މިއީ އަޅުގަނޑުމެން ދިވެހިން ވަރަށް ފޯރި ނަގާފައި ސިޔާސީ ވާހަކަތައް ދައްކަމުން އަންނަ ދުވަސްވަރެކެވެ. ކުއްޖެއް ބޮޑެއް ޒުވާނެއް މުސްކުޅިއެއް ނެތިއެވެ. ދެމީހަކު އެއްތަން ވެއްޖެއްޔާ ދައްކާނީ ކޮންމެވެސް ސިޔާސީ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ގައުމަކަށް ކުރިމަތިވާނޭ އެންމެ ބޮޑު އިންތިޚާބު އަޅުގަނޑުމެންގެ ގައުމައްވެސް މިވަނީ ބޯމަތިވެފައެވެ.
ކޮންމެ އަކަސް އަންނަ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާ ދުވަހެވެ. ގައުމުގައި ވެރިކަން ކުރާނެ ވަލިއްޔުލް އަމްރެއް ކަނޑައަޅަން ވޯޓުނަގާދުވަހެވެ. މި ދުވަސް އައުމުގެ ކުރިން ވެރިކަން ހޯދަން އެ ޕާޓީއަކަށް ނުވަތަ އެ ބަޔަކަށް ދެއްކުނު ވާހަކައެއް، ކުރެވުނު ކަމެއް ކުރަމުން ގެންދާނެއެވެ. މިހާރުވެސް ދަނީ ރެއެއް ދުވާލެއް ނުބަލައި އެބަޔަކު ތާޢީދު ކުރާ ކެންޑިޑޭޓެއްގެ މޮޅުވާހަތައް ޕޯޑިއަމްތަކުގައާއި އެހެނިހެން ތަންތާގައި ފޯރިއާއި އެކު ދައްކަމުންނެވެ.
ކޮންމެއަކަސް ދައްކަން މިއުޅެނީ ރާއްޖޭގެ ވެރިއަކަށް ދެން ގެންނަން ނުވަތަ އަންނާނޭ މީހަކު ހޮވަން ވޯޓުލާ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެއްވެސް ހާލަތެއްގައި ތަންތަނުގައި ނުވަތަ ޕޯޑިއަމްތަކުގައި ތިމާމެން ހިތުހުރި ގޮތަކަށް ބޭއަދަބީ ބަސްތައް ބުނެ ވާހަކަ ދައްކަމުން ގެންދާ ވާހަކައެވެ. ދީނެއް މިއްލަތެއް ނުބަލައި ހިތު ހުރި ގޮތަކަށް އަނެކާއަށް ތައުރީފުކޮށް ވާކަދައްކާ ވާހަކައެވެ.
އެ ބުނާހެން މިއީ ކެމްޕޭނު ކުރަންވީ ދުވަހެވެ. ކެމްޕޭން ކުރިއަސް އަދި އެހެން ކަމެއް ކުރިޔަސް ތިމާމެން ބޭނުންވާ މީހަކު ދިފާއުކޮށް އެމީހަކުގެ މޮޅުވާހަކަ ދެއްކުމުގައި މިންގަނޑެއް އޮންނާންވާނެއެވެ. ކެމްޕޭނޭ ކިޔާފައި ހިތުހުރި ގޮތަކަށް ބޭނުންހާ ވާހަކައެއް ދެއްކުމުގެ މިނިވަން ކަމެއް އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑެކެވެ.
ގައުމުގެ ވެރިކަން ކުރަން ވެރިއަކު ހޮވަން ބާއްވާ އެންމެ ބޮޑު އިންތިޚާބު ބޯމަތިވެފައިވާއިރު، އެ ޕާޓީއެއް ނުވަތަ އެ ޖަމާއަތަކުން ކުރިމަތިލާ ފަރާތެއް ހޮވުމަށް އެކި ގޮތްގޮތުން އެމީހެއްގެ މޮޅުވާހަތައް އަންނަނީ ދައްކަމުންނެވެ. އެކިއެކި ތަންތަނުގައި އެކިއެކި ރައްރަށުގައި އެކިއެކި ޕޯޑިއަމްތަކުގައެވެ. މިގޮތައް ތިމާ ބޭނުންވާ މީހަކު ވެރިކަމަށް ގެނައުމަށް ވެސް ބޭނުން ވާހަކައެއް ބޭނުންހާ ގޮތަކަށް ދެއްކުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. ކޮންމެ ތަނެއްގައި ވާހަކައެއް ދެއްކިޔަސް ދައްކަން ވާނީ މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނެވެ. އެބަހީ ދޮގު ހެދުމާއި އެހެން މީހުންގެ އަބުރު ކަތިލުމާއި، އަވަގުރާނަ ގޮވުން އަހަރެމެންގެ ދީނުގައި ހުއްދަވެގެން ނުވެއެވެ.
ފަހަކަށް އައިސް ސިޔާސީ ޕޯޑިއަމްތަކުގައި އަނެކާއަށް ތައުރީފުކޮށް ތިމާމެން ބޭނުން ނުވާ މީހައަށް ރައްދުވާ ގޮތަށް ހަޑިހުތުރު ބަސްތައް ބޭނުން ކުރުމުގެ އިތުރުން އަބުރާއި އިއްޒަތަށް އަރައިގަނެ، އެތަކެއް ވާހަތަކެއް އަންނަނީ ދައްކަމުންނެވެ. އަނެކާގެ ޤަދަރު ކުޑަކޮށް އަބުރާއި އިއްޒަތް ވެއްޔާ މޮޑެލުމަށް ފަހު ތިމާ ގަޔާވާ މީހާއަށް ތައުރީފު ކުރުމަކީ ސިޔާސީ ކެމްޕޭން ކުރުމަށް ރަނގަޅު ގޮތެއް ކަމަށް ނުދެކެމެވެ.
ސިޔާސީ ކެމްޕޭނެއް ކުރިޔަސް އަދި އެހެން ކެމްޕޭނެއް ކުރިޔަސް ތިމާ ގަޔާވާ ކެންޑިޑޭޓަކަށް ތައުރީފު ކުރަން ވާނީ އިސްލާމް ދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށެވެ. އިސްލާމް ދީނުގެ ރިވެތި އަޚުލާޤުގެ ތެރެއިންނެވެ. އެހެން ގޮތަކަށް އެކަން ދާނަމަ އެ ކުރެވެނީ ކެޕްޕޭނެއް ނޫނެވެ. އެކުރެވެނީ މުޖުތަމަޢު ފިތުނަ ފަސާދަ ކުރުމަށް ކުރެވޭ ކެމްޕޭނެކެވެ.













