Search Streamline Icon: https://streamlinehq.com

އަނެކާއަށް މަޢާފްކުރުމާއި އެކަމުގެ ސިއްޙީ ފައިދާ- ދެވަނަ ބައި

Vaahaka fenvaruonlinr

އެހެންކަމުން މުޢުމިނުންނަކީ ކެތްތެރި ޢަޒުމްވަރުގަދަ ބައެކެވެ. އަދި ހަމައެފަދައިން މުޢުމިނުންނަކީ އެބައިމީހުންތިބީ ރަނގަޅުގޮތުގައިކަން އެނގި އަދި އަނެކާއީ ގޯސްމަގުގައިހުރި މީހަކަން އެނގޭއިރުގައިވެސް މަޢާފްކޮށް ޢަފޫކުރާ ބައެކެވެ. އަދި ޢަފޫކޮށް މަޢާފުކުރުމުގައި ބޮޑެތި ކަންތައްތަކާއި ކުދިކަންތައްތަކުގެ މެދުގައި އެބައިމީހުން ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ. މީހަކަށް ނޭންގި އޭނާއަށް ކިތަންމެބޮޑު ގެއްލުމެއް ނުވަތަ ދެރައެއްވެސް ދީފާނެއެވެ.

…………………………………………………………………………………………………………………….

އެހެނަސް މުޢުމިނުންނަށް އެ ހުރިހާކަމެއްގެވެސް އަމުރުވެރިފަރާތަކީ މާތް ﷲ ކަމާއި އެކަންތައްތަކަކީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ވާނޭކަންތައްތަކެއްކަން އެނގޭނެއެވެ. އެހެންކަމުން އެފަދަ ކޮންމެ ކަމެއްގައި އެބައިމީހުން ރުޅި މައިތިރިކޮށް މާތް ﷲ އަށް ވަކީލުކުރެއެވެ.


އެމެރިކާގެ ސައިންސްވެރިންގެ ފަހުގެ ދިރާސާތައް ދައްކާގޮތުގައި އަނެކާއަށް މަޢާފުކޮށް އަފޫކުރާމީހުންގެ ސިކުނޑިއާއި ހަށިގަނޑުގެ ޞިއްހަތު އެފަދަ ކުޅަދާނަކަންލިބިފައިނުވާ މީހުންނަށްވުރެ މާރަނގަޅެވެ. ސްޓެންފޯޑް ޔުނިވަރސިޓީން ކައުންސިލިންގއާއި ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކުރައްވާފައިވާ ޑރ. ފްރެޑެރިކް ލުސްކިން އާއި އޭނާގެ ޓީމުން ސެންފްރެންސިސްކޯގައި ދިރިއުޅޭ މީހުންގެތެރެއިން 259 މީހެއްގެ މައްޗައް ދިރާސާއެއް އެކުލަވާލިއެވެ. ސައިންޓިސްޓުންގެ މިޓީމުން މި ދިރާސާގައިބައިވެރިވާ ކޮންމެމީހަކަށް ދޮޅުގަޑިއިރުގެ ހަ ސެޝަނަކަށް އައުމަށް ދަޢުވަތުދިނެވެ. އަދި އެމީހުންނާއެކު ދެކެވުނު ވާހަކަތަކުގައި މަޢާފުކުރުމާ ޢަފޫކުރުމާގުޅޭގޮތުން ވާހަކަ ދެކެވުނެވެ.


މިގޮތުން ދިރާސާކުރެވުނު ފަރާތްތަކުން އެބައިމީހުންނަށް ދެރައެއް ނުވަތަ ލަނޑެއް ދިން މީހަކަށް ނުވަތަ ބަޔަކަށް މަޢާފުކުރުމުން އެކަމުން އެބައިމީހުންނަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. އަދި ދިރާސާއި ދެއްކި ގޮތުގައި އަނެކާއަށް މަޢާފުކުރުމަށް ދަސްކުރާމީހުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ލިބޭ ހިތްހަމަޖެހުމާއި ކުރާ އަސަރުތައް މާރަނގަޅެވެ.

އެގޮތުން ފާހަގަކުރެވުނު ބައެއްކަންތައްތަކުގެ ތެރޭގައި އެފަދަ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރިމަތިވާ ބައެއް މައްސަލަތައްކަމުގައިވާ ހާސްވެ ކަންބޮޑުވުމާއި އެކަމާގުޅިގެން އުނަގަނޑުގައިރިއްސުން، އިންސޮމްނިއާ އަދި ބަނޑުގައި ރިއްސުންފަދަ މައްސަލަތައް ވަރަށްބޮޑަށް ދަށްވެގެންދެއެވެ.


ޑރ. ފްރެޑްރިކް މިދިރާސާގެ މައްޗައް އެކުލަވާލި ”ފޮގިވް ފޯ ގުޑް“ (ތިމާގެ ހެވަށް އަނެކާއަށް މަޢާފްކުރާށެވެ.) މިފޮތުގައި މަޢާފްކޮށް އަފޫކުރުމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް މުހިންމު ބައެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިފޮތުގައި އަނެކާއަށް މަޢާފުކުރުމުގެ ސަބަބުން ރުޅި މަޑުކޮށް ޑިޕްރެޝަންއާއި ހާސްވެ ކަންބޮޑުވުމުން ސަލާމަތްވެ، އުންމީދު އާވުމާއި، ކެތްތެރިކަމާއި އަމިއްލަ ނަފްސައް އިތުބާރުކުރުންފަދަ ރަނގަޅު ސިފަތައް ތިމާގައި އަށަގަންނަ ސަބަބުތައް ބަޔާންކޮށްދީފައިވެއެވެ. ޑރ. ލުސްކިން ހާމަކޮށްފައިވާ ގޮތުގައި ރުޅި ކޮންޓްރޯލް ނުކުރެވި އަނެކާ ކުއްވެރިކުރުމުގައި ދެމިހުންނަ މީހުންގެ ފުށުން ބޭރަށް ފެންނާނެ ޖިސްމާނީ ސިފަތައްވެސް ފާހަގަކުރެވޭނެއެވެ.


”ގިނަ ދުވަސްތަކަކަށް ޙައްލުނުވެ ނުވަތަ މައިތިރިނުވެ ހުންނަ ރުޅީގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކޮށްދިނުމުގެ ވަޞީލަތަށް ބުރޫއަރައެވެ. ތިމާ އަބަދުވެސް އާދައިގެ ކަންކަމުގައި ރުޅިއައިސް އެ ރުޅި ގިނަ ވަގުތުތަކުގައި ދެމިހުންނަނަމަ ތިމާގެ ވިސްނުމަކަށް ޢާންމުކޮށް އިންސާނުން ވިސްނާކަންތައްތަކެއް ތަޞައްވުރެއް ނުކުރެވޭނެއެވެ.

އެގޮތުން ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެޑްރިނަލް މޮޑުއުލާގެ ތެރެއިން ލޭގެ ތެރެއަށް ފޮނުވާލެވޭ ސިއްރު ހޯމޯންތައް ފުނިޖެހި އެކަމަކީ އޭނާއަށް އާދައަކަށް ވެދެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ހޫނުމިން މައްޗަށްގޮސް ކަންކަމާއިމެދު ފުރިހަމަގޮތުގައި ވިސްނާފިކުރުކުރުމަށް އުނދަގޫވެއެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް އިތުރަށް ގޯސްވެ ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ.“
އޭގެ އިތުރުން ޑރ. ލުސްކިން ހާމަކުރައްވާ ގޮތުގައި ހާސްވެ ކަންބޮޑުވާ ވަގުތު ހަށިގަނޑުން ފޮނުވާލާ ބައެއް އެންޒައިމްސް ތަކުގެ ސަބަބުން ކޮލަސްޓްރޯލާއި ލޭގެ ޕްރެޝަރ މައްޗައްދެއެވެ. މިކަންތައްތަކަކީ ގިނަވަގުތު ހަށިގަނޑުގައި ހުރުން އެދެވިގެންވާ ފަދަ ކަންކަމެއްނޫނެވެ.


ހީލިންގ ކަރަންޓްސް މެގެޒިންގެ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރ – އޮކްޓޯބަރ މަހުގެ ޢަދަދުގައި ޝާއިޢުކޮށްފައިވާ ”މަޢާފުކުރުން“ ކިޔާ ލިޔުމެއްގަައި ހާމަކޮށްފައިވާ ގޮތުން ކަމަކާ ނުވަތަ މީހެއްދެކެ ރުޅި އަންނަގޮތް މެދުވެރިވެއްޖެނަމަ އޭނާގެ ހަށިގަނޑުގައިވާ އިދިކޮޅު ރޫޙުތައް ހަރަކާތްކުރަންފަށެއެވެ. އަދި އެރޫހުތައް އޭނާގެ ކެތްތެރިކަމާއި ފިކުރުގެ މައްޗައް ވެރިވެގަނެ އޭނާ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ބަލިކަށިކޮށްލައެވެ.

މި ލިޔުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެފަދަމީހުންނަށް ރުޅިއަކީ ހަޤީޤަތުގައި އެމީހުންނަށް ކުރިމަތިވި ދެރައެއްކަމުގައި ފަހުން ޤަބޫލުކުރެވި މަޢާފުކުރުމަށް ބޭނުންވެއެވެ. އަދި އެލިޔުމުގައިވާގޮތުން އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ އަގުހުރި ވަގުތު ރުޅިއާ ބަދަލުހިފުމުގެ ރޫޙުގައި ދުއްވާލުމަށް ބޭނުންވާ ބައެއްނޫނެވެ. އެގޮތުން އޭނާގެ އަމިއްލަ ނަފްސަށާއި އަނެކާއަށް މަޢާފުކުރަން ބޭނުންވެއެވެ.

ނުނިމޭ

އަސްލު ލިޔުއްވީ: ހާރޫން ޔަޙްޔާ

Leave a Reply

Your email address will not be published. Required fields are marked *