Search Streamline Icon: https://streamlinehq.com

ވަފާތެރި މަވީމޭ 16 ވަނަބައި

Vafaatheri maveemey

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޝާނީގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. ހަމްޒާ އޭނާގެ ރޭވުންތައް ރާވަމުން އޭނާއަށް ޝާނީ ލިބޭނެ މަގުފަހި ކުރަމުން ދިޔައެވެ. ޝާނީގެ މައިން ބަފައިންގެ ރުހުން އޭނާ ހޯދިއެވެ. އެމީހުންގެ ކުރިމަތީގައި ނުހަނު ރަނގަޅުމީހެއްގެ ގޮތުގައި އުޅެމުން ދިޔައެވެ. އެމީހުންނަށް އެކިގޮތް ގޮތުން އެހީވަމުން ދިޔައެވެ. އަމިއްލައަށް ފެނިގެން ކަންކަން ކޮށްދެމުން ދިޔައެވެ. ޚުދު ޝާނީގެ މައިން ބަފައިންވެސް ތިބެނީ ހަމްޒާއާއި ހިތުން ރުހުމުން ގަބޫލުވެގެންނެވެ. ޝާނީގެ ކައިވެންޏަށް ހަމްޒާ އެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މިކަން މިހެން އޮއްވައި ކުއްލިއަކަށް ޖިނާހްގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ޖިނާހްއަށް މަންމަ ގޮވައިގެން މާލެދާން ޖެހުނެވެ. ކުޑަ ދުވަސްކޮޅަކަށްވެސް ޝާނީއާއި ދުރަށްދާން ހިތްނޭދުނު ނަމަވެސް މަންމައަށްޓަކައި އޭނާ މާލެދާން ނިންމިއެވެ. ޖިނާހް ރަށަށް ބަދަލުވިފަހުން މާލެދާ މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. ނަމަވެސް އޭނާ މާލެ ދިއުމުން، އާދަމް އޭނާއަށް އެހީވާނެކަން ޔަޤީންވާތީ އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޖިނާހް ފުރަން ހަމަޖެހިފައިވާ ދުވަހުގެ ކުރީރޭގެ ފަތިހު ޝާނީއާއި ޖިނާހް ތުނޑިމަތިން ބައްދަލުކުރިއެވެ. އެ ބައްދަލުވުން ވެގެން ދިޔައީ، އެތައްފޮނި ހަނދާންތަކެއް އޭނާގެ ހިތުގައި ރައްކާ ކުރެވުނު ބައްދަލުވުމަކަށެވެ. އެއީ ފުރަތަމަ ފަހަރަށް ޖިނާހް އޭނާގެ ގައިގާ ބީހިލި ފަހަރެކެވެ. ޖިނާހްގެ ތުންފަތުގެ މީރުކަން ޝާނީއަށް ލިބުނު ހަމައެކަނި ފަހަރުވެސް މެއެވެ.

 ޖިނާހް ރަށުން ފުރައިގެން ދިޔަ ދަނޑިވަޅު ބަލާފައި ހަމްޒާ، ޝާނީގެ މައިންބަފައިންގެ ފަރާތުން އޭނާގެ ކައިވެންޏަށް އެދުނެވެ. އެފަދަ ފުރުސަތަކަށް ބަލަބަލާތިބި ޝާނީގެ މައިންބަފައިން  އޭނާއަށް އެނގުމަކާއިވެސް ނުލައި އެކަމަށް އާބަސް ބުނެ، ކައިވެނި ހަމަޖެއްސިއެވެ. ސަލްމާއަށް، އޭނާގެ މަންމަގެ ފަރާތުން އެކަން އެނގުމުން އޭނާ ނުހަނު ހިތްހަމަ ނުޖެހުނެވެ.

“ މަންމަ އަހާލިންތަ ޝާނީގާތު….އޭނާ ބޭނުންތޯ ކައިވެނިކުރަން؟…“ ސަލްމާ އެހިއެވެ.

“ ކީއްކުރަން އަހަނީ….ނޭހިއަސް އެމަންޖެ އުޅޭގޮތުންވެސް އެނގޭ…އެމަންޖެއަށްވެސް ހަމްޒާ ކަމުދާކަން….މިގެއަށް ހަމްޒާ އަންނައިރަށް އެމަންޖެ އޮންނާނީ ލަދުން ކޮޓަރިއަށްވަދެ ފިލާފަ….އެއީ އަހަރެމެންވެސް އުޅުނުގޮތޭ….“ އާބިދާ ހިނިއައިސްފައި ބުނެލިއެވެ.

“ އެކަމަކު މަންމާ….ޝާނީގެ ރުހުންވެސް ހޯދަން ޖެހޭނެދޯ….ޝާނީ ކައިވެނިކުރަން ބޭނުންތޯ ނުވަތަ ނޫންތޯ އަހާ ޔަޤީންކޮށްފަ ދޯ ހަމްޒާއަށް ޖަވާބެއް ދޭންވާނީ…“ ނުހުރިފައި ސަލްމާ ބުނެލިއެވެ.

“ ޝާނީގާތުވެސް އެހިދާނެއްނު….ޔަޤީން އެމަންޖެ ދެކޮޅެއް ނުހަދާނެކަން….“ ވަރަށް ޔަޤީންކަމާއެކު އާބިދާ ބުނެލިއެވެ.

“ އެކަމު މަށަށް ހަމަ ޔަޤީން ޝާނީ ބޭނުމެއްނުވާނެކަން ހަމްޒާއާ އިންނާކަށް….“ އެންމެފަހުން ސަލްމާ ބުނެލިއެވެ.

“ ކިހިނެއް ސަލްމާއަށް އެނގެނީ؟…“ ކުޑަކޮށް ހައިރާންވެފައި އާބިދާ އަހާލިއެވެ.

ސަލްމާ އިރުކޮޅަކު ހިމޭނުން އިނދެފައި ހަޤީޤަތް ކިޔައިދިނެވެ. ޝާނީ ކުރިންވެސް ހަމްޒާއަށް ނޫނެކޭ ބުނިކަމާއި ޝާނީ ލޯބިވަނީ ޖިނާހްދެކެކަމަށް ބުނެދިނެވެ.

“ އޭނ؟…ޖިނާހޭ؟…އެ މަންމަނު ސޮރުތަ؟…އެހެންވެދޯ ދޮންތަ ހޯދާށޭ ކިޔާފަ މާގިނައިން ތިގެއަށް ގޮސް އުޅެނީ؟….ހަމްޒާ އައިފަހުން ގޭގަ މައިތިރިވެގެން އޮންނާތީ މަހީކުރީ ހަމްޒާއާ ހިތާވާތީކަމަށް އެހެން އެއުޅެނީ….އެ މަންމަނު ސޮރާތަ ހިތާވާންވެސް އެނގުނީ ޝާނީއަށް….މަ ހަމަ ހިލާ ތިކަމަކަށް ގަބޫލެއް ނުވާނަން…“ ރުޅިއައިސްފައި އަޑަށް ބާރުލަމުން އާބިދާ ބުންޏެވެ.

“ މަންމާ…ހަމަޖެހިބަލަ!….ކޮބާތަ ޖިނާހްގެ މައްސަލައަކީ؟…އެއީ ނުލާހިކު އަޚުލާޤު ރަނގަޅު ހީވާގި ކުއްޖެއް….ކުރަން ނުދަންނަ މަސައްކަތެއް ނޯވޭ….މީހުންނަށްވެސް ނުލާހިކު ރަނގަޅު….ޝާނީދެކެ ނުލޯހިކު ލޯބިވޭ….ޚުދު ޝާނީވެސް ޖިނާހްދެކެ އިންތިހާއަށް ލޯބިވޭ….ދެން ކޮބާ މަންމަ ނުގަބޫލުވާންވީ ސަބަބެއް؟…“ މަންމައަށް ވިސްނައިދިނުމަށް ސަލްމާ މަސައްކަތް ކުރިއެވެ.

“ ހޫމް…މިހާރު މަށަށް އެނގިއްޖެ….އެއީ ސަލްމާ ކުރުވިކަމެއްދޯ….އިރުއިރުކޮޅުން އެދެމީހުން ގޮވައިގެން ކޮންމެވެސްތާކަށް ދިއުމުގެ ބަހަނާގަ ގެންގޮސްގެން އެއީދޯ ގަތްގަނޑަކީ؟…“ ކުރިޔަށްވުރެވެސް ބޮޑަށް ރުޅިއައިސްފައި އާބިދާ ބުނެލިގޮތުން ސަލްމާ ޖެހިލުންވާ ގޮތްވިއެވެ.

“ ނޫން މަންމާ…ތި ވިސްނަނީ މުޅިން ގޯސްކޮށް….އެއީ މަކުރުވި ކަމެއްނޫން….މަށަށްވެސް އެނގުނީ ވަރަށް ފަހުން….“ ސަލްމާ އަވަސް އަވަހަށް ބުނެލިއެވެ.

ސަލްމާއާއި މަންމައާއި މެދުގައި ބަހުސް ހޫނުވެފައި ވަނިކޮށް ޝާނީއަށް އެތަނަށް އާދެވުނެވެ.

“ ޝާނީ ރަނގަޅަށް އަޑުއަހާ….މާދަމާ ހަމްޒާ އަންނާނެ ރަން ކިޔަން….ކައިވެނިކުރަން ތައްޔާރަށް ހުންނާތި!….“ ކުއްލިއަކަށް އެހެން ބުނުމަށްފަހު އާބިދާ ގެއިން ނުކުމެގެން ދިއުމުން ހައިރާންވެފައި ސަލްމާގެ މޫނަށް ބަލަން ޝާނީއަށް ހުރެވުނެވެ.

“ ކީކޭތަ މަންމަ އެކިޔަނީ؟…“ އިރުކޮޅެއްފަހުން ޝާނީ އަހާލިއެވެ.

“ ޝާނީ މިތާ އިށީނދެބަލަ!….ދޮންތަ ކިޔައިދޭނަން..“ ޝާނީގެ އަތުގައި ހިފަމުން ސަލްމާ ބުނެލުމާއެކު ޝާނީ މަޑުމަޑުން އިށީނެވެ.

“ ޝާނީ….ދޮންތަ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ…ހަމްޒާ ޝާނީގެ ކައިވެންޏަށް އެދުމުން މަންމަމެން އާނބަސް ބުނެފި….އަހަންނަށްވެސް އެނގުނީ ހަމަ ދެންމެ…“ ޖެހިލުންވެސް އިނދެ ސަލްމާ ބުނެލިއެވެ.

“ ކީކޭ؟..ހަމްޒާއާ އިންނަން އާނބަސްބުނިއްޔޭ؟…“ އިންތަނުން ފުންމައިގެން ތެދުވަމުން ޝާނީ ބުނެލިއެވެ.

“ އާނ…ހަމްޒާ އަޑި އަޑިން ހުރިހާކަމެއް ނިންމާފަހުރީ….މަށާވެސް ސިއްރުން ހަމްޒާ އެއުޅުނީ…އެކަމު މިއަދު މަންމައަށް ނުހުރެވިގެން އެންމެފަހުން މަގާތު އެވާހަކަ ބުނީ…މައިދައިތަމެންވެސް ނުދައްކާ އެކަހަލަ ވާހަކައެއްވެސް….“ ސަލްމާ އޮޅުން ފިލުވައިދިނެވެ.

“ މަ ދުވަހަކުވެސް ނީންނާނަން އެ ހަމްޒާއަކާ….“ ރުޅިއައިސްގެން ކުއްލިޖަހާލަމުން ޝާނީ ބުންޏެވެ.

“ އެކަމު މަންމަ އެބުނީނު މާދަމާ ރަންކިޔަން އަންނާނެއޭ….ދެން ކިހިނެއް ހަދާނީ؟…“ ސަލްމާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ އަހަރެން މިގޭގަވެސް ނުހުންނާނަން….ފިލާނީ…ލާހިކެއްނޫން މަ ލައްވާ ރަން ކިޔުއްވާކަށް….“ ޝާނީ އަޒުމާއެކު ބުނެލިއެވެ.

“ ދައްތަވެސް ތިހެން ހީކުރީމޭ….އެކަމު އާޚިރުގަ ހަމަޖެހުނީ އިންނަން….“ ދެރަވެލާފައި ސަލްމާ ބުނެލިއެވެ.

“ ކީއްވެ ތިހެން ތިބުނީ؟….ދައްތަ ހާރިޝް ބޭބެއާ އިނީ ލޯތްބަކުން ނޫންތަ؟….“ ހައިރާންވެފައި ޝާނީ އަހާލިއެވެ.

“ ހޫމް…“ ސަލްމާ އިސްޖަހާލަމުން ބުނެލިއެވެ.

“ ހަމަ ރަނގަޅަށްތަ؟…މަށަށް އަދި ނޭނގޭކަމެއްތީ….ދޮންތަ އަސްލުވެސް ލޯބިނުވެ މަޖުބޫރުވެގެންތަ އިނީ؟…އެކަމަކު ކީއްވެ؟…“ ޝާނީ އެއްފަހަރާ ސުވާލުތައް ކުރަން ފެށިއެވެ.

“ ރަށުން ބޭރުގަ ކިޔަވަން އުޅުނުއިރު ދޮންތަވެސް ކުއްޖަކުދެކެ ލޯބިވިން…އެކަމު ރަށުން ބޭރު ކުއްޖެއްވީމަ މަންމަމެން ގަބޫލެއްނުވި….އަނެއްކޮޅުން ހާރިޝް އުޅުނީ ދައްތަގެ ފަހަތުން ނުނެއްޓި….ހާރިޝް ރައްޓެހިވާން އެތައް ފަހަރަކު މަސައްކަތްކުރީމަވެސް ދޮންތަ ނޫނެކޭ ބުނިން….އެކަމަކު އޭނަ ހަމަ ދޮންތަގެ އިންތިޒާރުގަ ހުރީ…އެހެން އުޅެނިކޮށް ބައްޕަ ބަލިވެގެން މާލެދިޔަ ފަހަރު ބައްޕަގެ އޮޕަރޭޝަން ކުރަން ހާރިޝް އެހީވީ….އެކަމުގެ ބަދަލެއްގެ ގޮތުން ދޮންތަ އޭނަޔާ އިނީ…..“ މޮޅިވެރިކަމާއެކު ސަލްމާ އޭނާއަށް ދިމާވިގޮތް ކިޔައިދިންއިރު ޝާނީ ހައިރާންކަމާއެކު އަޑުއަހަން އިނެވެ.

