މަރިޔަމް ޔަސްމާގެ – ކަލާވީ ބޭވަފާ…03 ( ތިންވަނަ ބައި)
”އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން ކައްޝަފް އުޅެނީ މިގޭގައި ކަމެއް. އަހަރެން އަބަދުވެސް ހީކުރީ މަންމަ ރަނގަޅުވީމަ ދާނީ ރަށަށް ކަމަށް.“ ޔާޒަން އެނބުރި ގޮސް ދަބަހުން ޓީޝާޓެއް ނަގައިގެން ބޮލަށް މަހައިލިއެވެ. އިތުރަށް އަޒާންވެސް އެއްޗެއް ނުބުނެއެވެ. ދޮންބެ ނިކުމެގެން ދިއުމުން ޔާޒަން އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު ބޮލުމެދަށް ކުޑަ ހުޅިއެއްވާނެހެން ރަބަރަކުން އައްސައިލިއެވެ. ރީތިވަރަކަށް ތުނބުޅި މަތިމަސް ހުރުމުން ނިކަން ފިރިހެންވަންތައެވެ. ވަރުގަދަ ދެބުމައާ ތޫނު ލޮލެއްގެ ވެރިއެކެވެ.
މާމައާ ވާހަކަދައްކައިލަން ކުޑައިރުކޮޅަކު އިނުމަށްފަހު ކައްޝަފް ވަނީ ބަދިގެއަށެވެ. ހަވީރު ސައި ތައްޔާރު ކުރުމަށްޓަކައި އޭނާ ދެއަތުކުރި އޮޅައިލިއެވެ. މެންދުރު ކެއްކި ގަޑީގައި އޭނާ ހުރީ ބައެއް ކަހަލަ ކުދި ކުދި ތައްޔާރީތައް ކޮށްފައެވެ. އެގޮތުން އަވަނަށް ލީ ޗޮކްލެޓް ކޭކު ހުރީ މިހާރު ފިހެވިފައެވެ.
މަޑުކޮށްފައި ހުރި އަލުވިތައް ނަގައިގެން އެއިން ތޮށި ނޮޅަން ހުއްޓާ ޖަމާލުބެ ގެއަށް އައި އަޑު އިވުނެވެ. އިސާހިތަކު ޔާޒަން އަނެއްކާވެސް ތިރިއަށް އަތުވެދާނެކަން ވިސްނިފައި ކައްޝަފްގެ ހިތް ތެޅެން ފެށިއެވެ. ކަންތައްވީވެސް އޭނާ ހީކުރި ގޮތަށެވެ. ގިނައިރެއް ނުވެ ދެން އިވުނީ ޔާޒަން ތިރިއަށް އައިސް ބައްޕައާ ބައްދަލުކުރި އަޑެވެ. މަސައްކަތުގައި އުޅުނަސް ކައްޝަފްގެ ކަންފަތް ހުޅުވިފައި ހުރީ އެމީހުންގެ ވާހަކަ އެހުމަށެވެ.
ސޯފާތަކުގެ މެދުގައި ބައްޕަ ހުރެފައި ޔާޒަން އައިސް ކައިރިވެލުމުން އުފަލާއެކު އެދަރިފުޅާ ކަރާކަރު ޖައްސާ ސަލާމްކުރިއެވެ. ”ބައްޕަ ކިހިނެތްތޯ؟“ ބައްޕަ އޭނާ ދުރުކޮށްލި ވަގުތު ޔާޒަން އެހިއެވެ. ”ވަރަށް ރަނގަޅު.“ ޖަމާލުގެ ތުންފަތަށް ވެރިވެފައި ހުރީ ފަނޑުވުމެއް ނެތް ހިނިތުންވުމެކެވެ. ޞޮބީހާވެސް އެދެބަފައިންގެ ހަރަކާތްތަކަށް ބަލަން ފެންކަޅިވެފައި އިނެވެ. އަޒާން އޭރު ސިޑިން ފައިބަނީއެވެ. ގޭގައި އުޅޭ ވަގުތެއްގައި ވިއްޔާ އާންމުކޮށް ކޮޓަރީގައި އިންނަ މީހާވެސް މިއަދު މާގިނައިން ނިކުމެ އެއުޅެނީ ޔާޒަން އައުމުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ.
