މަޑުމަޑުން މަލްދާގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. މަލްދާ އަށް އޮވެވުނީ ބަލަހައްޓައިގެންނެވެ. އެއީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އެމީހާ އެނދާއި ކައިރިވި ވަރަކަށް މަލްދާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މުޅި މީހާ ދާހިއްލާ ފޯވަނީއެވެ.
ހަރަކާތް ކުރެވޭތޯ މަލްދާ ގަދައަޅާ މަސައްކަތް ކުރަމުންދިޔައެވެ. އެހެންނަމަވެސް ނާކާމިޔާބުވެގެން އެންމެ ފަހުން ގޮތް ދޫކޮށްލީއެވެ. ކޮޓަރިތެރޭ ދިއްލާފައި އޮތް ބޮކި އެމީހާގެ ސިފަ ވަކި ކުރެެވޭ ވަރަށް ވުރެ އަނދިރިއެވެ. މަލްދާގެ މޫނާއި ދިމާލަށް އެމީހާ ގުދުވުމުން މަލްދާއަށް އެމީހާގެ ސޫރަ ފެނި އާޝޯޚުވިއެވެ. ހިތުގައިވާ ބިރުވެރިކަން ކެނޑި މޫނުމަތި އުޖާލާވެއްޖެއެވެ. ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ.
ހީވަނީ އެއީ މަލްދާ ވަރަށް ރަނގަޅަށް ދަންނަ މީހެއް ހެންނެވެ. ގޮތްނޭގޭ މީހަކު މަލްދާގެ މޫނުގައި ފިރުމާލުމުންވެސް މަލްދާއަށް އުފާވެރިކަން އިހުސާސްވެގެން ދިޔައެވެ. މަޑުމަޑުން ލޯމަރާލުމަށްފަހު މަލްދާ ލޯހުޅުވާލިއިރު ކޮޓަރިތެރޭގައި އެއްވެސް މީހަކު ނެތެވެ. މަލްދާ ފުންމައިގެން ތެދުވިއެވެ. އަވަހަށް ބެލީ ފޯނު އަތުގައި ޖެހޭތޯއެވެ. އޭރު ފޯނުގެ ގަޑިން ބަރާބަރު ތިންގަޑި ބައިވީއެވެ.
”އަހަންނަށް ކޮންމެ ރެޔަކު މިވަނީ ކިހިނެއްބާ! އެއީ އަހަރެން ދަންނަ ފިރިހެނެއް އެކަމަކު ހަދާނެއް ނުވޭ އޭނަޔާ ދިމާވި ތަނެއް. އެއީ ކާކުބާ! އަހަންނަށް ކީއް! ކޮންމެގޮތެއް ވިޔަސް އެއީ ވަރަށް ރީތި މީހެއް. އަހަންނަށް ރީތި ހުރިހާ ސިފަތަކެއް އޭނަގެ އެބަހުރި.“ ހިތުގައި އެތައް ސުވާލެއް އެއްފަހަރާ އުފެދިގެންދިޔައެވެ.
އާދައިގެމަތިން ދުވަހެކެވެ. މަލްދާ އިނީ ސައިބޯށެވެ. މިއަދަކީ ހުކުރު ދުވަސްކަމުން މިއަދު ގެއިން ނުނުކުންނަން ނިންމައިގެން އިން މަލްދާއަށް ބަލާލެވުނީ ދޮރާށިން ވަދެގެން އައި މީހަކަށެވެ. ހަމައެއާއެކު އަތުގައި އޮތް ޕާން ފޮތި މޭޒުމައްޗަށް ވެއްޓުނީ ބޭއިޚްތިޔާރުގައެވެ.
އެވަގުތު ކޮޓަރިން ނުކުމެގެން އައި ކަރީމް އެމީހާ ކައިރީ އެތެރެޔަށް އަންނަން ބުންޏެވެ.
