އެއީ އަހަރެންގެ ދައްތަ- ތިންވަނަ ބައި
“ފަތިސް ނަމާދުގެ މަތިން ހަނދާންނައްތާނުލާތި“ ނޫރާ އަރެންނަށްޓަކައި ހެޔޮދުޢާ ކޮށްދިނެވެ. އަށެއްޖެހިއިރު އަހަރެންނަށް ހޭލެވުނީ ދޮރުގައި މީހަކު ޖަހާއަޑަށެވެ. މިއީ އާންމުގޮތެއްގައި އަހަރެން ހޭލާ ގަޑިއެއްނޫނެވެ.
”އަނެއްކާ ކިހިނެތްވީބާ؟“ ފަތިސް ނަމާދަށްފަހު ނޫރާގެ ހާލުމާބޮޑަށް ދެރަވީއެވެ. އެމީހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
“ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٲجِعُونَ “ މިހާރު މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ.
މަންމަ ނޫރާގެ ހާލުބެލުމަށް ހޮސްޕިޓަލުގައި ހުރި ބައްޕައަށް ފޯންކުރިއެވެ.
”އާން. މިހާރު އައިސް ނޫރާއާ ބައްދަލުކުރެވިދާނެ“ ބައްޕަގެ އަޑުގައިވާ ރާގު މިހާރު ބަދަލުވެއްޖެއެވެ.
ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި މަންމައަށް ޔަޤީންކުރެވުނެވެ. މަންމައާއި އެކު އަހަރެން ވަގުތުން ހޮސްޕިޓަލަށްދިއުމަށް ނުކުތީމެވެ. އަހަރެން ކޮންމެދުވަހަކުމެ އެއީ ވަރަށްކުރު މަގެއްކަމަށްދެކި އެމަގަކުން ދަތުރުކުރާ މަގު މިއަދު ވަރަށްދިގުވެއްޖެއެވެ. އަދި ކޮންމެ ދުވަހަކުމެ އެމަގަކުން ފެންނަ މީހުންތައް މިއަދު އަހަރެންނަކަށް ނުފެނެއެވެ. މީގެ ކުރިން އެމީހުން އަހަރެންނަށް މަގުން ތަންދައްކާކަމުގައި އަހަރެންނަށް ހީވިއެވެ.
ހަލުވި ހިނގުމުގައި އަހަރެންނާއި މަންމަ ހިނގާފައިދިޔައިރު މަންމަ ދިޔައީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުން ފޮހެމުންނެވެ. އަދި އަބަދުމެ ނޫރާއަށްޓަކައި ހެޔޮ ދުޢާކުރަމުންދިޔައެވެ. އަހަރެމެން ހޮސްޕިޓަލްގެ ދޮރުން އެތެރެއަށްވަނީމެވެ. ހޮސްޕިޓަލްގެ ތެރޭގައި އެކަކު ހިތާމަވެރިކަމާއި މޮޅިވެރިކަމާއެކު ރޮމުންދިޔައެވެ.
އަނެކަކު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ގޮވައިގެން ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދިޔައެވެ. އަދި ތިންވަނަ މީހެއްގެ ލޮލުގައި ނަރުހުން އައިސް އަޅަމުންދިޔައެވެ. އޭނާ ދިރިހުރިކަމެއް ނުވަތަ މަރުވެފައިވާކަމެެއް ބުނާކަށްނޭންގެއެވެ. ހަލުވި ފިޔަވަޅުގައި އަހަރެމެން ނޫރާއޮތް ފްލޯއަށް އެރީމެވެ.
ނޫރާ އޮތީ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. އެވަގުތު ނަރުހެއް އަހަރެމެންނާއި ބައްދަލުކުރިއެވެ.
”ނޫރާ އޮތް ތަނަށް ގެންގޮސްދެންތަ؟“ އަހަރެމެން ނަރުހާއި އެކު ހިނގަމުންދިޔައިރު އޭނާ ނޫރާގެ ރަނގަޅުކަމާއި މަޑުމައިތިރިކަމުގެ ވާހަކަ ދައްކަމުންދިޔައެވެ. އަދި މިއަދު ހެނދުނަށްވުރެ މިހާރު ނޫރާގެ ހާލު ރަނގަޅުކަމުގައި އޭނާ މަންމަގާތުބުންޏެވެ.
”މާފުކުރޭ މިތާ އެތެރެޔަށް ވަދެވޭނީ ފަހަރަކު މީހަކަށް.“ މި އީ ހާލުބޮޑު ބަލިމީހުންނަށް ޚާއްޞަފަރުވާދެވޭ ތަނެވެ. ބޭރުގައި ހުރި ކުޑަދޮރުން ހަނިގޮތަކަށް އަހަރެންނަށް ނޫރާގެ މޫނު ފެނުނެވެ. މަންމަ ނޫރާގެ ގާތުގައި ހުއްޓެވެ. ދެމިނެޓެއްވަރުފަހުން މަންމަ ބޭރަށް ނުކުތެވެ. ”މިހާރު ވަދެވިދާނެ. އެކަމަކު މާގިނައިރު ވާހަކަ ނުދައްކާތި“ އެމީހުން އަހަރެންގާތު ބުންޏެވެ. ”ދެމިނެޓްވަރު ރަނގަޅުވާނެ“
”ނޫރާ. ހާލުކިހިނެތް؟ ރޭގައި ނޫރާގެ ހާލު ވަރަށް ރަނގަޅެއްނު. ކިހިނެތްވީ؟“ އަހަރެމެން އެކަކު އަނެކަކުގެ އަތުގައި ހިފާ މަޑުމަޑުން ފިއްތާލީމެވެ. އެވަގުތު ނުރާ އުނދަގޫގޮތަކަށް ކެއްސާލިއެވެ.
”މިހާރުވެސް، އަލްހަމްދު ލިއްލާހި، އަހަރެންގެ ހާލު ހަމަ ރަނގަޅު.“
”އަލްހަމްދު ލިއްލާހި… އެކަމަކު…. ދައްތަގެ އަތް ހާދަ ފިންޔޭ“ އަހަރެން އެދުމަތީގައި އިށީންދެ ދައްތަގެ ކަކުލުގައި އަތްޖައްސާލީމެވެ. އޭނާ އަހަރެންގެ އަތް ވަގުތުން ދުރަށް ކޮށްޕާލިއެވެ. ”މާފުކުރޭ ދައްތައަށް ތަދުވީތަ؟“
”ނޫން ކުއްލިއަކަށް މާތް ﷲ ގެ ބަސްފުޅެއްގެ މަތިން ހަނދާންވީ“ { وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } {އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ. – (29-75)} ”ހަނާން. އަހަރެންނަށްޓަކައި ހެޔޮ ދުޢާކޮށްދީ. އަހަރެން ވަރަށް އަވަހަށް ދާއިމީ ދިރިހުރުމުގެ ފުރަތަމަ ދުވަހާއި ބައްދަލުކުރަން ޖެހިދާނެ. އެއީ ވަރަށްދިގު ދަތުރެއްއެދަތުރަށްޓަކައި އަހަރެންނަށް މާބޮޑު ހެޔޮކަމެއް ރައްކާކުރެވިފައެއްނެތް.“
ނޫރާގެ އެބަސްތަކުން އަހަރެންގެ ލޮލުން ހުދު އަހަރެންނަށްވެސް ނޭންގި ކަރުނަތައް ސިއްރުން ފައިބަން ފެށިއެވެ. އެންމެފަހުން އަހަރެންނަށް ރޮވެންފެށިއެވެ. އޭނާވެސް އަހަރެންގެ ރުއިމުގައި ބައިވެރިވިއެވެ.
ނުނިމޭ