”ހިނގާ ދޯ މާމަގެ ހަދިޔާފޮށިގަނޑު ކަނޑަން.“ ޔާޒަން މާމައަށް ނަޒަރެއް ދީފައި ހެމުން ތިރީގައި އުޑަފައިން އިށީނެވެ. ޖަމާލު އެދިމާއަށް ބަލަން ހުރެފައި ސިޑިއާ ދިމާއަށް ހިނގައިގަތީ ހެދުން ބަދަލުކޮށްގެން އަންނާނެ ވާހަކަ ބުނެފައެވެ. ”ދެން ކޮބާ އެހެންމީހުންނަށް ގެނަ އެއްޗެހި؟“ ޔާޒަން ކަނޑައިލި ފޮށިގަނޑުން ނެގި ހަދިޔާތަކުން އުނގު ފުރާލަދިންތަން ބަލަން އިނދެފައި ޞޮބީހާ އެހިއެވެ.
”އަޅުގަނޑު އެންމެ ލޯބިވަނީ މާމަދެކެ. އެހެންވެ ހަދިޔާވެސް ގެނައީ މާމައަށް.“ ޔާޒަން ހީގެންފައި މާމައާ ސަމާސަ ކޮށްލިއެވެ. ”އަނެއްކާ އަނެއް ދޮގު. ދަރިފުޅު ސަމާސައަށްވެސް ތިހެން ދޮގު ނުހަދަބަލަ!“ މޫނަށް ސީރިއަސް ކުލަވަރު ގެންނަމުން ޞޮބީހާ ނަޞޭހަތްދިނެވެ. ”މާފުކުރައްވާ މާމާ! އެއީ ދޮގެއް. ހަނީފުބެ އަންނާނެ މިހާރު އެހެން މީހުނަށް ގެނަ އެއްޗެހި ހިފައިގެން.“ ޔާޒަން ދެއަތް ހުރަސްކޮށްލައި ކަންފަތު ފޫޅުގަނޑުގައި ހިފާ މަޢާފަށް އެދުނެވެ. އަޒާން ވަކި އެއްޗެއް ނުބުނެ ހިނިތުންވެފައި އިނެވެ.
ހަނީފު އައީ ގިޓައެއްގެ ސައިޒަށް އޮތް ލަކުނޑި ފޮށްޓަކާއި ކުޑަވަރެއްގެ އިތުރު ދެ ޕާރސަލް ހިފައިގެންނެވެ. އެތަކެތި ގެނެސް ކުޑަމޭޒު މަތީ ބާއްވާލުމާއެކު ޔާޒަން ތެދުވެ ފުރަތަމަވެސް ގިޓާފޮށި ނެގިއެވެ. ”މީ މަންމަގެ ފަރާތުން.“ ޔާޒަން ގިޓާފޮށި ނަގައި އަޒާންގެ އުނގުމަތީ ބާއްވައިލަދިނުމުން އެމޫނަށް ވެރިވީ ހައިރާންކަމެކެވެ. ”ޑޯން ބީ ސަޕްރައިޒްޑް. މަންމަ މި ނުގަންނަމަ އަހަރެންވެސް ގެނައީހީ ހަމަ ގިޓައެއް. ޒާން މިކަން ދޫކޮށްލައިގެން އުޅުނަސް އަހަރެންނަށް އެނގޭ ގިޓާ ކުޅުމަށް ލޯބިކުރާވަރު. މަމް ޓޫ.“ ޔާޒަން ކިޔައިދިނެވެ. އަޒާން އޭގައި ހިފިނަމަވެސް ވަކި އެއްޗެއް ނުބުނެއެވެ.