”އަހަރެން ވަންނަންވީތަ؟“ ސަމާސާ ރާގަކަށް އެމީހާ ސުވާލުކޮށްލިއެވެ.
”ދެން އާނިފް ވެސް ދޯ! ސަމާސާ ކުރަން ތީ ހަމަ އެއްވަނަ“ ކަރީމް އެހެން ބުނެ އާނިފްގެ އަތުގައި ހިފާ ގޭތެރެޔަށް ވައްދާލިއެވެ.
”ވަރަށް ވިސްނާފަ އަހަރެން މިގެޔަށް ވައްދާނީ. ފަހުން ކަރީމްބެ ނުބުނާތި ގެއިން ނުކުމެގެން ދާށޭ. އޭރުން ވަރަށް ގޯސްވާނެ!“ އާނިފް އެހެން ބުނުމުން މަންޒަރު ބަލަން ހުރި އާރިފާއަށްވެސް ހެވުނެވެ.
ކަރީމް އާނިފް ގެނެސް މަލްދާގެ ކުރިމަތީގައި ހުރި ގޮނޑީގައި ބޭންދިއެވެ. އަދި މަލްދާއަށް އޭނަ ތައާރަފްކޮށްދިނެވެ.
އާނިފް އަކީ ކަރީމްގެ އެކުވެރި ފާއިހުގެ ދަރިއެކެވެ. އޮފީސް ދަތުރަކު އެރަށަށް އައީއެވެ. މަލްދާގެ ހިތުގައި އަދިވެސް އެތައް ސުވާލެއް އުތުރު އަރަމުންދިޔައެވެ. އާނިފް މަލްދާއަށް ބަލާފައި ހީލިއެވެ.
އެއީ ހަމަ އޭނައެވެ. ޔަޤީނެވެ. އެކަމަކު އޭނައަށް މަލްދާގެ ކޮޓަރިއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ. މަލްދާ ހަދާން އެބަހުއްޓެވެ. ނިދަން ވަދެ ކޮޓަރީގެ ދޮރުގައި ތަޅުލެވުނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި އޮންނާނީ ހަމައެކަނި އާރިފާގެ އަތުގައެވެ. ޔަޤީނުންވެސް ނުދަންނަ މީހަކަށް އާރިފާ އެތަޅުދަނޑި ނުދޭނެއެވެ.
އެހުރިހާ ސުވާލުތަކުގެ ޖަވާބު ބޭޏުންވެފައި އިނދެ މަލްދާ ސައިބޮއި ނިންމާލިއެވެ. އިރުއިރުކޮޅާ އާނިފްއަށް މަލްދާ ބަލާލައެވެ. ކަޅިޖަހާނުލާ އާނިފް މަލްދާއަށް ބަލަމުން ގެންދާކަން މަލްދާއަށް ފާހަގަކުރެވުނެވެ. އެހެން އިންދާ މަލްދާގެ ފޯނަށް ކޯލެއް އައިސްގެން މަލްދާ ގޮސް އިނީ ބޭރު ޖޯލީގައެވެ.
އެހެންއިންދާ ކަރީމް ނުކުމެގެން ދިޔައީ މަލްދާ ކައިރީ އާނިފް އާއި ވާހަކަ ދެއްކުމަށް ބުނެފައެވެ. އާއެކޭ ބުނުމުގެ ގޮތުން މަލްދާ ބޯޖަހާލިއެވެ. އާނިފް ސައިބޮއެގެން ނުކުމެ މަލްދާ ކައިރީ ޖޯލީގައި ޖައްސާލިއެވެ.
”މިތަން ރޭގަނޑު ވަރަށް ހިތްގައިމުދޯ؟ ވަރަށް ރީތި ލައިޓެއް ބޭރުގަ އަޅުވާފަ މިއޮންނަނީ. އަހަންނަށް އެންމެ ރީތިކުލަ.“ އާނިފް މިހެން ބުނުމުން ފޯނުގައި އިން މަލްދާއަށް ބަލާލެވުނީ އާނިފްއަށެވެ.
