Search Streamline Icon: https://streamlinehq.com

ޢާއިޝަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 05

Aishath ge faanu Vaahaka

އިފްކުގެ ޙާދިޘާ

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޙާދިޘާއަކީ ޔަހޫދީންނާއި މުނާފިޤުން އެކަމަނާ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވި ޙާދިޘާއެވެ. މި ވާހަކައަކީ، ޞަޙީޙު ޙަދީޘް ފޮތްފޮތުގައި އުއްމުލް މުއުމިނީންގެ ދޫފުޅުން ނުހަނު ތަފްސީލުކޮށް ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ.  އެކަމަނާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ދަތުރަކުވަޑައިގަންނަވަން ޤަޞްދުކުރައްވައިފިއްޔާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ޤުރްޢަތު ލައްވައެވެ. އެކަލޭގެފާނު އެ ދަތުރެއްގައި ގެންދަވަނީ ޤުރްޢަތުން ހޮވިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެއްފަހަރު އެގޮތަށް އެކަލޭގެފާނު ޣަޒުވާއަކަށް ނުކުމެވަޑައިގަންނަވަންވެގެން ޤުރްޢަތު ލެއްވިފަރަކު ހޮވުނީ އަހަރެންނެވެ. އެހެންކަމުން އަހަރެން އެ ދަތުރުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ހިނގައްޖައީމެވެ. އޭރު ފަރުދާގެ އާޔަތްތައްވަނީ ބާވައިލައްވައިފައެވެ. އެހެންކަމުން އަހަރެން ދަތުރުކުރަމުން ގެންދިޔައީ ހައުދަޖުގެ ތެރޭގައި އިނދެގެންނެވެ.

މި ޣަޒުވާ ނިމިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم  އެނބުރި މަދީނާއަށް ވަޑައިގަންނަވާ ދަތުރުފުޅު ފެއްޓެވިއެވެ. މަދީނާއާ ދާދި ކައިރިފަހުން އެއް ރެޔަކު މަންޒިލު ކުރައްވައިފައި ކުއްލި ގޮތަކަށް އަލުން ޤާފިލާ ދަތުރަށް ފެއްޓެވުމަށް އެންގެވިއެވެ. އޭރު އަހަރެން ހުރީ ޤާފިލާއާ މާދުރުގައެވެ. ޤަޟާހާޖަތަކަށް ދާންވެގެން ގޮހެވެ. އެކަންތަކުން އަވަދިވެގެން އައި މަގުމަތީގައި ކަރުގައި އޮތް ހާރު ކަނޑައިގެން ގޮސް ވެއްޓިއްޖެކަން އެނގުނެވެ. އެއީ ޡިފާރުން ހެދިފައިވާ ހާރެކެވެ. އެ ހާރު ހޯދައިގެން އައިއިރު ޤާލިފާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ހައުދަޖު އުފުލާ މީހުންވެސް އަހަރެން އޭގެ ތެރޭގައި އިންކަމަށް ހިތައި ހައުދަޖު ޖަމަލުގެ ބުރިކަށި މައްޗަށް ލައިގެން ދަތުރުކޮށްފައި ގޮއްސިއެވެ. އޭރުގެ އަންހެނުންނަކީ މައްޖަހައި ފަލަވެފައި ތިބޭ ބައެއް ނޫނެވެ. އަދި އޭރު އަހަރެންނަކީ ޒުވާން އުމުރުގެ އަންހެންކުއްޖެވެ. އެހެންކަމުން އަހަރެން ހައުދަޖުގައި ނެތްކަން އެބައިމީހުންނަށް ނޭނގުނީއެވެ.

އެއްވެސް މީހަކު ފެންނާން ނެތުމުން އަހަރެން އެތަނުގައި އިށީންދެގެން އިނީމެވެ. އަހަރެން ނެތްކަން އެނގުމުން ހޯދަން އަންނާނެކަން އެނގޭތީއެވެ. އެ ގޮތުގައި އަހަރެން އިންދާ ނިދި އައިސްގެން އަހަރެންނަށް ނިދިއްޖެއެވެ.