ބައްޕަ ތިރިއަށް ފައިބާތަން ފެނުމުން ޔާޒަންގެ ޝައުޤުވެރިކަން ދެން އެނބުރުނީ ބައްޕައާ ދިމާއަށެވެ. ބައްޕައަށް އޭނާ ގެނަ އަގުބޮޑު އަތުކުރީ ގަޑިއާ ގަމީސް ހަވާލުކުރުމަށްފަހު އެމޫނަށް އަރާ ކުލަބަލަން ބޭނުންވިއެވެ. ”ވަރަށް ރީތި. ބައްޕައަށް ވަރަށް ކަމުހިނގައްޖެ. ޝުކުރިއްޔާ ދަރިފުޅާ.“ ޖަމާލު ހިނިތުންވުމަކާއެކު ދަރިފުޅުގެ ހަދިޔާތައް ޤަބޫލުކުރިއެވެ. ހުސްކޮށްހުރި ސޯފާގައި އިށީންދެފައި އޭނާ ވަށައިގެން ލޯ ހިންގައިލީ އިތުރު މީހަކު ހޯދަން ބޭނުންވެގެން ބަލައިލިފަދަ ގޮތަކަށެވެ.
”މަންމާ ކޮބާ ކައްޝަފް؟ ގޭގަ ނެތީތަ؟“ ޖަމާލުކުރި ސުވާލާއެކު ޞޮބީހާވެސް ކައްޝަފް މަތިން ހަނދާންވެއްޖެއެވެ. ”ކައްޝަފް ވީ ބަދިގޭގައި.“ ޞޮބީހާ އޮޅުންފިލުވައިދިނެވެ. ”ލައްބަ.“ ދެން ފެނުނީ ކައްޝަފް ބޯދިއްކޮށްލި ތަނެވެ. ނަސީބަކުން ޖަމާލުބެ ނޫން އެކަކުވެސް އެވަގުތު އޭނާއަކަށް ސަމާލުކަމެއް ނުދެއެވެ. ”ފެންތަށްޓެއް ގެނެސްދީބަލަ!“ ޖަމާލު އެދުނެވެ.
ކައްޝަފް ބޯޖަހާލައިފައި އަނެއްފަރާތަށް އެނބުރުނު ވަގުތު އޭނާގެ ދެފައި ބިމުގައި ތަތްލީ މާމަ ބުނި އެއްޗެއް އަހައިފައެވެ. ”ދަރިފުޅު އެހެން އެންމެންނަށް ހަދިޔާ ގެނައިރު ކައްޝަފްއަކަށް އެއްޗެއް ނުގެންނަންތަ؟“ މާމަގެ ސުވާލު އަހާފައި ޔާޒަންއާ އަޒާންވެސް ކުއްލިއަކަށް އެކަކު އަނެކަކެއްގެ މޫނަށް ބަލާލައިފިއެވެ. ”އެއީ ތެދެއް ކައްޝަފްއަށް އެއްޗެއް ނެތީތަ؟“ ޖަމާލުބެވެސް ހަމަ އެސުވާލު ތަކުރާރުކޮށްލައިފިއެވެ.
ކައްޝަފް ޖެހިލުންވީ ޔާޒަން ދޭނެ ޖަވާބެއް ނޭނގިފައެވެ. އޭނާ ބިރުގަތީ ޔާޒަން އޭގެ ޖަވާބުގައި އާއެކޭ ބުނެ އެއްބަސް ވެދާނެތީއެވެ. އެހެން ވެއްޖެނަމަ އޭގެ މާނައަކީ ކުރިން ސިޑިމަތިން ފެނިގެން އަނގައިން ނުބުނެ ދިޔަ ދިއުމަކީވެސް ޔާޒަން ގަސްތުގައި ކުރިކަމެއް ނޫން ކަމެވެ. މާތް ކަލާކޯއެވެ. ޔާޒަން އޭނާ މަތިން ހަނދާން ނެތިއްޖެ ކަމުގައި ބުނާ އަޑު އަހަން ހިތަށް ކެތްވާނެ ހެއްޔެވެ؟
ކައްޝަފް އެތާ ނުހުންނަން ވެގެން އަވަހަށް އެތެރެއަށް ދެމިގަތުމުން ޔާޒަން ބުނި އެއްޗެއް ސާފެއް ނުވިއެވެ. އޭނާ ދެން އެނބުރި އައީ ޖަމާލު އެދުނު ފަދައިން ތަށްޓަކަށް ފެންއަޅާ ފުރާލުމަށްފަހު ކުޑަ ތަބަކަކަށް ލައިގެންނެވެ. އޭރު އަޒާންމެން ދެބެން ކޮންމެވެސް ވާހަކައެއް ދައްކާފައި އެކުގައި ތެދުވެގެން މައްޗަށް ދަނީއެވެ.
ހަވީރު ސައިގަޑި ޖެހުނުއިރު ޔާޒަންއެއް ގެއަކު ނެތެވެ. ޖަމާލުއާ ޞޮބީހާ އަމިއްލަ ވާހަކައިގައި ތިބެގެން ސައިބޮމުން ދިޔައިރު ކައްޝަފް މޭޒުކައިރީ ހުރެގެން ތަށިތައް ކައިރިކޮށްދިނެވެ. ބޭރުތެރެއިން އަޑެއް އިވިގެން ބަލައިލިއިރު އަޒާން ވަންނަނީއެވެ. ކައްޝަފް ނޫންކަމަށް ހެދިފައި އިސްޖަހާލި ވަގުތު ޔާޒަންވެސް ބައްޕަމެނާއި ދިމާއަށް ނަޒަރު ބަދަލުކޮށްލިއެވެ.
”ކޮބާ ކޮއްކޮ؟ އަދިވެސް ގެއަށް ނާންނަނީތަ؟“ އަޒާން އައިސް އިށީންނުމާއެކު ޖަމާލު އެހިއެވެ. ”ނޫން. އެބަހުރި ފޯނެއްގަ. ބުނި މިއަންނަނީއޭ.“ އަޒާން ދިން ޖަވާބުން ކައްޝަފްގެ މެއަށް ފިނިވެލިއެވެ. އޭނާ އިތުރު ދެޖޯޑަށް ސައި އަޅައި އެއް ޖޯޑު އަޒާންއަށް ކައިރިކޮށްލަ ދީފައި މަޑުމަޑުން ގޮސް އެތަނުން ނިކުތެވެ. ވަގެއްހެން ސިޓިންރޫމް ވަށައިގެން ހޯދައިލުމަށްފަހު ހަމަ އެހާ މަޑުން ގޮސް ކުޑަދޮރާއި ކައިރިވެލިއެވެ. ފޮތިގަނޑު ހިއްލާލިއިރު ޔާޒަން ހުރީ ތެމިފައިވާ ވިނަގަނޑުމަތީ ދެކޮޅަށް ހިނގައިލަ ހިނގައިލައެވެ.
ފުރަތަމަ ފަހަރަށް އެސޫރައަށް ރަނގަޅަށް ބަލައިލަން ލިބުމުން ކައްޝަފްއަށް ހުރެވުނީ އެސްފިޔަޖަހައިލަން ހަނދާން ނެތިފައެވެ. ބޮޑުވެ ޒުވާންވުމުން ކުރިއަށްވުރެވެސް ފުރިހަމައެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެވެ. ކަޅު ރީތި ދެލޮލެވެ. ހީލުމުން ކޮލަށް އެޅޭ އަޑިކޮޅެވެ.
ތުނިކޮށް ހުރި ތުނބުޅި މަތިމަހާއި ފިރިހެންވަންތަ މުލައްދަނޑިއެވެ. ފިރިހެނަކު އިސްތަށިގަނޑު ދިގުކޮށްގެން މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކަމުގޮއްސައެއް ނެތެވެ. އެކަމަކު ޔާޒަންގެ ރީތިކަމުގެ ސަބަބުން އެސްޓައިލްވެސް އޭނާއަށް ރީތިވެއްޖެއެވެ. ފަންއިސްތަށިކޮޅު އޮމާންކޮށް ފަހަތަށް ހުޅިޖަހާފައި ހުރުމުންވެސް ފެންނަނީ އިތުރު ޝާހީ ކަމެކެވެ.
ކުރު ގޮތަކަށް ސިފަކޮށްދޭން އުޅޭނަމަ…. ”ސޯ ހޮޓް.“ ހިތާއިހިތުން ވާހަކަދައްކަން ހުރެފައި ފަހު ބަސް ކައްޝަފްއަށް ބޭރުކޮށްލެވުނީ ދުލުންނެވެ. އެވަގުތު އޭނާ ސިހުނީ އަޑުއިވޭ ހިސާބުގައި މީހަކު ހުރެދާނެއޭ ހިތަށް އަރައިފައެވެ. އަވަހަށް ތެޅިގަނެފައި އެނބުރުނުއިރު ނަސީބު ވަރަށް ރަނގަޅެވެ. ދެން ބަލައިލިއިރު ޔާޒަން ފޯނު ނިންމާފައި އެދިމާއަށް އަންނަންވެގެން ހިނގައިގެންފިއެވެ. އެވަގުތު ކައްޝަފް އަވަހަށް ގޮސް ސިޑިން އެރިއެވެ. އަޞުރު ނަމާދު ނުކޮށް ހުރުމުން އޭނާ އަވަސްވެގަތީ އެވާޖިބު އަދާކުރުމަށެވެ.
”މާމައަށް މަންމަ ސަލާމް ބުނި.“ ޔާޒަން ވަދެ ހުސް ގޮނޑިއެއް ދަމާލައިގެން އިށީންނަމުން ބުނެލިއެވެ. އެހެން އެންމެން ފަދައިން ޖަމާލުވެސް އެވަގުތު ޔާޒަންގެ މޫނަށް ބަލައިލިއެވެ. އެކަމަކު އެހެން އެންމެންނާއި ޚިލާފަށް ހުނައިދާގެ ވާހަކަ އިވުމުން އެމޫނުގެ ކުލަ ވީ ފަނޑެވެ. ޔާޒަން އައީއްސުރެ އޭނާ އެހުންނަނީ ހުނައިދާއާ ބެހޭގޮތުން ސުވާލު ކުރަން ބޭނުންވެ ނުކެރިފައެވެ.
ހުނައިދާގެ އެދުމުގެ މަތިން އެދެމެދުގައި އޮތް ގުޅުން ކަނޑާލިއަސް އަދިވެސް ހިތުގައި އޮތް މަޤާމަކަށް ބަދަލެއް ނާދެއެވެ. އެކަން ޔަޤީންކޮށް ދިނުމަށްޓަކައި އޭނާ ދެވަނަ ކައިވެންޏެއް ކުރުމުން މަނާވެގަތެވެ. އެކަމަކު ހުނައިދާ އެއާ ޚިލާފެވެ. ޖަމާލުގެ ހިތަށް ތަދު ކުރުމަށްޓަކައި ގިނަ ދުވަހެއް ނުވެ އޭނާ ކައިވެނިވެސް ކުރީއެވެ. ޔާޒަން ތަންކޮޅެއް ކުޑައިރު އޭނާ ގުޅި ދުވަހެއްގައި ސުވާލުކޮށްލުމުން ބައެއް ކަންތައްތައް އޮޅުންފިލުވައިދިނެވެ. މަންމަ ކައިވެނިކޮށްގެން އުޅެނީ ދެކުދިންގެ ބައްޕައަކާ ކަމުގައި ޔާޒަން ކިޔައިދިނެވެ.
”މަންމަ ވަކި ދުވަހެއް ކަނޑައަޅައިފަތަ ފޮނުވީ؟“ ޞޮބީހާ އިރުކޮޅަކުން އެހިއެވެ. އެވަގުތު ޔާޒަން ބޯ ހޫރައިލީ ދެފަރާތަށެވެ.
އިރުގެ އަލިކަން ދުނިޔެއަށް އަލްވަދާޢު ކީ އަނެއްކާ އަނެއް ވާރޭ ވިލާގަނޑާއި އެކުގައެވެ. މުޅި ގެ އޮތީ ފިނި ހިފައިފައެވެ. އިޝާ ނަމާދުން ފައިބައިގެން އަންނަ ގަޑިއަށް ކާމޭޒުމަތި ތައްޔާރު ކުރުމަށްޓަކައި ކައްޝަފް އައިއިރު ސިޓިންރޫމް ސޯފާގައި މީހަކު އިނެވެ. ކައްޝަފްއަށް އެމީހަކު ފެނުނީ ތަންކޮޅެއް ކައިރިވި ފަހުންނެވެ. ފުރަގަހުންވެސް އޭނާއަށް އެއީ ކާކުކަން ފާހަގަ ކުރެވިއްޖެއެވެ. މަޖައްލާއެއްގެ ގަނޑުތައް އުކަން އިން ޔާޒަންގެ ނަޒަރުން ސަލާމަތް ވުމަށްޓަކައި ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކައްޝަފްއަށް ދެވުނީ ތަންކޮޅަކަށެވެ.
”ހައި ގާރލްފްރެންޑް!“ ޔާޒަންގެ އަޑުން ކައްޝަފްގެ ދެފައި އެހުރި ހިސާބުގައި ތަތްލައިފިއެވެ. މެއަށް ފެން އެއްޗެއް އޮއްސައިލުމުން ވާހެން މުޅިހަށިގަނޑު އެކީ ފިނިވެގެން ދިޔައެވެ. ”ގާރލްފްރެންޑް؟“ ތަކުރާރުކޮށް އެތަކެއް ފަހަރު އޭނާގެ ސިކުނޑީގައި އެނބުރިގަތީ އެޖުމްލައެވެ. ”މާނައަކީ… މާނައަކީ ޔާޒަން އަހަރެން މަތިން…“ ކައްޝަފް ހިތާއި ހިތުން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޔާޒަން ތެދުވެގެން އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ހަތަރުކަޅި ހަމަކުރަން ނުކެރިގެން ކައްޝަފްއަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ.
”އަހަރެންނާ ފިލަން ތިއުޅެނީ އަހަރެންދެކެ ރުޅި އައިސްގެންތަ؟“ ޔާޒަންގެ ސުވާލު އަހާފައި ކައްޝަފް ސިހިއްޖެއެވެ. ”ކީއްވެ ރުޅި އަންނަންވީ؟“ އޭނާއަށް އަހައިލެވުނެވެ. ލޯބޮޑުކޮށްލައިގެން ހުރެ ޔާޒަންގެ މޫނަށް ބަލަންފެށީ ޖަވާބު ހޯދަން ބޭނުންވެފައި ހުރެގެންނެވެ.
”ހަދިޔާ ނުގެނައީމަ.“ ޔާޒަން ބޭނުންވީ ކައްޝަފްގެ މޫނަށް އަރާ ކުލައެއް ބަލައިލާށެވެ. ”ހަދިޔާ ނުގެނެސްގެނެއް ރުޅިއެއް ނާދޭ…“ ކައްޝަފް އަނެއްކާވެސް އެމޫނުން ނަޒަރު ވަކިކޮށް ތިރި ބަލަން ފެށިއެވެ. ”ދެން ކޮންކަމަކާ ރުޅިއައީ؟“ ޖުމްލައިގެ އަނެއްކޮޅުގައި ހިފާފައި ޔާޒަން އަނެއް ސުވާލު ކުރިއެވެ. ކައްޝަފް އެވަގުތު ތުން ތަޅުވާލަން އުޅުނުހެން ހީވެގެން ބުނާ އެއްޗެއް ބަލަން ހުއްޓާ ފޯނު ވައިބްރޭޓްވިއެވެ. ނަގައި ބަލައިލުމާއެކު އެފޯނު މާ މުހިންމުވިއެވެ.
”ރުޅިއެއް ނާދޭ. އެކަމަކު ޔާޒަން އަންނަން އުޅުނުއިރު ކުޑަކޮށްވެސް އަހަރެން މަތިން ހަނދާންވިހެން ހީނުވާތީ ދެރަވެއްޖެ.“ ޔާޒަން ފޯނު ކަންފަތުގައި ޖަހާފައި ގޮސް އޮބާލާތަން ބަލަން ހުރެފައި ކައްޝަފް ހިތާއިހިތުން ބުނެލިއެވެ. ލޮލަށް ގިނަވި ކަރުނަތައް ދިރުވާލައިފައި އޭނާ ބަދިގެއަށް ވަނެވެ. މަސައްކަތުގައި އުޅުނުއިރު އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އަންނަންވެގެން އުޅުނުއިރު ޔާޒަން އުޅުނީ އަވަސް އަރުވާލައިފައި ކަމަށް ވެދާނެ ކަމުގައި ބުނެދިނެވެ. ގައިމު ޔާޒަން އޭނާމަތިން ހަނދާން ނެތިފައިވާނަމަ ގާރލްފްރެންޑްގެ ނަމަކުން ނުގޮވާނެއެވެ. އާއެކެވެ. ކުށްހީ ކުރެވިގެން މިއުޅެނީ އޭނާއަށެވެ. ގޯސް ގޮތްގޮތަށް ވިސްނައިގެންވެސް މިއުޅެނީ ޚުދު އޭނައެވެ. ޔާޒަންގެ ހަނދާނުގައި ހުރިހާ ކަމެއް ހަރުލާފައި އެބަހުއްޓެވެ.
”ހުރިހާ ކަމެއް…؟“ ވަކި ހިސާބަކުން ކައްޝަފްއަށް ބުނެލެވުނެވެ. އެވަގުތު އޭނާގެ ކޯތާފަތަށް ރަތްކުލަ ފެތުރިގެން ދިޔައީ ކުޑައިރުގެ ހަނދާންތަކުންނެވެ. ޔާޒަން ވަކިވަމުން އޭނާއާ ބައްދަލުކޮށްފައި ދެއްކި ވާހަކަތައް ސިކުނޑީގައި ތަކުރާރުވެފައެވެ. އެތައް ދުވަހަކަށްފަހު ޔާޒަން އެއައީ ހަމަ ހަޤީޤަތުގައިވެސް އޭނާއަށްޓަކައި ހެއްޔެވެ؟
އެދުވަހު ބުނިފަދައިން ޔާޒަންގެ ހަޔާތުގެ ބައިވެރިއަކަށް އޭނާ ހަދަން ހެއްޔެވެ؟ ކައްޝަފްއަށް ދެއަތުން މޫނު ފޮރުވައިލެވުނީ އަތުގައި ހުރި ފުށްތަކާއެކުގައެވެ. އޭނާއަށް ހުރެވުނީ ފުށް މޮޑެންކަމެއް ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ”ޝިޓް.“ ކުރެވުނު ކަންތައް އިހްސާސްވެފައި ކައްޝަފްއަށް މަޑުމަޑުން ހަޅޭތްލަވައިގަނެވުނެވެ. އަވަހަށް މޭޒުމަތީ ހުރި ފޮށިން ޓިޝޫއެއް ނަގައި ފުހެން ފެށިއެވެ.