އެހެންޏާ އޭނައަކީ މިއަދު އެރަށަށް އައި މެހެމާނެކެވެ. އެގޭގައި ހުންނަ ބޮކިތަކުގެ ކުލައަށް ދަންދެން އޭނައަށް އެގުނީ ކިހިނެއް ހެއްޔެވެ. އަނެއްކާވެސް ސުވާލުގެ ނަޒަރުން މަލްދާ ބަލަމުން ގެންދިޔައެވެ.
”މިހާރު ތިވިސްނަނީ މިހުރިހާ ކަމެއް އަހަންނަށް އެގުނީ ކިހިނެއްކަން ދޯ. އަހަންނަށް އެގޭ ކޮންމެ ރެޔަކު މަލްދާ މިޖޯލީގައި އޮންނަކަން. ހުޝާމްއަށް ގުޅައިގެން“ މިފަހަރު ރަނގަޅަށްވެސް މަލްދާ ބިރުގަތެވެ.
އޭނާ ހުޝާމް ކިޔާ ކުއްޖަކަށް ގުޅާކަން އެއްވެސް މީހަކަށް ނޭގޭނެއެވެ. އެންމެ ކުޑަމިނުން ނަތާއަށްވެސް ނާންގައެވެ. ދެން އާނިފްއަށް އެކަން އެގުނީ ކިހިނެއް ހެއްޔެވެ.
”ކަލޭތީ ކާކު؟ ތިހުރިހާ ކަމެއް އެގެނީ ކިހިނެއް؟“ މަލްދާ ޖޯލިން ތެދުވެ ކޮޅަށް ހުރެ ސުވާލުކޮށްލިއެވެ.
”މަލްދާ ދުވަހަކުވެސް ހުޝާމް ދެކުނިންތަ؟ މަލްދާގެ ކުރިމައްޗަށް ހުޝާމް އައިއްޔާ އެނގޭނެތަ؟“ އާނިފް ހިނިތުންވަމުން މަލްދާ އާއި ސުވާލުކޮށްލިއެވެ.
”ނޫން. އަހަރެން ދުވަހަކުވެސް އޭނަ ނުދެކެން. އެކަމަކު އޭނަ ފެނުނީމަ އަހަންނަށް އެނގޭނެ. އެހެންނޫނަސް ކަލޭގެ ހުރިހާ ސުވާލަކަށް ޖަވާބުދޭކަށް އަހަރެން ނުޖެހޭނެ. ކަލޭތީ ކާކު؟“
މިހެންބުނެ މަލްދާ އެތެރެޔަށް ހިނގައިގަތުމުން އާނިފް ވާހަކަދެއްކިއެވެ.
”ހިތާއި ފުރާނަ ފަދައިން ލޯބިވާ ހުޝާމް މަލްދާގެ ކުރިމައްޗަށް އައުމުންވެސް ނޭގުނު ދޯ. އޯކޭ. އަހަރެން ދަނީ“ މިހެން ބުނެ އާނިފް ދޮރާއްޓާއި ދިމާލަށް ހިނގައިގަތުމުން މަލްދާ ގޮވާލިއެވެ.
”ހުޝާމްއޭ! އެކަމަކު ކިހިނެއް ތިހެން ވާނީ. އަހަރެން ހުޝާމް ދެކުނިން ވީޑީޔޯ ކޯލަކުން. ތީ ހުޝާމެއް ނޫން. ދޮގު ތިހަދަނީ. އެހެންނޫނަސް ބައްޕަ ވަރަށް ރުޅި އަންނާނެ ހުޝާމް ދެކެ. ތީ ބައްޕަގެ ރަހުމަތްތެރި ފާއިހުގެ ދަރިއެއް ނޫންތަ؟“ މަލްދާ އިތުރަށް ހާސްވީއެވެ. ގިނަ ސުވާލުތަކުން މީހާގެ ސިކުނޑި ބަރުވިއެވެ.
