ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި، ކުރީގެ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ އާއި ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު ވީހާވެސް އަވަހަށް ޕާޓީ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީންގެ ޓީމުން ގެންދަނީ ބުނަމުންނެވެ.
ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް ”ޕީޕަލްސް ނޭޝަނަލް ފްރޮންޓް“ ކިއުމަށް ނިންމަވާފައިވާއިރު އެޕާޓީގެ ކުލައަކަށް ޚިޔާރު ކޮށްފައިވަނީ ދަނބު ކުލައެވެ. އޭގެ އިތުރުން ޕާޓީގެ ލޯގޯ އާއި މީސްމީޑިއާ އެކައުންޓްވެސް ރޭ ވަނީ އިފްތިތާޙް ކޮށްފައެވެ.
ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން ޕީޕީއެމްގެ ލީދަރުގެ ގޮތުގައި ހުންނެވި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އެމަނިިކުފާނު ވަނީ ވަގުތުން ފައްޓަވާފައެވެ.













