ވ.އާރަށް ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ރައީސް އޮފީހަށް އެއްވެސް ސިޓީއެއް ފޮނުވާފައިނުވާ ކަމަށާއި އެގްރިކަލްޗަރ މިނިސްޓްރީންވެސް އާރަށް ބަދަލުކުރުމަށް އިއުތިރާޒްވި ކަމުގެ އެއްވެސް ލިޔުމެއްވެސް ފެންނަން ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު އެމައްސަލައިގައި އެމަނިކުފާނަށް ނޭންގި ގިނަ ކަންތައް ހިނގާފައިވާކަމަށް ރައީސް ޔާމީން ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއިން ރައީސް އޮފީހަށް ފޮނުވަންޖެހޭ ސިޓީ ނުފޮނުވާ ކަމަށާއި އެގްރިކަލްޗަރ މިނިސްޓްރީއިން މިކަމަށް އެއްބަސވިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުުމެއް މިއަދު ވަނީ ބާއްވާފަ އެވެ. މިއަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޓޫރިޒަމް ޤާނޫނުގައި އޮންނަ ގޮތުން ރަށެއް ނުވަތަ ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރަންޏާ ރައިސް އޮފީހަށް ސިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ސިޓީ ރައީސް އޮފީހަށް ލިބިފައިނުވާ ކަމަށާއި މިމައްސަލައިގައި ދައުލަތުން ހުށަހެޅި ލިޔުންތަކުތެރޭގައިވެސް އެ ސިޓީ ނެތްކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
”ޓޫރިޒަމް ޤާނޫނުގައި އޮންނަ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ފަޅެއް ވިޔަސް އަދި ރަށެއްވިޔަސް ބަދަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ޓޫރިޒަމް މިނިސްޓްރީއިން ސިޓީއެއް ވަދެގެން. އެސީޓި ވަދެފައެއް ނެތް. އަދި އެގްރިކަލްޗަރ މިނިސްޓްރީން އާރަށް ބަދަލުކުރުމަށް އިއުތިރާޒްވި ކަމުގެ ލިޔުމެއްވެސް ނެތް.“. ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ބުނެގެން ކަމަށް ނިންމާފައި ޓޫރިޒަމް މިނިސްޓްރީއަށް ސިޓީ ދަނީ ކީއްވެގެންތޯ ޔާމީން ވަނީ ސުވާލު އުފައްދާފައެވެ. އަދި އެފަދަ ލިޔުމެއް އެމަނިކުފާނަށް އޭރު ލިބިވަޑައިނުގަންނަވާ ކަމަށާއި ރައީސްގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީއަށް ސީޓީ ދާންޖެހޭ ސަބަބެއް ނެތްކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި މިފަދަ ލިޔުމެއް ހިމެނިފައިނުވާކަން ޔާމީން ފާހަގަކުރެއްވި އެވެ.
”ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޮފީހަށް އާރަށް ބަދަލުކުރުމަށް ސިޓީއެއް ނެތް. އެލިޔުންތައް އަޅުގަނޑުމެން ދީފައިވާ ލިޔުންތަކުތެރޭ ނެތް.“ ޔާމީން ވިިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ފުއްގިރި މައްސަލައިގެ ތަހުގީގުގައި ފުލުހުން އެމަނިކުފާނަށް ފުރައްސާރަ ކުރި ކަމަށާއި ފަސް ހަފަހަރު މަތިން އެއް ބަޔާނެއް ތަފާތުކޮށްގެން ގެނައި ކަމަށެވެ.
”ފުއްގިރީގެ މައްސަލައިގައި ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތުކޮށްފަ ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައީ ތިކުރައްވަނީ ހެރެސްއޭ. ހުރިހާ ފުލުހުންގެ ލޮގުގައި މިވާހަކަތައް ހުންނާނެ.“ ޔާމީން ވިދާޅުވިއެވެ.
އެދުވަސްވަރަކީ ޔާމީންގެ ހުރިހާ ވަކީލުން އިސްތިއުފާ ދިން ދުވަސްވަރު ކަމަށާއި އެހެން ވަކީލުން ނެގުމުންވެސް ފުލުހުން އެކަމަށްވެސް ހުރަސްއެޅި ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ފުލުހުންގެ ފުރައްސާރައިގެ ސަބަބުން ޔާމީންގެ ލީގަލް ޓީމް އެއްކޮށް އިސްތިއުފާ ދިނީ ކަމަށްވެސް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ.














1 ކޮމެންޓް
ޙަސަން
ޥެރިކަމުގަ ހުރެ ވެރިޔަކު އެގެންޖެހޭ ކަންކަން ނޭގޭ ބުނުމަކީ އިޚްލާސް ތެރިކަމެއް ނެތުން..