“ އެފަހަރު ބައްޕައަށް އެހީވީ ހާރިޝް ބޭބެތަ؟…“ ވިސްނަން އިނދެފައި ޝާނީ އަހާލިއެވެ.

“ ހޫމް…އަހަރެމެން ހޮސްޕިޓަލުގަ ތިއްބާ ހާރިޝް ދިޔައީ….މީހަކު ބުނުމަކާނުލާ އޭނަ ބައްޕައަށް އެހީވީ….އެތަންފެނިފަ މަންމައާ ބައްޕަވެސް ހާރިޝްއާ ގަޔާވި…އޭގެފަހުން ހާރިޝްއަށް ޔަޤީންވި އަހަރެންގެ ކައިވެންޏާ މަންމަމެން ރުހޭނެކަން…އެހެންވެ އޭނަ ބައްޕަގާތު އަހަރެންނާ އިންނަން ބޭނުންކަމަށްބުނި….ބައްޕަ އެކަމަކަށް އެދުމުން އަހަންނަށް ދެކޮޅުހަދަން ނުކެރުނީ….“ ސަލްމާ އޭނާގެ ލޯފުހެލަމުން ޝާނީއަށް ބަލާލިއެވެ. ޝާނީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ ދޮންތަ ލޯބިވީ މީހާ މިހާރު ކޮބާ؟…“ އިރުކޮޅަކު އިނދެފައި ޝާނީ އަހާލިއެވެ.

“ ނޭނގެ…އޭނަ ބޭރުޤައުމަކަށް ކިޔަވަން ދިޔަ ވާހަކަ ކޮންމެވެސް މީހަކު ބުނި….އޭގެ ފަހުން ޚަބަރެއްނުވޭ….“ ސަލްމާ ޖަވާބުދިނެވެ.

“ ދޮންތާ އަހަރެން ވަރަށް ދެރަވެއްޖެ ދޮންތައަށް ދިމާވިގޮތުން….ކީއްވެތަ މަންމަމެން ދޮންތަ އެހެން މީހަކުދެކެ ލޯބިވާކަން އެނގިހުރެ ހާރިޝް ބޭބެއާ ދެވީ؟…އޭނައަކީ ދޮންތައާ އެކަށީގެންވާ މީހެއްނޫން….“ ހާރިޝްގެ ބޭވަފާތެރިކަން ހިތަށްއަރާފައި ނުރުހިފައި ޝާނީ ބުނެލިއެވެ.

“ އެނގޭ ތިކަންވެސް…އެނގޭ އޭނަ އަހަރެންނަށް ބޭވަފާތެރިވާކަންވެސް…..“ ހިތްދަތިގޮތަކަށް ހިންދިރުވާލަމުން ސަލްމާ ބުނެލިއެވެ.

“ ހުރިހާ ކަމެއް އެނގިހުރެ ދޮންތަ ކީއްވެ އޭނައާއެކު ތިއުޅެނީ؟…ތީ ކޮންކަހަލަ ދިރިއުޅުމެއް؟..“ ސަލްމާގެ އަތުގައި ހިފާލަމުން ޝާނީ ވާހަކަ ދެއްކިއެވެ.

“ އަހަރެންގެ ދިރިއުޅުމާމެދު ނުވިސްނާ ޝާނީގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނަބަލަ! ޝާނީއަށް އެނގޭތަ ކުއްލިއަކަށް ޖިނާހް މާލެދިޔައީ ކީއްވެގެންކަން؟…އެވެސް ހަމްޒާއާ ހާރިޝްގެ ރޭވުމެއް….މިއޮއްހާ ދުވަހުވެސް ޝަކީލާއްތަ އުޅުނީ ބަލިވެ….އެކަމު އެމީހުންނަށް އެކަން އެނގޭކަމަކަށްނުވި…ހަމަ ކުއްލިއަކަށް ޝަކީލައްތައަށް މާވަރަކަށް ހަމްދަރުދީވެގެން ޖިނާހްގާތު ކިޔަކިޔައިގެން މާލެ އެފޮނުވީ ހަމްޒާ ބޭނުންގޮތަށް ކައިވެނީގެ ކަންކަން ނިންމާލަންވެގެން..ޖިނާހް އަންނަން ވާއިރަށް ކައިވެނީގެ ކަންކަން ނިންމާލުން އޭނަގެ ބޭނުމަކީ“ ސަލްމާ އޭނައަށް ވިސްނިފައިވާގޮތަށް ޝާނީއަށް އޮޅުން ފިލުވައިދިނެވެ.

