން މަލްދާގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. މަލްދާ އަށް އޮވެވުނީ ބަލަހައްޓައިގެންނެވެ. އެއީ އިސްކޮޅުން ދިގު ފިރިހެނެކެވެ.

(ނުނިމޭ)

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *