ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ރޭ ނިންމަވާ އައު ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމަވައިފިއެވެ.
ރައީސް ޔާމިން ޕީޕިއެމް ދޫކޮށްލައްވަން ނިންމެވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައެވެ. ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ޖަމީލު ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް ހަދަން ޔާމިން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުހޯއްދަވާތީ ކަމަށާއި އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޔާމީން ގުޅުއްވުމުން ރައީސް ޑރ. މުއިއްޒު، ފޯނު ނުނަންގަވާ ކަމަށެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިސޯރުކޮށްފައި ކަމަށެވެ.
ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިހާރު ވެސް އެތައް ބަޔަކު ތިއްބެވި ކަމަށާއި އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށެވެ. އަދި ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ކޯލިޝަނަކުން އައި ވެރިކަމެއް ނަމަވެސް ސަރުކާރު އެކުލަވާލީ ވެސް ޔާމީނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާއި އެގޮތުން ވެރިކަން ގެންނަން މަސައްކަތް ކުރި ޕީޕީއެމްގެ މަދު ބަޔަކު ފިޔަވާ ސަރުކާރު ތެރޭގައި ތިބީ މުޅިން ވެސް ބޭރުން އެކި ދިމަދިމާއިން އައިސްފައިވާ ބޭފުޅުންތަކެއް ކަމަށެވެ.
ރައީސް ޔާމިން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީ އެއް އުފައްދަން ނިންމަވާފައިވާއިރު، ޔާމިން އެންޑޯޒް ކުރައްވައިގެން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.













