މަލްދާއަށް ހޭލެވެނީ ހަށިގަނޑުގައި ދިލަ ހޫނެއް ވާތީއެވެ. މޯޅިއަކަށް ދެމިލާފައި މަޑުމަޑުން ލޯހުޅުވުމާއެކު މަލްދާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްފައި މައްޗަށް ބަލަހައްޓައިގެން އޮވެވުނީއެވެ. މަލްދާގެ ލޮލުން ފެނިގެންދިޔައީ ބިރުވެރި ކަމާއި ހާސްކަމެވެ. ބިރުން ލޯމަރާލުމަށްފަހު ހަޅޭއް ލަވައިގަތެވެ.
ހަޅޭކުގެ އަޑަށް އާރިފާ އާއި ކަރީމް ދުވެފަ އައިސް މަލްދާގެ ކޮޓަރިއަށް ވަނެވެ. މަލްދާ އޮތީ ނިދާފައެވެ. އެހެންވިއްޔާ ހަޅޭއްލެވީ ކާކު ހެއްޔެވެ؟ މަލްދާގެ ކޮޓަރީގައި އިތުރު އެހެން މީހަކު ނެތެވެ. ކަރީމް ސުވާލުގެ ނަޒަރަކުން އާރިފާއަށް ބަލާލިއެވެ. އާރިފާ މަޑުމަޑުން އައިސް މަލްދާގެ މޫނަށް ބަލާލިއެވެ. މަލްދާ އޮތީ އަރާމު ނިންޖަމުން ނިދާފައެވެ. އެހެންކަމުން ކަރީމްގެ އިޝާރާތަށް އާރިފާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެނދު ކައިރީ ސައިޑް ޓޭބަލް މަތީގައި އޮތް މަލްދާގެ ފޯނެވެ. އާރިފާ ފޯނަށް ބަލާލިއެވެ. ގަޑިން ތިންގަޑި ބައި ވަނީއެވެ.
މަންމަ އާއި ބައްޕަ ކޮޓަރިން ނުކުމެގެން ދިޔައިރުވެސް މަލްދާއަށް އޮވެވުނީ ހަރަކާތް ހުއްޓި ރޮވިފައެވެ. މަންމައަށް ގޮވަން ބޭނުންވިޔަސް އަޑެއް ނުނުކުމެއެވެ. ބައްޕަގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު ބައްޕައަށް މަލްދާގެ ހާލަތު ނޭގެއެވެ. މަލްދާ ނިދާފައި އޮތް ކަމަށް މަންމަޔާއި ބައްޕައަށް ހީވި ކަމުގައި ވިޔަސް އެއީ ދައްކާލި ދަޅައެކެވެ.
ކޮޓަރީގެ ދޮރު ލައްޕާފައި މަންމަޔާއި ބައްޕަ ދިޔުމުން މަލްދާ ބަލާލީ ފަންކާ އާ ދިމާލަށް މައްޗަށެވެ. ކޮޓަރީގެ ސީލިންގަނޑުގައި އިން ރަތް ދެލޯ މަޑުމަޑުން މަލްދާގެ މޫނާ ދިމާލަށް އަންނަން ފެށިއެވެ. ކައިރިވާ ވަރަކަށް އެއީ ހަމައެކަނި ދެލޯ ނޫންކަން އެގުނެވެ. ހުތުރު ސިފައެއްގައި ހުރި މީހެއްގެ އަގުރު އަލިފާން ކަހަލަ ދެލޮލެވެ. މަލްދާގެ ހަށިގަނޑުގެ ވަސް ފޯރާ ހިސާބުގައި އެމީހާ އޮތީ މަލްދާއަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އެހެން އޮވެފައި އޭނަގެ ކުރަކި އަތުގެ އިނގިލިތަކުން މަލްދާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު މަލްދާގެ ގައިން ހީބިހި ނަގައިގަތެވެ. މަލްދާ ރޮމުން ލޯ ލަމަރާލީއެވެ. އިންސާނުންނަކީ ހާދަ ނިކަމެތި ބައެކޭ އެވަގުތު ހިތަށް އެރިއެވެ.
ރޭގަނޑު ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން ގޭގެ ބޭރު ޖޯލީގައި އިނުމަކީ މަލްދާގެ އާދައެކެވެ. މިކަމާ ކަރީމް ވަރަށް ކަންބޮޑުވެއެވެ. މަލްދާ ކުޑައިރު ދިމާވެފައިވާ ކަމެއްގެ ސަބަބުންނެވެ. ކިތަންމެ ވަރަކަށް ބުންޏަސް މަލްދާ އެކަން ހުއްޓާނުލިއެވެ. އެއްދުވަހަކު މަލްދާގެ ރަހުމަތްތެރި ނަތާ އޭނަ ރައޓެހިވެގެން އުޅޭ ކުއްޖާ މައްސަލަޖެހިގެން ނަތާގެ އެދުމަށް އޭނަގެ ގެޔަށް މަލްދާ ދިޔައެވެ.
އެގެއިން މަލްދާއަށް ދިމާވި ކަމަކުން މަލްދާ ވަރށް ބިރުގަތެވެ. ނަތާ ބުނީ އޭނަގެ ބޯއި ފްރެންޑް ރަށުގައި ނެތްކަމަށެވެ. އަދި އޭނަ މަލްދާއަށް ނުގުޅާ ކަމަށެވެ. އެހެންނަމަވެސް ސޯފާގައި އިން ޔާލް ފެނުމުން މަލްދާ ބިރުން ފިތް ކަނޑައިގެންދިޔައެވެ. ކަންތައް ހިނގައިދިޔަގޮތް ނަތާ ކިޔައިދިނުމުން ކަރީމްވެސް ބިރުގަތެވެ. އަނެއްކާވެސް ނުރައްކަލެއް ކުރިމަތިވާން އުޅޭކަން އެގުނެވެ. ކޮ
ންމެ ރެޔަކުވެސް މަލްދާއަށް ގޮތްނޭގޭ ގޮތެއްވާކަން ކަރީމް ކައިރީ މަލްދާ ނުބުނެއެވެ. އާނިފްއަކީ ކަރީމްގެ ރައްޓެއްސެއްގެ ދަރިއެކެވެ. އޮފީސް ދަތުރަކު އައިސް އެގޭގައި އުޅުމުގެ ތެރޭގައި މަލްދާގެ ހިތް އަތުލައިގަތެވެ. އާނިފް އެއީ މަލްދާ ރައްޓެހިވެގެން އުޅޭ ހުޝާމެވެ. ހުޝާމްއަކީ އާނިފްގެ ރައްޓެހިން އޭނައަށް ކިޔާ ނަމެކެވެ. މަލްދާ އުފަލުން ފޮޅުނެވެ. އޭނައަށް ނާންގާ ސީދާ އެގެޔަށް އައިސް އޭނައަށް ސަޕްރައިޒެއް ދިނީމައެވެ. މަލްދާ އިންނަނީ އުފަލުން ފޮޅިފައެވެ.
އާނިފްގެ ހަޤީގަތް ފުރަތަމަ އެގުނީ ނަތާއަށެވެ. ނަތާ ކަރީމް ކައިރީ އެވާހަކަ ދެއްކުމުން ކަރީމް ނަތާގެ ޝައްކު ޔަޤީންކުރަން ކުރި މަސައްކަތުގެ ނަތީޖާ ފެނުމުން ކަރީމްއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މަލްދާއަށް ގުޅޭނެ ގޮތެއް ނުވެގެން ހުޝާމް ނަތާ މެދުވެރިކޮށް މަލްދާގެ ވާހަކަ އަހައެވެ. ހުޝާމްގެ ހަޤީގަތް ކަރީމްއަށް އެނގުމުން ކަރީމް މަސައްކަތް ފަށައިގަތީ މަލްދާ ސަލާމަތް ކުރުމަށެވެ. ހުޝާމް އޭ ކިޔައިގެން މަލްދާގެ ދިރިއުޅުމާ ކުޅެމުންދަނީ ހުޝާމެއް ނޫނެވެ. އެއީ ކަރީމްގެ ރައްޓެއްސެއްގެ ދަރި އާނިފެއްވެސް ނޫނެވެ. އެއީ މަލްދާ ކުޑައިރު އޭނައާ އަޅައިގަތް ޖިންނިކަން ކަރީމްގެ މަސައްކަތުން އެނގުނެވެ.
ހުޝާމް އެރަށަށް އައިސް ނަތާ އާއި ކަރީމްގެ އެހީ ހޯދިއެވެ. އާނިފގެ ހަޤީގަތްް ނަތާއަށް އެގޭކަން އާނިފްއަށް އެގެއެވެ. އެހެންވެ އާނިފް ދިޔައީ ނަތާއަށް އެކި ގޮތް ގޮތުން ގޯނާ ކުރަމުންދިޔައެވެ. ނަތާ ބިރުން ހިތް ފަޅައިގެންދިޔައެވެ. އާނިފް ބޭނުންވަނީ މަލްދާ އާއި ކައިވެނި ކުރާށެވެ. އާނިފްގެ ކަންތައް ހުންނަ ގޮތުން މަލްދާއަށް ޝައްކުވެސް ކުރެވެއެވެ. އެހެންނަމަވެސް އެއީ މާބޮޑު ކަމަކަށް ނަހަދައެވެ. މިހެން ހުއްޓާ ހުޝާމް އާއި މަލްދާ ބައްދަލުވިއެވެ. އެއީ ވަރަށް ދަންނަ މީހަކުހެން މަލްދާއަށް ހީވިއެވެ.
”ހުޝާމް“
”ޔެސް ލަވް“ މަލްދާ ގޮވާލުމުން އިހްތިޔާރަކާނުލާ ހުޝާމްއަށް ބުނެލެވުނެވެ.
މަލްދާގެ ލޯ ބޮޑުވިއެވެ. މަލްދާ ގޮވާލުމުން އަބަދުވެސް ހުޝާމް އޭނައަށް ޖަވާބުދެނީ އެގޮތަށެވެ.
”ޔެސް ލަވް. އަހަރެން ދާން ޖެހިއްޖެ.“ ނޫން ކަމަށް ހަދާފައި ހުޝާމް ނަތާ އާއި ވާހަކަ ދެއްކިއެވެ. ނަތާވެސް ހީލާފައި ހުޝާމް އާ ވާހަކަ ދެއްކިއެވެ.
ހުޝާމް އައިސް މަލްދާ އާއި ސަލާމްކޮށްލުމަށްފަހު ހީލިއެވެ.
”ކޮންމެވެސް ދުވަހަކުން މަލް ކުރިމައްޗަށް އަރާނަން އެދުވަހު ނުބުނައްޗޭ ނުދަންނަމޭ.“ ހުޝާމް މިހެން ބުނެ ނަތާއެކީ ހިގައިގަތެވެ. ކަރީމް ކާރު ދުއްވާލިއެވެ.
މަލްދާއަށް އިދެވުނީ ރޮވިފައެވެ. ހުޝާމް އެބުނި ބަހަކީ މަލްދާ ދެކެ އިންތިހާއަށް ލޯބިވާ ހުޝާމް އަބަދުވެސް ކިޔާ އެއްޗެކެވެ. އެއަޑު މަލްދާގެ ކަންފަތުގައި ގުގުމަ ގުގުމާ ހުއްޓެވެ.
މަލްދާ ގެޔަށް އައިސް އާނިފްއަށް މެސެޖް ކުރިއެވެ. އެހެންނަމަވެސް އެ މެސެޖުގެ ރިޕްލައި ނުލިބުމުން ހުޝާމްއަށް ގުޅާލިއެވެ.
”ޔެސް މަލް!“ ހުޝާމް ބުނެލިއެވެ.
”ކީއްވެ މެސެޖަށް ރިޕްލައި ނުކުރަނީ. ބައިދަވޭ ކުއްލިއަކަށް މަލް ތިކީ ކީއްވެ. އެހެންޏާ! މިހާރަކަށް އައިސް މަލްދާ ނޫން އެއްޗެއް ނުކިޔާ.“ މަލްދާ ޝަކުވާކުރިއެވެ.
”ތީ އަބަދުވެސް މި ހުޝާމްގެ މަލް. އަހަރެން އިންތިޒާރު މިކުރަނީ މަލް އަހަރެންގެ މީހަކަށް ވާނެ ދުވަހަކަށް.“ ހުޝާމް އަށް ރޮވުނެވެ.
”އަހަންނަށް ފޯނެއް އެބަ އާދޭ. އެބަގުޅަން އިގޭ.“ މަލްދާ ފޯނު ކަނޑާލިއެވެ.
އެގުޅީ އާނިފްއެވެ. މެސެޖުކުރުމުން ރިޕްލައި ނުދިން ވާހަކަ ބުނުމުން ޢަނިފް ހައިރާންވިއެވެ. އޭނައަށް އެއްވެސް މެސެޖެއް ނުލިބޭތީއެވެ. އެހެންކަމުން ގެޔަށް އައިސް މަލްދާ ނިދާފައި އޮތްވާ އޭނަގެ ފޯނު ޗެކްކޮށްލިއެވެ. އެހެންނަމަވެސް ޝައްކު ކުރެވޭ ކަހަލަ އެއްވެސް އެއްޗެއް މަލްދާގެ ފޯނުން އާނިފްއަކަށް ނުފެނުނެވެ. ކަރީމް މަޑުމަޑުން ހީލިއެވެ.