”ހޫމް. ފާއިހުގެ ދަރި އާނިފް އެކަމަކު އަހަރެންގެ ރަހުމަތްތެރިން އަހަންނަށް ކިޔަނީ ހުޝާމް. އަހަރެން ދިރިއުޅެނީ މާލޭގައި. މިރަށަށް އަންނަން ޖެހުނީ އޮފީސް ދަތުރަކު. މަލްދާއަށް ސަޕްރައިޒެއް ދޭން މިގެޔަށް އައީ.“ އާނިފް ބުނެލިއެވެ.
މަލްދާއަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެންނަމަވެސް އާނިފްގެ ވާހަކަތައް ޤަބޫލުކުރެވުނެވެ. އެވަގުތު މަލްދާ ހަދާންނެތުނީ އިރުކޮޅެއް ކުރިން އޭނަ ހުޝާމްއަށް ގުޅައިގެން ވާހަކަދައްކަން އިން ކަމެވެ.
އާނިފް އާއި މަލްދާ ޖޯލީގައި ތިބެ ހެވިފައި ވާހަކަ ދައްކަމުން ގެންދިޔައެވެ. މިހާރު މަލްދާގެ ހިތުގައި އެއްވެސް ސުވާލެއް އޮތްހެނެއް ހިޔެއް ނުވެއެވެ. އާރިފާ ނުކުމެ ބޭރު ބަލާލާފައި އެތެރެޔަށް ވަދެ ޖައްސާލީ ޓީވީ ބަލާށެވެ.
އާނިފް ގެޔަށް އައި ފަހުން މަލްދާ ގިނަވަގުތު އުޅެނީ ގޭގައެވެ. ނަތާ ގުޅިޔަސް އެގެޔަށްވެސް ނުދެއެވެ. މަލްދާ އާއި އާނިފްގެ އެކުވެރިކަން ފެނި ކަރީމްވެސް ހައިރާންވެގެން އެވާހަކަ އާރިފާ ކައިރީ ދެއްކިއެވެ.
މަލްދާ ނުފެނި ގިނަ ދުވަސް ވެގެން ނަތާ އެގެޔަށް ދިޔުމުން ފެނިގެން ދިޔައީ އާދަޔާއި ޚިލާފް މަންޒަރެކެވެ. ނަތާ ގަތްބިރުން އެގެޔަށް ނުވަދެ އެދުވަހު އެނބުރި ދިޔައީއެވެ. ގެޔަށް ގޮސް މަލްދާއަށް ގުޅުމުން މަލްދާ ފޯނުވެސް އޮތީ ނިއްވާލާފައެވެ.
އެފަހުން ހަފްތާއެއް ވެގެން ދިޔައިރުވެސް ނަތާއަށް މަލްދާއަށް ނުގުޅެއެވެ. މަލްދާ އާއި ދިމާވެސް ނުވެއެވެ. އެހެންކަމުން ނަތާ ނިންމީ އާރިފާއަށް ގުޅައިގެން މަލްދާއާއި ވާހަކަ ދެއްކުމަށެވެ.
ނަތާ އާރިފާއަށް ގުޅާފައި އެދުވަހު އޭނައަށް ފެނުނު ކަންތައްތަކުގެ ވާހަކަ އާރިފާ ކައިރީ ދެއްކިއެވެ. އާރިފާއަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެންނަމަވެސް ނަތާގެ ވާހަކަތަކުގައި ކޮންމެވެސް ހަޤީގަތެއް އޮންނާނެކަން އާރިފާ ޤަބޫލުކުރިއެވެ.
އެހެންކަމުން އާރިފާ އެދުނީ އެވާހަކަ އަދި މަލްދާ ކައިރީ ނުބުނުމަށެވެ. އޭގެ ހަޤީގަތް ބަލާނެ ކަމަށް ބުނެފައި ފޯނުބޭއްވިއެވެ.