އެރޭ ގަޑިން ދިހައެއް ޖެހިއިރު އެމީހެއްގެ ކޮޓަރިއަށް އެމީހަކު ވަދެއްޖެއެވެ. އަޒާންއަކީ ބޭރުގައި ނޫޅޭ ވަގުތެއްވިއްޔާ ކޮޓަރީގައި އިންނަ މީހެކެވެ. ޔާޒަންވެސް ރަށަށް އައި ފުރަތަމަ ދުވަހަށް ވުމުން އެހާ ވަރަށް ބޭރަށް ދާކަށް ނޫޅެއެވެ. އަނެއްކޮޅުން ވާރޭ ވެހެނީ މީހަކަށް ބޭރަށް ފިޔަވަޅެއް އަޅަން ކެރޭ ވަރަކަށެއް ނޫނެވެ.
އެނދަށް ވެއްޓިގަތް ގޮތަށް ނިދި ނައިސްފައި ކައްޝަފް އޮތެވެ. އަތްފޯރާ ހިސާބުގައި އޮތް ފޯނުން ދޭތެރެއަކުން ގަޑި ބަލައިލައެވެ. ފޮތިގަނޑު ކަހާލައިފައި ހުރުމުން ވާރޭ ވެހޭތަން ފެނެއެވެ. ވަޔާއި ވިއްސާރައާއެކު ބެލްކަނީގައި ހައްދާފައިވާ މާގަސްތައް ހޫރެމުން ނަށަމުންދިޔައެވެ. އަނެއްކާވެސް ގަޑި ބަލައިލާނަމޭ ހިތާ ފޯނު ނަގަން އުޅެނިކޮށް މެސެޖެއް އައިސްގެން ދިއްލިއްޖެއެވެ.
ކައްޝަފް މެސެޖް ހުޅުވާލިއިރު އޮތީ ”ކޮފީއެއް ލިބިދާނެތަ؟“ މިހެންނެވެ. އެވަގުތު ކައްޝަފްގެ ހިތް ތެޅިގަތީ ނިކަން ބާރަށެވެ. އަޒާން އެފަދަ މެސެޖެއް ކޮށްފާނެ ކަމާމެދު އޭނާއަށް ޝައްކެވެ. އަޒާން ކޮފީ ބޯން ވެއްޖެނަމަ އަމިއްލައަށް ބަދިގެއަށް ވަދެ ތައްޔާރުކޮށްގެން ބޯނެއެވެ. ވީއިރު މިހާރު މި މެސެޖްކުރަނީ ޔާޒަން ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން ކައްޝަފްއަށް ތެދުވެ ހުރެވުނީ އެނދުމަތީ ކޮޅަށެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިން ގަނޑުވެފައި ހުއްޓާ ފޯނު ރިންގް ވާން ފެށިއެވެ. ކައްޝަފް އެފޯނު ކަންފަތާއި ގާތަށް ގެންދިޔައިރު އަތް ތުރުތުރު އަޅައެވެ.
”ހަލޯ.“ ކައްޝަފް ބުނެލިއެވެ. ”ކައްޝަފް. އެނގިއްޖެތަ ކާކުކަން؟ ދެންމެ ފޮނުވި މެސެޖަށް ޖަވާބު ނައީމަ މިގުޅީ.“ ޔާޒަންގެ ފިރިހެންވަންތަ އަޑުން ކައްޝަފްގެ މުޅިހަށިގަނޑުން ހީބިހި ހިލުވައިލިއެވެ. ”މިދަނީ ކޮފީ ހަދަން.“ ބޭއިޚުތިޔާރުގައި އޭނާއަށް ބުނެލެވުނެވެ. ”ތޭންކްސް.“ ދެން އިވުނީ ޔާޒަން ފޯނު ކަނޑައިލި އަޑެވެ.
ނުނިމޭ











