ކަރީމް އިނީ ބިރުންނެވެ. މަލްދާ އެވާހަކަތައް އާނިފް ކައިރީ ބުނެފި ނަމަ އެއީ ހުޝާމްއަށް އޮތް ނުރައްކަލެކެވެ. އަދި އެމީހުން ސިއްރުން އެކުރަން އުޅޭ ކަންތައްތަކަށް އޭރުން އާނިފް ހުރަސް އަޅާނެއެވެ.
މަލްދާއަށް ގަދަޔަށް ރޮވުނެވެ.
”ކިހިނެއްވީ ދަރިފުޅު.“ ކަރީމް އަހާލިއެވެ.
”ކަމެއް ނުވޭ ބައްޕާ. އަހަރެން ގެޔަށް ގެންގޮސްދީ!“ މަލްދާ މިހެން ބުނުމުން ކަރީމް ކާރު އަނބުރާ ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ.
”ދަރިފުޅަށް އެގޭތަ ދެންމެ ކާރުން ފޭބި ފިރިހެން ކުއްޖާ. އެއީ ދަރިފުޅުގެ ކްލާސްމޭޓޭކޭ. ދަރިފުޅަށް އޭނަ ނޭގުނީމަ ވަރަށް ދެރަވެފަ ހުރީ.“ މަލްދާ ކައިރީ ކަރީމް ދޮގުހެދިއެވެ.
”އޯހް. އެހެންވީމަ ދޯ އެހާ ދަންނަ މޫނަކަށްވީ.“ ހިތަށް ފިނިކަމެއް ލިބުމުން މަލްދާ ރުއިން ހުއްޓާލިއެވެ.
ގެޔަށް ދެވުމާއެކު މަލްދާ ފޯނު ނަގާ ހުޝާމްއަށް މެސެޖްކޮށްލިއެވެ. ބަލިވެ އުޅުނީމަ ނުދެވުނީއޭ ކިޔާފަ ފޮނުވި މެސެޖަށް އެއްވެސް ރިޕްލައި އެއް ނައުމުން މަލްދާ ހުޝާމްއަށް ގުޅާލިއެވެ.
”ޔެސް މަލް!“ ހުޝާމް ބުނެލިއެވެ.
”ކީއްވެ މެސެޖަށް ރިޕްލައި ނުކުރަނީ. ބައިދަވޭ ކުއްލިއަކަށް މަލް ތިކީ ކީއްވެ. އެހެންޏާ! މިހާރަކަށް އައިސް މަލްދާ ނޫން އެއްޗެއް ނުކިޔާ.“ މަލްދާ ޝަކުވާކުރިއެވެ.
”ތީ އަބަދުވެސް މި ހުޝާމްގެ މަލް. އަހަރެން އިންތިޒާރު މިކުރަނީ މަލް އަހަރެންގެ މީހަކަށް ވާނެ ދުވަހަކަށް.“ ހުޝާމް އަށް ރޮވުނެވެ.
”އަހަންނަށް ފޯނެއް އެބަ އާދޭ. އެބަގުޅަން އިގޭ.“ މަލްދާ ފޯނު ކަނޑާލިއެވެ.
“ހަލޯ! ކޮންތާކު، ކިހާއިރެއް އިންތިޒާރުގައި އިންނަތާ. “ އާނިފް ބުނެލިއެވެ.
”މެސެޖް ކުރިން.“ މަލްދާ ހައިރާންކަމާއެކު ވާހަކަ ދެއްކިއެވެ.
”ނުލިބޭ މަލްދާގެ މެސެޖެއް“ އާނިފް މިހެން ބުނުމުން މަލްދާގެ ބަސް ހުއްޓުނެވެ.
”މަލްދާއޭ. އަނެއްކާވެސް.“
”ހޫމް. ކަންތަކާ ޖެހުނީއޭ. ދެން ބުނެބަ ކިހިނެއް ވީތަ ނައީ.“ އާނިފް އަހާލިއެވެ.
އާނިފްގެ ސުވާލަށް ޖަވާބެއް ނުދީ މަލްދާ ފޯނު ކަނޑާލިއެވެ. ފޯނުގެ ކޯލް ލިސްޓު ބަލާލުމުން ދެފަހަރުވެސް މިގުޅުނީ ހުޝާމް ޖަހާފަ އިން ދެ ނަންބަރަށްކަން އެގުނެވެ. މަލްދާއަށް އޮޅުނެވެ. އެތަނުން ހުޝާމްގެ ނަންބަރަކީ ކޮބައިކަމެއް ނޭގުނެވެ.
ފުރަތަމަ ގުޅީވެސް ހުޝާމްއަށެވެ. މަލްދާއަށް ޔަޤީނެވެ. މަލް ކިޔައިގެން އެހާ ލޯބިން އޭނައާ ވާހަކަ ދައްކަނީ އަބަދުވެސް ހުޝާމްއެވެ. އެކަމަކު ފަހުން އައި ކޯލަކީވެސް ހުޝާމްގެ ކޯލެކެވެ. މިހުޝާމް އޭނައާ ވާހަކަ ދައްކަނީ ވަރަށް ތަފާތުކޮށް ދުވަހަކުވެސް ނުދައްކާ ގޮތަކަށެވެ. އެކަމަކު އެއީ ވެސް ހުޝާމްއެވެ. މަލްދާއަށް އޮޅުނެވެ.
އާނިފް ގެޔަށް އައިއިރު މަލްދާ އޮތީ ނިދާފައެވެ. އެހެންކަމުން ނޮގޮވާ ނުކުމެ ޖޯލީގައި ވިސްނަން އިށީނެވެ. ކާން އިން ކަރީމްއަށް މިމަންޒަރު ފެނުނެވެ. އާނިފް އިރުކޮޅަކު ވިސްނަން އިދެފައި ގޮސް މަލްދާގެ ފޯނު ނަގާ ޗެކްކުރިއެވެ. އެކަމަކު އޭނައަށް އެއްވެސް މެސެޖެއް އަދި ކޯލް ލިސްޓުންވެސް ޝައްކުވާ ފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެހެން ކަމުން ފޯނު ބާއްވާފައި ނުކުމެގެން ދިޔައީ ކަރީމް ގޮވަގޮވާ ހުއްޓައެވެ.
ކަރީމް ހިނިތުންވެލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. މަލްދާ ގުޅި ވާހަކަ ހުޝާމް ބުނުމުން، މަލްދާ ނިދާފައި އޮތްވާ ކަރީމް ހުރީ އޭނަގެ ފޯނުން ހުޝާމްއަށް ފޮނުވި މެސެޖްވެސް ޑިލީޓްކޮށްފައެވެ.
އާދައިގެ މަތިން ކަރީމް އިނީ މަޣުރިބް ނަމާދުން ފައިބައިގެން އައިސް އާރިފާ ކައިރީގައި ވާހަކަ ދައްކަން ޖޯލީގައެވެ. ގޭގައި އަޑުހަރުކޮށް ބަޤަރާ ސޫރަތް ހުރީ ޖަހާފައެވެ. މިރޭ މަލްދާވެސް ނަމާދުކޮށްލައިގެން ޤުރުއާން ކިޔަވަން އިން މަންޒަރު ފެނި އާރިފާ ވަރަށް އުފާވިއެވެ. އެވާހަކަ ކަރީމް ކައިރީ ބުނުމުން ކަރީމްގެ ހިތަށް ފިނި ކަމެއް ލިބުނެވެ.
”އާރިފާ. ކޮބާތަ މިއަދު އާނިފް.“ ކަރީމް އަހާލިއެވެ.
”އާނިފް އޭ. އެއީ ކާކު؟“ އާރިފާ ސުވާލުގެ ނަޒަރުން ބަލާލިއެވެ.
”ސޮރީ. ހުޝާމް!“
”ހުޝާމް ދޯ. އެމަންޖެ އާ ކުނި ޖެހުނީކަންނޭގެ ހަވީރުއްސުރެ ނުފެނޭ.“ އާރިފާ ބުނެލިއެވެ.
އާރިފާ ކައިރީ ވާޙަކަ ދައްކާލަން މީ ރަގަނޅު ވަގުތެކޭ ކަރީމް ހިތަށް އެރިއެވެ. އެއީ ގޭގައި އަޑުހަރުކޮށް ޤުރުއާން ޖަހާފައި ހުއްޓާ އާނިފްއަށް ގެޔާ ކައިރިވެސް ނުވެވޭނެކަން އެގޭތީއެވެ.
”އާރިފާ. އަހަރެން ވާހަކައެއް ބުނަން ބޭނުން. އެކަމަކު މިވާހަކަ އަޑުއަހާފައި އެއަށް އެއްވެސް ރިއެކްޓެއް ކޮށްގެން ނުވާނެ އަދި މަލްދާ ކައިރީ ބުނެގެން ނުވާނެ.“ ކަރީމް ބުނެލިއެވެ.
އާރިފާ ބޯޖަހާލިއެވެ.
”މިގޭގަ އެއުޅެނީ ހުޝާމް އެއް ނޫން.“ ކަރީމް މިހެން ބުނުމުން އާރިފާ އަންތަރީސްވިއެވެ. ކަރީމް މިދައްކަނީ ކޮންކަހަލަ ވާހަކައެއްހޭ ހިތަށް އެރި ނަމަވެސް އަޑުއަހައިގެން އިނީއެވެ.
”އެއީ…އެއީ“ ކަރީމްއަށް ވާހަކަ ނުދެއްކުނެވެ.
”އެއީ؟“ އާރިފާ އަހާލިއެވެ.
”އޭނައަށް ކިޔަނީ އާނިފް. އެކަމަކު އެއީ އަހަރެންގެ އެކުވެރި ފާއިހުގެ ދަރިއެއް ނޫން. އޭނަ ހެދީ ދޮގު. މަލްދާއަށް ވަރަށް އަވަހަށް އެގޭނެ އެކަން. އަހަރެން އިންތިޒާރު މިކުރަނީ އެދުވަހަށް.“
”ކޮންކަމެއްތޯ އަޅުގަނޑަށް އެގޭނީ.“ މަލްދާގެ އަޑަށް ކަރީމް ދިޔައީ ސިއްސައިގެންނެވެ.
”އަޅުގަނޑަށް އެގޭ މަންމަޔާ ބައްޕަ ތިދައްކަނީ ހުޝާމްގެ ވާހަކަ ކަން. މިހާރު ހުޝާމް ވަރަށް ތަފާތުކަން އެގޭ. ކުރިން ނުކުރާ އެތައް ކަމެއް މިހާރު ކުރޭ. ސިގިރެޓްވެސް ބޮއެ. އަޅުގަނޑު އެތައް ފަހަރަކު ބުނުމުންވެސް އެކަން ނުހުއްޓާ. ބައްޕާ. ކީއްވެތަ ހުޝާމް އެހާ ބަދަލުވީ. އޭނަ ބޭނުންވަނީ ލަސްނުކޮށް ކައިވެނި ކުރާށޯ. ދެތިން ދުވަހު މިހާރު އަހައިފި އެއީ ފިރިއެއް ގޮތުގައި އަޅުގަނޑު ބަލަންތޯއޭވެސް.“
”ސުބުހާނަﷲ! ދެން ކީކޭ ދަރިފުޅު ބުނީ. އާއެކޭ ބުނިންތަ؟“ ކަރީމްގެ ހިތް އަވަސްވެ ބިރުގަތެވެ.
”ނޫން ބައްޕާ! އަޅުގަނޑު ބުނީ ކައިވެނި ނުކުރަނީސް ފިރިއެއް ގޮތަށް ޤަބޫލުނުކުރާނަމޭ. މާދަންވެސް ލަޑެއްދީފަ ދޫކޮށްލާނޭ.“ މަލްދާ މިހެން ބުނުމުން ކަރީމް ހަމަޖެހިލިއެވެ.
އިރުކޮޅަކު ވާޙަކަ ދައްކަން އިދެފައި ކަރީމް ކޮޓަރިއަށް ވަދެ ފާއިހުއަށް ގުޅާޅިއެވެ.
”މިހާރު އެއުޅެނީ މަލްދާ ލައްވާ ބުނުވަން ފިރިއެއް ގޮތަށް ބަލައިގަންނަމޯ. އޭރުން އޭނަ ބޭނުންވާ ކަންތައް ވާނެތާ. އަހަންނަށް ފެންނަނީ މިކަން އަވަސްކޮށްލަން. އެބަ ދަން އިޝާ ނަމާދަށްފަހު.“ ކަރީމް މިހެންބުނެ ފޯނު ބާއްވާފައި އެނބުރި ބަލާލިއިރު އާރިފާ ހުރީ އަޑުއަހައިގެންނެވެ.
”ކޮންކަމެއް އަވަސްކޮށްލަން.“އާރިފާ އަހާލިއެވެ.
(ނުނިމޭ)











8 ކޮމެންޓް
ޚ998ދޮންކަނބޫކޮބާތޭ ވާހަކަ؟ ދަރިފު އަވަހައް އަޕ
ާަދޮްންކަމަނާ‘ ކުރިއަށްއޮތް ޕާޓްނެރެދެގަ!
ބަލަ ކަމަނާ ކޮއެފޫ މިވާހަކާގެ ދެން ވާނެ ގޮތެއްނޭނގި ދައިތަގެ މިލޮލަށް
ނިދިނާދޭ ކޮއެފ
ާަކުޑަކަމަނަ
މި އިންތިޒާރުގެ ނިމުނ
މިވާހަކަ ނެރެއުޅެނީ ކޮން ދުވަސް ތަކެއްގަތަ؟
މިވާހަކަ ނެރެއުޅެނީ މަހަކު (އެއްފަހަރު) ނޫނީ ދެމަހުން (އެއްފަރު)ތަ؟ ޢެހެން ނޫނީ ނެރެވުނު
ދުވަހަކުން ނެރެނީތަ؟
މިވާހަކަ ުނުނިންމާ އެހެންވާހަކައެއް ފެއްޓީކީއްވެގެންތޯ؟
ބޭނުންވޭ ކުރިންވާހަކާގެ ނިމުން އަޅުގަނޑުމެންނަށްގެނެސްދެއްވާ!
ާދެން މިވާހަކަ ނުނެރެނީތަ؟
ވާހަކާގެ ކުރިން ވީގޮތް ހަދާނުގެ ވެސް ނެތިއްޖެ