“ އެކަމު އަހަރެން އޭނައަކާ ނީންނާނަން….ބަލަންވެސް ހުންނާތި….އޭނައަށް ލާހިކެއްނޫން މަށާ އިންނާކަށް….މަގޭ ފުރާނަ ހުއްޓަކާ ނީންނާނަން….“ ޝާނީ އަޑަށް ބާރުލަމުން ބުނި ޖުމްލަ، ގޭތެރެއަށް ވަދެގެން އައި އޭނަގެ މަންމަގެ ކަންފަތާ ހަމައަށް ހުރަހެއްނެތި ފޯރިއެވެ.

“ އެހެންތަ؟…އެހެންވިއްޔާ ޝާނީ އަޑުއަހާ….ޝާނީއަށްވުރެ ކުރިން އަހަރެން މަރުވާނަން…..ޝާނީ ބޭނުންވަނީ، ޝާނީގެ ބަލި ބައްޕަޔާ މި ނިކަމެތި މަންމަ ފަޟީހަތްކޮށް ރަށަށް ބަދުނާމު ކުރަންތަ؟…މިއުޅޭހާލަށްވެސް އުޅުނަ ނުދޭންތަ؟…ބަލަ ޝާނީގެ ބައްޕަ މަރުގެ ތުންފަތްމަތީގަ އޮއްވައޭ އެމީހުން އަހަރެމެންނަށް އެހީވީ…ބައްޕައަށް ބޭސްކޮށްކޮށް އަތްމަތި ހުސްވެ، މަގުމަތިވެފަ ތިއްބާ އަހަރެމެންނާ އަޅާލި ހަމައެކަނި ބަޔަކީ އެއީއޭ….މިއަދު އެމީހުން ކޮންމެ ކަމެއް ބުންޏަސް އެކަމެއް އަހަރެމެން ކޮށްދޭނަން…ކަލޭމެންގެ ބައްޕަ، ކަލޭމެންނަށް ކިޔަވައިދޭން އެކި ދުވަސްމަތިން އެމީހުން އަތުން ދަރަނީގެ ގޮތުގަ އެތައް ފައިސާއެއް ނަގާފަ ވަނިކޮށް އެމީހުން ހިތުން ރުހުމުން އެތިބީ މާފުކޮށްގެން….ކަލޭމެންގެ ބައްޕައަށް ލިބޭ ކުޑަ މުސާރަކޮޅަކުން ދެކޮޅުޖެހޭވަރެއް ނުވޭ….އަހަރެމެންނަށް މިއަދު މަގުމައްޗަށް ނުކުމެ އުޅެން މިކެރެނީވެސް އެމީހުންގެ ރަނގަޅުކަމުން….މިއަދުވެސް އެމީހުން ނުރުހިގެން އެފައިސާ ދޭށޭ ބުނެފިނަމަ ކޮންތާކު އަހަރެމެން އެފައިސާ ހޯދާނީ؟…ދެ އަންހެންދަރިން ލިބުނީމަވެސް ރަނގަޅަށް ތަރުބިއްޔަތުކޮށް ކިޔަވައިދިނީތީވެސް ޝުކުރުކޮށްބަލަ! މިއަދު އަހަރެން ހިތަށްއަރާ ފިރިހެން ދަރިއަކުވެސް ހުރިނަމައޭ….ގައިމު ކަލޭމެން ގާތު މިގޮތަށް ރޮއެ އާދޭސްކުރާކަށް ނުޖެހުނީސް…..އަހަރެމެންގެ އިއްޒަތާ އަބުރަށްޓަކާ ސަލާންޖަހާކަށް ނުޖެހުނީސް….މިއަދު މިހިތާމަ ކުރާކަށް ނުޖެހުނީސް….“ އާބިދާ ރޮއެ ރޮއެފައި ޝަކުވާކުރާ މަންޒަރު ފެނުމުން ޚުދު ސަލްމާއާއި ޝާނީއަށްވެސް ރޮވުނެވެ.

“ މަންމާ….އަހަރެން ވަޒީފާއެއް ހޯދައިގެން އެދަރަނިވެސް އަދާކޮށްފާނަން…އެކަމު ހަމްޒާއާ އިންނާކަށް ބޭނުމެއްނޫން….އެއީ ވަރަށް ގޯސްމީހެއް…ބައްޕަ ގާތުން ބުނެބަލަ ހަމްޒާއަށް ނޫނެކޭ ބުނާށޭ“ މަންމަގެ އަތުގައި ހިފަމުން ޝާނީ އާދޭސްކުރިއެވެ.

“ ހަމްޒާގެ ހުރީ ކޮން އުނިކަމެއްތަ؟…އެއީ މުއްސަނދި، ބަލާލަން ރީތި، އައިބެއް ނެތް، ނުކުޅެދުންތެރިކަމެއް ނެތް ފުރިހަމަ ޒުވާނެއް….ޝާނީއަށް އެސޮރު ފަރާތުން ނުފެނުނު ކޮންކަމެއް، އެ ޖިނާހްގެ ފަރާތުން ފެނިގެން ތިއުޅެނީ؟…އަޅެ ބުނެބަލަ؟…“ ޝާނީގެ މޫނަށް ނުރުހުމުގެ ނަޒަރަކުން ބަލާލަމުން އާބިދާ ސުވާލު ކޮށްލިގޮތުން ޝާނީ ޖެހިލުންވިއެވެ. އާބިދާއަށް ޖިނާހްއާއި ޝާނީގެ ގުޅުން އެނގިފައި އޮތްކަން އެނގުމުން ނުހަނު ބިރުވެސް ގަތެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.

“ އެއީ ވަރަށް ގޯސް ވިޔާނުދާމީހެއް….ޖިނާހްއަކީ ނުލާހިކު ރަނގަޅު އޯގާތެރި މީހެއް….ދެމީހުން އުޑާބިމާހާ ތަފާތު….އަހަރެން ބޭނުމީ ޖިނާހްއާ އިންނަން….“ އިސްޖަހައިގެން އިނދެ އޭނާ ބޭނުންވާގޮތް ޝާނީ ހާމަކުރިއެވެ.

“ އަހަރެން ހަމަ ހައިރާން ވެއްޖައިން….ޝާނީ ލަދެއްވެސް ނުގަނޭތަ ތިހެން ތިވާހަކަ ދައްކަން؟….ހަމްޒާއަށް ނޫނެކޭ ބުނެފަ އެ މަންމަނު ސޮރާ އިނދެގެންގޮސް ހަމަ އެގެއަށް ވަންނަން ހިތަށްއެރީތީވެސް އަހަރެން ލަދުގަނޭ….“ ރުޅިއައިސްގެން ޝާނީއަށް ލޯއަޅާލަމުން އޭނާގެ މަންމަ ކުއްލިއެއް ޖަހާލިއެވެ.

“ މަންމާ! އަހަރެން މިހުރީ މަންމަމެން ބޭނުންވި ގޮތަށް ހާރިޝްއާ ކައިވެނިކޮށްގެންނެއްނު…..ހާރިޝް ބައްޕައަށް ވީ އެހީގެ ބަދަލު އަހަރެން މިދެނީ ހިތުން ރުހުމުން….މުޅި އުމުރަށްވެސް އޭނާއާއެކީ އުޅެން އަހަރެން މިހުރީ ރުހިގަބޫލުވެގެން….ވީއިރު ޝާނީއަށް ތިގޮތަށް މަޖުބޫރު ކުރުމުގެ ބޭނުމަކީ ކޮބާ؟…“ އެންމެ ފަހުން ޝާނީގެ ދިފާއުގައި ސަލްމާ ވާހަކަ ދެއްކިއެވެ.

“ ސަލްމާ މިކަމާ ނުބެހިބަލަ! މިހުރިހާ ނުބައެއް ހެދިމީހަކީ ސަލްމާއެއްނު….ދެންވެސް އިތުރުގޯހެއް ހަދަން ނޫޅެ މަޑުން ހުރެބަލަ!…“ އާބިދާ ނުރުހިފައި ޖަވާބުދިނެވެ.

“ ނޫން މަންމާ….އަހަރެންގެ ދުވަހު އަހަރެން މަޑުންހުރިން…އެކަމު މިއަދަކު ނުހުންނާނަން….އަހަރެން ބައްޕަޔާވެސް މިވާހަކަ ދައްކާނަން….ހަމަ އެނގިހުރެ ޝާނީގެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން….އަންހެންދަރިންނޭ ކިޔާފަ ބޭނުންހާގޮތެއް ހަދާކަށް މައިންބަފައިންނަކަށްވެސް ނުޖެހޭނެ…“ އާބިދާ އޭނާގެ އަޑުނޭހުމުން ސަލްމާގެ ގާތަށްވެސް ރުޅި އަންނަގޮތްވިއެވެ.

“ ހަބަރުދާރު! ސަލްމާ އެއްވެސް ވާހަކައެއް ބައްޕައާ ދައްކައިގެން ނުވާނެ….ބައްޕަގެ ބަލިހާލާމެދުވެސް ހަމްދަރުދީވެބަލަ!“ އާބިދާގެ އަޑު ކުރިޔަށްވުރެވެސް ބާރުވިއެވެ.

އާބިދާގެ އަމަލުތަކުގެ ސަބަބުން ސަލްމާއާއި ޝާނީވެސްތިބީ ހައިރާންވެފައެވެ. އެއީ މީގެކުރިން އާބިދާ އުޅުނު ގޮތެއް ނޫނެވެ. އާބިދާ ދުވަހަކުވެސް އެދެކުދިންނާ ދިމާއަށް އެހާ ހަރުކަށިކޮށް އަޑުލައެއް ނުހަދައެވެ. އެހެންކަމުން ޝާނީއާއި ސަލްމާ ވަގުތުން ހިމޭންވިއެވެ. ޝާނީ ރޮމުން ރޮމުން ކޮޓަރިއަށް ވަނުމުން ސަލްމާވެސް އިތުރު ވާހަކައެއް ނުދައްކާ އެގެއިން ނުކުތެވެ.

ދެކުދިން ގޮސް، ތަން ހިމޭންވުމުން އާބިދާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދަރިންނާމެދު ހަރުކަށިވުމަކީ އޭނާ ބޭނުންވާ ކަމަކަށް ނުވީނަމަވެސް، ދަރިންކުރާ މޮޔަ ކަންކަމުން ދުރުކުރަން ހަރުކަށިވާންވެސް ޖެހެއެވެ. ދަރިންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދެވޭނީ އޭރުންނެވެ. އޭނާގެ ނަޒަރުގައި ސަލްމާގެ ދިރިއުޅުމަކީ އުފާވެރި އުޖާލާ ދިރިއުޅުމެކެވެ. ހަމައެފަދަ ދިރިއުޅުމެއް ޝާނީއަށްވެސް ހޯދައިދޭން އޭނާ ބޭނުންވެއެވެ. ޒުވާންއިރުގެ ލޯތްބަކީ ދަޅައެކެވެ. އެއީ ނުހަނު އަވަހަށް ގެއްލިގެން ހިނގައިދާނެ ބިލާހެއްފަދަ އެއްޗެކެވެ. ލޯތްބަށްވުރެ މުހިއްމީ ފުދުންތެރި ދިރިއުޅުމެކެވެ އެފަދަ ދިރިއުޅުމެއް ލިބޭނީ ތަނަވަސް މީހަކަ ކައިވެނިކޮށްގެންނެވެ. އޭނާފަދަ ފަޤީރު ދިރިއުޅުމެއް އޭނާގެ ދަރިން އުޅޭތަން ދެކޭކަށް އޭނާ ބޭނުމެއްނުވެއެވެ.

ޝާނީ ފާޅުގައި ކައިވެންޏަށް ދެކޮޅު ހަދާފައި ވަނިކޮށްވެސް، ޖެހިގެން އައި ދުވަހު ހަމްޒާ ރަންކިޔަން ހެކިވެރިން ފޮނުވިއެވެ. ވަގުތަކީ ޝާނީގެ މަންމައާއި ބައްޕަވެސް ގޭގައި އުޅޭ ވަގުތެކެވެ. އެމީހުން އައުމުން ޝާނީގެ މަންމަ އޭނާއަށް ގޮވިއެވެ. ޝާނީ ކޮޓަރީގައި އޮތީ ނުކުންނަން ބޭނުން ނުވެފައެވެ. ނަމަވެސް އޭނާގެ ބައްޕަ ގޮވުމުން އޭނާ ނުކުތެވެ. އޭރު މަންމައާއި ބައްޕަ އޭނާގެ އިންތިޒާރުގައި ކޮޓަރި ދޮރުމަތީގައި ތިއްބެވެ.

“ ދަރިފުޅާ…މޫނު ދޮވެލައިގެން ތައްޔާރުވެލައިގެން އާދެބަލަ އެފަރާތަށް….“ ޝާނީ ފެނުމުން އަލީ އެދުނެވެ.

“ ބައްޕާ…އަހަރެން ބޭނުން ވާހަކައެއް ދައްކާލަން….“ ބައްޕަ އޭނާއަށް ގޮވި ސަބަބު އެނގޭތީ އޭނާ އަވަހަށް ބުނެލިއެވެ. އޭނާ ބޭނުންވީ އޭނާގެ ހިތުގެ އާދޭސް ބައްޕައާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

“ އިހަށް ތައްޔާރުވެގެން އާދޭ….ބައްޕަ މިދަނީ އެފަރާތަށް…“ ޝާނީ ބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދީ އަލީ ބުނެލިއެވެ.

“ ބައްޕާ…އަޅެ ވަރަށް މުހިއްމު ވާހަކައެކޭ….އިހަށް އަޑުއަހާލަބަލަ!…“ އާދޭހާއެކު ޝާނީ ބުނެލިއެވެ.

“ ދެން ފަހުންވެސް ތި ވާހަކައެއް ދެއްކިދާނެއްނު….ދެން ދޭބަލަ އަވަހަށް ތައްޔާރުވާން….“ އަލީ އެއްޗެއް ބުނުމުގެ ކުރިން އާބިދާ ބުނެލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް އޭނާ ގޮވައިގެން ގިފިއްޔާ ދިމާއަށް ދިޔައެވެ.

“ ބުނަންތަ ރަނގަޅު ވާހަކައެއް ޝާނީ….ބައްޕަގާތު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ….އަހަރެން ބުނެފަ އޮންނާނީ ޝާނީވެސް ކައިވެންޏަށް ގަބޫލު ވާހަކަ….ބައްޕަ އެހުރީ ވަރަށް އުފަލުން….ދެން އިތުރު ވާހަކައެއް ދައްކައިގެން ބައްޕަ ހާސްކުރުވާނެ ކަމެއްނެތް..“ އާބިދާ އިންޒާރެއް ދިނެވެ.

“ މަންމާ ހެޔޮނުވާނެ…އަހަރެން ބޭނުންމެއްނޫން ހަމްޒާއާ އިންނާކަށް….އަހަރެން ލޯބިވަނީ ޖިނާހް ދެކެ…ޖިނާހްއާ އިންނަން ބޭނުމީ….“ ޝާނީ އާދޭސްކުރަން ފެށިއެވެ.

“ ޝާނީ….ދަރިފުޅާ! ކީއްވެތަ މަންމަ މިބުނާ އެއްޗެއް ނުވިސްނެނީ؟….މަންމަމެން ބޭނުމީ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދަދޭން….ހަމަޖެހޭ ދިރިއުޅުމެއް ހޯދަދޭން…ޖިނާހް ކަހަލަ މީހަކާ އިނދެގެން ކިހިނެއް ދިރިއުޅޭނީ؟…މުޅީ އުމުރު ދުވަހު އެކަހަލަ ނުކުޅެދޭ މީހަކާ އެކީ އުޅެންޖެހުނީމަ އެނގޭނީ އެއީ ކިހާ އުނދަގޫކަމެއްކަން….“ ޝާނީއަށް ލޯބިން ވިސްނައިދެވޭތޯ އާބިދާ އުޅުނެވެ.

“ އެކަމަކު މަންމާ…އަހަރެން ކިހިނެއް އަހަރެން ލޯބިނުވާ މީހަކާ އެކީ އުމުރު ދުވަހު އުޅޭނީ؟…އެއީ ވަކި ކުޑަ ތަކުލީފެއްތަ؟…“ ޝާނީވެސް އޭނާގެ މަންމައަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

“ ކައިވެނި ކުރީމަ ލޯބިވެވޭނެޔޭ….މަންމައާ ބައްޕަވެސް އިނީ ލޯތްބަކުން ނޫން…އެކަމަކު މިހާރު މިއުޅެނީނު…“ އާބިދާ އޭނާގެ ދިރިއުޅުން މިސާލު ދެއްކޭތޯ ބެލިއެވެ. ޝާނީ އިތުރު ވާހަކައެއް ނުދައްކާ ގޮސް ގިފިއްޔަށްވަނީ، އޭނާ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މަންމަ ގަބޫލު ނުކުރާނެކަން އެނގޭތީއެވެ.

ގިފިލީގައި ހުރެގެންވެސް ޝާނީ ވަރަށް ވިސްނިއެވެ. މަންމަމެންގެ ކުރިމަތީގައި ބަލިކަށިވެގެން އޭނާ ރަންކިޔައިފިނަމަ، އޭނާވާނީ ބޭވަފާތެރިއަކަށެވެ. މުޅި އުމުރަށް އޭނާ އެކަމާ ހިތާމަކުރަން ޖެހޭނެއެވެ. ޝާނީ އިރުކޮޅަކު ވިސްނަން ހުރެފައި ގޮސް ގިފިލި ފާރަށް އަރައި ސިއްރު ސިއްރުން މަގުމަތި ބަލާލިއެވެ. މީހަކު ނެތްކަން ޔަޤީންކުރުމަށްފަހު ފާރުމައްޗަށް އަރައި މަގުމައްޗަށް ފުންމާލިއެވެ. އަދި ހަލުވިކޮށް ދުވެފައި އޭނަ ތުނޑީމަގަށް މިސްރާބު ޖެހިއެވެ.

ނުނިމޭ

ގުޅޭ ޓެގް:

2 ކޮމެންޓް

  1. ވާހަކަ އަޕްވާލެއް ހާދަލަހޭ
    މި ޕާޓް ވެސް ވަރަށް ރީތި

Leave a Reply to އައިން Cancel reply

Your email address will not be published. Required fields are marked *