ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިޙަށް އޮތް ޖެލެންޖަކީ ރައީސް ޔާމީންކަމަށް ވިދާޅުވުމުން ކަންބޮޑު ނުވާކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެންވިދާޅުވީ ރައީސްޔާމީންގެ ވަކީލުންނާއި އެމަނިކުފާނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދެއްވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންއަށް ޤާނޫނުންލިބިދޭ ޙައްގެއްކަމަށްވާއިރު، އެފުރުސަތު ސަރުކާރުގެ ނުފޫޒުން ނުދެއްވުމަކީ މި ސަރުކާރު ވެއްޓޭނެ ކަމުގެ އަލާމާތެއްކަމަށެވެ. އަދި ﷲ ގެ ވާގިފުޅުން މި ޖައްބާރު ވެރިކަން ވެއްޓޭނެކަމަށެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާއިރުވެސް އިބުރާހިމް ރައީސް ވިދާޅުވަނީ ޗެލެންޖަކީ ރައީސް ޔާމީން ކަމަށް. އެހެންވީމާ ހައިރާނެއް ނުވޭ . ރައީސް ޔާމީން އަދި މިނިވަންކޮށް ހުންނެވިނަމަ ހާދަ ވަރެއް މިމީހުން އަރުވާލާނެއޭ.
އަޙްމަދު ޝިޔާމް
އިއްޔެ ރައީސް ޔާމިންގެ ޤާނޫނީ ވަކީލުން ރައީސްޔާމީން އާއި ބައްދަލުކުރުމަށް މަފުށީ ޖަލަށް ޒިޔާރަތް ކުރުމުން ވަކީލުންގެ ފައިލް އަތުލައި ޑޮކިއުމެންޓްތައް ދައްކަން އެންގުމުން ވަކީލުން އެކަމާ ދެކޮޅު ހަދާފައިވާތީ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޔާމީނާ ދެކޮޅަށް އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންކަމުން އިއްޔެގެ އެ އަމަލަކީ ސީދާ އިމްރާންގެ އެންގެވުމަށް ކުރެއްވި ކަމެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.













