މަލްދާގެ ވާހަކަތަކުން އާނިފް ރުޅިގަދަވިއެވެ.
”މަލްދާ މިރޭ ކީކޭ ކިޔަން އުޅޭ ރެއެއްތަ؟ މިރޭ ހާދަ ފާޑަކަށޭ ތިއުޅެނީ. ރީއްޗަށް ބުނީމަ ދޯ އެގޭނީ.“ މިހެން ބުނެފަ އާނިފް ދިޔައީއެވެ.
މަލްދާއަށް ރޮވުނެވެ. ދުރުގައި ބަލަހައްޓައިގެން ހުރި ނަތާ ހުރީ އޭނަގެ ފޯނުގެ ކެމެރާއިން މަލްދާ ފެންނަހެން ވީޑިޔޯ ކޯލެއްގައެވެ. މަލްދާ ރޯތަން ފެނުމުން ހުޝާމްއަށްވެސް ރޮވުނެވެ.
ނަތާ މަލްދާއާ ދިމާލަށް ހިނގައިގަތުމުން މަލްދާ ގޭތެރެޔަށް ހިނގައިގަތެވެ. ނަތާ ގޮސް ގޭގެ ދޮރުމައްޗަށް އަރާ ކަރީމްބެ ކިޔާ ގޮވާލިއެވެ.
”އަހަރެން ގެޔަށް ވައްޓާލަދީފާނަންތަ؟“ ނަތާ މިހެން ބުނުމުން ކަރީމް ކައިރީގައި އިން މީހާ ގޮވައިގެން ބޭރަށް ނުކުތެވެ.
ނަތާ އާއި ކަރީމް އެކުގައި ދާތަން ފެނުމުން އާނިފް ވަރަށް ރުޅިގަދަވިއެވެ. އަދި ބައްޕާއޭ ކިޔާ ގޮވާލިއެވެ.
ކަރީމް އެނބުރި ބަލާލިއެވެ.
”ބައްޕާ އަހަރެން ވާހަކައެއް ދައްކާލަން ބޭނުން. ދުރުވަންވީ ނޫންތޯ އެތެރެޔަށް“ އާނިފް ބުނެލިއެވެ.
”ބައްޕަ އެބަ އަންނަން ކާރުގައި ނަތާ ގެޔަށް ގެންގޮސްދީފައި. އިހަށް މަޑުކޮށްލާ!“ މިހެން ބުނެ ކަރީމް ނުކުމެގެން ދިޔައީއެވެ.
އާނިފް އިތުރަށް ރުޅިގަދަވިއެވެ. އަދި ވައިރޯޅިއެއްހެން ބޭރަށް ނުކުމެ ބަލާލިއިރު ބައްޕަވެސް ކާރުވެސް ފެންނާކަށް ނެތެވެ.
”އޭނަ އެބަހުރި ތިގޭ ދޮރާށިމަތީގައި. އެހޯދަނީ އަހަރެމެން އެކަމަކު އޭނައަކަށް އަހަރެމެން ނުފެންނާނެ. ދަރިފުޅު ބުނަން އުޅޭ ވާހަކަ ބުނެބަލަ.“ ކަރީމް ކައިރީ އިން މީހާ ވާހަކަ ދެއްކިއެވެ.
”ކަރީމްބޭ. މިފޯނުން ވާހަކަ ދައްކާލަބަލަ.“ މިހެން ބުނެ ނަތާގެ ފޯނު ކަރީމް އަތަށް ދިއްކޮށްލިއެވެ.
ކަރީމް ފޯނު ސްޕީކަރަށް ލައިގެން ވާހަކަ ދެއްކިއެވެ. އެކޮޅުން ވާހަކަ ދެއްކީ ހުޝާމެވެ. ހުޝާމްގެ ވާހަކަތައް އަޑުއިވުމުން ކަރީމްއަށް ކާރުގެ ބްރޭކް ޖެއްސުނީ އިހުތިޔާރަކާނުލާއެވެ.
”ކަރީމްބެ. އެއީ ހުޝާމެއް ނޫން.“ ނަތާ ބުނެލިއެވެ.
”އެއީ އާނިފެއްވެސް ނޫން.“ ކައިރީގައި އިން މީހާ ބުނެލިއެވެ.
