Search Streamline Icon: https://streamlinehq.com

ކެނދިކުޅުދޫގައި ދެ ބަނދަރު އަޅައި، އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެއްޖެ

Muizzu

ނ.ކެނދިކުޅުދޫ އަށް އިކޯ ޓްއަރިޒަމް މަޝްރޫއަކާއި ދެ ބަނދަރު ޤާއިމްކޮށް ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ރިޔާސީ ކެމްޕޭންގައި ކެނދިކުޅުދޫ އަށް ވަޑައިގެން ޑރ.މުއިއްޒު ވިދާޅުވީ، ކެނދިކުޅުދޫ ރައްޔިތުން ރަށުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައް ބޭނުންވާ ކަމަށެވެ. އެހެންކަމުން އޭނަގެ ދައުރެއްގައި އެރަށުގައި ދެ ބަނދަރާއި އިކޯ ޓްއަރިޒަމް މަޝްރޫއެއް ހިންގާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ރަށަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ބޮޑު ރަށަކަށް ވެފައި ދަތުރު ފަތުރު ކުރުމުގައި އެންމެ ބަނދަރެއް އޮތުމުން ދަތިތަކަކާ ކުރިމަތި ވާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވަނީ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

”އެއާ އެކީގައި މިރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނަން. ވަރަށް ބޮޑު ރަށެއް. ގާތްގަނޑަކަށް 4.7 ކިލޯމީޓަރ ދިގު މިނުގައި ހުންނަ ރަށެއްގަ އެންމެ ބަނދަރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެނެ. ދެ އަވަށަށް ދެ ބަނދަރު އޮވެއްޖާ ފަސޭހަ ވާނެ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތައް މަޝްރޫޢުތައް ރާވާލާނަން.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

މި ސަރަހައްދަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އަންނަ ސަރަހައްދެއްކަން ފާހަނގަކުރައްވަމުން މުއިއްޒު ވިދާޅުވީ ކެނދިކުޅުދޫގައި ޓުއަރިޒަމް ގެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ. ޒުވާނުންނަށް ފަސޭހައިން އިންވެސްޓް ކުރެވިގެން ފައިސާ ލިބޭނެ ގޮތައް އިކޯ ޓޫރިޒަމް ފައްޓަވާނެ ކަމަށާއި އުންމީދަކީ ޒުވާނުންނަށް ވަޒީފަތައް ގިނަ އެ ފުރުސަތު ފަހިވެގެން ދިޔުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

”އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާ ލިބޭނެ. އާމްދަނީ ލިބޭނެ. ވަޒީފާ އަކީ ކޮންމެހެން އޮފީހަށް ދާ ވާހަކައެއް ނޫން. ވަޒީފާ އަޅުގަނޑު އެ ބަސް މި ބޭނުން ކުރަނީ ކޮންމެހެން ޑެސްކެއް ކައިރި އިނދެގެން ވަޒީފާ އަދާ ކުރުމެއް ނޫން. އާމްދަނީ ލިބޭނެ ކަމެއް އެއީ އަމިއްލަ ވިޔަފާރި އެއް ވިޔަސް ފުރުސަތު ދީގެން އާމްދަނީ ހޯދުން.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ވަޒީފާ އަދާކުރުމަކީ ކޮންމެހެން އޮފީހަކަށް ދިޔުން ނޫންކަމަށާއި އަމިއްކަ ވިޔަފާއި ހިންގުމަކީވެސް ވަޒީފާއެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އާމްދަނީއެއް ލިބޭ ކޮންމެ ކަމަކީ ވަޒީފާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކެނދިކުޅުދޫގައި ބަހުގެ ދަތުރުތައް ރަނގަޅުކޮށް، ސްކޫލުގެ އެކިއެކި ކަން ކޮށްދެއްވާނެ ކަމަށާއި ޚާއްސަ ކޮށް ސްކޫލުގައި ސައިންސް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސައިންސް ލެބެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިންނަވާފައެވެ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި