Search Streamline Icon: https://streamlinehq.com

އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ދެއްވި ޚުތުބާ އަދި އެކަމުގެ ނަތީއްޖާ!!

Mosque

ދުވަސްވަރަކީ މައްކާގެ މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާވެރިކަމުގެ ސަބަބުން މާތްނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއިގެން ދާރުލް އަރުޤަމުގައި ވަންހަނާވެވަޑައިގެން އިންނެވި ދުވަސްކޮޅެވެ. އޭރު އިސްލާމްދީން ޤަބޫލުކުރައްވައިގެން ތިއްބެވީ ޖުމްލަ 38 މީހުންނެވެ.

މިގޮތުގައި ވަންހަނާކޮށް އަޅުކަންކުރައްވަމުން ގެންދަވަނިކޮށް އެއްދުވަހަކު އަބޫބަކުރުގެފާނު ދަންނަވައިފިއެވެ. “މާތް ނަބިއްޔާއެވެ. ހަރަމްފުޅުގެ ތެރެއަށް ނިކުމެވަޑައިގަންނަވަމާތޯއެވެ.” ޖަވާބުގައި މާތް ނަބިއްޔާ ހަދީޘްކުރެއްވިއެވެ. “ނޫނެކެވެ. މިހާ މަދުމީސްކޮޅަކާއި އެކު ނިކުމެވަޑައިގަންނަވާކަށް ތިމަންކަލޭގެފާނަށް ފެނިވަޑައިނުގަންނަވައެވެ.” ނަމަވެސް އަބޫބަކުރުގެފާނު މާތްނަބިއްޔާގެ އަރިހުގައި ތަކުރާރުކޮށް އެކަމަށް އެދިވަޑައިގަންނަވަމުން ދިޔުމުގެ ސަބަބުން އެކަލޭގެފާނު އެއްދުވަހަކު އަސްހާބުބޭކަލުންނާއި އެކު ހަރަމްފުޅުގެ ތެރެއަށް ވަޑައިގަތެވެ.

އެއަށްފަހު ނަމާދުކޮށް އަވަދިވެވަޑައިގަތުމުން އަބޫބަކުރުގެފާނު ތެދުވެވަޑައިގަތެވެ. އަދި ޚުތުބާއެއް ދެއްވަން ފެއްޓެވިއެވެ. އޭރު މާތްނަބިއްޔާ އިންނެވީ އިށީނދެވަޑައިގެންނެވެ. އަބޫބަކުރުގެފާނު ތެދުވެވަޑައިގެން މާތްﷲ ގެ ކިބަފުޅަށް ހަމްދާއި ސަނާ ދަންނަވައި މާތްނަބިއްޔާގެ މަށްޗަށް ސަލަވާތްކިޔަވައިފިއެވެ. އަދި މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށާއި ނަބިއްޔާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ގޮވާލައި މީސްތަކުންނަށް އިސްލާމްްދީނަށް ގޮވައިލައްވައިފިއެވެ. އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މިއީ އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ދެއްވި ޚުތުބާއެވެ. އަދި އަބޫބަކުރުގެފާނަކީ އެންމެފުރަތަމަ ޚުތުބާއެއް ދެއްވުމަށް ތެދުވެވަޑައިގެންނެވި ޚަތީބެވެ.

ދެންފަހެ އެކަލޭގެފާނުގެ ޚުތުބާގެ އަޑުހަމަ އިވުމާއިއެކު މައްކާގެ މުޝްރިކުންތައް އެކިފަރާތްފަރާތުން ދުވެފައި އަތުވެއްޖެއެވެ. އަދި އަބުބަކުރުގެފާނާއި މުސްލިމުންގެ މަށްޗަށަ ގައިގޯޅިވެ ތަޅައިފޮޅައިގަނެއްޖެއެވެ. އެކަލޭގެފާނު ބިންމަށްޗަށް ވައްޓާލައި އެކަލޭގެފާނުގެ ހަށިކޮޅަށް ފައިން އަރައި ބޮޑެތި އަނިޔާތައް ދިނެވެ. އެގޮތުން އަތަބަތު ބުން ރަބީޢަތު އެކަލޭގެފާނުގެ މޫނުފުޅުގައި ދަނގަޑު ފުންނާބެއް ލާފައިހުރި ފައިވާނަކުން ތަޅައި ވަރަށްބޮޑަށް އަނިޔާކުރިއެވެ. ލިބުނު އަނިޔާގެ ސަބަބުން އަބޫބަކުރުގެފާނުގެ މޫނުފުޅުން ލޭއޮހޮރި ނޭފަތްޕުޅެއް މޫނުފުޅެއްވެސް ވަތްކެއް ނުވެއެވެ.

މިހިސާބަށް ކަންތައް ދިޔަތަނާ ތަމީމްވަންހައިގެ މީހުންނަށް މިޚަބަރުލިބިގެން ދުވެފައި އެތަނަށް އަތުވެއްޖެއެވެ. އެއީ އެކަލޭގެފާނުގެ ގަބީލާގެ މީހުންނެވެ. އެބައިމީހުން މުޝްރިކުންތައް ދުރުކޮށް ތަޅައިފޮޅައިގަނެ އަބޫބަކުރުގެފާނު ސަލާމަތްކޮށްގެން ގެޔަށް ގެންގޮސްފިއެވެ. އޭރު އެކަލޭގެފާނަށް ލިބިވަޑައިގެންފާއިވާ އަނިޔާތަކުގެ ސަބަބުން ހާލުކޮޅު ވަރަށް ދެރަވެ ހީވަނީ ދެންމެ ދެންމެ އަވަހާރަވެދާނެ ހެނެވެ. އެހެންކަމުން ތަމީމުވަންހައިގެ މީހުން މުޝްރިކުންނަށް އިންޒާރު ދިނެވެ. “އަބޫބަކުރުގެފާނު އަވަހާރަވެއްޖިޔާ ތިމަންމެން އަތަބަތުގެ މަރުހިފާނަމެވެ.” ދެން އެކަލޭގެފާނަށް ވާގޮތެއް ބަލަން ތަމީމުވަންހައިގެ މީހުން ތިބެއްޖެއެވެ.

އެހާލުކޮޅުގައި އަބޫބަކުރުގެފާނު ހަވީރުވަންދެން އޮންނެވިއެވެ. އެކަލޭގެފާނުގެ އަހުލުވެރިން ބޭސްފަރުވާކޮށް ހަދަމުންދަނިކޮށް ބަސްފުޅެއް ވިދާޅުވެވުނީވެސް ހަވީރުވާން އުޅެނިކޮށެވެ. އެންމެފުރަތަމަވެސް ވިދާޅުވި ބަސްފުޅަކީ “ރަސޫލުﷲ ގެފާނަށް ވީ ކީތްހެއްޔެވެ.؟ އެކަލޭގެފާނު ކޮބައި ހެއްޔެވެ.؟” އަބޫބަކުރުގެފާނު މިބަސްފުޅު ވިދާޅުވުމުން އެކަލޭގެފާނުގެ އަރިހުގައި ތިބި އަހުލިވެރިންވެސް މަލާމާތް ކުރިއެވެ. ނަމަވެސް އެކަލޭގެފާނު އެހެން އެއްވެސް ބަސްފުޅެއް ވިދާޅެއްނުވެއެވެ. އިރުއިރުކޮޅާ އެބަސްފުޅު ތަކުރާރުކުރެއްވިއެވެ.

މިކަމާ އެކަލޭގެފާނުގެ މައިކަމަނާ ކަންބޮޑުވެވަޑައިގެން ދެންނެވިއެވެ. ތިމަންކަމަނާއަށް އެކަލޭގެފާނުވީތަނެއް އެނގިވަޑައި ނުގަންނަވައެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިޔަހެންވިއްޔާ މަންމާ ޚައްތާބުގެ ދަރިކަނބަލުން އުންމުޖަމީލުގެ ގާތަށްގޮސް އަހައި އޮޅުންފިލުވާލަބަލާށެވެ. އުންމު ޖަމީލަކީ އުމަރުގެފާނުގެ ކޮއްކޯފުޅެވެ. އޭރު އެކަމަނާ ހުންނެވީ އިސްލާމްވެގެން އެކަން ވަންހަނާކޮށްގެނެވެ. އެހެންކަމުން އަބޫބަކުރުގެފާނުގެ މައިކަމަނާ އުންމުޖަމީލުގެ ގާތަށް ގޮސް ސުވާލުކުރުމުން އެކަމަނާ ދެންނެވިއެވެ. “ތިމަންކަމަނާ މުޙައްމަދުގެފާނެއްވެސް އަދި އަބޫބަކުރުގެފާނެއްވެސް ނުދަންނަމެވެ.”

އަބޫބަކުރުގެފާނުގެ މަންމާފުޅު ގެޔަށްވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި އެވާހަކަ ދެންނެވުމުން ކަންހިނގައިދިޔަ ގޮތް އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. އެހެންކަމުން މަންމާފުޅުގެ އަތުގައި ހިއްޕަވައިގެން ދަތިހާލުކޮޅުގައި އުންމުޖަމީލުގެ ގެޔަށް ވަޑައިގަތެވެ. އޭރު އެކަލޭގެފާނަށް ކިރިޔާ ހިންގެވެނީއެވެ. އަދި އުންމުޖަމީލުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. މުޙައްމަދުގެފާނު ކޮބައިތޯއެވެ.؟ އެހިނދު އަބޫބަކުރުގެފާނުގެ މައިކަމަނާ އެތަނުގައި ހުންނެވުމުން އުންމުޖަމީލު ޖަވާބު ދެއްވަން އުޒުރުވެރިވިއެވެ. ނަމަވެސް އެކަމަނާގެ ފަރާތްޕުޅުން އެއްވެސް ސިއްރެއްފާޅު ނުވާނެކަމުގެ ޔަޤީންކަން އަބޫބަކުރުގެފާނު ދެއްވުމުން އުންމު ޖަމީލު ދެންނެވިއެވެ. “މާތް ނަބިއްޔާ ސަލާމަތުން އެބަ ހުންނެވިއެވެ. އެކަލޭގެފާނުވީ ދާރުލް އަރުޤަމްގައެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ އެކަލޭގެފާނުގެ ފައިންޕުޅު ދެކެފައި ނޫނީ ކާއެއްޗެއްވެސް ބޯއެއްޗެއްވެސް ލިބިނުގަންނަހުށީމެވެ.

ދެންފަހެ މަގުމަތިން މީހުން މަދުވެ މަގުއަމާން ވުމުން އަބޫބަކުރުގެފާނުގެ މައިކަމަނާއާއި އުންމުޖަމީލާއި ދެކަނބަލުން އަތުލަފިކޮށްގެން އަބޫބަކުރުގެފާނު ދާރުލް އަރުޤަމަށް ގެންދެވިއެވެ. އެކަލޭގެފާނު ފެނިވަޑައިގަތުމުން މާތްނަބިއްޔާގެ ލޯފުޅުން ހިފެހެއްޓުމެއްނެރި ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައިގެން ބޮސްދެއްވައި ކީރިތިކުރައްވައި ހެއްދެވިއެވެ. އަދި އިސްލާމްވެގެން ތިބި އެންމެން އެކަމާ ހިތާމަކޮށް އެކަލޭގެފާނަށް ބޮސްދެއްވައި ހެއްދެވިއެވެ. އެހނދު އަބޫބަކުރުގެފާނު މާތް ނަބިއްޔާ އަށް ދެންނެވިއެވެ. “އޭ މާތްނަބިއްޔާއެވެ. އަހުރެންގެ މޫނަށްވެފައި މިހުރި އަނިޔާ ފިޔަވައި މާބޮޑުކަމެއް ނުވެއެވެ. އެކަމަކު އަހުރެންގެ މިމައިކަމަނާއަކީ އަހުރެންނަށް ހާދަހާވާ ހެޔޮފުޅު މައެކެވެ. ކަލޭގެފާނު ދުޢާފުޅެއް ކުރައްވައިގެންވެސް މާތްﷲ މިކަމަނާ ނަރަކައިން މިންޖުކުރައްވާތޯ އެދެމެވެ.”

ފަހެ މާތްނަބިއްޔާ އަބޫބަކުރުގެފާނުގެ މައިކަމަނާއަށްޓަކައި މާތްﷲ ގެ ހަޟުރަތުގައި ދުޢާފުޅުދެންނެވިއެވެ. އަދި އެކަމަނާއަށް ދީނުގެ ދަޢުވަތުދެއްވުމުން އިސްލާމްވެއްޖެއެވެ. އެކަމާ އަބޫބަކުރުގެފާނު އިންތިހާއަށް އުފާފުޅުކުރެއްވިއެވެ. އަދި ދާރުލް އަރުޤަމުގައި ތިއްބެވި އެންމެހާ މުސްލިމުން އެކަމާ އުފާކުރިއެވެ. އަދި ރައްކާތެރިކަމާއި އެކު އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *