އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ސެމްބެގެ މެނިފެސްޓޯ އިއުލާމްކުރުން މިމަހު 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ ޑރ. މުޢިއްޒުގެ މެނިފެސްޓޯ ތަޢާރަފްކުރުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ 20:30 ގައި ހުޅުމާލޭ ފޭސް 2 ގައި ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް ޔާމީން އަބްދުލް ޤައްޔޫމް ތަރައްޤީ ކުރެއްވި ބިމެކެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްގެ ކެމްޕޭން ޙަރަކާތްތައް ފަށާފައިވާއިރު ރައްޔިތުންގެ ބޮޑު ތާޢީދެއް ޑރ. މުޢިއްޒު އާއި ޙުސައިނަށް އަންނަނީ ލިބެމުންނެވެ.
ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތައް ކެމްޕެއިން ޖަލްސާތަކުގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސް ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު އިނާޔަތް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފް ކުރައްވާނެ ކަމަށެވެ.
މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބޭނެ ގޮތް ހަދައިދީ ރާއްޖޭގައި މަސް ކާރުޚާނާއެއް ޤާއިމުކުރުމަށްވެސް ވަނީ ވައުދުވެފައެވެ.