ޞަފްވާނު ބިން މުޢައްޠިލުއް ސުލަމީއަކީ ލަޝްކަރުގެ ފަސްފަހަތުން ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ރޭގަނޑުގެ ދަންބައިގައި ދަތުރުކުރައްވައި އަހަރެން އިން ހިސާބާ އަރައި ހަމަކުރެއްވީ ހެނދުނުގެ ވަގުތުގައެވެ. އެކަލޭގެފާނަށް އަހަރެން ފެނިވަޑައިގެން ލިބުނު ޙައިރާންކަމެއްގެ ސަބަބުން ވިދާޅުވިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އެވެ.  އެއަޑަށް ކުއްލިއަކަށް އަހަރެންނަށް ހޭލެވިއްޖެއެވެ. ދެން އަވަސްއަވަހަށް އަހަރެން އަހަރެންގެ މޫނު ނިވާކޮށްލީމެވެ. މާތްﷲ ގަންދީ ބުނަމެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون ނޫނީ އެކަލޭގެފާނު އަހަރެންނާ އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ދެން، އެކަލޭގެފާނު ޖަމަލުގެންނަވައި، އޭތި ބަނޑުޖައްސަވުމުން އަހަރެން އެއަށް ސަވާރު ވެއްޖައީމެވެ. އެއަށްފަހު އެކަލޭގެފާނު ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ދަތުރުކުރައްވައި ޤާފިލާއާ ހަމަކުރެއްވީ މެންދުރެއް ހާއިރުއެވެ. ދެން ހަލާކުގެންތެރެއަށް ވެއްޓެން މިވަރުކުރައްވައިފައިވާ މީހަކު ހަލާކުގެ ތެރެއަށް ވެއްޓިއްޖެއެވެ. ދޮގުވާހަކަ ފެތުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލެވެ.

އަހަރެން މަދީނާއަށް އައިތަނުން ވަރަށް ބޮޑަށް ބަލިވެ އޮންނަން ޖެހިއްޖެއެވެ. އޭރު ދޮގުވާހަކަތައް ދައްކަމުން ގެންދާ މީސްތަކުން އެ ވާހަކަތައް ދައްކަމުން ގެންދެއެވެ. އޭގެއިން އެއްވެސް ކަމެއްގެ ޚަބަރެއް އަހަރެންނަކަށް އެނގިފައެއްނެތެވެ. ނަމަވެސް އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ އެހެންޏާވެސް އަހަރެން ބަލިވެއުޅޭއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުން ލިބޭ އަޅާލުން މިފަހަރު ނުލިބޭކަމެވެ. މިފަހަރު އެކަލޭގެފާނު އަހަރެންގެ ގާތަށް ވަޑައިގެން ވިދާޅުވާހާވެސް ބަސްފުޅަކީ ހަމައެކަނި ޙާލުކޮޅުގެ ވާހަކައެވެ. އެއަށްފަހު އިތުރު އެއްޗެއް ވިދާޅުނުވެ ވަޑައިގަންނަވަނީއެވެ. މިހެންވެ އަހަރެންގެ ހިތުގައި ހިސާބެއްގެ ޝައްކުތަކެއް އުފެދެން ފެށިއެވެ.

އެއްރެއަކު އަހަރެން މިސްތަޙުގެފާނުގެ މައިކަނބަލުންނާއެކު އަލްމަނާސިޢު އޭ ކިޔުނުތަކަށް ދިޔާމެވެ. އެތަނީ އޭރު އަހަރެމެން ޤަޟާހާޖާ ކުރުމަށް ގޮސް އުޅޭތަނެވެ. އެއީ އަދި އެފަދަ ތަންތައް ގޭކައިރީގައި ހެދިފައިނުވާ ދުވަސްވަރެކެވެ. މިސްތަޙުގެފާނުގެ މައިކަނބަލުންނަކީ، އަބޫ ރުހުމް ބިން ޢަބްދު މަނާފުގެ ދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަޚްރު ބިން ޢާމިރެވެ. އެއީ އަބޫބަކުރުގެފާނުގެ ބޮޑުދައިތާފުޅެކެވެ. އެކަމަނާގެ ދަރިކަލުންނަކީ މިސްތަޙު ބިން އުޘާޘާއެވެ.

ދެން އެކަމުން އަވަދިވެގެން އައި މަގުމަތީގައި މިސްތަޙުގެފާނުގެ މައިކަނބަލުންނަށް އެކަމަނާގެ ފަސްބަޔަށް އެރި ކުއްލި ސިހުމެއް ލިބިއްޖެއެވެ. އެއާ އެކު އެކަމަނާ ވިދާޅުވިއެވެ. [މިސްތަޙަށް ހަލާކު ހުއްޓެވެ.] އަހަރެން ދަންނަވައިފީމެވެ. [ތިޔަވިދާޅުވީ ހާދަ ދެރަބަހެކެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއަކާ ދިމާއަށް ހުތުރުބަސްފުޅެއް ވިދާޅުވީތާއެވެ.] ދެން އެކަމަނާ ވިދާޅުވެއްޖެއެވެ. [އޭނާ ކަމަނާއޭ ކިޔައިގެން އެ ދައްކާ ވާހަކައެއް ނާއްސަވަމުންތޯއެވެ؟] އަހަރެން ދަންނަވައިފީމެވެ. [އެއީ ކޮންވާހަކައެއް ހެއްޔެވެ؟] ދެން އެކަމަނާ މީސްތަކުން ދައްކަމުން ގެންދާ ވާހަކަތައް ކިޔައިދެއްވިއެވެ.

ދެން އަހަރެން ގެއަށް އަތުވެއްޖައީމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެއަށް ވަޑައިގެން ޙާލުކިހިނެއްތޯ އެއްސެވުމުން އަހަރެން ދަންނަވައިފީމެވެ. [އަޅުގަނޑު މިހާލުގައި އޮތުމަށް މަންމާފުޅުގެ ގާތަށް ދިޔުމުގެ ހުއްދައަކަށް އެދެމެވެ.] ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم  އަހަރެންނަށް އެ ހުއްދަ ދެއްވައިފިއެވެ.

އަހަރެން މަންމާފުޅުގެ އަރިހަށް ގޮސް ދެންނެވީމެވެ. [އޭ މަންމާފުޅާއެވެ. މީސްތަކުން ދައްކައި އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟] މަންމާފުޅު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ކަންބޮޑުނުވާށެވެ. މީހެއްގެ މާ ރީތި އަނތްބަކު އިނދެފައި، ދެން އެމީހެއްގެ އިތުރު އަނބިންތިބެއްޏާ ތިޔަ ފަދަ އަޑުއަޑު އިވޭނެއެވެ. އެއީ އެކަށީގެންވާ ކަމެކެވެ.] އަހަރެން ދެންނެވީމެވެ. [މީސްތަކުން ހަމަ އެވާހަކަ އެބަ އެގޮތަށް ދައްކާ ހެއްޔެވެ؟]

އެ ރެޔަކު އެއްގޮތަކަށްވެސް އަހަރެންނަކަށް ނުނިދެއެވެ. މުޅި ރޭނގަޑު އަހަރެން ހޭދަކުރީ ރުއިމުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ގާތް ދެ ޞަޙާބީބޭކަލުންކަމުގައިވާ ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހާއި، އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހު އާ ދެބޭކަލުންނާ މި މައްސަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އުސާމާ ދެންނެވިއެވެ.

[އޭ މާތްﷲ ގެ ރަސޫލާއެވެ. އެކަމަނާއަކީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އެކަމަނާއާ ބެހޭގޮތުން ރަނގަޅު ވާހަކައެއް މެނުވީ އަޅުގަނޑު ނާހަމެވެ.]

ނަމަވެސް ޢަލީގެފާނު މަޝްވަރާ ދެއްވީ ތަފާތުކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. މާތްﷲ ކަލޭގެފާނުގެ މައްޗަކަށް އެއްވެސް ދަތިކަމެއް ނުވަތަ އުނދަގުލެއް ނުލައްވައެވެ. އަންހެނުންނަކީ ގިނަ ބައެކެވެ. ކަލޭގެފާނު އެކަމަނާގެ އަޅުއަންހެންކުއްޖާކުރެން ސުވާލުކޮށްފިނަމަ ތެދަށް ބުނެފާނެއެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ދެން މާތް ރަސޫލާ ބަރީރާ ގެންނަވައި އެކަމަނާއާ ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ ބަރީރާއެވެ. ކަމަނާއަށް އެއްވެސް ކަހަލަ ޝައްކުވާފަދަ ކަމެއް ފެނިފައިވޭ ހެއްޔެވެ؟] ބަރީރާ ވިދާޅުވިއެވެ. [ޙައްޤު މަގާއިގެން ކަލޭގެފާނު ފޮނުއްވި ފަރާތްގަންދީ ބުނަމެވެ. އެފަދަ އެއްވެސް ކަމެއް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް އެކަމަނާއަކީ ވަރަށް ޒުވާން އުމުރުފުޅެއްގެ ބޭކަނބަލެކެވެ. ބައެއް ފަހަރު ފުށްމޮޑުވައިފައި އެކަމަނާ އަވަހާރަފުޅުވެސް ލައްޕަވަފާނެއެވެ. ބައެއް ފަހަރު ބަކަރި ގެއަށް ވަދެގެން އައިސް ފުށްގަނޑު ކައިލައިގެންދެއެވެ.]

އެއަށްފަހު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  މިސްކިތްކޮޅަށް ވަޑައިގެން މިންބަރަށް އަރާ ވަޑައިގެން ޞަޙާބީންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [އޭ މުސްލިމުންނޭވެ. އަހަރެންގެ ޢާއިލާއާ ބެހޭގޮތުން އަހަރެންނަށް އުނދަގޫ ދޭ މީހާއާ ދެކޮޅަށް އަހަރެންނަށް ވާގިވެރިވާނީ ތިޔަބައިމީހުންގެ ތެރެއިން ކާކު ހެއްޔެވެ؟. އަހަރެންގެ ޢާއިލާއާމެދު ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އެބައިމީހުން އެ ތުހުމަތު އަޅުވާ ފިރިހެންމީހާއާ ބެހޭ ގޮތުންވެސް ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ޙާޒިރުގައި މެނުވީ އޭނާ އަހަރެންގެ ގެއަށް ވެދެއެއް ނޫޅެއެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [އަހަރެން ގޭގައި އޮވެގެން ރޮމުން ގެންދިޔާމެވެ. އަހަރެން ރޯވަރުން އަހަރެންގެ ހިތް ފަޅައިގެން ގޮސްދާނެ ކަމަށް މަންމާފުޅުމެން ހީފުޅު ކުރެއްވިއެވެ. މި ޙާލެއްގައި ހުޅެނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެން އަހަރެންގެ މަގަތުގައި އިށީންދެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ.

[އޭ ޢާއިޝާއެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ އަވަހަށް އެކަމަށް ތައުބާވެވަޑައިގަންނަވާށެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ، އަރަހުށި މާތްﷲ އެކަން އަންގަވައި ކަމަނާގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެއެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު ކުށެއްކޮށް އެކަމަށް އިއުތިރާފުވެ، ތައުބާވެއްޖެނަމަ، މާތްﷲ އެ ތައުބާ ޤަބޫލުފުޅު ކުރައްވާނެއެވެ.]

މާތް ރަސޫލާ صلّى اللّـه عليه وسلّم  ވާހަކަފުޅު ހުއްޓަވައިލެއްވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިކުނެވެ. އަހަރެން ބައްޕާފުޅަށް ދެންނެވީމެވެ. މާތް ރަސޫލާއަށް ޖަވާބު އަރުއްވާށެވެ. ބައްޕާފުޅު ވިދާޅުވިއެވެ. [އެކަލޭގެފާނަށް ދެއްވާނެ ޖަވާބެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.] މަންމާފުޅުވެސް ދެއްވީ ހަމަ އެ ޖަވާބެވެ. އަހަރެންނަކީ އޭރު ވަރަށް ޒުވާން އުމުރެއްގެ ކުއްޖެކެވެ. ޤުރްއާނުގެ މާ ބޮޑު ޢިލްމެއް އެނގިފައެއްނެތެވެ. އަހަރެން ދެންނެވީމެވެ.

[މާތްﷲ ގަންދެމެވެ. ތިޔަބޭކަލުންނަށް ވާހަކައެއް އަޑު އިވިވަޑައިގަތީއެވެ. އަދި އެވާހަކަ ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ހަރުލީއެވެ. އެކަން ޤަބޫލުފުޅު ކުރެވުނީއެވެ. އަޅުގަނޑު އެކަމުން ބަރީއަވެގެންވާކަން ހާމަކުރިއަސް ތިޔަބޭކަލުން އެކަން ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އަޅުގަނޑު ބުނާނީ ޔޫސުފުގެފާނުގެ ބައްޕާފުޅު ވިދާޅުވި ފަދައިންނެވެ.]

ދެން އަހަރެން އެނދުގެ އަނެއް ފަރާތަށް އެނބުރިގެން އޮވެއްޖައީމެވެ. އަހަރެން އެކަމުން ބަރީއަވެގެންވާކަން އަހަރެން ދަންނަމެވެ. އަދި މާތްﷲ އަހަރެންގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެ ކަމަށްވެސް އަހަރެން ޔަޤީން ކުރީމެވެ. ނަމަވެސް އަހަރެންނާ ބެހޭ ގޮތުން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލައްވާނެއެކޭ އަހަރެން ހިޔެއް ނުކުރަމެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސާމެދު ދެކެނީ އެއަށްވުރެ މާ ނިކަމެތިކޮށެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނު އިށީންދެ ވަޑައިގެން އިންނެވި ތަނުގައި އިށީންދެވަޑައިގެން އިންނަވަނިކޮށް އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުނެވެ. ވަޙީ ބާވައިލައްވާ ނިމުނު އެކަލޭގެފާނު ހިނިވަރުނަ ކުރައްވައި ވިދާޅުވިއެވެ. [އޭ ޢާއިޝާއެވެ. މާތްﷲ ކަމަނާގެ ކުށެއްނެތަކަން ބަޔާން ކުރައްވައިފިއެވެ. ދެން އަހަރެންގެ މަންމާފުޅު ވިދާޅުވިއެވެ. [އަވަހަށް މާތް ރަސޫލާއަށް ޝުކުރު އަދާކުރާށެވެ.] އަހަރެން ދެންނެވީމެވެ. [ޝުކުރު އަދާ ކުރާނީ ހަމައެކަނި މާތްﷲ އަށެވެ.]…….) {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ޢަންހާ  ގެ ކުށެއްނެތްކަން ބަޔާން ކުރައްވައި ނޫރޫ ސޫރަތުގެ މިދަންނަވާ އާޔަތްތައް ބާވައިލެއްވިއެވެ.

إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ ﴿١١﴾ لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ ﴿١٢﴾ لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ ﴿١٣﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ فِي الدُّنْيَا وَالْآخِرَةِ لَمَسَّكُمْ فِي مَا أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴿١٤﴾ إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّـهِ عَظِيمٌ ﴿١٥﴾ وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ ﴿١٦﴾ يَعِظُكُمُ اللَّـهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾ وَيُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۚ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٨﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ رَءُوفٌ رَّحِيمٌ ﴿٢٠

މާނައީ: [ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ. ދުނިޔެއާއި، آخرة ގައި ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ عذاب އެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ حضرة ގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ حال، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ بهتان ދޮގެކެވެ. ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ. އަދި اللَّه ތިޔަބައިމީހުންނަށްޓަކައި آية ތައް بيان ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން، اللَّه އީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ކަލާނގެކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ.)]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނަކީ މިސްތަޙުގެފާނާ ތިމާގެފުޅު ބޭކަލެކެވެ. އެނާއަކީ ވަރަށް ފަޤީރު ބޭކަލެކެވެ. ދޮގުވާހަކަ ދެއްކި މީސްތަކުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

[މާތްﷲ ގަންދެމެވެ. މީގެ ފަހުން ދެން ދުވަހަކުވެސް މިސްތަޙަކަށް އަހަރެން އެއްވެސް ހޭދައެއް ނުކުރާނަމެވެ.]

މި ކަމާ ވިދިގެން ނޫރު ސޫރަތުގެ 24 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٢٢

މާނައީ: [ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.]

މި އާޔަތް ބާވައިލެއްވުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އަހަރެން އެދެނީ މާތްﷲ އަހަރެންގެ ފާފަތައް ފުއްސެވުމަށެވެ. މިސްތަޙަށް ހޭދަކުރާ ހޭދަކުރުންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނަމެވެ.] {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝަކީ، ޢާއިޝަތުގެފާނާ އަބަދުވެސް ވާދަކުރައްވާ ބޭކަނބަލެކެވެ. މީސްތަކުން ޢާއިޝަތުގެފާނާ ބެހޭ ގޮތުން ދައްކަމުން ގެންދިޔަ ދޮގުވާހަކަތަކާ ބެހޭ ގޮތުން މާތް ރަސޫލާ ޒައިނަބުގެފާނާވެސް ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ.

[އަޅުގަނޑުގެ އިވުމާއި ފެނުން ނުބައިކަންތައްތަކުން އަޅުގަނޑު ރައްކާތެރި ކުރަމެވެ. ޢާއިޝާއާ ބެހޭ ގޮތުން ރަނގަޅު ކަމެއް މެނުވީ އަޅުގަނޑު ނުދެކެމެވެ.]

އަރަހުށި މާތްﷲ، ޒައިނަބުގެފާނު މި ފިތުނަވެރިކަމުން ރައްކާތެރިކޮށްދެއްވިއެވެ. އެކަމަނާގެ ވަރަޢަވެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް އެކަމަނާ އުޚުތު ޙަމްނާ ބިންތު ޖަޙުޝް ވެވަޑައިގެންނެވީ އެ ވާހަކަތައް ދެއްކި މީސްތަކުންގެ ތެރޭގައެވެ. އެކަމަނާ އެ ވާހަކަތައް ދެއްކެވީ ޒައިނަބުގެފާނަށްޓަކައެވެ. {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

ނުނިމޭ

މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން

Leave a Reply

Your email address will not be published. Required fields are marked *