”އަހަރެންގެ ދަރިފުޅު އާނިފް މިރަށަށް އަންނަ ވާހަކަ އަހަރެން ގުޅާފަ ކަރީމް ކައިރީ ބުނިން. އެކަމަކު އޭނަގެ ދަތުރު އެހެން ރަށަކަށް ބަދަލުވީ. ދެން ކަރީމުގެ ހަބަރެއް ނުވާތީ އަހަރެންވެސް ގުޅާފަ އެވާހަކަ ނުބުނީ.“ ކަރީމުގެ ރައްޓެހި ފާއިހު ބުނެލިއެވެ.
ނަތާއެކީގައި ފާއިހު އެގެޔަށް ދިޔުމުން އާނިފްއަށް އޭނަގެ ބައްޕަ ފާހަގަކުރަން ނޭގުނު ހިސާބުން ކަރީމްއަށްވެސް ޝައްކުވިއެވެ.
”އެހެރީ އޭނަ ނަތާމެންގޭ ދޮރާށި ކުރިމަތީ. އެހޯދަނީ އަހަރެމެން. ނަތާ މިރޭ ގެޔަށް ދާން ބޭބެއަކަށް ނުފެނޭ. އޭނަ ނަތާ އާ ދިމާކުރާނެ.“ ފާއިހު ބުނެލިއެވެ.
”ދިމާކުރާނޭ. އޭނައަށް އަހަރެމެން ނުފެންނާނޭ. މިހާ ކައިރީގައި ތިބިއިރު ކީއްވެ އޭނައަށް މިކާރު ނުފެންނަނީ. ބޭބެ ތިކިޔާ އެއްޗެއް އަހަންނަކަށް ނޭގުނު.“ ނަތާ ބުނެލިއެވެ.
”ފާއިހު އަކީ ފަންޑިތަ ހަދާ މީހެއް. އޭނައަށްވެސް އެކަން އެގޭ. އޭނަ އަހަރެމެންނަށްވުރެ ކުރިން ހިގާފައި މިހިސާބަށް އާދެވުނު ގޮތާމެދު ވިސްނާލަބަ. ނަތާއާ ދިމާކުރާނޭ މިބުނީ އޭނައަކީ އިންސާނެއް ނޫން ވީމަ.“ ކަރީމް ބުނެލިއެވެ.
”ވަޓް!. އިންސާނެއް ނޫނޭ. ކިހިނެއް ތިހެން ވާނީ.“ ކަރީމްގެ ވާހަކަތައް ޤަބޫލުކުރަން ނަތާއަށް ވަރަށް އުދަގޫވިއެވެ.
”އިރުކޮޅަކު މަޑުކޮށްލާ. އޭރުން މަންޒަރު ފެންނާނެ.“ ފާއިހު މިހެން ބުނުމުން ނަތާ ބަލާލީ ކާރާއި ފަސްވަރަކަށް ފޫޓު ދުރުގައި ހުރި އާނިފްއަށެވެ.
އިރުކޮޅަކު އާނިފްއަށް ބަލަން އިނުމަށްފަހު ނަތާ ކާރުގެ ދޮރު ހުޅުވާލާފައި ނުކުންނަން އުޅުމުން ފާއިހު އޭނަގެ އަތުގައި ހިފެހެއްޓިއެވެ. އަދި އާނިފް އާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. ނަތާގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ.
ނަތާއަށް ހީވީ ބޮޑު ސްކްރީނަކުން ބިރުވެރި ފިލްމެއްގެ މަންޒަރެއް ބަލަން އިދެވުނު ހެންނެވެ.
އާނިފް އިސްކޮޅުން ދިގުވެ ބިޔަ ބޮޑުވިއެވެ. އޭނަގެ ގަމީހާއި ޖީންސު ވީދިގެން ދިޔައެވެ. މުޅިމީހާގެ ހަށިގަނޑުން ލޭ ކުލައިގައި ހުރި ލޮނދި ފޭބިއެވެ. ދެއަތުގެ ބަދަލުގައި ވާލުގައި ހުންނަހެން ދެފިޔަގަނޑު ލެވުނެވެ. ދެލޯރަތްވެ މުޅިމީހާގެ ސިފަ ހުތުރުވިއެވެ. ދެކޮޅު ދެކޮޅަށް ބަލަން ހުރެފައި ބިރުވެރި އަޑަކުން ގޮވާލިއެވެ. އަދި ޖެހި ވިދުވަރެއްހެން ގެއްލިއްޖެއެވެ.
ނަތާ އާއި ކަރީމްއަށް އޭތީގެ ސިފަ ފެނުމުން ބިރުން ރޮވޭގޮތްވިއެވެ. ނަތާ ރޯން ފެށިއެވެ. ”މަލްދާ“ ފާއިހުއަށް ބަލާފައި ނަތާ ބުނެލިއެވެ.
