އަމާންކަން ހޯދޭނީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ގިސޯސް ހިފައިގެންކަމަށް ރިޔާސީ ކެންޑިޑޭޓް، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ޓީވީއެމްގެ ”ރިޔާސީ ސިޔާސަތު“ ޝޯގައި ވާހަކަ ދައްކަވަމުންނެވެ.
މި ޝޯގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ގިސޯސް ހިފުމަށް، ސީދާ ކީރިތި ޤުރުއާނުގައި، ވަރަށް ސާފުކޮށް އަންގަވައިފައިވާ ކަމަށާއި އެކަން ކޮށްގެން ނޫން ގޮތަކަށް އަމާންކަމެއް ނެތްކަމަށެވެ. އަދި އެ ޙުކުމަކީ، އޭނާގެ ޙުކުމެއް ނޫން ކަމަށާއި، އެކަން ކުރަން އަންގަވައިފައިވަނީ ޤުރުއާނުގައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މަރުގެ ޙުކުމް އިއްވައި، ޝަރުޢީ ހުރިހައި މަރުހަލާއެއް ނިމިފައި ތިބި، ތިން މީހަކު ތިބިއިރު، އެ ޙުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މަރުވި މީހުންގެ އާއިލާގެ ރުހުން ވެސް ލިބިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރަން ބަލާއިރު، ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ވާހަކަ، ބައެއް ބޭފުޅުން ދައްކަވަނީ އެކަން ނުކުރަން ބަހަނާ ދެއްކެވުމަށް ކަމަށާއި 100 އިންސައްތަ ރަނގަޅު ފަނޑިޔާރުގެއެއް ދުނިޔޭގައި ނެތް ކަމަށެވެ.
އަދި މީހެއްގެ މަރުގެ ޙުކުމާއި ހަމައަށް ދާނީ، ޝަރުޢީ ތިން މަރުހަލާގެ ތެރެއިން 11 ފަނޑިޔާރުން ގޮތް ނިންމެވުމުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.













