ޝައިންގެ- ވަފާތެރި މަވީމޭ- 14 ވަނަބައި
އޭގެފަހުން ޝާނީއާއި ޖިނާހްވެސް އުޅެނީ ބަލައިގެންނެވެ. އެމީހުންގެ ލޯބި އެންމެނަށް ފޮރުވައިގެންނެވެ. ސަލްމާއަކީ އެމީހުންގެ ސިއްރުވެރިޔާއެވެ. ޝާނީއާއި ޖިނާހްގެ ލޯބި މުޅި ދުނިޔެއަށް އުމުރަށްވެސް އޭނާ ސިއްރުކުރަން ބޭނުމެވެ. އެދެކުދިންނަށް އެއްވެސް މީހެއްގެ އެސްފީނާ ޖެހޭކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް އެއީ ކިހާ ނާދިރުކަމެއްކަން އޭނާއަށް އެނގެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުގެ މެދުޓާރމް ނިމި ޗުއްޓީ ވެއްޖެއެވެ. އަތޮޅުތެރޭގެ ރަށްތަކުގައާއި މާލޭގައި ކިޔަވަންތިބި ކުދިންގެ ތެރެއިން ގިނަކުދިން ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށަށް އަތުވެއްޖެއެވެ. ރީނާއާއި ލީޒާވެސް އެމީހުންގެ މަންމަމެން ގާތު އާދޭސްކޮށްގެން ރަށަށް އައެވެ. ރީނާގެ އެންމެ ހަގު ކޮއްކޮ ރާއިން ޚިތާނުކުރަން ހަމެޖެހިފައިވާތީ އޭނާ ރަށަށް އައީއެވެ. ރީނާ އަންނަކަން އެނގިގެން ލީޒާވެސް އަންނަން ބޭނުންވީއެވެ. ޝާނީގެ އެކުވެރިން އައުމުން އޭނާހުރީ ނުހަނު އުފަލުންނެވެ.
ޗުއްޓީއަށް އައިމީހުންގެ ސަބަބުން ރަށުތެރެ އަނެއްކާވެސް ހަލަބޮލި ވެއްޖެއެވެ. އެހެންކަމުން ޖިނާހްއާއި ޝާނީއަށް މިނިވަންކަމާއެކު ބައްދަލުވެ އުޅެން އުނދަގޫވިއެވެ. ޝާނީވެސް ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ އެކުވެރިންނާ އެކުގައެވެ. ރީނާގެ ގޭގައި ޚިތާނީގެ ހަދަމުން ދިޔައިރު، ރީނާގެ ދޮންބެ ރަޔާންއާއި އޭނާގެ އެކުވެރިންނާއެކު އެކަމުގައި ބައިވެރިވެގެން ޖިނާހްވެސް އުޅެމުން ދިޔައެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ޖިނާހްއަށް އެގޭތެރެއިން ޝާނީވެސް ފެންނަމުން ދިޔައެވެ. ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު ކަތި ނަޒަރުތަކާއި ރަކި ހިނިތުންވުންތަކުން ހަމަހިމޭންކަމާއެކު ހިތުން ހިތަށް މެސެޖްތައް ފޯރުކޮށްދެމުން ދިޔައެވެ.
ގޯތިތެރޭގައިވާ ހުސްބިމުގައި ޚިތާނީގެއަޅައި ސަނދުވާ ދަމާ ޒީނަތްތެރިކޮށް ހަދައިފިއެވެ. ސައުވީސް ގަޑިއިރު ކަރަންޓް ނުހުންނާތީ ކުޑަ ޖަނަރޭޓަރެއް ހޯދަން މަޖުބޫރުވިއެވެ. ރަށުގައި ޖަނަރޭޓަރއެއް ގެންގުޅެނީ ހަމައެކަނި ޖިނާހްމެންގެ ގޭގައެވެ. ރަޔާން ހާރިޝްގެ ގާތުގައި ބުނެގެން އެ ޖަނަރޭޓަރ ކުއްޔަށް ގެނެސް ކަރަޓް ވައިރުކޮށް ޚިތާނީގޭގައި ކަރަންޓްލިއެވެ. ކުލަކުލައިގެ ނިވިދިއްލޭ ބޮކިފަތިތަކުން ގެޖަރީކޮށްފިއެވެ. އެމަންޒަރު ފެނުމުން ރާއިން އުފަލުން ފޮޅުނެވެ. ޚިތާނުކުރުމަށް ގެންފައިވާ ބިރުވެސް ފިލާދިޔައެވެ. ރަޔާން މިފަހަރު މާލޭން އައީ ޓީވީއާއި ވީސީއާރ އެއްވެސް ހިފައިގެންނެވެ. އެޒަމާނުގެ އެންމެ މަޝްހޫރު ހިންދީ ފިލްމްތަކާއި އިނގިރޭސި ފިލްމުތައްވެސް އޭނާ ގެނައެވެ. އެކުވެރިންނާއެކު ފިލްމުބަލާ މަޖާކުރުމަށް އޭނާހުރީ ރަނގަޅަށް ތައްޔާރުވެގެންނެވެ.
ދެދުވަސްތެރޭގައި ގެއަޅާނިމި ތިންވަނަ ދުވަހު ޚިތާނު ކުރެވިއްޖެއެވެ. ރަށުގައި އެވަގުތު ތިބި ހުރިހާ ޒުވާނުންހެން މިހާރު ގިނަވަގުތު ހޭދަކުރަނީ ރީނާމެންގެ ގޭގައެވެ. ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ. ދެޖިންސްގެ ޒުވާނުންގެ މެދުގައި ފާޅުގައި ސަކަރާތްޖަހައި ނުހެދި ނަމަވެސް، ސިއްރު ސިއްރުން ގޯނާތައް ކުރެވެމުން ދިޔައެވެ. ރޭގަނޑާއި ދުވާލު ދަންފަޅި ބަހާލައިގެން ރާއިންގެ ގާތުގައި ވަގުތު ހޭދަކުރަން ޒުވާން ފިރިހެންކުދިން ތިބޭއިރު އެމީހުންގެ ޚިދުމަތުގައި ކެއިންބުއިމާއި އެހެނިހެން ކަންކަމުގައި އަންހެންކުދިން ހޭލަމޭލަވެ އުޅެމުން ދެއެވެ. ރާއިން ޚިތާނުކުރެވުނީއްސުރެ އެގޭދޮށުން ކުޑަކުދިން ފިލާނުދެއެވެ. ރާއިން ފޫހިފިލުވުމަށްޓަކައި ޓީވީ އަޅުވާލުމާއެކުހެން އެކި ދިމަދިމާލުން ކުދިންތައް އައިސް މުޅިތަން ފުރާލައެވެ. އެކުދިން ތިބެނީ ޓީވީ ހުޅުވާނެ އިރެއްގެ އިންތިޒާރުގައެވެ. އެޒަމާނުގައި ކޮންމެ ގެއެއްގައި ޓީވީއެއް ނުހުރެއެވެ. ޓީވީއެއް ހުންނަގެއެއްގައިވެސް، ބައްޕަ ނުވަތަ ބޭބެ ރަށުގަ ނެތްނަމަ އެ ބެލޭނެ ގޮތެއް ނޯވެއެވެ. އަނެއްކޮޅުން ކޮންމެ ކޮންމެ ގެއެއްގައި ފިލްމެއްވެސް ނުހުރެއެވެ. މާލެއިން މީހަކު އަންނަ ފަހަރަކު އާ ފިލްމެއް ބަލާލަން ލިބިދާނެއެވެ.
ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދަށްފަހު ކައިގެން ޝާނީ ދިޔައީ ރީނާމެންގެ ގެޔަށެވެ. އޭރުވެސް ޒުވާނުންގެ ގިނަ ބަޔަކު އެގޭގައި ތިއްބެވެ. ނަމާދަށް މާބޮޑު ސަމާލުކަމެއް ނުދޭމީހުން، މުޅި ދުވަހު އެގޭގައި މަޖާކުރުމުގައި ހޭދަކުރެއެވެ. ކެރަމްކުޅުމާއި ތާސްކުޅުމުގައެވެ. ލަވަޖެހުމާއި ސަކަރާތްޖެހުމުގައެވެ. ނަމާދު ވަގުތައް ލަވަ ނިވާލުމަށްފަހު، އަނެއްކާވެސް ލަވަޖަހަން ފަށައެވެ.
“ އޭތް…މިރޭ މިގޭގަ މަޑުކޮށްބަލަ! ދޮންބެމެން މިރޭވެސް ކޮންމެވެސް ފިލްމެއް ބަލާ ވާހަކަބުނި…އަހަރެމެން ޖެހޭނެ އެމީހުން ބަލާ އެއްޗެއް ބަލަން…“ ޝާނީ ފެނުމުން ރީނާ ސިއްރު ސިއްރުން ބުނެލިއެވެ.
“ ކޮން ފިލްމެއް؟“ ޝާނީ އަހާލިއެވެ.
“ ނޭނގެ ކޮންމެވެސް އިނގިރޭސި ފިލްމެއް…ކޮންމެ ރެޔަކުވެސް ގޭ އެންމެން ނިދީމަ ސިއްރު ސިއްރުން އެމީހުން ފިލްމު ބަލަނީ…މިރޭވެސް އެންމެން ނިދީމަ އިނގިރޭސި ފިލްމެއް އަޅުވާނެ….އެމީހުން އެވާހަކަ ދައްކަނިކޮށް މަށަށް އަޑުއިވުނީ….މިމީހުން ރަނގަޅު އެއްޗެއްނޫން އެބަލަނީކީ…“ ރީނާ އޮޅުން ފިލުވައިދިނެވެ.
“ ތިހެން ވިއްޔާ ކޮންމެހެންވެސް ތި ފިލްމެއް ބަލަންވާނެ…“ ލީޒާވެސް ގަޔާވިއެވެ.
“ އެކަމު މަގޭ މަންމަ ގަބޫލެއް ނުވާނެ މިގޭގަ މަޑުކުރާކަށް….“ ދެރަވެލާފައި ޝާނީ ބުނެލިއެވެ.
“ މަންމައަށް ނޭނގި އާދެބަލަ!“ ލީޒާ ޚިޔާލު ދިނެވެ.
“ ނުކެރޭނެ“ ވަގުތުން ޝާނީ ޖަވާބުދިނެވެ.
“ ހިނގާ ތިގެޔަށް ގޮސް އަހަރެމެން އާދޭސްކުރާނީ…މިރޭ ދެން އެންމެ ފަހު ރެޔެއްނު….މާދަމާ ފެންއަޅާނެ……މިރޭ އެކަންޏޭ….“ ރީނާ ލަފާދިނެވެ. އެގޮތާ ޝާނީ އެއްބަސްވިއެވެ. ތިންކުދިން ގޮސް ޝާނީގެ މަންމަގާތުގައި އާދޭސްކޮށްގެން ޝާނީ އެގެއަށް ނިދަން އައުމަށް އެއްބަސްކުރުވިއެވެ. ތިންކުދިން އުފަލުންތިބެ އެގެއަށް އައެވެ. މިރޭ އެމީހުން ނިދާކަށް ގަސްތެއް ނުކުރިއެވެ. އެމީހުން ރާވާފައިވަނީ މިރޭ ފިރިހެންކުދިން ޖަހާ ސަކަރާތެއް ބެލުމަށެވެ. ގަޑިން އެގާރަޖެހުމާއެކު ރަށުން ކަރަންޓް ކަނޑާލައިފިއެވެ. ރަށުތެރެއަށް ހަމަހިމޭންކަން ވެރިވި ނަމަވެސް ރީނާގެ ގޭގައި އަދިވެސްވަނީ ހަލަބޮލިކަމެވެ. ކަރަންޓް ކަނޑާލިތާ ގިނައިރުތަކެއްނުވެ، ރާއިންއަށް ގޮވާލަން އައިސްތިބި އާއިލާގެ މެމްބަރުންވެސް އެމީސްމީހުންގެ ގޭގެއަށް ގޮސް ނިމިއްޖެއެވެ. ރީނާގެ ބޮޑުދައިތަ ނިދަނީ އެގޭގައެވެ. އެހެންކަމުން މަންމައާއި ބޮޑުދައިތަވެސް ނިދަން ވަދެއްޖެއެވެ. ރާއިން ނިދާފައި އޮތުމުން ބައްޕަވެސް ރަޔާންގެ ކޮޓަރިއަށްވަދެ ނިދައިފިއެވެ. ރީނާވެސް ޝާނީއާއި ލީޒާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެމީހުން ކޮޓަރީގެ ބޮކިނިވާލިއެވެ. ޚިތާނީގޭގައިވާ ބޮކިތަކުގެ އަލި ކޮޓަރީގެ ކުޑަދޮރުގެ ތެރެއިން އެޅިފައިވުމުން ކޮޓަރިތެއޮތީ ނުހަނު ހިތްގައިމު ވަރަކަށް އަލިކޮށެވެ. ތިންކުދިން ތިންކުދިން އެނދުގައި އިށީނދެ ފާރުގައި ލެނގިލައިގެން ސިއްރު ސިއްރުން ވާހަކަދައްކަން ތިއްބެވެ.
ހުރިހާ އެންމެން ދިއުމުން ޒުވާން ފިރިހެންކުދިންތައް އެކަނިވެއްޖެއެވެ. އެންމެން ނިދީކަން ޔަޤީންކުރުމަށްފަހު ރަޔާން އޭނާ ގެންގުޅޭ ފިލްމުތަކުގެ ތެރެއިން އިނގިރޭސި ފިލްމެއްނެގިއެވެ.
“ އޭތް…މި ވަރަށް ފައްކާ ފިލްމެއް….ވަރަށް މަޖާވާނެ…“ އެފިލްމު ނަގާ އޭނާގެ އެކުވެރިންނަށް ދައްކާލަމުން ރަޔާން ބުންޏެވެ. ރީނާމެން ކޮޓަރީގައި ތިބިއިރު އެމީހުން ދައްކާ ވާހަކަ ރަނގަޅަށް އަޑުއިވެއެވެ. ރީނާގެ ކޮޓަރީގެ ކުޑަދޮރުގައި ލޫވަ ލައްވާފައި ހުރުމުގެ ސަބަބުން ކުޑަކޮށް ހުޅުވާލުމުންވެސް ރީތިކޮށް ބޭރުފެނެއެވެ. ފިލްމު އަޅުވާލި އަޑުއިވުމުން ޝާނީމެން މަޑުމަޑުން އައިސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އެތާނގައި ތިބިއިރު ރީތިކޮށް ޓީވީ ފެނެއެވެ.
ރަޔާން ވަރަށް ހެވިފައިހުރެ ފިލްމު އަޅުވާލިއެވެ. ހުރިހާ ފިރިހެންކުދިން ގޮނޑިތަކުގައި ހަމަޖެހިލައިގެން ގަޔާވެފައި ފިލްމު ބަލަން ފެށިއެވެ. ޖިނާހްވެސް އެމީހުންގެ ތެރޭގައި އިނެވެ. އޭނާ ފިލްމު ބަލާއުޅޭ މީހެއް ނޫނެވެ. އޭނާ އަޑުއިވުމުން މަހްރޫމުވުމާއެކު ފިލްމު ބެލުން ހުއްޓާލިގޮތަށް ފިލްމެއް ނުބަލައެވެ. އެހެންކަމުން ފިލްމު އެޅުވިތާ ގިނައިރުތަކެއްނުވެ އޭނާ އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ.
“ އޭތް މަޑުކުރޭ!…“ ރަޔާން ޖިނާހްގެ އަތުގައި ހިފައި ހުއްޓުވިއެވެ. ރަޔާން އެދުމުން ދެކޮޅުހަދަން ނުކެރިގެން އޭނާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ. ފިލްމު ފެށިގެން ކުރިޔަށް ދިޔައެވެ. ފިލްމަކީ ލޯބީގެ މަޖާ ފިލްމެކެވެ. މަޖާކަމެއްވާ ކޮންމެ ފަހަރަކު އެންމެން އެއްއަޑަކުން ހޭންފަށައެވެ. އެއާއެކު ޝާނީމެންނަށްވެސް ހެވެއެވެ. ނަމަވެސް ރަޔާންމެންނަށް އަޑުއިވިދާނެތީ ހުނުން މަތަކުރެވޭތޯ އެމީހުން ބަލައެވެ. ފިލްމު ފަށައިގެން ކުރިޔަށް ދަނިކޮށް ކުއްލިއަކަށް ލޯބީގެ މަންޒަރެއް ފެށިއްޖެއެވެ. ޒުވާން ދެލޯބިވެރިންގެ ލޯބިކުރުމުގެ މަންޒަރު ފެށުމާއެކު ފިރިހެންކުދިންތައް ރަކި ހިނިހޭންފެށިއެވެ. ލޯބީގެ މަސްތުގައިޖެހި، ދެލޯބިވެރިންގެ ފޭރާން ހަށިގަނޑާއި ވަކިވެގެން ދިޔަ ވަގުތު ކޮޓަރިތެރޭގައި އެމަންޒަރު ބަލަންތިބި އަންހެންކުދިންތަކުގެ ދެލޯބޮޑުވެގެން ދިޔައެވެ. ހައިރާންވީ ވަރުން އަނގަމަތީ އަތްއަޅާލެވުނުއިރު، ލަދުންނާއި ބިރުން ގައިން ހީބިހިވެސް ނަގައިގެން ދިޔައެވެ. މިއީ މީގެކުރިން އެކުދިން ދުވަހަކުވެސް ދެކެފައިވާ މަންޒަރެއް ނޫނެވެ. އެމަންޒަރު ފެނުމާއެކު ގަތްލަދުން ތިންމީހުން އަވަސް އަވަހަށް އައިސް އެނދުގައި އިށީނެވެ. އެކުދިންނަށް އެކަކު އަނެކެއްގެ މޫނަށްވެސް ބަލާލާކަށް ނުކެރުނެވެ. އެކަކު އަނެކަކަށް ފުރަގަސްދީގެން ހިމޭންކަމާއެކުގައި ތިބިއިރު އެމީހުންގެ ސިކުނޑީގައި އެމަންޒަރު ތަކުރާރުވަމުން ދިޔައެވެ. ޝާނީއަށް ވިސްނެމުން ދިޔައީ ޖިނާހްވެސް އެމަންޒަރު ބަލަން އެތާ އިނުމުން އެކަމާއެވެ. އަންހެނަކާއި ފިރިހެނެއްގެ ބަރަހަނާ މަންޒަރުތައް މިނޫނީ އޭނާ ދެކެފައެއް ނުވެއެވެ. އެއީ ހަމަ ލޯބިވެގެން މީހުން އުޅޭގޮތް ބާއޭ އޭނާގެ ހިތަށްއެރިއެވެ. ނޫނެކެވެ. އެއީ މުސްލިމުން އުޅޭގޮތެއް ނޫނެވެ. އެއީ ކާފަރުންގެ ގޮތެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
އެމަންޒަރު ފެނުމުން ޖިނާހްއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. އަންހެން ކުއްޖަކު ބަރަހަނާ ހާލުގައި ހުއްޓައި މި ނޫނީ އޭނާ ދެކެފައެއް ނުވެއެވެ. މިފަދަ ވިޔާނުދާ މަންޒަރެއް ފެނުމުން އޭނާ ނުހަނު ލަދުގަތެވެ. ރަޔާން އެމަންޒަރު ބަދަލުކުރާކަށްވެސް ނޫޅުނެވެ. އެހެންކަމުން އޭނާ އެތަނުން ތެދުވެގެން ބަދިގެ ފަރާތަށް ދިޔައެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނާ ފެންތައްޓެއް ބޯލައިގެން ބަދިގެ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރީ ޓީވީ ފެންނަ ހިސާބަށް ދާންވެސް ނުކެރިފައެވެ.
“ އޭތް އެއްކަލަ ޖިނާ ކޮބާ މިހާރު؟…“ ލޯބީގެ މަންޒަރު ނިމި ހަމަހޭވެރިކަން ވެގެން އެތަނުން އެކަކު ބުނެލިއެވެ.
“ އެސޮރު ލަދުން ފިލީކަމަށްވާނީ….އެސޮރަށް ދުވަހަކުވެސް ތިފަދަ މަންޒަރެއް ނުފެންނާނެ…އެއީ ފިލްމު ބަލާއުޅޭ ސޮރެއްނޫން…..“ އަނެކަކު ޖަވާބުދިނެވެ.
“ މިފަހަރު އޭނަ ޖެހޭނެ ރަނގަޅަށް ހާނުވާލަން…“ ހިނިގަނޑެއް ޖަހާލަމުން އެހެން ކުއްޖަކު ބުނެލިއަޑުއިވުނެވެ.
“ އާނ….ވަރަށް ލަދުން އުޅޭމީހެއް އެއީ….މިފަހަރު އެސޮރުގެ ލަދު ކަނޑުވާލާނަން….އެހެން އުޅެގެން އެސޮރަށް އިންނާނެ މީހަކުވެސް ނުވާނެއްނު….“ ރަޔާންވެސް އެމީހުނާ އެއްބައިވެލިއެވެ.
ޖިނާހްއަށްވެސް އެމަންޒަރު ބަލަން ނުކެރިގެން އެތަނުން ދިޔަކަން އެނގުމުން ޝާނީގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކުން އޭނާގެ ހިތަށް އުނދަގޫވެސްވިއެވެ. ޖިނާހްއަކީ އެމީހުންފަދަ ވިޔާނުދާ މީހަކަށް ހަދަން އެމީހުން އެއުޅެނީ ކީއްވެގެންބާއޭ އޭނާގެ ހިތަށްއެރިއެވެ.
“ އެމީހުން ލަދެއްވެސް ނުގަނޭދޯ؟…“ ސިއްރު ސިއްރުން ލީޒާ ބުނެލިއެވެ.
“ އާނ….އެއީކާފަރުން އެމީހުން ނުގަންނާނެދޯ ލަދެއް…އެކަމު މަމުޅިން އަވަދި ވެއްޖެ….ޗީޑި..“ ފެނުނު މަންޒަރު ހިތަށް އެރުމާއެކު ރީނާ ބުނެލިއެވެ.
“ މަ މިބުނީ ރަޔާންބެމެންގެ ވާހަކަ…އެމީހުން ލަދެއްވެސް ނުގަނެއެއްނު އެބަލާކަށް…އެތިބެނީ ހެވިފަ…“ ލީޒާ އޮޅުން ފިލުވައިދިނެވެ.
“ އާނ….އެއީ ފިރިހެނުން…އެމީހުން ތިބޭނީ އެކަހަލަ ވިޔާނުދާ އެއްޗެއް ނުފެނިފަ….މަކުރިންވެސް ހިތަށްއެރިއޭ އެމީހުން ނުބަލާނޭ ރަނގަޅު އެއްޗެއް….“ ނުރުހުންވެފައި ރީނާ ބުނެލިއެވެ.
“ އަދި ޖިނާހްވެސް އެމީހުންގެ ބަޔަށް ވައްދާށޭ އެއުޅެނީ….ހާދަ ގޯސް ބަޔެކޭ…“ ޝާނީހުރީ ހިތްހަމަ ނުޖެހިފައެވެ.
“ ޖިނާހްއެއްކަމަކު އެއީވެސް ފިރިހެނެއްނު….އޭނާވެސް އަދި އާވީމަ ލަދުން އެއުޅެނީ….އޭނާވެސް ހަމަ އެހެންވާނެ…“ ލީޒާ ބުނެލިއެވެ.
“ ނޫން….ޖިނާހްއަކީ އެކަހަލަ ވިޔާނުދާ މީހެއްނޫން….އެކަހަލަ ހަޑިހުތުރު މަންޒަރުތަކެއް އޭނައެއް ނުބަލާނެ…“ ޝާނީ ވަގުތުން ޖިނާހް ދިފާއުކުރިއެވެ.
“ ޝާނީއަށް ކިހިނެއް އެނގެނީ އޭނާގެ ގޮތް؟…އެނގޭތަ؟…އެ ފިރިހެންވެރިން އަންހެންކުދިންނާ ރައްޓެހިވެގެން އެހުރިހާ ސަކަރާތެއް ޖަހާނެ…އެހެންވެ ފިލްމުތައް ބަލައިގެން އެމީހުން އެކަން ކުރަން ދަސްކުރަނީ..“ ވަރަށް އެނގޭމީހަކު ފަދައިން ރީނާ ބުނެލިއެވެ.
“ ހަމަ އަސްލަށްވެސް ރައްޓެހިވެގެން އުޅޭމީހުން އެހެން އުޅޭނެތަ؟….“ ލީޒާއަށް ގަބޫލެއް ނުކުރެވުނެވެ.
“ އާނ….އުޅޭނެ…އަދި ތިފެނުނީ ކުޑަތަންކޮޅެއްނު….އެމީހުން އުޅޭގޮތް ގޮތް ނުވާނެ ކިޔަންވެސް….ފަކުރުވެސް ގަނޭ….“ ރީނާ އަޑުންވެސް އޭނާގެ މޫނުގެ ކުލަވަރު ސިފަވެގެން ދިޔައެވެ.
“ އެކަމު ކޮންމެ މީހަކު އެހެން ނޫޅޭނެއްނު….“ އެންމެފަހުން ޝާނީ ބުނެލިއެވެ.
“ އެހެން އުޅޭށޭ އެމީހުން ރައްޓެހިވަނީ….ރަނގަޅަށް އުޅޭނަމަ ކީއްވެ ސިއްރުން ތަންތަނަށް ގޮސް ބައްދަލުކުރަނީ؟…މީހުންނަށް ނޭނގި ސިއްރުން މެންދަމުގަޑީގަވެސް ބައްދަލުކުރަނީ؟….“ ރީނާކުރި ސުވާލަށް ދޭނެ ޖަވާބެއް ޝާނީއަކަށް ނޭނގުނެވެ.
“ ރީނާއަށް ކިހިނެއް ތިހުރިހާ އެއްޗެއް އެނގެނީ؟…“ ލީޒާ އަހާލިއެވެ.
“ އެނގެއެއްނު ރަތީބާ….އަހަރެމެން ކުލާހު…އޭނާ ވަރަށް ކިޔައިދޭނެ އެކަހަލަ ވާހަކަ….އޭނާގެ ގެކައިރި ކުއްޖަކު އުޅޭގޮތުގެ ވާހަކަ…އޭނަބުނީ އެންމެފަހުން އެކުއްޖާ ބަލިވެއިނދެގެން ސުކޫލުންވެސް ކަނޑާލިޔޯ…“ ރީނާ އޮޅުން ފިލުވައިދިނެވެ.
“ އެހެންތަ؟..“ ކަންބޮޑުވެފައި ލީޒާ އަހާލިއެވެ.
“ އާނ..ރައްޓެހިވެގެން އުޅޭއިރު ފިރިހެނުން ގަޔަށްބޮލަށް އަރާނެ…ދެންމެ ފެނުނުގޮތަށް….އެހިސާބުން ހުރިހާކަމެއް ނިމުނީ…އަންހެންކުއްޖާގެ އިތްފަތްތެރިކަން ގެއްލުނީ….އެހެންވެ މަބުނީ މަނުވާނަމޭ މީހަކާ ރައްޓެއްސެއް…އެހުރީ އެމީހުން އުޅޭ މުޑުދާރު ގޮތް….ޗީޑި…ކިހާ ފަކުރު…“ ފޫހި ރާގަކަށް ރީނާ ބުންޏެވެ.
“ އެކަމު ޖިނާހް ނޫޅޭނެ އެހެނެއް؟..މަށަށް ހަމަ ޔަޤީން“ ވިސްނުމެއްގައި އިނދެފައި ޝާނީއަށް ބުނެވުނެވެ.
“ އަނެއްކާވެސް ޖިނާހްގެ ވާހަކަ ތިބުނީ ކީއްވެ؟..ޝާނީއަށް ޖިނާހްގެ ގޮތް މާ ރަނގަޅަށް އެނގެނީތަ، އޭނަ ތިދިފާޢު ކުރަނީ؟“ ކުއްލިއަކަށް ރީނާ އަހާލިއެވެ. ރީނާގެ ސުވާލިކޮށްލުމުން ޝާނީއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނެވެ. އެހެންކަމުން އޭނާ ހިމޭނުންއިނެވެ. ކޮޓަރިތެރޭގައިވާ ފަނޑުއަލިން އޭނާގެ މޫނުގައިވާ ކަންބޮޑުވުމުގެ އަސަރު އެމީހުންނަށް ނުފެނުނު ނަމަވެސް އޭނާގެ އަޑުން އެކަން އެމީހުން ދެނެގަތީކަން އޭނާއަށް އެނގުނެވެ.
“ މަށަށް ހީވަނީ ކަމެއްހެން…“ ލީޒާ ގަޔާވެލާފައި ބުނެލިއެވެ.
“ މަށަށްވެސް ތިހެން ހީވޭ އެބަ….“ ރީނާވެސް އެއްބައިވިއެވެ. ޝާނީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއާއި ޖިނާހްގެ ގުޅުމުގެ ވާހަކަ އޭނާގެ އެކުވެރިންނަށް ސިއްރުކޮށްގެން އުޅޭކަށް އޭނާއަކަށްވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް އޭނާ އެހުންނަނީ އިސްވެ ބުނަންވެސް ނުކެރިފައެވެ. އެމީހުން އެކަމާމެދު ދެކޭނެ ގޮތެއް ނޭނގޭތީއެވެ.
“ ބުނެބަލަ! ކީއްވެ ބަސްހުއްޓިފަ ތިއިނީ؟…އަނެއްކާ ތިދެމީހުން ކަމެއްތަ؟…“ ސީރިއަސްވެފައި ރީނާ އަހާލިއެވެ.
“ ޝުޝްޝް….ބޭރުގަ ތިބިމީހުންނަށް އަޑުއިވިދާނެ…“ ކަންބޮޑުވެފައި ޝާނީ ބުނެލިއެވެ.
