ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ މިއަދު ވަކިކުރަން ވޯޓަށް ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލިހުގެ އެޖެންޑާގައި މިއަދު އޮތީ މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނިންމުމެވެ. އެމްޑީޕީގެ 49 މެމްބަރަކާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކު އެ މައްސަލަ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އެ ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކެވީ އީވާއެވެ.
އީވާގެ ވާހަކަ ނިންމަވާލެއްވި ތަނުން، އޭނާ ވަނީ އިސްތިއުފާގެ ސިޓީ މަޖިލިހުގެ އިދާރީ މޭޒާ ހަވާލުކޮށްފައެވެ. އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާނުކުރައްވައިފަ އެވެ.