”ކަރީމް އަހަންނަށް ގުޅާފައި އެހެން ބުނުމުން އެވާހަކަތައް ޤަބޫލުކުރަން ދަތިވެގެން އަހަރެން ބުނެގެން ކަރީމް މިރޭ ގޭގައި ޤުރުއާން ޖެހީ. ޤުރުއާން ޖެހުމުން އޭނާ ނުކުތީ މަލްދާ ގޮވައިގެން ބޭރަށް. އެހިސާބުން ޔަޤީންވީ. އޭނާ މަލްދާ ދެކެ ވަރަށް ލޯބިވޭ. ކޮންމެ ގޮތަކުންވެސް އޭނަ ބޭނުންވާނެ މަލްދާ ހާސިލްކުރަން. އެކަމަކު އޭނަ މަލްދާއަށް އަނިޔާއެއް ކުރާނެހެން ހިޔެއް ނުވޭ.“ ފާއިހު ބުނެލިއެވެ.
”ބޭބެއަކީ ފަންޑީތަ ހަދާ މީހެއްކަން އޭނައަށް އެގުނުތަ؟“ ނަތާ އަހާލިއެވެ.
”އާ. އެގޭނެ ފެނުނީމަ. އެކަމަކު އަހަރެން އެހާ ވަރަކުން ނޫޅުނީ އެހެންވެ. ނުދަންނަ މީހަކުހެން އުޅުނީ. ކަރީމް ކިހިނެއްވެފަ.“ ކަރީމްގެ ކޮޑުގައި އަތްލަމުން ފާއިހު އަހާލިއެވެ.
”އަހަރެން ހިޔެއް ނުކުރަން އަނެއްކާވެސް …“
”އަނެއްކާވެސް މާނައަކީ…“ ކަރީމްގެ ޖުމްލަ ފުރިހަމަ ނުވަނީސް ނަތާ އަހާލިއެވެ. ކަރީމް ހުރިހާ ވާހަކައެއް ނަތާއަށް ކިޔައިދިނެވެ. މަލްދާ ސްކޫލްގައި އުޅުނުއިރު ޖިންނިއެއް އަވަލައިގެން ވަރަށް ހާލުން އޭނަ ސަލާމަތް ކުރެވުނު ކަމަށާއި އެޖިންނި އަންދާލެވުނު ވާހަކައެވެ.
”އެޖިންނި އަންދާނުލާ. ކޮންމެ މީހަކު ބުންޏަސް އެއީ ދޮގެއް. އެޖިންނި އެއީ ހަމަ.“ ފާއިހު މިހެން ބުނުމުން ކަރީމް ފާއިހުއަށް ބަލާލީ ހައިރާންވެފައެވެ.
”އާ. އެ ޖިންނި އެއީ ހަމަ. އަހަރެން ތިކަން ވަރަށް ރަނގަޅަށް ބަލައިފިން. ޖިންނި އަންދާލީއޭ ކިޔާ އެމީހާ ހެދީ ދޮގު. އޭނަ ހަމައެކަނި މަލްދާ ރައްކާކުރީ އެޖިންނިއަށް ނުފެންނަހެން. އެކަމަކު އަނެއްކާވެސް އޭނައަށް މަލްދާ ފެނުނީ. އަހަރެން ދޭ ތަވީދު ނަތާ ގައިގައި އަޅުވާފަ ބާއްވާ އަދި ހުޝާމް މިކޮޅަށް އާދެވޭނެ ގޮތެއް ދެން ބަލަންވީ. އެހެންނޫނީ މަލްދާ ޤަބޫލުނުކުރާނެ އަހަރެމެން ދައްކާ ވާހަކަ. އެހެރީ ރަނގަޅަށްވެސް އޭނަގެ އަވައިގައި އެމަންޖެ ޖައްސާފައި.“ މިހެން ބުނެ ނަތާގެ އަތަށް ފާއިހު ތަވީދެއް ދިނެވެ. ނަތާ އެތަވީދު އޭނަގެ އަތްދަބަހަށް ލިއެވެ.
ނަތާ ބިރުން ހުރެ ކާރުން ފޭބިއެވެ. އެވަގުތު ވަރުގަދަ އަޑުފައްގަޑެއް އިވުމުން ބިރުން އަނބުރާ ކާރަށް އަރާ ދޮރު ލައްޕާލިއެވެ.
