މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ފާޅުގައި ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު މައްކާގެ މުޝްރިކުންގެ ރުޅިވެރިކަން އިންތިހާ ދަރަޖައަށް ދިޔައެވެ. އެހެންކަމުން އެބައިމީހުންގެ ގަދަބަދަވިކަން ކުރިޔަށް ނެރެ އިސްލާމް ދީނަށް ވަންނަ މީސްތަކުން ދީންދޫކޮށްލާތޯ ޒާތްޒާތުގެ އަނިޔާދީ ބޮޑެތި ހާނިއްކަ ކުރަންފެށިއެވެ.
މިކަމުގައި އަންހެނެއް ފިރިހެނެއް އިސްތިސްނާ ނުވެއެެވެ. އެގޮތުން މުޝްރިކުންގެ އަނިޔާވެެރިކަން ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަތް އެއްބޭކަނބަލަކީ ޣުޒައްޔާ ބިންތް ޖާބިރް ބުން ޙަކީމް (އުއްމު ޝުރައިކް) އެވެ. އެކަމަނާ އަކީ ޚަޒްރަޖް ވަންހައިގެ ބޭކަނބަލެކެވެ.
ބައެއް ރިވާޔަތްތަކުގައި އެކަމަނާ އަކީ ޒަހުރާން ޤަބީލާގެ ދައުސްގެ ކަނބަލެއް ކަމަށާއި އަދި ކިނާނާތު ގަބީލާއިން ބަނީ ޣިފާރަތުގެ ކަނބަލެއް ކަމުގައިވެސް ބުނެވެއެވެ.އެކަމަނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ޤުރައިޝްވަންހައިގެ ގަބީލާއެއް ކަމުގައިވާ ބަނީއާމީރުގެ، އަބޫ އަކަރް އައް ދައުސީ (ރަޟިޔަﷲ އަންހް) ނަމަކަށް ކިޔުނު ބޭކަލަކާއެވެ.
އޭރު ފިކިކަލުން އަދި އިސްލާމްދީން ޤަބޫލު ނުކުރައްވައެވެ. ކޮންމެއަކަސް މިސަހާބާގެ ފިރިކަލުންނަކީ ޤުރެއިޝު ވަންހައިގެ ބޭކަލެއްކަމުން އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ ފިރިކަލުންނާއި އެކު މައްކާގައެވެ. އަދި ﷲ ގެ މަގަށް މީސްތަކުންނަށް ގޮވާލެއްވުމަކީ ތިމާގެ ކޮނޑުގައިވެސް އެޅިފައިވާ މަސްޢޫލިއްޔަތެއް ކަމުގައި ދެކިވަޑައިގެން ޤުރައިޝުންގެ އެކިއެކި އަންހެނުންނާ ބައްދަލުކޮށް ސިއްރިއްޔާތުގައި އިސްލާމްދީނުގެ ދަޢުވަތު ދެއްވަން ފެއްޓެވިއެވެ.
އެގޮތުން ވަރަށް ގިނަ ކަނބަލުން އެކަމަނާއަށް އިޖާބަދީ އިސްލާމްދީން ޤަބޫލުކުރިއެވެ.ކޮންމެއަކަސް އެކަމަނާގެ ދަޢުވަތުގެ ޚަބަރު މުޝްރިކުން ލިބުނެވެ. އަދި މިކަމާ އެބައިމީހުން ކޮޅުނެތްކޮޅަށް ނުރުހުންތެރިވިއެވެ. އަދި ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ކަލޭތިޔައީ އަހުރެމެންނާއި އެކު ޞުލްޙައިގެ އެއްބަސްވުމެއް ހަދާފައިވާ ޤަބީލާއަކަށް ނިސްބަތްވާ އަންހެނެއް ނޫންނަމަ ކަލޭ މިހާރުން މިހާރަށް ޤަތުލު ކުރީމުހެވެ. އެކަމަކު ދެން އަހުރެމެން ހިތްހަމަޖެހުމުގެ ނޭވާއްލާނީވެސް ކަލޭ މައްކާއިން ބޭރުކޮށް، މުސްލިމުންނާއި ހަވާލުކޮށްފައެވެ.”
އެއަށްފަހު މުޝްރިކުން އެކަމަނާ ޤަތުލުކުރުމުގެ ބަދަލުގައި ޒާތްޒާތުގެ އުޤޫބާތްދައްކަން ފެއްޓިއެވެ. އެގޮތުން ޖަމަލުދާނުގޮނޑިއާއި ނުލައި އެކަމަނާ ޖަމަލަކަށް އަރުވައިގެން ރަތްދައްކާ އަވީގައި ދުއްވުމަށް އެމީހުން ނިންމިއެވެ. ކުޑަމިނުން ފޮތިކޮޅެއްހާ ހިސާބުވެސް ނުލައި ހުހަށް އޮތް ޖަމަލަކަށް ސަވާރުކުރުވައިގެން ގަދަ އަވީގައި ދުއްވުމަށް މަޖުބޫރު ކުރުވި އެވެ.
ކާނެއެއްޗެއް ބޯނެ ފެންފޮދެއްހާ މިންވަރުވެސް ނުދީ މިގޮތުގައި ތިންދުވަސްވަންދެން އެކަމަނާއަށް އުޤޫބާތް ދެއްކިއެވެ. އަދި އެބައިމީހުން ވަރުބަލި ފިލުވާލަން ތަނެއްގައި މަޑުކޮށްލާނަމަ އެކަމަނާ ބަނދެފައި ގަދައަވީގައި ބާއްވާފައި އެބައިމީހިން ހިޔަލަށް ވަދެއެވެ.އުންމު ޝުރައިކް ކިޔަދެއްވާފައިވެއެވެ. މި އަނިޔާވެެރިކަމުގައި ތިންދުވަސް ވީއިރު އެކަމަނާ ވަނީ ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން އިންތިހާއަށް ގޮސްފައެވެ.
ޙާލު ދެރަކަމުން ދެންމެ ދެންމެ ހޭހުސްވެގެން ވެއްޓިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ކޮންމެއަކަސް މިއަނިޔާވެރިކަމުގެތެރޭގައި، އެއްފަހަރަކު މުޝްރިކުންތައް އަރާމުކޮށްލުމަށްޓަކައި ގަސްތަކެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. އޭރު އުންމުޝުރައިކް އޮތީ ގަދަ އަވީގައި ބަނދެފައި ބާއްވާފައެވެ. ބަނޑުހައިކަމާ ކަރުހިއްކުމުގެ ސަބަބުން މަރުވާން ކައިރި ވެފައެވެ.އެކަމަނާ ކިޔައިދެއްވާފައިވެއެވެ. މި އަނިޔާވެރި ޙާލުގައި ވަނިކޮށް ވަރަށް އަޖައިބު ކަމަކާ ކުރިމަތިވިއެވެ.
ކުއްލިއަކަށް ކޮންމެވެސް އެއްޗެއްގެ ފިނިކަން މެޔަށް އިހުސާސް ކުރެވުނެވެ. އެހިނދު ދެލޯ ހުޅުވައި ބަލާލި އިރު އެއީ ފެންއަޅާފައިވާ ބާލިދީއެކެވެ. އަދި އެކަމަނާގެ ތުންފަތާއި އެބާލިދީ ކައިރި ކުރެވުނެވެ. އަދި އޭގެން ފެންބުއެވެ. އެއަށްފަހު އެ ބާލިދީ އުފުލުނެވެ. ދެން އަނެއްކާ ވެސް އެކަމަނާ ފެން ބުއިމަށްޓަކައި އެބާލިދީ ތިރިކުރެވުނެވެ. އަދި އަނެއްކާވެސް އުފުލުނެވެ. މިގޮތަށް އެތަށް ފަހަރަކު ތަކުރާރުވިއެވެެ. އެއަށްފަހު އެބާލިދީ އެކަމަނާގެ ބަނދެވިފައިވާ ދެއަތާއި ކައިރިކޮށްލެވުނެވެ. އެހިނދު ހިތްފުރެންދެން އޭގެން ފެން ބުއިމަށްފަހު ހެދުންކޮޅަށާއި ގަޔަށް ފެން އޮއްސަވާލެއްވިއެވެ.
ކޮންމެއަކަސް މުޝްރިކުންނަށް ހޭލެވުނު އިރު އެބައި މީހުންނަށް ފެނުނީ ދެންމެ ދެންމެ މަރުވެދާނެހެން ހީވި އުންމު ޝުރައިކުގެ ޙާލު ކުރިޔަށްވުރެ ރަނގަޅުވެފައި ވަނިކޮށެވެ. އަދި އެކަމަނާގެ ހެދުންކޮޅު އެއްކޮށް ތެމިފޯވެފައިވަނިކޮށެވެ. އެހެންކަމުން ރުޅިއަރައި ރަތްވެފައި ތިބި މުޝްރިކުންތައް ބުންޏެވެ.
“ކަލޭ އަމިއްލައަށް މޮހެވިގެން ގޮސް އަހުރެމެމްގެ ފެންކަންވާރު ތަކުން ފެންބުއީ ހެއްޔެވެ.؟” އެކަމަނާ މިކަމާ އިންކާރުކޮށް ޖަވާބު ދެއްވިއެވެ. ”ﷲ ގަންދީ ބުނަމެވެ. އަހުރެން ތިޔަގޮތަކަށް ކަންތަކެއް ނުކުރަމެވެ. ނަމަވެސް އެވެނި މިވެނިހެން ކަންތައް ވެއްޖެއެވެ.” ދެން އެބައިމީހުން ބުންޏެވެ. “ކަލޭ ތިޔަބުނީ ތެދެއް ކަމުގައި ވާނަމަ ކަލޭގެ ދީނަކީ ހައްޤުދީނެވެ.” އެއަށްފަހު އެމީހުންގެ ފެންކަންވާރުތައް ބަލައިހެދިއެވެ.
އެހިނދު އެމީހުންނަށް ފާހަނގަ ކުރެވުނީ އެއްވެސް މީހަކު އެމީހުންގެ ފެންކަންވާރުތަކުގައި ބީހިފައިވެސް ނުވާކަމެވެ. އަދި އޭގެން ކަންވާރަކުން އެންމެ ފެންތިއްކެއްހާ މިންވަރުވެސް މަދުވެފައި ނުވާކަމެވެ. މިކަމާއި އެބައިމީހުން ވަރަށް ބޮޑަށް އަޖައިބުވިއެވެ. އަދި ވަގުތުން ވަގުތަށް، ﷲ ނޫން އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިކޮށް އިސްލާމްދީން ޤަބޫލުކުރިއެވެ.
މަސްދަރު: އަލް އިސާބާހް ވޮލިއުމް 8 ޞ 417 / ހިލްޔަތުލް އައުލިޔާ، ވޮލިއުމް 2 ޞ 96 / އިތުރު މަޢުލޫމާތު ނަގާފައިވަނީ ޝައިޚް މުޙަންމަދު އަލްޢަރީފީގެ ދަރުހަކުންނެވެ.