އޭގެފަހުން އާރިފާ މަލްދާ އުޅޭ ނޫޅޭ ވަރަށް ބަލައެވެ.
އާނިފް އެރަށަށް އައި ފަހުން މަލްދާ އުޅެނީ ވަރަށް އުފަލުގައެވެ. އަބަދުވެސް އާނިފް އާއެކީ ވަގުތު ހޭދަކުރުމަކީ މަލްދާ އެންމެ ގަޔާވާ އެއް ކަމެވެ. އެހެން އުޅުމުގެތެރޭގައި މަލްދާ އެތައް ސުވާލެއް އާނިފް އާއި ކުރެއެވެ.
ކުރިން އެދެމީހުންގެ ގުޅުމަށް ނުރުހުނު ބައްޕަ މިހާރު ޤަބޫލުވީ ކީއްވެގެންބާއޭ، އެދެމީހުން ރައްޓެހިވެގެން އުޅޭކަމެއް މަލްދާގެ މަންމަ އާއި ބައްޕައަށް އެނގޭބާއޭ.
މަލްދާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އާނިފްގެ ހުށިޔާރުކަމުން މަލްދާގެ ސިކުނޑިއާ ކުޅެލައެވެ.
މަލްދާގެ ދިރިއުޅުމާއި މެދު ވިސްނަން އޮތް ނަތާއަށް ހޭވެރިކަންވީ ފޯނު ރިންގުވީމައެވެ. ބަލާލިއިރު އެގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެހެންކަމުން އަޅާވެސް ނުލާ އޮތީއެވެ. ދެތިން ފަހަރު ގުޅުމުން ނަތާ ފޯނު ނެގިއެވެ.
އެކޮޅުން ދެއްކި ވާހަކަތައް ނަތާ ކަނުލާ އަޑުއަހަމުން ގެންދިޔައެވެ. އެގުޅީ ހުޝާމްއެވެ. މަލްދާގެ ބޯއި ފްރެންޑެއް ހުންނަކަންވެސް ނަތާއަށް އެގުނީ އަދި ކިރިޔާއެވެ. ނަތާ އަވަސްވެގަތީ އާރިފާއަށް ގުޅާށެވެ.
އާރިފާ ކައިރީ އެވާހަކަތައް ދެއްކުމުން އާރިފާ ބުނީ އެކަން އެގޭ ކަމަށާއި އާނިފް އެރަށުގައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް ނަތާ ފިކުރު ބޮޑުވީ ފޯނުން ވާހަކަ ދެއްކި މީހާ އާއި އާރިފާގެ ވާހަކަ ދިމާނުވުމުންނެވެ.
ނަތާ ކައިރީ ހުޝާމް ބުނި ގޮތުގައި މަލްދާ އާއި ހުޝާމް ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި މަލްދާގެ އާއިލާ އެ ގުޅުމާއި ނުރުހޭ ކަމަށެވެ. އަދި މީގެ ދެހަފްތާ ކުރިން މަލްދާއަށް ގުޅައިގެން ވާހަކަ ދެއްކި ކަމުގައިވިޔަސް އޭގެ ފަހުން މަލްދާގެ ފޯނަށް ނުގުޅޭ ކަމަށާއި މަލްދާގެ އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. ނަތާ އެގުނީ މަލްދާގެ ފަރާތުންނެވެ. ވަރަށް އުދަގުލުން ނަތާގެ ނަންބަރު ހޯދައިގެން ގުޅީ ކަމަށެވެ.
ހުޝާމް ބުނާގޮތުން އޭނަ ހުރީ މާލޭގައެވެ. އާރިފާ ބުނާގޮތުގައި ހުޝާމް ނުވަތަ އާނިފް ހުރީ އެރަށުގައި އެގޭގައެވެ. މިވާ ގޮތެއް ނަތާއަކަށް ނުވިސްނުނެވެ.
(ނުނިމޭ)