“ އެމީހުންނަކަށް ނީވޭނެ….އެމީހުން އެތިބީ ފިލްމަށް ގޮސް ހުސްވެފަ….ދެން ބުނެބަލަ…ޖިނާހްއާ ކަމެއްތަ؟…“ ރީނާ ސުވާލު ތަކުރާރު ކޮށްލިއެވެ.
“ ޔަޤީން ކަމެއްކަން…މަށަށް އެކަހަލަ ޝައްކެއްވި މިއަދު ހެނދުނުވެސް….“ ލީޒާ އިތުރުކޮށްލިއެވެ.
“ މަވެސް މިހުންނަނީ ތިހެން ނުބުނާށޭ….މިގޭތެރެއިން ވަރަށް ގިނައިން ޖިނާހްއާ ޝާނީއާ ދިމާވެގެން ދެމީހުން ޒާތަކަށް ރަކިނި ހެނިކޮށް މަވެސް ދުށީމޭ…ޖިނާހް ކޮންމެވެސް ސިއްރެއްވެސް ބުނި ޝާނީގާތު….މައެހީމަ އޮޅުވާލީ…“ ރީނާ އާއި ލީޒާތިބީ ދޫކުރާ ގޮތަކަށް ނޫނެވެ.
އެމީހުންތިބީ، ޖިނާހްއާއި ޝާނީގެ މެދުގައި ބަދަލުވަމުން ދިޔަ ސިއްރު ނަޒަރުތަކާއި ހަމަހިމޭންކަމުގެ މެސެޖްތަކުގެ ހަޤީޤަތް ބަލަން ބޭނުންވެފައެވެ. އެހެންކަމުން އެމީހުން ކުރުނުކޮށް ޝާނީއަށް ގޯނާކޮށް ހެދުމުން އެންމެފަހުން ޝާނީ އެއްބަސްވިއެވެ.
“ ކޮބާ މަބުނީމެއްނު އޭރުވެސް ކަމެކޭ…“ ކުއްލިއަކަށް ހިނިގަނޑެއް ޖަހާލަމުން ލީޒާއަށް އެހެންބުނެވުނީވެސް ނުހަނު ބާރަށެވެ. އެވަގުތު ޓީވީގެ އަޑުކެނޑިގެން ދިޔައެވެ. ކުއްލިއަކަށް މުޅިތަނަށް ހަމަހިމޭންކަންވެސް ވެރިވެގެން ހިނގައްޖެވެ.
“ ދޮންބެއަށް އަޑުއިވުނީ ކަންނޭނގެ….“ ކަންބޮޑުވެފައި ރީނާއަށް ބުނެވުނެވެ. ލީޒާ ދެލޯބޮޑުކޮށްލަމުން އަނގަމަތީ އަތްއަޅާލެވުނެވެ. އެމީހުން ކަންބޮޑުވެގެން ހިމޭނުން ތިއްބައި ކުއްލިއަކަށް ކުޑަދޮރު ކައިރިއަށް އައިސް މީހަކު ހުއްޓުނުތަން ފެނުނެވެ. އިރުކޮޅަކު އެތާހުރުމަށްފަހު އެމީހަކު ދުރަށް ޖެހިލިއެވެ. އިރުކޮޅެއްފަހުން ގޭތެރެއިން މީހަކު ހިނގާއަޑުއިވުނެވެ. ތިންކުދިން ހަދާނެގޮތެއް ނޭނގިފައި ތިއްބައި ދޮރުގެ ތަޅުގައި މީހަކު ހިފާލިއެވެ.
“ ރީނާ…ރީނާ…ދޮރުހުޅުވަބަލަ!…“ ކުއްލިއަކަށް ރަޔާންގެ އަޑުއިވިފައި ރީނާ ސިހުނެވެ. ދެން ހަދަންވީގޮތެއް ނޭނގި އަތްފައި ފިނިވެއްޖެއެވެ. ރަޔާންމެން ބެލި ފިލްމު އެމީހުންވެސް ބެލިކަން އެނގިއްޖެނަމަ ރަޔާން އިންތިހާއަށް ރުޅިއަންނާނެކަން އޭނާއަށް އެނގެއެވެ. އަދި ޚުދު އޭނާވެސް ނުހަނު ލަދުގަންނާނެއެވެ. އަނގައިން ބަހެއްވެސް ނުބުނެ އެއިން ގޮތަށް ރީނާ އިނެވެ. ޝާނީއާއި ލީޒާވެސް ބިރުން ވިރި ވިރި ތިއްބެވެ.
ނުނިމޭ










