މިހާރު މިއޮތް ރައީސް ޞާލިޙުގެ ސަރުކާރުން އަލިފުށީގައި އަޅަން ފަށައިފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ، ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އެކަމާ ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
އެކަމާ ކަންބޮޑުވުންފާޅުކުރައްވައި، އާދަމް ޝަރީފު ކުރެއްވި ޓްވީޓުގައި، އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުދާކަން ހާމަކޮށްދިނުމަށް ވީޑިއޯއެއް ހިއްސާ ކުރައްވާ ވިދާޅުވީ އެއީ ސަރުކާރުން 417 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ އެއާޕޯޓުގެ ޙާލަތު ކަމަށެވެ. އަދި އެއާޕޯޓު ހަދަން ވެލި ނަގަނީ ރަށުގެ ފަޅުތެރެއިންކަމަށާއި އެއާޕޯޓު ނިންމާނީ ޕީއެންސީ އާއި ޕީޕީއެމްގެ ކޯލިޝަނުން އެކުލަވައިލާ މުޢިއްޒުގެ ސަރުކާރުންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަލިފުށީގެ އެއާޕޯޓް މަޝްރޫއު 2021 ވަނަ އަހަރގެ ސެޕްޓެމްބަރު މަހުގައި އެމްޓީސީސީ އާއި ޙަވާލު ކޮށްފައިވާއިރު، އަދިއަދަށް ވެސް އެކަން ހާސިލް ވުމުގެ ކޮޅުމަތި ނުފެނެއެވެ. އަދި މި މަޝްރޫޢު ވަނީ މަޑުޖެހިފައެވެ.
އެއާޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހަދަން އެމްޓީސީސީއާއި ހަވާލުކުރިއިރު، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރަން ވެސް އެމްޓީސީސީން އެއްބަސްވެފައިވެއެވެ.
މި މަޝްރޫއަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫޢު ކަމަށް އެފަރާތުން ބުނެއެވެ.