”އަހަންނަކަށް ނުކެރޭނެ މިރޭ އެކަނި ގޭގަ އޮންނާކަށް. އޭތި އެހޯދަނީ އަހަރެން. އަހަރެންގެ ސަބަބުން އޭނަ ފަޅާއެރުމުން އޭނަ އަހަރެން މަރާލާނެ.“ ނަތާ ބުނެލިއެވެ.
”ތީ ތެދެއް. މިރޭ ތިގޭގައި ނިދުން ބުއްދިވެރިއެއް ނޫން. މާދަން އަހަރެން އުޅޭނަން ތިކަމާ. ކަރީމް ކުރަންވީ ކަމަކީ ނޭގޭ ކަމަށް ހަދައިގެން ހުންނަންވީ. އާރިފާ ކައިރީ މިވާހަކަތައް ނުދައްކާތި. އަދި އެހާ ގިނައިން ގޭގައި ޤުރުއާން ނުޖަހާތި އޭރުން އޭނައަށް ޝައްކުވާނެ. އެކަމަކު މަލްދާއަށް ބާރު އަޅާތި ހުރިހާ ނަމާދެއް ކުރަން. ހުޝާމްއަށް އާދެވުނީމާ އަހަރެން ފަށާނަން މަސައްކަތް.“ ފާއިހު ބުނެލިއެވެ.
ޖެހިގެން އައި ދުވަހު ނަތާ ޓިކެޓް ދީގެން ހުޝާމް އެރަށަށް ގެނައެވެ. އެކަމަކު ހުޝާމް ގެއިން ބޭރަށް ނުނެރެ އާނިފްއަށް ނުފެންނަހެން ހުރީ ބަހައްޓާފައެވެ. އާނިފްއަށް އެގިއްޖެނަމަ ހުޝާމްއާ ދިމާކުރަން އޭނަ އަންނާނެއެވެ.
ހުޝާމް ހުރީ ގެސްޓު ހައުސްއެއްގެ ކޮޓަރިއެއް ހިފައިގެންނެވެ. ކޮޓަރީގައި ހުއްޓާ މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވަން އުޅެފައި ނަތާ ބުނި ވާހަކަ ހަދާންވެގެން ދޮރު ނުހުޅުވިއެވެ. އެހެންނަމަވެސް ހިތް ބުނީ ދޮރު ހުޅުވާލާފަ ކާކުތޯ ބަލާލުމަށެވެ.
ދެތިން ފަހަރު ޓަކި ޖެހުމަށްފަހު ޓަކި ޖެހުން ހުއްޓުނެވެ. ހުޝާމް މަޑުމަޑުން ދޮރު ކުޑަކޮށް ހުޅުވާލާފައި ބަލާލިއެވެ. އެވަގުތު ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ.
އެތައް ދުވަހަކަށްފަހު ލޯބިވާ މަލް ފެނުމުން އޭނަށް ކެތް ނުކުރެވުނެވެ.
”މަލް“ ހުޝާމް ގޮވާލިއެވެ.
(ނުނިމޭ)











4 ކޮމެންޓް
ކިޔުނތެރިންގެ ކިބައިން އަޅުގަނޑު މާފަށް އެދެން މިވާހަކައިގެ އެޕިސޯޑްތައް ލަސްވާތީ. އަޅުގަނޑު ވަރަށް ބަލިކޮށް އުޅޭތީ ވާހަކަ އަޕްކުރުން ލަސްވަނީ. އިރާދަކުރެއްވިއްޔާ ދެން އަންނަ އެޕިސޯޑް އެހާ ލަހެއް ނުވާނެ. އިންޝާﷲ
ރައިޓާސްއައް ފުރިހަމަ ޝިފާއެއް މިންވަރުކޮށްދެއްވާށި.(އާމީން)
ޥވ އުފާލިބިއްޖެ. ދެން ހުރިޕާޓްތައްވއަވަހަށް ކިޔާލަންލިބޭނެ ކަންއަންގާލަދެއްވުމުން
މިވާހަކަ ނިކުއިންތޯބެލުނީކިހާވަރަކަށް ކަމެއްވެސްނޭންގެ، ދެންއެހާލަސްނުކުރަން ބުނިފަހުން ހަފްތާއެއްމިވަނީ، ދެންކޮންދުވަހަކުން މިވާހަކަ ކިޔާލަން ލިބޭނީ؟ ދެންވއަވަހައް 6ވަނަޕާޓްނެރެދީބަލަ!
1zqjul'“(){}:/1zqjul;9